ނޯވޭ މެޗު ނަގަނީ ފަސޭހަކޮށް، މެސީގެ ރެކޯޑު އެމްބާޕޭ މުގުރާލާނެތަ؟
ފިފާ ވޯލްޑް ކަޕް 2026 ގެ ފޯރި ގަދަވަމުންދާއިރު، މިރޭ ކުޅުމަށް ހަމަޖެހިފައިވާ ނޯވޭ އާއި ފްރާންސްގެ ކުރިމަތިލުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މެޗެކެވެ. ކުރިން ކުޅުނު ދެ މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފައިވާ ނޯވޭއިން މިރޭގެ މެޗަށް ނުކުންނައިރު، ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމުދިނުމުގެ ގޮތުން ބެންޗުން ފަށާނެ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
ސެނެގާލް މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ކަނާތްފަރާތު ބެކް ޖޫލިއަން ރަޔަރސަން ނުކުޅޭނެކަން ޔަގީންވެފައިވާއިރު، ކޯޗު ސްޓާލޭ ސޮލްބަކަން ވަނީ ޓީމުގެ ސުޕަރސްޓާ އަދި ގޯލް މެޝިން އާލިންގ ހާލަންޑް އާއި ކެޕްޓަން މާޓިން އޮޑެގާޑް ބެންޗުގައި ބޭތިއްބުމަށް ނިންމާފައެވެ. މިއީ މުޅި ފުރަތަމަ އެގާރައިގެ 10 ކުޅުންތެރިން އެއްކޮށް ބަދަލުކުރުން ނޫން ކަމުގައި ވިޔަސް، ނޯވޭއިން މި މެޗު "ފަސޭހަކޮށް" ނަގާ ކަމުގެ އިހުސާސް ފްރާންސަށް ކުރެވޭނެއެވެ.
ނޯވޭއިން މުހިންމު ކުޅުންތެރިންނަށް އަރާމުދޭން ނިންމި ނިންމުމަކީ ފްރާންސްގެ އިތުބާރު ކުރިއަށްލައިގެން ކުޅޭ ފޯވާޑް ކީލިއަން އެމްބާޕޭއަށް ރަނގަޅު ފުރުސަތަކަށް ވެދާނެއެވެ. ކީލިއަން އެމްބާޕޭ މިހާތަނަށް ސެނެގާލް އަދި އިރާގު ކޮޅަށް ޖެހި ލަނޑުތަކާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި ޖުމްލަ 16 ލަނޑު ވަނީ ހަމަކޮށްފައެވެ. މި މުބާރާތުގައި އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ އަލްޖީރިއާ ކޮޅަށް ހެޓްރިކެއް ހަދައި، އޮސްޓްރިއާ މެޗުގައި 2 ލަނޑު ޖަހައިގެން ޖުމްލަ 18 ލަނޑާއެކު ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާސިލްކޮށްފައެވެ. ނަމަވެސް އެމްބާޕޭ މިހާރު ހުރީ މެސީގެ އެ ތާރީޚީ ރެކޯޑާ އެންމެ 2 ލަނޑު ފަހަތުގައެވެ.
މެސީ އާއި އެމްބާޕޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ އާދަޔާ ހިލާފު ތަފާތެކެވެ. މެސީ 18 ލަނޑު ހަމަކުރީ 2006 އިން ފެށިގެން 2026 ގެ ނިޔަލަށް ޖުމްލަ 6 ވޯލްޑް ކަޕެއްގައި 28 މެޗު ކުޅެގެންނެވެ. އެއާ ހިލާފަށް އެމްބާޕޭ އެންމެ 3 މުބާރާތުން (2018 އިން 2026 އަށް) އަދި އެންމެ 16 މެޗުން ވަނީ 16 ލަނޑު ޖަހާފައެވެ. މިއީ މެޗަކަށް 1.00 ލަނޑުގެ އެވްރެޖެކެވެ. އެހެންކަމުން މެސީގެ ދިގުދެމިގެންދިޔަ ކުޅުމުގެ ރެކޯޑަށްވުރެ އެމްބާޕޭގެ ލަނޑު ޖެހުމުގެ ނިސްބަތް މާ ހަލުއްޔެވެ.
އުމުރުގެ ގޮތުން ބަލާއިރުވެސް އެމްބާޕޭއަށް އޮތް ފުރުސަތު ބޮޑެވެ. މެސީއަށް މިހާރު 39 އަހަރު ވެފައިވާއިރު، އެމްބާޕޭއަކީ އަދިވެސް ކުރިއަށް އޮތް 2030 އަދި 2034 ގެ ވޯލްޑް ކަޕްގައި ވެސް ޕީކް ފޯމުގައި ކުޅެވޭނެ ފަދަ ޒުވާން ކުޅުންތެރިއެކެވެ. މީގެއިތުރުން، މިހާރު ކުރިއަށްދާ 2026 ގެ މުބާރާތުގެ ނޮކްއައުޓް ބުރުތައް ކުރިއަށް ހުރުމާއި، ފްރާންސް ޓީމަކީ އަބަދުވެސް މުބާރާތުގެ ފަހު ބުރުތަކަށް ދާ ވަރުގަދަ ޓީމަކަށް ވުމުން އޭނާއަށް މެޗުތައް ކުޅެން ލިބޭ ފުރުސަތު އިތުރުވެގެންދެއެވެ. މިއީ ހަމައެކަނި ތާރީޚީ ރެކޯޑެއްގެ ވާހަކައެއް ނޫނެވެ. މިއަހަރުގެ ރަންބޫޓުގެ ރޭހުގައިވެސް މެސީ އާއި އެމްބާޕޭ ދަނީ ފޯރިއާއެކު ވާދަކުރަމުންނެވެ.
ނޯވޭއިން މުހިންމު ކުޅުންތެރިން ބެންޗުގައި ބައިތިއްބައިގެން ކުޅޭ މިރޭގެ މެޗަކީ އެމްބާޕޭއަށް މި ރޭހުގައި ކުރިއަށް ޖެހިލަން ލިބޭ ރަން ފުރުސަތެކެވެ. ސީރިއަސް އަނިޔާއެއްގެ މައްސަލައެއް ކުރިމަތިނުވެއްޖެނަމަ، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލުމަކީ ހަމައެކަނި "ވަގުތުގެ ސުވާލެއް" ކަމަށް ބެލެވެއެވެ. އަދި ނޯވޭގެ ބަލިކަށި ފަހަތުގެ ބޭނުން ހިފައިގެން މިރޭގެ މެޗުގެ ތެރެއިންވެސް އެމްބާޕޭ އެ ރެކޯޑާ އަރާ ހަމަކުރުމަކީ ވަރަށް ގާތް ކަމެކެވެ.
Ads by MACL
