ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (12 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (12 ވަނަ ބައި)

އިޝްޔާ ފެނުމާއެކު އަޒާންގެ މޫނުމަތި އިތުރަށް އުޖާލާވެގެން ދިޔައެވެ. އިޝީއޭ ކިޔައި ގޮވައިލަމުން އޭނާ ފަހަތަށް ބަލައިލީ ޒިވްރާގެ ޚަބަރެއް ނުވުމުންނެވެ. ތަންކޮޅެއް ދުރުގައި ހުއްޓިގެން ހުރި ޒިވްރާއަށް އަތުން އައުމަށް އިޝާރާތްކޮށްލަމުން އަޒާން ގޮސް އިޝްޔާ ކައިރީގައި ހުއްޓިލިއެވެ.

 

"އެނގޭތަ އެއީ ކާކުކަން؟" ނިކަން ހިނިއައިސްފައި ހުރެ އަޒާން އަހައިލިއެވެ. "ޒިވީ.. ޒިވީތަ އެއީ؟" ޔަގީންނުވެފައި ހުރި ކަހަލަ ގޮތަކަށް އިޝްޔާ އެއްސެވެ. އެއާއެކު އަވަސް އަވަހަށް އަޒާން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. "ކުޑަކޮށް ވައްތަރުހެން ހީވި، އެކަމަކު ޔަގީންނުވެފަ މި ހުރެވެނީ" ކުއްލިއަކަށް އިޝްޔާގެ މޫނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ޒިވްރާއަށް ބަލައިލިއިރު އޭނާގެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވާގޮތް ވިއެވެ. ކުޑައިރުގެ އެހައި ގާތް އެކުވެރިއެއް އެތައް ޒަމާނަކަށްފަހު ފެނުމުން އިޝްޔާއަށް ކުރެވެމުންދިޔަ އިހުސާސުތައް ބަޔާންކުރަން ދައްޗެވެ. ޒިވްރާއަށް ގޮވައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނާގެ ގައިގައި ބައްދައިގަތެވެ. ހުއްޓުންއަރައިފައި ޒިވްރާއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. އެހެނަސް ދެވަނަ ސިކުންތު ޒިވްރާ ވެސް އިޝްޔާގެ ގައިގައި ދެއަތްވަށައިލަމުން އެކުވެރިޔާއަށް ގޮވައިލީ ހިނިތުންވެލަމުންނެވެ.

 

"މިއޮއް ހުރިހާ ދުވަހު ކޮންތާކު އުޅުނީ؟ ގްރޫޕް ތެރެއިންވެސް ޚަބަރެއް ނުވޭ. އެއްވެސް ސޯޝަލް މީޑިއާ އެޕަކުންވެސް ޒިވީގެ މާބޮޑު އަޕްޓޭޑެއް ނުލިބޭ. މަދުފަހަރަކު ނޫނީ ވާހަކަނުދެއްނޭތީ ޒިވީ ފެނުނީމަވެސް ނޭނގިފަ މިހުރެވުނީ. އަހަރެން ހާދަ މިސްވިޔޭ ޒިވީ މަތިން. ގްރޫޕަށް އަހަރެން ލީ ފޮޓޯ ދެކުނިން ދޯ. އަހަންނާ ޒާން އެންގޭޖްޑްކަން އެނގޭ ދޯ. ފޮޓޯއަށް ރިއެކްޓްއެއް ކޮށްފަ އެއްވެސް އެއްޗެއް ނުވެސް ބުނޭ ވިއްޔަ"ކުއްލިއަކަށް އިޝްޔާ ދައްކަންފެށި ވާހަކައަކުން ޒިވްރާގެ ހިތުގައި ރިއްސައިލިއެވެ. ނަމަވެސް އެކަމުގެ އެއްވެސް އަސަރެއް އޭނާ މޫނުމަތިން ފައުޅުވިޔަކަ ނުދިނެވެ. އިޝްޔާއާ ދުރުވެލަމުން ހިނިތުންވެފައި ހުރެ އިޝްޔާގެ އަތުގައި ހިފައިލަމުން އޭނާ ބޯޖަހައިލީ އިޝްޔާގެ ވާހަކަތަކަށް އާނބަސް ބުނުމުގެ ގޮތުންނެވެ.

 

"ދެން ހުރިހާ ވާހަކަތަކެއް ތިތާ ތިބެތަ ދައްކަނީ؟ އާދެބަލަ ޒިވީ ގޮވައިގެން އެތެރަށް. މަންމަ މެންނާވެސް ބައްދަލުކޮށްދެން ޖެހޭނު" ދެމީހުންގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރެފައި އަޒާން ބުނެލިއެވެ. އެއާއެކު ޒިވްރާގެ އަތުގައި ހިފައިގެން ހުރެ ގެއާ ދިމާއަށް އިޝްޔާ މިސްރާބުޖެހިއެވެ. ޒިވްރާ ފެނުމުން ފުރަތަމަ އެއީ ކާކުކަން ލިޔާރާ އަކަށް ވެސް ނޭނގުނެވެ. އެހެންނަމަވެސް، އަޒާން ބުނެދިނުމުން ހިނިތުންވެލާފައި ޒިވްރާ ގައިގައި ބައްދާލަމުން ހާލުއަހުވާލު އޮޅުންފިލުވިއެވެ.

 

ހަވީރުގެ ސަޔަށް އިންސާފުކުރެވެމުން ދިޔައިރު، މާޒީގެ އެކިއެކި ހަނދާންތައް ތިން މީހުން ހިއްސާކުރަމުން ދިޔައީ އުފާވެރި މާހައުލެއްގައެވެ. ދޭތެރަކުން ހުނުމުގެ އަޑު ފަޒާއަށް ފެތުރިގެންދާއިރު، ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފައުޅުވަމުންދިޔައީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

 

"އަހަރެމެންގެ ކައިވެންޏަށް ޒިވީ ވާނެ ކޮންމެހެންވެސް އަންނަން. އަހަރެންގެ ބްރައިޑްސް މެއިޑްއެއް ގޮތުގަ ޒިވީ ހުންނަން ބޭނުން. މިފަހަރު އެއްވެސް އެކްސްކިއުޒް އެއް ގަބޫލެއް ނުކުރެވޭނެ ދޯ ޒާން." ސައިތަށިން އެތިފޮދެއް ބޯލަމުން އިޝްޔާ ބުނެލިއެވެ. އަޒާން ނިކަން އަވަހަށް އެވާހަކަތަކަށް އެއްބަސްވެއްޖެއެވެ. ދެކޮޅުހަދަން އެއްޗެއް ބުނަން އުޅެފައިވެސް ޒިވްރާ ހިމޭންވީ އެހެންވެއެވެ. އެކައިވެނި ކުރެވޭތަން ބަލަން އޭނާއަށް ކެތްވާނެކަން ޔަގީނެއް ނޫނެވެ. އެހެނަސް އޭނާގެ އެންމެ ގާތް ދެ އެކުވެރިންގެ އުފަލުގައި ބައިވެރިވާން ވެސް އިންތިހާއަށް ބޭނުންވެއެވެ.

 

"ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދާނަން. ކޮންއިރަކުންތަ ކައިވެނި އޮތީ؟ ވެޑިންގް ގެ ޝޮޕިންއަށްތަ އައިސް ތިއުޅެނީ؟" ޒިވްރާގެ ސުވާލާއެކު އިޝްޔާ އާއި އަޒާންގެ މޫނުގެ ކުލަވަރު ފަނޑުވިތަން އޭނާއަށް ނުހަނު ސާފުކޮށް ފެނުނެވެ. އެހުނީ އަހަން ނުވާވަރުގެ އެއްޗެކޭ ހިތަށް އެރީ އެހެންވެއެވެ. ހިމޭންވެފައި ދެމީހުން ތިބެން ފެށުމުން ޒިވްރާއަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ލިބުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނުން އެތަނަށް ލިޔާރާ އައުމުން އެވާހަކަ އެ ހިސާބުން ހިނދިގެން ދިޔައީ ޒިވްރާގެ ސުވާލަށް ވަކި ޖަވާބެއް ނުލިބިއެވެ. ހިތަށް އެތައް އެއްޗެއް އެރިނަމަވެސް، ދެވަނަ ފަހަރަށް އެ މައުޟޫއަށް ވާހަކަދައްކަން ފަށާކަށް ޒިވްރާއަކަށް ނުކެރުނެވެ.

 

އިޝްޔާ އާއި އަޒާންއާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް ދާން ނުކުތްއިރު، ޒިވްރާގެ ހިތަށް ވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިފައެވެ. އޭނާގެއެންމެ ގާތް ދެއެކުވެރިންނާ އެފަދަ ގޮތަކަށް ބައްދަލުވާނެކަމަށް ހީނުކޮށް ހުއްޓައި ބައްދަލުވީތީ ކަމުގައި ވެސް ވެދާނެއެވެ. ވަރުބަލިވަނީ ކަމަށްބުނެ އިޝްޔާ އަރާމުކޮށްލަން ދިއުމުން، ޒިވްރާ ވެސް އިތުރަށް މަޑުކުރަން ބޭނުންނުވީއެވެ. އިރުއޮއްސި އަނދިރިވުމުގެ ކުރިން ގެއަށްދާން އޭނާ ވެސް ހުރީ ބޭނުންވެފައެވެ.

 

"ޒިވީ" ކާރަށް އަރަން އުޅެނިކޮށް ފަހަތުން އަޒާން ގޮވައިލި އަޑުއިވިފައި ޒިވްރާ ފަސްއެނބުރި ބަލައިލިއެވެ. އޭރު އެދިމާއަށް އަޒާން އަންނަނީއެވެ. މޫނުމަތީގައި ހުރި ޖެހިލުންވުމުގެ އަސަރުތަކުން ޒިވްރާގެ ހިތް ތެޅިލިއެވެ. ކޮންމެވެސް ވާހަކައެއް އޭނާ ގާތުގައި ބުނަން ބޭނުންވެފައި އަޒާން ހުރިކަހަލައެވެ. "ކޭން ވީ ޓޯކް" ޒިވްރާގެ ކުރިމައްޗަށް ހުއްޓިލަމުން އަޒާން އަހަލީ ސީރިއަސް ރާގަކަށެވެ. ލަސްލަހުން ޒިވްރާ ބޯޖަހައިލަމުން ކާރަށް އެރުމަށް އިޝާރާތްކޮށްލިއެވެ. ކާރަށް އަރައި ހަމަޖެހިލަމުން އަޒާން ޒިވްރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އަޒާން ދުރަށް ނަޒަރު ހުއްޓާލިއެވެ.

 

"އިޝީ.. އިޝީ އިޒް ސިކް" ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް އަޒާން ބުނެލިއެވެ. އެބުނި އެއްޗެއް ދޭހަނުވާފަދަ ގޮތަކަށް ޒިވްރާ އިންނަން ފެށުމުން އެންމެ ފަހުން އިޝްޔާގެ ހާލަތު ތަންކޮޅެއް ރަނގަޅަށް އަޒާން އޮޅުންފިލުވައި ދިނެވެ. އަދި މިދަތުރު އައިސް އުޅޭ ސަބަބު ވެސް ކޮންމެވެސް ވަރަކަށް ޒިވްރާ އަށް ބުނެދިނެވެ. އިވެމުންދިޔަ ވާހަކަތަކުން ޒިވްރާ އިނީ ދެލޯ ބޮޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓޭގޮތް ވެފައެވެ. ގާތް އެކުވެރިއަކު އެފަދަ ބޮޑު ކަމަކާ ހަނގުރާމަ ކުރަމުންދިޔަކަން އެނގުމުން ޒިވްރާގެ ހިތަށް ތަދުވިއެވެ. އަދި އެކުވެރިޔާގެ ހާލު ބަލައިނުލާ މިހާ ދުވަހު ހުރެވުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ޒިވްރާ ހިތްވަރުކޮށްފައި ކަރުނަތައް ހިންދައިލިއެވެ. އަޒާންގެ ކުރިމަތީގައި އެކަރުނަތައް އޮހޮރުވާން އޭނާ ބޭނުންނުވީއެވެ.

 

"އަހަރެން އެދެނީ އިޝީ އޮޕްރޭޝަން ކުރާ ގަޑީގަ ޒިވީ އަށް ވަންޏާ އިޝީ ކައިރީގަ ހުރެދޭން. މިތަނުގަ އަހަރެމެން ނޫނީ އޭނާގެ އެއްވެސް ގާތް އެކުވެރިއަކު ވެސް ނެތް. ހަގީގަތުގަ މީހަކަށް ނުދެއްކިއަސް އިޝީ އެކަމާ ވަރަށް ވިސްނާ ފިކުރުކުރޭ. ޕްލީޒް، ތީ އިޝީ އެންމެ ގާތްކޮށް ދެކޭ އެކަކު. މިހުރިހާ ކަމެއް ޒިވީއާ ހިއްސާމިކުރީވެސް އަހަރެން އެކަމަށް އެދޭވަރުން. ދެތިން ދުވަސް ފަހުން އިޝީގެ އޮޕަރޭޝަން ކުރެވޭނެ. ތި ހޮސްޕިޓަލުގަ. ޒިވީ އަންނާނަން ދޯ" އުއްމީދުން ފުރިގެންވާފަދަ ގޮތަކަށް އަޒާން އަހައިލުމުން، އަވަސް އަވަހަށް ޒިވްރާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އެވަގުތު އިޝްޔާގެ ގާތުގައި އޭނާއަށް ހިތްވަރުދިނުމަށް ހުރެދެން ޒިވްރާ ބޭނުންވީއެވެ. ޒިވްރާ އެއްބަސްވީތީ އަޒާން ހިތްހަމަޖެހުނެވެ. "ޑޯނާރ އެއް ލިބުނީތަ؟" ޒިވްރާ ސުވާލުކޮށްލިއެވެ. އެއާއެކު މަޑު ހޫމްއެއް ލައްވައިލަމުން ހިނިތުންވެލުމަށްފަހު، ދަނީކަމަށް ބުނަމުން އަޒާން ކާރުން ފޭބިއެވެ. އަޒާން ދިއުމުންވެސް ހިނދުކޮޅެއް ވަންދެން ހުއްޓުން އަރައިފައި ޒިވްރާއަށް އިނދެވުނެވެ. އޭނާއަށް ހަމަހޭވެރިކަންވީ ފޯނުން މަޣްރިބް ނަމާދުގެ ބަންގި ގޮވި އަޑު އިވިފައެވެ. ކާރު ސްޓާރޓް ކޮށްލަމުން ގެއަށް ދާން މިސްރާބުޖެހި އިރުވެސް ޒިވްރާގެ ސިކުނޑީގައި ވަކިހިއްޕާލައިފައިވީ އަޒާންގެ ވާހަކަތަކެވެ.

 

*****

 

އޮފީސް ނިންމައިލުމަށްފަހު ގެއަށް އައިސް ވަތް މިކްދާދްގެ މޫނުމަތީގައިވީ ވަރުބަލިކަމެވެ. ކަރުގައި އޮތް ޓައީ ނައްޓާލުމާއެކު ގަމީހުގެ ގޮށްތައް ނައްޓަމުން ސިޑިން އަރައިގެން ދަނިކޮށް ޖޫލީ ގޮވާލި އަޑު އިވިފައި މިކްދާދް ހުއްޓުނެވެ. މަންމަ ގާތަށް އައުމަށް އިޝާރާތުން ޖޫލީ އެދުނަތީ މިކްދާދް އެދިމާއަށް ހިނގައިގަތެވެ. އޭރު ލެޕްޓޮޕުން ކޮންމެވެސް އެއްޗެހިތަކެއް ބަލަން ނުހަނު ގަޔާވެފައި ޖޫލީ އިނެވެ. މިކްދާދް އޭނާ ގާތުގައި އިނށީދެލުމާއެކު ލެޕްޓޮޕްގެ ސްކްރީން މިކްދާދަށް ފެންނާނެހެން އަނބުރާލަމުން ޖޫލީ ހަމަޖެހިލިއެވެ.

 

"ކިހިނެއްވަނީ މި ތީމްއާ ޑިޒައިންތައް؟ ދަރިފުޅަށް ކަމުދޭތަ؟" ހެވިދިލިފައި އިނދެ ޖޫލީ އަހައިލިއެވެ. ވަގުތުން މިކްދާދްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ސްކްރީނުން ފެންނަން ހުރީ ރަންކިޔުމުގެ ހަފްލާއަށް ތަން ޒީނަތްތެރިކުރާނެ ތަފާތު ކުލަތަކާއި ޑިޒައިންތަކެވެ. "ތި ކީއްކުރަން މަންމަ ބަލާ އެއްޗެއް؟" ސަބަބު އެނގުނު ނަމަވެސް މިކްދާދް ބޭނުންވީ ނޭނގޭކަމަށް ހެދުމަށްފަހު އެ މައުޟޫ އޮއްބައިލާށެވެ. "ސާބަސް، ދަރިފުޅުގެ އެންގޭޖްމަންޓް ހަފްލާއަކަށްނު. މިހާރު ކައިވެނި ކުރަން އުޅޭކަން ވެސް ހަނދާންނެތުނީތަ؟" ހިނިއައިސްފައި އިނދެ ދެފަރާތަކަށް ޖޫލީ ބޯހޫރުވައިލިއެވެ. "އެންގޭޖްމަންޓް..؟ ކޮންއިރަކުން؟" ޖޫލީގެ ވާހަކަތަކުން ހައިރާންވެފައި މިކްދާދް ސުވާލުކޮށްލީ އިވުނީ ރަނގަޅަށްތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. "ޔެސް މައި ޑިއަރ.. ނެކްސްޓް މަންތް ފެށޭ ހިސާބު ދަރިފުޅާ ޒިވްރާ ގެ ރަންކިޔުން ބާއްވާން މަންމައާ ޝާހީނާ ވާނީ ނިންމާފަ. ދެން ބާކީ އޮތީ ދެ ހަފުތާ އެއްނު. ޒިވްރާ ވެސް ކައިވެންޏަށް އާނބަސް ބުނީމަ އިތުރަށް ލަސްކުރަން ބޭނުންނުވީ. އައި އެމް ސޯ ހެޕީ. މަންމަ އަށް ޔަގީން، ޒިވްރާއާ އެކު ދާދު އުޅޭނީ ވަރަށް އުފަލުންކަން. ދަރިފުޅުގެ ކައިވެންޏަކީ މަންމަ ހާދަ ދުވަހެއްވަންދެން ދެކެމުންއައި ހުވަފެނެކޭ. ހިތަށް ވެސް ނާރާ މިހާ އަވަހަށް އެކަން ފުރިހަމަވެދާނޭ. ޒިވްރާ އަކީ މަންމަ ހިތްއެދޭފަދަ ކުއްޖެއް. އެކަމާ އެންމެ ހިތްހަމަޖެހެނީ" މިކްދާދްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރު ނޭނގި އިނދެ ޖޫލީ ވާހަކަދައްކަމުން ދިޔައެވެ. އިވެމުންދިޔަ ވާހަކަތަކުން މިކްދާދްގެ މުޅި ޠޮބީއަތް ބަދަލުވެގެން ދިޔައެވެ. ދަތްކުނޑި ވިކައިލިގޮތުން އޭނާގެ ކޯކަށިގަނޑަށް ބާރުވެގެން ދިޔައެވެ. ޚާއްސަކޮށް ޒިވްރާ ކައިވެންޏަށް ރުހުނުކަން އެނގުމުން މިކްދާދް އިތުރަށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ޒައިހާ އަށް ގުޅުމަށްފަހު ވަގުތުން އެވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. އެހެންކަމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި ޖޫލީގެ ކިބައިން ސަލާމަތްވެގެން ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕައި ތަޅުލިއެވެ. އޭރު ހާސްވެގެންގޮސް މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ.

 

ކޮޓަރީގެ ދެކޮޅަށް ހިނގަމުން ޒައިހާއަށް ގުޅަން ކުރި މަސައްކަތްވީ ބޭކާރެވެ. ފޯނު ރިންގްވަމުން ގޮސް ކެނޑުނުއިރު ވެސް ޒައިހާ ފޯނު ނަގާކަށް ނޫޅުނެވެ. ޗޮކެއް ކަނޑައިލަމުން ފޯނު އެނދުމައްޗަށް ހޫރާލުމަށްފަހު މިކްދާދްއަށް ދެއަތް މުށްކަވައި ބާރުކޮށްލެވެނެވެ. ކަންތައް ވަމުން މިދަނީ އޭނާ އުއްމީދުކުރިގޮތާ ދިމާ އިދިކޮޅަށެވެ. ޒައިހާ އަދިވެސް ޒިވްރާ ގާތުގައި އޭނާ އާއި ޒައިހާގެ ގުޅުމުގެ ވާހަކަ ނުދައްކާކަން އެނގި މިކްދާދް އިތުރަށް ރުޅިގަދަވާގޮތް ވިއެވެ. އެނދުގެ އެއްކަނުގައި އިނށީނުމާއެކު އޭނާ ވިސްނަންފެށީ ދެން ހަދާނެ ގޮތަކާމެދުގައެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ބާރަށް ހަޅޭއްލަވައި ގަންނަމުން ދެއަތުން އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލެވުނެވެ. ދެ ހަފުތާ ފަހުން ރަންކިޔަން ހަމަޖެހިފައިވީއިރު، ވަގުތު ކުޑަތަންވަމުން އައިކަން އިހުސާސުވެ މިކްދާދްގެ ބޯ ހާސްވާގޮތްވިއެވެ. ކައިވެނި ހުއްޓުވޭނެކަމާމެދު އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނީ އެއްވެސް ޔަގީންކަމެއް ނެތްފަދަ ގޮތަކަށެވެ.

(ނުނިމޭ)