ވޯލްޑް ކަޕް 2026: ބްރެޒިލް އާއި ޖަޕާންގެ ކުރިމަތިލުން; ތާރީޚު ބުރަވަނީ ބްރެޒިލްއަށް
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި، މިރޭ ބްރެޒިލާއި ޖަޕާން ބައްދަލުކުރާ މި މެޗަކީ ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅެއް ހޯދުން މަޖުބޫރު މެޗެކެވެ. އެން.އާރު.ޖީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:00 ގައެވެ.
ގްރޫޕް ސްޓޭޖާއި ހިލާފަށް، މި މެޗު ތަފާތުވާ ސަބަބަކީ މިއީ ނޮކައުޓް މަރުހަލާގެ މެޗަކަށް ވެފައި، ބަލިވާ ޓީމެއް މުބާރާތުން ވަކިވާން ޖެހޭތީއެވެ.
ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅޭ ބްރެޒިލް ޓީމު ގްރޫޕް ސީގެ އެއްވަނަ ހޯދީ މެޗަކުން ބަލިނުވެއެވެ. އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި މޮރޮކޯއާ 1-1 އިން އެއްވަރުވެ، ހައިޓީ އަދި ސްކޮޓްލޭންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
Ads by BMLއަނެއްކޮޅުން ޖަޕާން ދެވަނަ ބުރަށް ދަތުރުކުރީ 5 ޕޮއިންޓާއެކުގައެވެ. ޖަޕާނުން ވަނީ ނެދަލޭންޑާއި ސްވިޑަންއާ އެއްވަރުކޮށް، ޓިއުނީޝިއާ އަތުން 4-0 އިން މޮޅުވެފައެވެ.
ތާރީޚީ ތަފާސްހިސާބުތަކުން ކުރި ލިބެނީ ބްރެޒިލަށް
ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީޚަށް ބަލާއިރު ބްރެޒިލް އޮތީ މާ ކުރީގައެވެ. މިހާތަނަށް ބައްދަލުކުރި 16 މެޗުގެ ތެރެއިން 10 މެޗުން ބްރެޒިލް މޮޅުވެފައިވާއިރު، ޖަޕާނަށް މޮޅުވެވިފައިވަނީ އެންމެ 2 މެޗުންނެވެ. ބާކީ 4 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި 2006 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކުރީ ވެސް ބްރެޒިލްއެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން
ބްރެޒިލް ޓީމުގައި އެންމެ ފާހަގަކޮށްލެވެނީ ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖަހާފައެވެ. ޖަޕާން ޓީމުން އެންމެ މުހިންމު ދައުރެއް އަދާކުރަނީ މިހާތަނަށް ދެ ލަނޑު ޖަހާފައިވާ މިޑްފީލްޑަރު ދައިޗީ ކަމާޑާ އެވެ. އޭނާގެ ރޭވުންތެރި ޕާސްތަކަކީ ޖަޕާނުގެ އެޓޭކުތަކުގެ މައިބަދައެވެ.
ރެކޯޑް އަދަދަކަށް (6 ވަނަ ފަހަރަށް) ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަމާޒުގައި ނުކުންނަ ބްރެޒިލް އޮތީ ވަރަށް އިތުބާރާއެކުގައެވެ. ހަމައެއާއެކު، ޖަޕާނުން އުންމީދު ކުރަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށެވެ. މި މެޗުން މޮޅުވާ ޓީމެއް ގަދަ 16 ގައި ބައްދަލުކުރަން ޖެހޭނީ އައިވަރީ ކޯސްޓް ނުވަތަަ ނޯވޭއާއެވެ.
Ads by MACL
