ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

އީޔޫއިން ގޫގުލް ޖޫރިމަނާކުރި 4.1 ބިލިއަން ޔޫރޯގެ މައްސަލަ ގޫގުލްއަށް ނާކާމިޔާބުވެއްޖެ

އީޔޫއިން ގޫގުލް ޖޫރިމަނާކުރި 4.1 ބިލިއަން ޔޫރޯގެ މައްސަލަ ގޫގުލްއަށް ނާކާމިޔާބުވެއްޖެ

އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް ބޭނުންކޮށްގެން ވާދަވެރިންނަށް ހުރަސްއެޅި ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެންޓިޓްރަސްޓް ރެގިއުލޭޓަރުން ގޫގުލްއާ ދެކޮޅަށް ނެރުނު ރެކޯޑް ޖޫރިމަނާގެ މައްސަލަ އަލްފަބެޓް ގެ ދަށުން ހިންގާ ގޫގުލް ކުންފުންޏަށް ނާކާމިޔާބުވެއްޖެއެވެ.

ޔޫރަޕްގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް ޖަސްޓިސް އޮފް ދަ ޔޫރަޕިއަން ޔޫނިއަނުން ވަނީ 2022 ވަނަ އަހަރުގެ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 4.1 ބިލިއަން ޔޫރޯ ދެއްކުމަށް ހުކުމްކޮށްފައެވެ. މިއީ އީޔޫ އިން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު އީޔޫގެ އެންޓިޓްރަސްޓް ކޮމިޝަނުން ގޫގުލް ސާޗް، ކްރޯމް ބްރައުޒާ އަދި ގޫގުލް ޕްލޭ ސްޓޯ ފަދަ އެޕްލިކޭޝަންތައް ފޯނު އުފައްދާ ކުންފުނިތަކުން މަޖުބޫރުން ފޯނުތަކުގައި އިންސްޓޯލްކުރަން ޖެހޭ ގޮތަށް ހެދުމުން ފެށުނު މައްސަލައެކެވެ. ފުރަތަމަ މި ޖޫރިމަނާގެ އަދަދަކީ 4.34 ބިލިއަން ޔޫރޯ ނަމަވެސް، 2022 ވަނަ އަހަރު ދަށު ކޯޓަކުން ވަނީ މި އަދަދު 4.1 ބިލިއަން ޔޫރޯއަށް ކުޑަކޮށްފައެވެ. އަށް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެންދިޔަ މި ގާނޫނީ ހަނގުރާމަ ނިމިގެންދިޔައީ ގޫގުލް އިން ހުށަހެޅި އިސްތިއުނާފް މަތީ ކޯޓުން ބޭރުކޮށްލުމުންނެވެ.

ގޫގުލްގެ ތަރުޖަމާނަކު ބުނި ގޮތުގައި، އެންޑްރޮއިޑް ސިސްޓަމަކީ ހުޅުވާލެވިފައިވާ، އެންމެންނަށްވެސް ބޭނުންކުރެވޭ އަދި ހިލޭ ލިބޭ ސިސްޓަމަކަށް ހެދުމަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓްތަކަށް މި ހުކުމުގައި ރިއާޔަތްކޮށްފައެއް ނުވެއެވެ. ނަމަވެސް، 2018 ވަނަ އަހަރުގެ ނިންމުމާ އެއްގޮތަށް އެ ކުންފުނީގެ އެއްބަސްވުންތަކަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި، ކުންފުނީގެ އާ އީޖާދުތަކާއި ހުޅުވާލެވިފައިވާ ސިޔާސަތުތައް ދަމަހައްޓާނެ ކަމަށްވެސް ގޫގުލް އިން ހާމަކުރެއެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ވާދަވެރިކަމުގެ ގާނޫނުތަކާ ހިލާފުވެގެން އީޔޫއިން ގޫގުލް ޖުމްލަ 11 ބިލިއަނެއްހާ ޔޫރޯއިން ޖޫރިމަނާކޮށްފައިވެއެވެ.

މި ޖޫރިމަނާއަކީ އަލްފަބެޓް ކުންފުނީގެ އަހަރީ ފައިދާގެ ތިނެއް އިންސައްތައަށްވުރެ ކުޑަ އަދަދެއް ނަމަވެސް، މި ނިންމުމުގެ ސަބަބުން އެހެން ގައުމުތަކުގެ ރެގިއުލޭޓަރުންނާއި ގެއްލުންވި ކުންފުނިތަކުން ގޫގުލްއާ ދެކޮޅަށް ދައުވާކުރުމަށް ހިތްވަރު ލިބޭނެއެވެ. އެގޮތުން ސްވިޑަންގެ ކޯޓަކުން ވަނީ ޕްރައިސްރަނާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދެއްކުމަށް ގޫގުލްގެ މައްޗަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، އަމިއްލަ ޚިދުމަތްތަކަށް އިސްކަންދޭ މައްސަލަތަކާއި އެޕް ސްޓޯގެ ސިޔާސަތުތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް މާކެޓްސް އެކްޓްގެ ދަށުން ގޫގުލްއަށް އިތުރު ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ވިޔަފާރި

އިތުރަށް ←