ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ޝީއިން އާއި ޓެމޫ ފަދަ އޮންލައިން ބްރޭންޑްތައް ކޮންޓްރޯލް ކުރަން ފްރާންސުން އާ ގާނޫނެއް ފާސްކޮށްފި

ޝީއިން އާއި ޓެމޫ ފަދަ އޮންލައިން ބްރޭންޑްތައް ކޮންޓްރޯލް ކުރަން ފްރާންސުން އާ ގާނޫނެއް ފާސްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝީއިން އާއި ޓެމޫ ފަދަ އޮންލައިން ބްރޭންޑްތައް ކޮންޓްރޯލް ކުރުމަށްޓަކައި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން އިއްޔެ ވަނީ ހާއްސަ ބިލެއް ފާސްކޮށްފަ އެވެ.

"އަލްޓްރާ-ފާސްޓް-ފެޝަން" ނުވަތަ ވަރަށް އަވަސްއަވަހަށް އާ ހެދުންތައް ބާޒާރަށް ނެރޭ ކުންފުނިތަކަށް އަމާޒުކޮށް ފާސްކުރި މި އާ ގާނޫނަކީ، އީޔޫގެ ގާނޫނުތަކާ ފެތޭނެ ގޮތަކަށް ބައްޓަންކުރުމަށްޓަކައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މަޖިލީހުގެ ދެގޭގެ މެދުގައި ބަހުސްކުރުމަށްފަހު ނިންމި ނިންމުމެކެވެ.

މި އާ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ ފަދަ ގޮތަކަށް އުފައްދާ ކޮންމެ މުދަލަކުން މި އަހަރުން ފެށިގެން 0.25 ޔޫރޯ އާއި 6 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ފަށާނެ އެވެ. އަދި މި ފިޔަވަޅުތައް ދުވަހުން ދުވަހަށް ހަރުކަށިވަމުން ގޮސް، 2030 ވަނަ އަހަރާ ހަމައަށްދާއިރު ކޮންމެ އުފެއްދުމަކުން ނަގާ ޖޫރިމަނާ 10 ޔޫރޯއަށް ބޮޑުވެގެންދާނެ އެވެ.

މާލީ ގޮތުން ދޭ މި އަދަބުތަކުގެ އިތުރުން، މިފަދަ ކުންފުނިތަކުގެ އިޝްތިހާރުތައް ދެއްކުމާއި، ސޯޝަލް މީޑިއާ އިންފްލުއެންސަރުން މެދުވެރިކޮށް މި ބްރޭންޑްތައް ޕްރޮމޯޓްކުރުން ވެސް ފްރާންސްގައި މުޅިން މަނާވެގެންދާނެ އެވެ. ކުދި ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ސާޖް ޕަޕިން ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ހެދުމާ ބެހޭ ގާނޫނެއް ނޫން ކަމަށާއި، މިއީ މަދު ހަފުތާތަކެއްގެ ތެރޭގައި އުކާލަންޖެހޭ ފަދަ ހެދުންތަކުން ބާޒާރު ފުރެމުންދާ ދިއުމުން މުޖުތަމައުގެ އަސްލު އޮނިގަނޑު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެކެވެ.

މި ބިލުގެ ފުރަތަމަ ކޮޕީ މިދިޔަ އަހަރުގެ މާޗު މަހު މަޖިލީހުގެ ތިރިގެއިން ފާސްކުރި ނަމަވެސް، މި މަހު ސެނެޓުން ގެނައި އިސްލާހުތަކާއެކު، މި ފިޔަވަޅުތައް ހާއްސަކޮށްފައިވަނީ ހަމައެކަނި އޮންލައިންކޮށް ހިދުމަތްދޭ ބޭރުގެ ބޮޑެތި ކުންފުނިތަކަށެވެ. މީގެ ސަބަބުން ޔޫރަޕްގެ މަގުބޫލު ބްރޭންޑްތައް ކަމަށްވާ ޒާރާ އަދި އެޗްއެންޑްއެމް ފަދަ ކުންފުނިތައް މި ޖޫރިމަނާއިން އިސްތިސްނާވެއެވެ.

މިކަމާ ގުޅިގެން ޝީއިން ކުންފުނިން ބުނެފައިވަނީ، ފްރާންސުން މި ނިންމި ނިންމުމުގެ ސަބަބުން ޔޫރަޕްގައި އަމަލުކުރަމުންދާ ޑިޖިޓަލް ހިދުމަތްތަކާއި އީ-ކޮމާސްގެ ގާނޫނީ އޮނިގަނޑާ ފުށުއަރާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ޔޫރަޕިއަން ކޮމިޝަނުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ފްރާންސްގެ ރައީސް މިއީ ތަސްދީގު ކުރެއްވުމުންނެވެ.

ވިޔަފާރި

އިތުރަށް ←