ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (14 ވަނަ ބައި)
އިޝްޔާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިފަހުން ވަގުތު މަޑުޖެހިފައިވާހެން ކޮންމެ މީހަކަށް އިހުސާސު ކުރެވެމުންދިޔައެވެ. ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު، އިތުރު ހާސްކަމެއް ދިޔައީ ގެނުވަމުންނެވެ. އޮޕަރޭޝަން ކާމިޔާބުވޭތޯ ދުޢާ ކޮށްލަކޮށްލާ ސުފްޔާން އާއި ޔުމްނާ ތިބިއިރު، ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ޔުމްނާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. ދަރިފުޅުގެ ސަލާމަތަށްއެދި އޭނާއަށް ހުއްޓައިނުލާ ދުޢާ ކުރެވެމުންދިޔައެވެ. އަޒާންގެ ޚަބަރެއް ނުވުމުންވެސް އެއިން ކަމަކާމެދުގައި ވިސްނައިލާނެހައި ވަރެއް ޔުމްނާ އާއި ސުފްޔާންގެ ކިބައިގައި ނެތެވެ. އެއަށްވުރެ ބޮޑަށް ދަރިފުޅުގެ ޚިޔާލުތަކުން އެދެމަފިރިންގެ ސިކުނޑިވީ ފުނިޖެހިފައެވެ.
ހާސްކަމާއެކު ދެކޮޅަށް ހިނގަމުންދިޔަ ލިޔާރާގެ މުށުތެރޭގައި އޮތް ފޯނު ރިންގްވާން ފެށީ ކުއްލިއަކަށެވެ. ފޯނުގެ ސްކްރީނުން ފެންނަން ހުރި ނުދަންނަ ނަންބަރަށް ބަލައިލަމުން ސުވާލުއުފެދިފައި ހުރެ އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެހިނދު ހިލްމީގެ ސަމާލުކަންވެސް ލިޔާރާގެ ހަރަކާތްތަކަށް ހުއްޓުނެވެ. ފޯނުގެ އަނެއްކޮޅުން އިވުނު އަޑުތަކުން ލިޔާރާއަށް ހީވީ އޭނާގެ ދެފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ. ދެލޯބޮޑުވެގެން ދިޔައިރު، ހޯސްލައިފައި ކަރުނަ ފައިބަން ފެށީ އޭނާގެ އެއްވެސް އިޚުތިޔާރަކައި ނުލައެވެ. އެމަންޒަރުފެނި ސުވާލު އުފެދިފައި ހިލްމީ ލިޔާރާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލިއެވެ. އަދި ތަކުރާރުކޮށް ވީގޮތަކާމެދުގައި ސުވާލުކުރަން ފެށިއެވެ.
Ads by BML
"މަގޭ ދަރިފުޅު.. ޒާން.." ބާރަށް ރޮއެގަންނަމުން ލިޔާރާއަށް ބުނެވުނެވެ. އެއާއެކު ހިލްމީއަށް ވެސް ނުތަނަވަސްކަން ވެރިވިއެވެ. އަޒާންއަށް ކަމެއްވީތޯ އޭނާ އަހަން ފެށުމާއެކު ލިޔާރާ ބޯޖަހައިލިއެވެ. ވާހަކަދައްކާނެހައި ހިތްވަރުވެސް އޭނާގެ ނެތީ ކަހަލައެވެ. "ލިޔާރާ، ތި ހަމަޖެހިފަ ވީގޮތެއް ނިކަން އަހަންނަށް ބުނެދީބަލަ" ލިޔާރާގެ މޫނުގައި އަތްޖައްސައިލަމުން އޭނާއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު ހިލްމީ އެދުނެވެ. "ޒަ..ޒާން.. އެކްސި..ޑެންޓް.." ކަންބޮޑުވެފައި އޭނާއަށް ބަލަން ތިބި ސުފްޔާން އާއި ޔުމްނާއަށް އަވަސް ނަޒަރެއްދެމުން ލިޔާރާއަށް ބުނެވުނީ އެވަރަށެވެ. ކިތަންމެ ފަނޑުކޮށް ނަމަވެސް، އިވުނު ޖުމުލަތަކުން ހިލްމީއަށް ދެލޯބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރައިލެވުނެވެ. އަދި ލިޔާރާގެ އަތުގައި ހިފައި ބާރުކޮށްލަމުން އަޒާން ގާތަށް ދިއުމަށް ހިނގާށޭ އޭނާއަށް ބުނެވުނެވެ. އެމީހުންގެ ވާހަކަތައް އަޑުއަހަން އިން ސުފްޔާން ވެސް އިންތަނުން ތެދުވެގެން އައިސް ހިލްމީގެ ގާތުގައި މަޑުކޮށްލަމުން އޭނާގެ ކޮނޑުމަތީގައި އަތްބާވައިލިއެވެ. "ސުފްޔާން، އަހަރެންގެ ދަރިފުޅު.. އަހަންނަށް މަޢާފުކުރޭ. މިވަގުތު ޒާންގެ ގާތުގަ ހުރުން އަހަންނަށް ވަރަށް މުހިންމު" އެފަދަ ނާޒުކު ވަގުތެއްގައި އެތަނުން ދާން ޖެހޭތީ ދެރަވެފައި ހިލްމީ ބުނެލިއެވެ. ވިސްނޭމީހަކު ފަދައިން ސުފްޔާން ބޯޖަހައިލަމުން އެއްބަސްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ބުނަމުންނެވެ. އަދި އެތަނުގައި އޭނާ އާއި ޔުމްނާ މަޑުކުރި ނަމަވެސް އަޒާންގެ ހާލު ބަލަން ގުޅާނެކަމަށް ސުފްޔާން ބުނެލިއެވެ. އަދި އެއްވެސް ކަމެއް ގޯސްވެއްޖެނަމަ ވަގުތުން އޭނާއަށް އެންގުމަށް ހިލްމީ ގާތުގައި އެދުނެވެ. ސުފްޔާންގެ އެދުމަށް އެއްބަސްވަމުން އޭނާ ލިޔާރާގެ އަތުގައި ހިފައިގެންހުރެ ލިޔާރާ ބުނި ދިމާއަށް ހިނގައިގަތެވެ. އޭރު ދަރިފުޅަށް ވީ ގޮތް ނޭނގި އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ކުއްލިއަކަށް މިވީ ކީއްހެއްޔެވެ؟
އެދެމަފިރިންނަށް އަޒާން އޮތް ކޮޓަރިއާ ހަމައަށް ދެވުނުއިރު އެތަނުގައި ހާސްވެފައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ޒިވްރާ ހުއްޓެވެ. ހައިރާންވެފައި ހިލްމީއަށް އޭނާއާ ދިމާއަށް ބަލައިލެވުނެވެ. ނަމަވެސް ސުވާލެއްކުރަން ނުހެދީ އެއީ ޒިވްރާ މަސައްކަތްކުރާ ހޮސްޕިޓަލަށްވެފައި އޭނާ އަށް އެޚަބަރު ލިބިގެން އައީ ކަމަށް ވިސްނުނީތީއެވެ.
"އާންޓީ.." ލިޔާރާ ފެނުމާއެކު ކަންބޮޑުވެ ޖެހިލުންވެފައި ޒިވްރާ ގޮވައިލިއެވެ. ލިޔާރާ އައި ގޮތަށް އައިސް ޒިވްރާގެ އަތުގައި ހިފައިލަމުން އަޒާންގެ ހާލަތު އޮޅުންފިލުވަން ފެށިއެވެ. ލިޔާރާގެ ތެމިފައިވާ ކޯތާފަތްފެނި ޒިވްރާއަށް ހިންދިރުވައިލެވުނެވެ. ދޭން އޮތީ އަޑުއަހަން އެހާ ފަސޭހަ ޖަވާބެއް ނޫނެވެ. އިރުކޮޅަކު ހުއްޓުން އަރައިފައި އޭނާއަށް ހުރެވުނީ އެހެންވެއެވެ.
"ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅަށް ކިހިނެއްތަ ވީ؟ ކޮންމެވެސް އެއްޗެކޭ ބުނެބަލަ" ޒިވްރާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ލިޔާރާ އާދޭސްކޮށްލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ދިޔައީ ކަރުނަ ފައިބަމުންނެވެ.
"ދައްތާ.. ޒާން.. ޒާންގެ ހާލަތު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރ ބުނުއްވީ.. ވަކި އެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރ ރޫމުން ނުކުތީމަ. ދައްތާ ހިތްވަރުކުރޭ. އިރާދަކުރެއްވިއްޔާ ޒާން އަށް ދެރަގޮތެއް ނުވާނެ" ކުޑަކޮށް ލިޔާރާ ގައިގައި ބައްދައިލަމުން އޭނާއަށް ހިތްވަރުދިނުމަށް ޒިވްރާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޒިވްރާގެ ވާހަކަތައް އިވިފައި ލިޔާރާގެ ރުއިން އިހުނަށްވުރެ ބާރުވީއެވެ. ލޯބިވާ ދަރިފުޅުގެ ހާލަތު ނޭނގިފައި ހުންނަންވުމުން އިތުރަށް ނުތަނަވަސްވާގޮތްވިއެވެ. އެވަގުތު ހިލްމީ ލިޔާރާ ގެނެސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލަމުން ހިތްވަރުކުރުމަށް ބުނެލިއެވެ. އަދި ނުހަނު ލޯބިން އޭނާގެ ބުރަކަށީގައި ފިރުމައިލަމުން ލިޔާރާ ގޮވައިގެން އައިސް އެތަނުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިނށީނެވެ. ކޮންމެ މީހަކު ހިތްވަރުކުރާށޭ ބުނި ނަމަވެސް އެއީ ކުރަން ކިހާ އުނދަގޫކަމެއްކަން އެނގޭނީ ލިޔާރާއަށް އެކަންޏެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައީ އެހިތަށް ވަންނަމުންދިޔަ ބިރުވެރި ޚިޔާލުތަކުންނެވެ. ކޮންމެވެސް ދެރަގޮތެއް ވާންއުޅެނީއޭ ހީވެ އޭނާގެ ހަވަނަ ހިއްސު އިންޒާރުދެމުން ދިޔައެވެ. ވީއިރު، އޭނާ ހިތްވަރުކުރާނީ ކިހިނަކުން ހެއްޔެވެ؟
އައި.ސީ.ޔޫ އަށް އަޒާން ބަދަލުކުރެވި، އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިކަމުގެ ޚަބަރާއެކު ލިޔާރާ އާއި ހިލްމީގެ އިތުރުން ޒިވްރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެންނަމަވެސް އެދެމަފިރިންގެ ހާސްކަމުން އެންމެ ތަންފުކެއްވެސް ކުޑަވާގޮތެއް ނުވިއެވެ. އަޒާން ދެކިލާހިތުން ކެތްވަނީއެއް ނޫނެވެ. ނަމަވެސް އަދި އާއިލާ މީހުން ބައްދަލުކުރާހާ އަޒާންގެ ހާލަތު ސްޓޭބަލް ނޫންކަމަށް ޑޮކްޓަރ ބުނުމުން، މިވަގުތަށް ކެތްތެރިވުން ނޫން ގޮތެއް ނެތެވެ. ހިތާހިތުން އަޒާން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުޢާކުރަމުން ޒިވްރާ ދިޔައީ އެހެންމީހުނާ އެކަހެރިވެ އިނދެއެވެ. ދޭތެރަކުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން އޭނާ ފޮހެލަނީ އެހެން މީހުނަށް ނުފެންނާނެހައި ސިއްރުންނެވެ.
އިޝްޔާގެ އޮޕަރޭޝަން ކާމިޔާބުވީ ކަމުގެ ޚަބަރު ލިބުނީވެސް އެމީހުން އެގޮތުގައި ތިއްބައެވެ. ލިބުނީ އުފާވެރި ޚަބަރެއް ނަމަވެސް އެތަނުގައި ހިނިތުންވެލަން އެކަކު ވެސް ހަނދާންހުރި ހެނެއް ހިއެއްނުވެއެވެ. ގަބުވެފައި އެންމެން އިނށީދެގެން ތިބިއިރު އެތަނަށް ވެރިވެފައިވީ ހިމޭންކަމެވެ.
ދެތިން ގަޑިއިރު ފަހުން އަޒާންގެ ހާލަތު ހަމައަކަށް އެޅުމުން އާއިލާއަށް ބައްދަލުކޮށްލުމުގެ ހުއްދަ ލިބުނެވެ. އަޒާން ބާއްވައިފައި އޮތް ކޮޓަރިއަށް ވަތްއިރު، އޭނާ އަށް އޮތީ ނިދިފައެވެ. ލޯބިވާ ދަރިފުޅަށް ބަލަހައްޓައިގެން އިރުކޮޅަކު ދުރުގައި ލިޔާރާ މަޑުކޮށްލިއެވެ. އޭނާއަށް ހަމަހޭވެރިކަންވީ އޭނާގެ އުނަގަނޑުގައި ހިފައިލަމުން ހިލްމީ ގާތްވެލުމުންނެވެ. ކުދިކުދި ފިޔަވަޅުތަކެއް އަޅަމުން އައިސް އަޒާން ބާއްވައިފައި އޮތް އެނދު ކައިރީގައި ލިޔާރާ ހުއްޓުނެވެ. އަދި ލޯބިން ފުރިގެންވީފަދަ ގޮތަކަށް އަޒާންގެ ބޮލުގައި ނުހަނު މަޑުން ފިރުމައިލިއެވެ. އެވަގުތު އެސްފިޔަތައް ތަޅުވައިލަމުން އަޒާން ކުޑަކޮށް ލޯހުޅުވާލިއެވެ. ނަމަވެސް ދެވަނަ ސުކުންތު އަނެއްކާވެސް ފުން ނިންޖެއްގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއްނުވާ ހާލުއެވެ.
*****
އިޝްޔާއަށް ހަމަހޭވެރިކަން ވުމާއެކު އޭނާގެ ގާތުގައި ތިބި ސުފްޔާން އާއި ޔުމްނާއަށް ބަލައިލަމުން ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އޭނާ ބާއްވައިފައި އޮތް ކޮޓަރީގެ ތެރެއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއްވެސް ދިމާލަކުން އަޒާން ފެންނަން ނެތީތީ އޭނާ ހައިރާންވިއެވެ. އިޝްޔާ ހީކުރީ އޭނާއަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާނީ އަޒާން ކަމަށެވެ. ނަމަވެސް އުއްމީދުކުރި ފަދައިން ކަންތައްނުވީތީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އެހިތަށް ވެރިވެގެން ދިޔައެވެ.
"ކޮބާ ޒާން؟" ޔުމްނާގެ މޫނަށް ބަލަން އޮވެ އިޝްޔާ ސުވާލުކޮށްލިއެވެ. "ޒާން..ޒާން ވެއްޖެ ކުޑަކަމަކު ބޭރަށް ގޮސް. ވަރަށް އަވަހަށް އަންނާނެހެން ހީވަނީ. ދަރިފުޅު އަރާމުކޮށްލަބަލަ.." އިޝްޔާގެ ބޮލުގައި ފިރުމައިލަމުން ޔުމްނާ ބުނެލިއެވެ. އޭނާ ދޮގު ހެދީތީ ހިތްހަމަނުޖެހިފައި ސުފްޔާން ޔުމްނާގެ މޫނަށް ބަލައިލިއެވެ. އިޝްޔާ އެފަދަ ހާލެއްގައި އޮއްވައި އަޒާންގެ ޚަބަރު ދީގެން އިތުރު ވޭނެއް އެ ދަރިފުޅަށް ދޭން ޔުމްނާ ބޭނުންނުވީއެވެ. އެހެންކަމުން ސުފްޔާން ހިތްހަމަނުޖެހުނަސްވެސް، އެކަމަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޔުމްނާގެ ވާހަކަތަކަށް ބޯޖަހައިލަމުން އިޝްޔާ ދެލޯ މަރައިލީ އަދިވެސް ނިދިއަންނަގޮތް ވެފައި ވުމުންނެވެ. އިތުރު ވާހަކަތަކެއް ދައްކާނެހައިވަރު އެވަގުތު އޭނާގެ ކިބައިގައި ނެތެވެ. ދެން ހޭލެވޭއިރު އަޒާންގެ ފިރިހެންވަންތަ މޫނު ފެންނާނޭ ހިތަށް އަރުވައިލަމުން އިޝްޔާ ހިނިތުންވެލީ، ނަގަމުން އައި ކޮޅިގަނޑުގެ ކުޑަވެސް ހިލަމެއްނުވާ ހާލުއެވެ.
*****
އެސްފިޔަތައް ތަޅުވައިލަމުން އަޒާން ދެލޯ ހުޅުވައިލިއެވެ. އަދި ލޯ ހިމަކޮށްލަމުން ކޮޓަރީތެރަށް ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. ކޮޓަރީގައިވި އަލިކަމުން ލޯ ހުޅުވައިގެން އޮތުން އޭނާއަށްވީ ދަތިކަމަކަށެވެ. އެހެންކަމުން މާގިނައިރު ލޯ ހުޅުވައިގެން އޮންނާކަށް އޭނާ ނޫޅުނެވެ. އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވައިލަމުން ކޮންމެވެސް ބަޔަކު ވަތް އަޑު އިވުނެވެ. ހިތްވަރުކޮށްފައި އަޒާން އަނެއްކާވެސް ލޯ ހުޅުވައިލިއެވެ. ހިނިތުންވެފައި އެދިމާއަށް އައި ލިޔާރާ އާއި ހިލްމީގެ އިތުރުން އެމީހުންގެ ފަހަތުން ވަތް ޒިވްރާ އަށް ބަލަހައްޓައިގެން އަޒާން އޮތެވެ. ޒިވްރާ އެތަނުގައި ހުރީތީ ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އޭނާއަށް ލިބުނެވެ.
"ދަރިފުޅާ، މިހާރު ކިހިނެއްތަ؟" ލޯބިން ފުރިގެންވީފަދަ ގޮތަކަށް ލިޔާރާ އެއްސެވެ. އެއާއެކު ފަނޑުފަނޑުކޮށް އަޒާން ހިނިތުންވެލިއެވެ. "އަޅުގަނޑު ރަނގަޅޭ މަންމާ. ކޮބާ އިޝީ..؟ އިޝީ.. އިޝީ ރަނގަޅުތަ؟" އުނދަގޫ ގޮތަކަށް އަޒާން ބުނެލިއެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދެއްކުން އޭނާއަށް ފަސޭހަކަމަކަށް ނުވީއެވެ. "އަލްޙަމްދުލިﷲ.. އިޝީގެ ހާލަތުވެސް ރަނގަޅު. އިޝީގެ އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރސް ބުނަނީ" އަޒާން އަށް ލިބުނީ އޭނާ އަޑުއަހަން ބޭނުންވާފަދަ އުފާވެރި ޚަބަރެކެވެ. ދެފަރާތަށް އޭނާގެ ތުންފަތް ދެމިގެންދިޔައީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. ފުރާނަފަދައިން ލޯބިވާ ފަރާތަށް އަވަސް ޝިފާއެއް ދެއްވުމަށް އޭނާއަށް އެދެވުނެވެ. އިޝްޔާ ދެކިލާހިތުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. އޭނާ ނުފެނިގެން އިޝްޔާ ސުވާލުކުރާނޭ ހިތަށް އަރައި، އަޒާންގެ ހިތް އަވަސްވެލިއެވެ. ކޮންމެފަދަ ހާލެއްގައި ނަމަވެސް އިޝްޔާގެ ގާތުގައި ހުންނަން އޭނާ އިންތިހާއަށް ބޭނުންވަނީއެވެ.
އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ކޮޓަރީތެރަށް ވަތް ޑޮކްޓަރާއި ނަރުސްކުއްޖާ ފެނިފައި އަޒާން ހިމޭންވެލިއެވެ. ލޯހުޅުވާލައިގެން އޮތް އަޒާން ފެނުމުން ޑޮކްޓަރު ކުޑަކޮށް ހިނިތުންވެލިއެވެ. އަދި އަޒާންގެ ހާލަތު ބަލައިލަން އައީކަމަށް ބުނެލިއެވެ. ކުޑަކޮށް އަޒާންގެ ޗެކަޕެއް ހަދައިލަމުން ހުރިހާ ކަމެއްވެސް ރަނގަޅުކަމުގައި ފާހަގަވާކަން ޑޮކްޓަރު ބުނެލީ ހަމަޖެހިލަމުންނެވެ. އެބަސްތަކުން ލިޔާރާ އާއި ހިލްމީގެ އިތުރުން ޒިވްރާއަށް ވެސް ހަމަޖެހުން ގެނުވިއެވެ. އާއިލާއަށް ވަގުތު ދެމުން އެމީހުން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު، ނަރުސްކުއްޖާއަށް ކޮންމެވެސް އިރުޝާދުތަކެއް ޑޮކްޓަރ ދޭން ފެށިއެވެ. އެވަގުތު ފޫހިވެފައި އޮވެ ހަށިގަނޑު ކުޑަކޮށް ދަމައިލަމުން އެނދުގައި ހަމަޖެހިލުމަށް އަޒާން އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާގެ މޫނުމަތިން ފައުޅުވެގެންދިޔައީ އިންތިހާ ކަންބޮޑުވުމާއި ބިރުވެރިކަމުގެ އަސަރުތަކެވެ. އަޒާން އުޅެ އުޅެ ވެސް އޭނާގެ ހަށިގަނޑުގެ އުނަގަނޑުން ތިރީގެ އެއްވެސް ގުނަވަނެއް ހަރަކާތެއް ނުކުރެވުނެވެ. ދެލޯބޮޑުކޮށްލަމުން ހާސްވެފައި އަޒާން އަނެއްކާވެސް ހަރަކާތެއް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރުވެސް ކުރިމަތިވީ ނާކާމިޔާބީއާއެވެ. ބިރުގަނެފައި އޭނާއަށް ދެއަތުން ފައިގައި ހިފަހައްޓާލެވުނެވެ. އަދި ވަކި ވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލެވުނެވެ. "އަހަރެންގެ ފައި.. ފައި.. ހަރަ.. ހަރަކާތެއް.. ނު.. ނުކުރޭ.." ޖެހިލުންވެ ކަންބޮޑުވެފައި އޮވެ އޭނާ ޑޮކްޓަރާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ. އަޒާންގެ ދުލުން ބޭރުވި ބަސްތަކާއެކު އެކޮޓަރީގައި ހީވީ ބޮމެއް ގޮއްވާލެވުނުހެންނެވެ. އެންމެންގެ ހަރަކާތްތައް ހުއްޓުމަކަށް އައި އިރު، ވަގުތު ވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ.
(ނުނިމޭ)
Ads by MACL
