އާޖެންޓީނާ ކުޅޭ މެޗެއް ނަމަ ސުވާލު އުފެދޭ ކަމެއް ނުހިނގާ ހަމަ އެންމެ މެޗެއް ވެސް ނުދޭ!
އާޖެންޓީނާ ކުޅެން އަރައިފި ނަމަ ސުވާލު އުފެދޭ ކަމެއް ނުހިނގާ ހަމަ އެންމެ މެޗެއް ވެސް ނުނިމެ އެވެ. އެކަމަކު މިފަހަރު ސުވާލު އުފެދިފައި މި އޮތީ ކުޅެން އެރުމުގެ ކުރިންނެވެ. މިރޭ ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗުގެ ރެފްރީއަކަށް ހަމަޖެއްސީ މޮރޮކޯއަށް އުފަން، އެމެރިކާގެ ރެފްރީއެއް ކަމަށްވާ އިސްމާއިލް އެލްފާތު އެވެ.
ރެފްރީންގެ ކަންތައްތަކާއި އާޖެންޓީނާއަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދޭ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް މިހާރު ވެސް އޮތީ އަމާޒުވެފަ އެވެ. އެހެން އޮއްވައި، މިރޭގެ މެޗުގެ ރެފްރީއަކަށް އެލްފާތު އިއުލާން ކުރި ހިސާބުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ މި މެޗު އާޖެންޓީނާއަށް ދީ ނިންމާފަ އެވެ. އެލްފާތު އެކަންޏެއް ނޫނެވެ. އޭނާއާ އެކު މިރޭގެ މެޗުގެ އެސިސްޓެންޓު ރެފްރީންގެ ގޮތުގައި ތިބި ދެ ރެފްރީންނަކީ ވެސް އެމްއެލްއެސްގެ ރެފްރީންނެވެ.
މެސީގެ 'ފޭވަރިޓް' ރެފްރީ
އިނގިރޭސި މީޑިއާތަކުން އެލްފާތު ސިފަކުރަނީ މެސީގެ 'ފޭވަރިޓް' ރެފްރީގެ ގޮތުގަ އެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭނާ ރެފްރީކަން ކުރި އެއްވެސް މެޗަކުން މެސީއަށް އަދި މިހާތަނަށް ނާކާމިޔާބީއަކާ ކުރިމަތިވެފައި ނެތެވެ. ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައި އެލްފާތު ހުރީ ހަތަރު ވަނަ އޮފިޝަލަކަށެވެ. އެ މެޗުގައި ފްރާންސް ބަލިކޮށް، އާޖެންޓީނާ ތަށި ނެގީ ޕެނަލްޓީ ޖަހައިގެންނެވެ.
Ads by BMLއޭގެ އިތުރުން މެސީ ކުޅޭ އިންޓަ މަޔާމީއިން 2023ގެ ލީގު ކަޕް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ ރެފްރީއަކަށް ހުރީ އެލްފާތެވެ. އެމްއެލްއެސްގެ ލީގު މެޗުތަކުގައި ވެސް އެލްފާތު ރެފްރީއަކަށް ހުއްޓާ އިންޓަ މަޔާމީ އާއި މެސީ ބަލިވެފައެއް ނުވެ އެވެ. އެ ސަބަބުތަކާ ހުރެ ގިނަ މީހުން ސިފަކުރާ ގޮތުގައި އެލްފާތުއަކީ މިރޭގެ ސެމީ ފައިނަލްގައި އާޖެންޓީނާއަށް ހެޔޮ ފާލެކެވެ.
މުބާރާތުގެ ތަފާސްހިސާބުތައް
އެލްފާތަކީ މި މުބާރާތުގައި ވެސް އާ ރެފްރީއެއް ނޫނެވެ. މިއީ އޭނާ ރެފްރީކަން ކުރާ ހަތަރު ވަނަ މެޗެވެ. މީގެ ކުރިން އޭނާ ރެފްރީއަކަށް ހުރީ ގްރޫޕް ސްޓޭޖުގައި ޖަޕާނާއި ނެދަލެންޑްސް އެއްވަރުވި މެޗާއި ސްޕެއިނުން ޔުރުގުއާއީ ބަލިކުރި މެޗުގެ އިތުރުން ގަދަ 16ގެ ބުރުގައި ނޯވޭއިން ބްރެޒިލް ކަޓުވައިލި މެޗުގަ އެވެ. އެ ތިން މެޗުގައި އޭނާ ވަނީ ޖުމްލަ ހަ ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފަ އެވެ.
އާޖެންޓީނާގެ ތާރީހަށް ބެލިޔަސް ގިނައިން ފެންނަން ހުރީ ސުވާލު އުފެދޭ ކަންކަމެވެ. 1978ގެ ފުރަތަމަ ވޯލްޑް ކަޕް ތަށި އުފުލާލި ފަހަރު އަމާޒުވި ރިޝްވަތުގެ ތުހުމަތާއި، 1986ގެ ކުއާޓާގައި މެރެޑޯނާ އަތުން ޖެހި ގޯލަކީ އޭގެ މިސާލުތަކެވެ. އެހެންކަމުން ފުޓުބޯޅައިގެ ޒަމާންވީ ވާދަވެރިކަމެއް އޮތް އިންގްލެންޑާއި އާޖެންޓީނާ މިރޭ ބައްދަލުކުރާ މެޗަށް މެސީގެ 'ފޭވަރިޓް' ރެފްރީ އައްޔަން ކުރުމަކީ ގިނަ ބަޔަކު ހައިރާންވާ ކަމެއް ނޫނެވެ.
Ads by MACL
