ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (15 ވަނަ ބައި)
"ކި..ކީކޭ؟ ދަރިފުޅާ.. ތީ ހީވިގޮތަކަށް ވާނީ. އަޅެ އަދި އެއްފަހަރު ފައި ހަރަކާތްކޮށްލެވޭތޯ ބަލާބަލަ" އަޒާންގެ ބަސްތައް އިވިފައި ލިޔާރާ އަށް ހުރެވުނުތަންވެސް ނޭނގުނެވެ. ތެޅިގަނެފައި އަޒާން ގާތަށް ޖެހިލަމުން އޭނާގެ ދެފައިގައި ލިޔާރާ ހިފަހައްޓާލިއިރު އެދެލޮލަށް ކަރުނަތައް ބޮނޑިވާން ފަށައިފިއެވެ. "މަންމާ.. އައި.. އައި ކާންޓް" ލިޔާރާއާ ހަތަރުކަޅި ހަމަކޮށްލަމުން އަޒާން ބުނެލީ އުނދަގޫ ގޮތަކަށެވެ. ޚުދު އޭނާއަށް ވެސް އެ ބަސްތައް ޤަބޫލުނުކުރެވޭއިރު، އެހެން މީހަކަށް ޔަގީންކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟
Ads by BML"އިޓް ހޭސް ޓް ބީ އަ މިސްޓޭކް.. ޑޮކްޓަރ.. ހެޔޮނުވާނެ.. އަހަރެންގެ ދަރިފުޅު" ލިޔާރާއަށް ހަމަ ރަނގަޅަށް ވެސް ރޮއެގަނެވުނެވެ. އެއަޑަށް ހުއްޓުން އަރައިފައިހުރި ހިލްމީއަށް ހަމަބިމަށް އާދެވުނުފަދައެވެ. އަވަސް އަވަހަށް ލިޔާރާ ގާތަށް ޖެހިލަމުން އޭނާގެ ދެއަތުގެ ތެރޭގައި ލިޔާރާ ހިފަހައްޓާލިއެވެ. އޭރު އެތަނުގައި ހުރި ޑޮކްޓަރު އިތުރު ޑޮކްޓަރުންގެ ޓީމްއަކަށް އައުމަށް އަންގަމުން އަޒާންއާ ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. ކުއްލިއަކަށް މިވީ ގޮތެއް ވިސްނައިގަންނަން ކޮންމެ މީހަކުވެސް ނުކުޅެދިފައިވީ ކަހަލައެވެ. ޑޮކްޓަރުންގެ ޓީމް ހަމަވުމާއެކު އަޒާންގެ އެކި ޓެސްޓްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނެވެ. އަދި ލަސްނުކޮށް ވީހައިވެސް އަވަހަށް އެކަމަށް ބޭނުންވާ ތައްޔާރީތައް ވާންފެށިއެވެ. ދުރުގައި އެ ހުރިހައި މަންޒަރެއް ދެކެން ހުރި ޒިވްރާގެ ދެލޮލުންވެސް ފައުޅުވަމުންދިޔައީ ސިހުމުގެ އަސަރުތަކެވެ. ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައިރު، އެއްވެސް މީހަކާ ވާހަކަދައްކާނެހައި ހިތްވަރެއް އޭނާގެ ކިބައިގައި ނެތެވެ. ރޮމުން ގިސްލަމުން ހިލްމީގެ މޭގައި މޫނު ފޮރުވާލައިގެން ހުރި ލިޔާރާއަށް ބަލައިލެވުމާއެކު ޒިވްރާގެ ހިތް ހީވީ ފިސްފިސްވީ ހެންނެވެ. ޒުވާން އުމުރުގައި ދަރިއަކަށް އެހައި ބޮޑު ވޭނެއް އުފުލަން ޖެހުމުން ކޮންމެ މައެއް ނަމަވެސް އަސަރުކުރާނެކަން ގައިމެވެ.
ޑޮކްޓަރުންގެ އެދުމަށް ކޮޓަރިން ބޭރަށް ލިޔާރާ ގޮވައިގެން ހިލްމީ ނުކުތެވެ. އޭރު ސުފްޔާން ވެސް ހަލުވި ފިޔަވަޅުތަކެއްގައި އެ ހިސާބާ އަރައި ހަމަވަނީއެވެ. ލިޔާރާ އެހައިވަރަށް ރޮމުން ދާތަންފެނި އޭނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އަޒާންގެ ހާލަތު އަނެއްކާ ގޯސްވީބާވައޭ ހިތަށް އަރައި ކަންބޮޑުވެފައި އޭނާ ހިލްމީއަށް ބަލައިލަމުން ވެގެން އުޅޭގޮތަކާމެދުގައި ސުވާލުކުރިއެވެ. ހާސްވެފައިހުރެ އަޒާންގެ ހާލަތު ކޮންމެވެސް ވަރަކަށް ހިލްމީ އޮޅުންފިލުވައިދިނެވެ. އިވުނު ވާހަކަތަކުން ސުފްޔާންގެ ބޮލަށް ވެސް ހީވީ އެނބުރުން އަރައިގެން ދިޔަހެންނެވެ. ކުއްލިއަކަށް މިދިމާވަނުންދަނީ ކޮންފަދަ ހިތްދަތި ކަންތައްތަކެއްބާވައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. މިދަތުރު އޭނާ އައީ އެއްވެސް ވަރަކަށް މިފަދަ ހާދިސާތަކެއް ދިމާވެދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. އިޝްޔާގެ ހާލަތު މުޅިން ރަނގަޅުވީއިރު، އަޒާން އަށް މިކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟
އަޒާންގެ އެތައް ޓެސްޓްތަކެއް ހެދުމަށްފަހު، ނަތީޖާތައް ލިބުމުން ބައްދަލުކޮށްލަން ޑޮކްޓަރުގެ ކޮޓަރިއަށް އައުމަށް ލިޔާރާ އާއި ހިލްމީ ގާތުގައި ޑޮކްޓަރު އެދުނެވެ. ލިޔާރާ ގެންދަން ބޭނުންނުވި ނަމަވެސް، އެއީ ދަރިފުޅުގެ މަންމައަށް ވީތީ، އޭނާ އަށް ހުރިހައި ކަމެއް އެނގުމުގެ ހައްޤު އޮންނާނެކަން ވިސްނި އެކަމާ ހިލްމީ ރުހުނީއެވެ. ކޮންމެވެސް ވަރަށް ލިޔާރާ ހަމައަކަށް އެޅިފައިވިއެއް ކަމަކު މުޅިން އޭނާގެ ހާލަތު ރަނގަޅެއް ނޫނެވެ. އެހެންކަމުން ޑޮކްޓަރުގެ ކޮޓަރިއަށް ހިލްމީ ވަނީ ލިޔާރާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިގެން ހުރެއެވެ. އެކަމުންވެސް އަނބިމީހާއަށް ކުޑަ ނަމަވެސް ހިތްވަރެއް ލިބިދާނެކަމަށް އޭނާ އުއްމީދު ކުރިއެވެ.
އެމީހުން ޑޮކްޓަރުގެ ކޮޓަރިން ނުކުންނަންދެން ޒިވްރާ އާއި ސުފްޔާން ބޭރުގައި މަޑުކޮށްލިއެވެ. ދެމެދަށް ހިމޭންކަން ވެރިވެފައިވީއިރު، ދެމީހުންކުރެ އެކަކުވެސް އިސްވެ އެ ހިމޭންކަން ނައްތާލަން ބޭނުންނުވެފައި ތިބިކަހަލައެވެ. އެތައްއިރެއްފަހުން ޑޮކްޓަރުގެ ކޮޓަރިން ދެފަމިރިން ނުކުމެގެން އައި އިރު، ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ މާޔޫސީގެ އަސަރުތަކެވެ. ހިލްމީގެ މޭގައި މޫނު ފޮރުވާލައިގެން ހުރި ލިޔާރާއަށް ކޮންމެވެސް ވަރަކަށް ގިސްލެވެމުންދިޔަ ގޮތުން އޭނާ އެތައް އިރަކު ކަރުނައަޅައި ރޮއެފިކަން ހާމަކޮށްދެއެވެ. އެ ދެމަފިރިން ފެނުމާއެކު އިންތަނުން ތެދުވެވުނު ގޮތްވެސް ޒިވްރާއަށް ނޭނގުނެވެ. އެއްޗެއް އަހައިލަން ބޭނުންވިއެއްކަމަކު އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ސުފްޔާން ވެސް އިންތަނުން ތެދުވަމުން ހިލްމީގެ މޫނަށް ބަލައިލީ ޑޮކްޓަރު ދެއްކި ވާހަކަތައް އެނގެން ބޭނުންވެފައި ހުރި ފަދައަކުންނެވެ.
"ދިމާވި އެމަރޖެންސީ ހާލަތެއްގެ ސަބަބުން ޒާންގެ ސްޕައިނަލް ކޯޑަށް ލޭ ހިނގުން ދައްވެ، ސްޕައިނަލް ކޯޑުގެ ބައަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަވާކަމަށް ޑޮކްޓާރސް ލަފާކުރަނީ. އެއްކޮށް ރަނގަޅުވާނެކަމެއް.. ޔަ.. ޔަގީނެއް ނޫން. އެކަމަކު ފިޒިއޮތެރަޕީގެ އެހީގަ ކޮންމެވެސް ވަރަކަށް ރިކަވަރ ވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރީ. އެކަމަށް ހޭދަވާނީ ސީދާ ކިހާ ދުވަހެއްކަމެއް ބުނަން ދަތިކަމަށް ޑޮކްޓާރސް ބުނަނީ. ފަހަރެއްގަ ގިނަ މަސްތަކަކަށް ވެސް ނޫނީ އަހަރުތަކަކަށް ވެސް ދެމިގެން ހިނގައިދާނެ. ރަނގަޅުވިއަސް.. މުޅި އުމުރު ދުވަހު.. ޒާން.. ޒާން އަށް ހިނގުމަށް އަސާގަނޑެއްގެ އެހީ.. ބެ.. ބޭނުންވާނެކަމަށް ބުނީ.." އެއްފަރާތަކަށް ގެއްލިފައި ހުރެ ހިލްމީ ބުނެލީ މަޑުމަޑުންނެވެ. އަމިއްލަ އަޑުން އިވެމުންދިޔަ ވާހަކަތައް ޚުދު އޭނާއަށް ވެސް ގަބޫލުނުކުރެވޭ ފަދައެވެ. ނުވަތަ ގަބޫލުކުރަން އަމިއްލަ ޟަމީރު ތައްޔާރުނޫނީއެވެ. މައިންބަފައިން ދުނިޔޭގައި ގަދަވެ ސަލާމަތުން ހެޔޮހާލުގައި ހުއްޓައި، ދަރިއަކު އެފަދަ ބޮޑު ހިތާމައެއް އުފުލާތަން ދެކެން ކެތްވެދާނެ ހެއްޔެވެ؟ ހިލްމީގެ ވާހަކަތަކާއެކު އަނެއްކާވެސް ލިޔާރާގެ ރުއިން ބާރުވެލިއެވެ. އެހެނަސް ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ ތެރޭގައި ޒިވްރާއަށް ހީވީ އެ އަޑު ފަނޑުވެފައިވީ ހެންނެވެ. ޖެހި ބުދެއްހެން ގުޑިލަންވެސް ނޭނގިފައި އޭނާ ހުރީއެވެ. އެތައް ފަހަރަކު ހަޅޭއްލަވައިގަތުމަށްފަހު އެއީ ދޮގެކޭ ބުނަން އޭނާ ބޭނުންވިއެވެ. އެހެނަސް ހިލާ އެހަށިގަނޑުގެ އެންމެ ގުނަވަނެއްވެސް ތަޅުވާލާނެހައި ވަރެއް އޭނާގެ ނެތެވެ. ކައިރީގައި ހުރި ގޮނޑީގައި އޭނާއަށް އިނށީދެވުނީ ބޮލަށް ގޮތްވާހެން ހީވުމުންނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު އޭނާގެ ތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތްއިރު، އެ ޚަބަރުތަކުން އަޒާންއަށް ކުރާނެ އަސަރަކާމެދުގައި އޭނާއަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައެވެ.
*****
އިޝްޔާގެ އޮޕަރޭޝަން ކުރެވުނުތާ ހަ ވަރަކަށް ދުވަސް ފާއިތުވެދިޔައީއެވެ. އެއްވެސް ވަރަކަށް އަޒާން ނުފެނި، އޭނާއާ ބައްދަލުނުވެ އެ ދުވަސްތައް އޭނާ ހޭދަކުރީ މާޔޫސްކަމުގެ ތެރޭއެވެ. އެންމެން އޭނާއާ ބައްދަލުކުރަން އައި އިރު، އަޒާން އެންމެ ފަހަރަކުވެސް ނައިތީ އެކަމާ އިޝްޔާ ތަކުރާރުކޮށް ސުވާލުކޮށްކޮށް، އެންމެ ފަހުން އަޒާންގެ އެކްސިޑެންޓްގެ ޚަބަރު އޭނާއަށް ދިނުމަށް ޔުމްނާއަށް މަޖުބޫރުވީއެވެ. އަޒާންގެ ޚަބަރެއް ނޭނގެނީސް އިޝްޔާ ގޮތްދޫނުކުރާނެކަން އޭނާއަށް ވިސްނުނީއެވެ. އެ ވާހަކަ އަޑުއިވުމާއެކު ވަގުތުން އަޒާން ގާތަށް ގެންދިއުމަށްއެދި އިޝްޔާ ރޮމުން އެތައް އާދޭހެއް ކުރިއެވެ. އެހެނަސް، އޭނާގެ ހާލަތު އެކަމަށް ތަންނުދޭތީ ޑޮކްޓަރުން ހުއްދަނުދިނުމުގެ ސަބަބުން އޭނާއަށް މަޖުބޫރުވީ އެމީހުންގެ ބަސްގަބޫލުކުރުމަށްފަހު، ގޮތްދޫކުރުމަށެވެ. ޔުމްނާއަށް އިޝްޔާ މައިތިރިކުރެވުނީ އެތައް ވަރަކުންނެވެ. އިޝްޔާ އުޅުނުގޮތްފެނި، އަޒާންގެ ހަގީގީ ހާލަތު އޭނާއަށް އެންގުމަށް ޔުމްނާ ފަސްޖެހުނެވެ. އެހެންކަމުން ސުފްޔާންގެ ފުށުން އޭނާއަށް އޮޅުންފިލައިފައިވާ ކަންކަން އެހަށް އިޝްޔާއަށް ސިއްރުކުރުމަށް ޔުމްނާ ނިންމިއެވެ. ކޮންމެވެސް ވަރަކަށް އިޝްޔާ ހަމައަކަށް އެޅުމުން އެ ވާހަކަތައް ކިޔައިދޭން އޭނާ ހުރީ ވިސްނައިގެންނެވެ.
އެއްފަރާތަކަށް ބަލަހައްޓައިގެން އެނދުގައި އިނށީދެލައިގެން އިޝްޔާ އިންއިރު، އޭނާގެ ހާލަތު އައީ މުޅިން ރަނގަޅުވަމުންނެވެ. ދެތިން ދުވަސްތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ކެތްތެރިކަމެއްނެތި އޭނާއަށް އިންތިޒާރު ކުރެވެމުންދިޔައީ އެވަގުތަކަށެވެ. އެހެނަސް އެހައި ދިގު އިންތިޒާރެއް ކުރާނެހައި ވަރެއް ވެސް ހަގީގަތުގައި އޭނާގެ ކިބައިގައި ނެތެވެ. މިއަދު ޑޮކްޓަރު އައުމުން، ކިތަންމެ ވަރަކަށް އާދޭސްކުރަން ޖެހުނަސް އޭނާ ހުރީ އެކަން ކުރަން ނިންމައިގެންނެވެ. ދެން އެންމެ ދުވަހެއްވެސް އަޒާންގެ ހާލު ހަމަލޮލުން ދެކިނުލައި އޭނާއަށް ކެތެއްނުވާނެއެވެ.
އިޝްޔާގެ އިންތިޒާރަށް ނިމުންއައީ އެ ކޮޓަރި ހުޅުވައިލުމަށްފަހު، ފުޅާ ހިނިތުންވުމަކާއެކީގައި ކޮޓަރިއަށް ވަދެގެން އައި ޑޮކްޓަރު ފެނުމުންނެވެ. ކުޑަކޮށް އޭނާގެ ޗެކަޕެއް ކޮށްލުމަށްފަހު ހުރިހައި ކަމެއްވެސް ރަނގަޅުކަމަށް ޑޮކްޓަރު ބުނީ ހިތްހެޔޮ ހިނިތުންވުމަކާ އެކީއެވެ. ޑޮކްޓަރު ވާހަކަ ދައްކައި ނިމުމާއެކު، އިޝްޔާ އޭނާގެ ހިތުގެ އެދުން ޑޮކްޓަރު ކުރިމަތީގައި ހާމަކުރިއެވެ. އެތައް ވަރަކަށް އިޝްޔާ އާދޭސްކުރަން ހެދުމުން، އަޒާންއާ ބައްދަލުކުރަން ދިއުމުގެ ހުއްދަ ޑޮކްޓަރު ދިނީ، އިޝްޔާއަށް މިހާރު ކޮންމެވެސް ވަރަކަށް ހިނގައި އުޅެވޭތީއާއެކު، އޭނާގެ ހާލަތުވެސް ރަނގަޅުކަމަށް ގަބޫލުކުރެވޭތީއެވެ. ޑޮކްޓަރު ހުއްދަ ދިނުމާއެކު އިޝްޔާގެ މުޅި މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެހެނަސް އޭނާގެ ގާތުގައި ހުރި ޔުމްނާގެ މޫނު ހުދުވެގެން ދިޔައީ، އިޝްޔާއަށް އަޒާންގެ ހާލަތު ނޭގިހުއްޓައި އޭނާގެ ކުރިމައްޗަށް ދިއުމުން ދެން ކަންތައްވެދާނެ ގޮތަކާމެދު ވިސްނިފައެވެ. ހިންދިރުވައިލަމުން އޭނާ އިޝްޔާއަށް ބަލައިލިއިރު، އެ ދަރިފުޅުގެ ވިސްނުން ބަދަލުކުރަން ދައްކާނެ ވާހަކައަކާމެދުގައި ޚިޔާލުކުރެވެމުން ދިޔައެވެ. ނަމަވެސް އެއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އަޒާންގެ ހާލަތު އިޝްޔާއަށް ހާމަކުރަންވީ ވަގުތު ޖެހުނީކަމަށް ހިތަށްއެރީ އެހެންވެއެވެ. ވާހަކަދައްކަން އަނގަ ހުޅުވައިލި ނަމަވެސް، އުފާވެފައި އިން އިޝްޔާ ޔުމްނާއަށް އެ ފުރުސަތެއް ނުދިނެވެ. އެނދުން ތެދުވުމާއެކު އޭނާ ތައްޔާރުވުމުގައި އެހީތެރިވެދެން ޔުމްނާ ގާތުގައި ބުނެލިއެވެ. އަޒާންއާ ބައްދަލުކުރަން އިޝްޔާ ދާން ބޭނުންވަނީ ވަރަށް ރީތިވެގެންކަމަށް އޭނާ ބުނީ މައުސޫމު ހިނިތުންވުމަކާއެކީއެވެ. ނަގަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއްނެތި އޭނާ ޔުމްނާއަށް ކުރަންވީ ކަންކަން ބުނެދެމުންދިޔައިރު، އެތައް ފަހަރަކު އިޝްޔާގެ ވާހަކަތައް މެދުކަނޑައިލަން ޔުމްނާ މަސައްކަތްކުރިއެވެ. އެކަމަކު ހިލާ އޭނާއަށް އެ ފުރުސަތެއް އިޝްޔާ ނުދިނެވެ. ހަރަކާތް އަވަސްކޮށްލަމުން ހެދުން ބަދަލުކުރުމަށްފަހު މޫނުމަތި ކުޑަކޮށް ތާޒާކޮށްލުމަށް އިޝްޔާ އުޅުނުއިރު، އޭނާގެ ހަރަކާތްތައް ބަލަން ހުރި ޔުމްނާގެ ދެލޯ ފެންކަޅިވަމުން އައީ ދަރިފުޅުގެ އެ އުފާވެރިކަމަކީ ހިނދުކޮޅެއްގެ ކަމެއްކަން ވިސްނުމުންނެވެ.
*****
ފިޒިއޮތެރަޕިސްޓްގެ އެހީގައި އެނދުން ތެދުވަމުން، ފުރޮޅުލީ ގޮނޑީގައި އަޒާން އިނށީދެލީ އުނދަގޫ ގޮތަކަށެވެ. ޑޮކްޓަރުގެ ފަރާތުން ހުރިހައި ކަމެއް އެނގުނު ހިސާބުން އަޒާންއަށް ދުނިޔޭގެ ހިނގުން ހުއްޓިފައިވީ ކަހަލައެވެ. އެތައް ފަހަރަކު އިޝްޔާއާ ބައްދަލުކުރަން ދާން ބޭނުންވި ނަމަވެސް، އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. ބަލިކަށިވެފައި ހުރި ނުކުޅެދޭ މީހެއްގެ ގޮތުގައި އިޝްޔާގެ ކުރިމައްޗަށް އަރަން އަޒާން ލަދުގަތީ ކަހަލައެވެ. އެހެނަސް އެ ހިތް ބޭޤަރާރުކަމާއެކު އެދެމުންދިޔައީ އެންމެ ފަހަރަކު ނަމަވެސް އެ ސޫރަ ދެކިލުމަށް ދިއުމަށެވެ. ހިތުގެ އެދުންތަކަށް ބީރު ކަންފަތެއް ދެމުން އަޒާން މަސައްކަތްކުރީ ޑޮކްޓަރުންގެ ލަފައާއެކީ ކޮންމެވެސް ވަރަކަށް ފިޒިއޮތެރެޕީގެ އެހީ ހޯދުމަށެވެ. ޑޮކްޓަރުން ކިތަންމެ ވަރަކަށް ބުނި ނަމަވެސް، އޭނާ މުޅިން ރަނގަޅުވެދާނެކަމުގެ އެއްވެސް އުއްމީދެއް އަޒާންގެ ނެތެވެ.
އަޒާން އޮތް ކޮޓަރިއާ ދިމާއަށް ޔުމްނާގެ އެހީތެރިކަމާއެކު ހިނގަމުން އައި އިޝްޔާ ފެނިފައި ސުފްޔާންގެ އިތުރުން ލިޔާރާ އާއި ހިލްމީ އަށް ވެސް ލިބުނީ ސިހުމެވެ. އިންތަނުން ތިން މީހުނަށް އެކުއެކީ ކަހަލަ ގޮތަކަށް ތެދުވެވުނުއިރު، ހިނތުންވެފައި ހުރި އިޝްޔާގެ މޫނު ފެނިފައި ސުފްޔާންއަށް ކުށްވެރިކަމުގެ އިހުސާސު ކުރެވުނެވެ. ސުވާލުގެ ނަޒަރަކުން އޭނާ ޔުމްނާއަށް ބަލައިލިއިރު، އެ މޫނުމަތިން ފައުޅުވަމުންދިޔަ މަޖުބޫރީގެ އަސަރުތައް އޭނާއަށް ސާފުކޮށް ފެނުނެވެ.
"ދަރިފުޅު.." ކުރިއަށް ޖެހިލައި އިޝްޔާއާ ވާހަކަދައްކަން ސުފްޔާން އުޅުނެވެ.
"އެއްވެސް މީހަކު އަޅުގަނޑު ޒާން ގާތަށް ގެންނާކަށް އެއްބަހެއް ނުވި. އެންމެފަހުން މިއަދު އަޅުގަނޑު ޑޮކްޓަރ ގާތު ވަރަށް އާދޭސްކުރީމަ، ޑޮކްޓަރ ހުއްދަދިނީ. މިއަދު ދާނީ ޒާންއާ މީޓް ކޮށްފަ. މި ރޫމްގަތަ ޒާން އޮތީ؟" އަތުންގެ އިޝާރާތުން އަޒާން އޮތްހެން ހީވާ ކޮޓަރިއަށް އިޝާރާތްކޮށްލަމުން އިޝްޔާ އަހައިލިއެވެ. އެހެނަސް މީހެއްގެ ޖަވާބަކަށް އިންތިޒާރުކުރާކަށް އޭނާ ނުހެދިއެވެ. ކުރިއަށް ހިނގައިގަންނަމުން އޭނާ އެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރަށް ވަންނަމުން ފުޅާ ހިނިތުންވުމަކާއެކު އަޒާން އަށް ގޮވައިލިއެވެ. އެހެނަސް ދެވަނަ ސުކުންތު އޭނާގެ ފައި ހުރިތަނުގައި ތަތްވީ، ކޮޓަރި ތެރެއިން ފެނުނު ބިރުވެރި މަންޒަރުންނެވެ. ހުރި ފިޔަވަޅު މަތީގައި ގުޑިލަންވެސް ނޭނގިފައި ދެލޯ ބޮޑުކޮށްލައިގެން އިޝްޔާ ހުރިއިރު، ފުރޮޅުލީ ގޮނޑީގައި އިން އަޒާންގެ ނަޒަރު އަމާޒުވެފައިވީ އިޝްޔާގެ ހުދުވަމުންދިޔަ މޫނަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވީއިރު، އެކަކު އަނެކެއްގެ މޫނުމަތިން ފައުޅުވަމުންދިޔައީހައިރާންކަމާއި ސިހުމުގެ އަސަރުތަކެވެ.
(ނުނިމޭ)
Ads by MACL
