އިދިކޮޅެއް ކަމަކު، ރަނގަޅުކަމެއް ވުމުން ”ސަނާ“ ކިޔަންވާނެ، ޝުކުރު ބުނަންވާނެ!
މިއަދުގެ ސިޔާސީ މަޝްރަޙުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮންނަ ހަރުކަށި ވާދަވެރިކަމެވެ.
ފުރަތަމަ ކަމަކަށް، ކިތަންމެ އިދިކޮޅު ވިޔަސް، އެއްވެސް ފަރާތަކުން ރަނގަޅު ކަމެއް ކޮށްފިނަމަ، އެކަމަށް ހެޔޮ ބަހެއް ބުނުމަކީ ވަރަށް މުހިންމު ކަމަކަށް ވާންއެބަޖެހެއެވެ.
މިއީ ހަމައެކަނި އަޚްލާޤީ ގޮތުން ރަނގަޅު ކަމެއް ވުމުގެ އިތުރުން، ޤައުމީ އެއްބައިވަންތަކަން އާލާކޮށް ދެމެހެއްޓުމަށް އެޅޭ ހެޔޮ ފިޔަވަޅެއްވެސް މެއެވެ. ސަބަބަކަށްވަނީ މި ރާއްޖޭގައި މިއުޅޭ ކުޑަކުޑަ އާބާދީއަަށް ކިތަންމެ ކުޑަމިންވަރަކުން ރަނގަޅުކަމެއް ވިޔަސް އޭގެ ފައިދާ އެންމެނަށް ކުރާތީއެވެ.
Ads by BMLއަބަދުވެސް "ގޯހޭ، ގޯހޭ" ކިޔައި ފާޑުކިޔުމުގެ ސަޤާފަތެއް އާދަކާދައިގެ ގޮތުގައި ހިނގަމުންދާކަން މިއީ ދަންނަ ހަގީގަތެވެ.
މިފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވެ، ބިނާކުރަނިވި ފާޑުކިޔުންތަކަށް އަހުލުވެރިވުމަކީ މުޖުތަމަޢުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސިޔާސީ ތަފާތުވުންތަކުގެ ސަބަބުން ޒާތީ ޢަދާވާތްތެރިކަން އުފެދި ކަންކަން ވަރަށް ގޯސް ހާލަތަކަށް ދެއެވެ.
ސިޔާސީ ވިސްނުމާއި ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އަސާސެއް ކަމުގައިވީ ނަމަވެސް، މިކަން ޒާތީ ފެންވަރަށް ގެންދިއުމަކީ ޤައުމުގެ އެއްބައިވަންތަކަމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބެލުމުން އެނގިގެން ދަނީ މިހާރު އުފެދިފައި އޮތް ސަރުކާރުން ވަރަށް ގިނަ ރަނގަޅުކަންތައްތަކެއް ކުރަމުންދާ ކަމެވެ. އެހެނަސް މިކަމުގައި ރަނގަޅު އެއްވެސް ނިޔަތެއްނެތް ކަމާއި ރައްޔިތަކަށް ވާނެ ފައިދާއެއް ނެތްކަމަށް ދަނީ ބުނަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި ވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ރަނގަޅު ކަންކަމަށް ތަޢުރީފުކުރުމުގެ ސަޤާފަތެއް އަށަގެންނެވުމަކީ މުޅި ޤައުމަށް ލިބިގެންދާނެ ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ޤައުމީ އެއްބައިވަންތަކަން އިތުރުވެ، ތަރައްޤީގެ މަގުގައި އަވަސް ދުވެލީގައި ކުރިއަށް ދެވޭނެއެވެ.
Ads by MACL
