ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ނަޝީދާއި، ޔާމީންގެ ކޯޅުން: ނުކިޔާކަށް ހުތުރުއެއްޗެއް ނެތް، ބަލި ހާލުގައި ލި މުންޑަށް ވެސް ގޮވައިފި!

ނަޝީދާއި، ޔާމީންގެ ކޯޅުން: ނުކިޔާކަށް ހުތުރުއެއްޗެއް ނެތް، ބަލި ހާލުގައި ލި މުންޑަށް ވެސް ގޮވައިފި!

ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ހޫނުވެ، ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް މުޙައްމަދު ނަޝީދުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް މިވަނީ ފާޅުކަން ބޮޑު ބަހުގެ ހަމަލާތަކަކަށް ބަދަލުވެފައެވެ. ދާދިފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކަށް ތާއީދުކުރައްވައި، ރާއްޖޭގައި މިހާރު ޒިންމާދާރު އަދި ވަރުގަދަ އިދިކޮޅު ހަރަކާތެއް ހިންގަން އެމްޑީޕީ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް، އެމްޑީޕީގެ ޗެއާޕާސަންކަން ލިބިވަޑައިގެންފި ނަމަ ރައީސް މުޢިއްޒު އޮންނަވަން ޖެހޭނީ "މުންޑު އަނދެގެން ގޭގައި" ކަމަށް ނަޝީދު ކުރިން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން، މިއަދު އަސްލު މުންޑު އަނދެގެން ގޭގައި އޮންނެވީ ނަޝީދު އަމިއްލަފުޅަށް ކަމަށް ސިފަކުރައްވައި، ޔާމީން ވަނީ ޖޯކު ޖައްސަވާފައެވެ.

މި ބަހުގެ ހަމަލާތަކާ އެކު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ވަގުތުން ރައީސް ޔާމީނަށް ވަރުގަދަ ރައްދެއްދީ، ނުރުހުން ފާޅުކޮށްފައެވެ. ނަޝީދުގެ ސަޕޯޓަރުން ބުނަމުންދަނީ މާ ޑިމޮކްރެޓިކް މީހަކަށް ވެގެން ރައީސް ޔާމީން ނަޝީދާ ބެހެން ނުޖެހޭނެ ކަމަށާއި، ޔާމީންގެ ވެރިކަމުގައި ހިންގި ނުބައި އަދި އަނިޔާވެރި ކަންކަން ރައްޔިތުން އަދިވެސް ހަނދާން ނުނެތޭ ކަމަށެވެ. އަދި ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް ޔާމީނަށް ވެރިކަމަށް ނާދެވޭނެ ކަމަށާއި، އެމްޑީޕީ ހިނގަމުންދާނީ އިންތިޒާމްވެގެން، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ބުނެ، އެމްޑީޕީއަކީ ހަމައެކަނި ސިޓިން ރޫމަކަށް ވުރެ މާ ބޮޑު، މާ ވަރުގަދަ ޕާޓީއެއް ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް، ނަޝީދުގެ ސަޕޯޓަރުން ވަނީ ޔާމީންގެ ސިޔާސީ ހަޔާތަށާއި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އެގޮތުން ބޮޑާކަމާއި ކިނބުރުވެރިކަމާ އެކު ދެ އަހަރު ވަންދެން އަމިއްލަ ގޭގެ ސިޓިން ރޫމްގައި އިންނަވައިގެން އިދިކޮޅު ލީޑަރު ހެދިގެން އުޅުނު ދުވަސް މިހާރު މާޒީވެފައިވާ ކަމަށް އެފަރާތްތަކުން ހަނދާންކޮށްދެއެވެ. އަދި ރައީސް ނަޝީދު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުން، ޔާމީންގެ ސިޔާސީ ބާރަކީ ފާނޫޒެއްގެ ފަނޑު އައްޔަށް ވުރެ ވެސް ފަނޑު އަލިކަމެއް ކަމަށް ސިފކޮށް، ދެން ޔާމީނަށް ސިޔާސީ ގޮތުން "ނުވިދޭނެ" ކަމަށް ބުނެ ނަޝީދުގެ ސަޕޯޓަރުން ވަނީ ޔާމީނާ ދިމާލަށް ހޫނު ބަސްތަކެއް ރައްދުކޮށްފައެވެ.

ދެ ރައީސުންގެ މެދުގައި މިފަދަ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެން މި ފެށީ، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތުން، މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން، ރައީސް ނަޝީދު އަދި ރައީސް ޔާމީން އެކުގައި އިއްތިހާދެއް ހަދައިގެން މަސައްކަތް ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި އެއްބަސްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ރުހުން ދީފައިވާއިރު، މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ތަޖުރިބާގެ އަލީގައި ސަރުކާރު ހަމަމަގަށް އެޅުވުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި ފެށުނު އާ ކޯޅުމާ އެކު، އެ ތިން ރައީސުންގެ މެދުގައި އޮތް ސިޔާސީ އިއްތިހާދުގެ ކުރިމަގާ މެދު މިހާރު ވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

މި މައްސަލައިގެ އަސްލަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކެކެވެ. އެ ދުވަސްވަރު ނަޝީދު ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނަށް ޕާޓީގެ ޗެއާޕާސަންކަން ލިބިވަޑައިގެންފި ނަމަ، މިހާރު ސިޔާސީ ފޯރި ކުޑަވެފައި އޮތް އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކޮށް، ރައީސް މުޢިއްޒުގެ ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނެ ކަމުގެ އިންޒާރު ވެސް ނަޝީދު ދެއްވާފައިވެއެވެ. ނަމަވެސް، އޭގެ ފަހުން ނަޝީދު އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުން ސިޔާސީ މައިދާނާ ކޮންމެވެސް ވަރަކަށް ދުރުގައި ހުންނަވަން ޖެހުމަކީ، ޔާމީން މިފަދަ ރައްދެއް ދެއްވުމަށް މަގުފަހިވި ސަބަބެކެވެ.

ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މި ދެ ލީޑަރުންގެ މެދުގައި އުފެދިފައިވާ މި ހިޔާލުތަފާތުވުމަކީ ކުރިއަށް އޮތް ތަނުގައި އިދިކޮޅު ހަރަކާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހީނަރުކަމެކެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީއެންއެފްގެ ތެރެއިން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް، މަގުމަތީގެ ހަރަކާތްތަކަށް ނުކުތުމުގެ ބަދަލުގައި އެ ޕާޓީން އިސްކަންދެނީ އޮފީސް ތެރޭގައި ކުރެވޭ އިލްމީ ބަހުސްތަކަށެވެ.

މިފަދަ ހާލަތެއްގައި، އިދިކޮޅު އެންމެ ބޮޑު ދެ ބާރުގެ މެދުގައި އުފެދުނު މި "މުންޑު" ބަހުސަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ބަލިކަށިވެ، އިދިކޮޅު ލީޑަރުންގެ މެދުގައި އޮތް ޒާތީ ހަސަދަވެރިކަން އަދިވެސް ނުނިމޭކަން ހާމަވެގެންދިޔަ ކަމެކެވެ.