ތުއްތު ޔަމާލް އުރާލިއިރު، 19 އަހަރު ފަހުން މިފަދަ މައިދާނަކުން ބައްދަލުވެދާނެ ކަމަކަށް މެސީގެ ހިތަކަށް ވެސް ނާރާނެ!
އަންނަ އާދީއްތަ ދުވަހުގެ ރޭ އޮންނަ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަކީ ހަމައެކަނި ސްޕެއިނާއި އާޖެންޓީނާގެ ކުރިމަތިލުމެއް ނޫނެވެ.
މިއީ މީގެ 19 އަހަރު ކުރިން ފެށިފައިވާ ވަރަށް ހާއްސަ ގުޅުމެއްގެ ނަތީޖާ ފެނިގެންދާނެ ތާރީޚީ ރެއެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި ސްޕެއިންގެ އާ ތަރި ލަމީން ޔަމާލް ފައިނަލުގައި ކުރިމަތިލާއިރު، މި ދެ ކުޅުންތެރިންގެ މާޒީގައި ވަނީ އެކަކުވެސް އުއްމީދުނުކުރާ ފަދަ ހިތްގައިމު އިއްތިފާގަކުން ގުޅިފައެވެ.
މި ވާހަކަ ފެށެނީ 2007 ވަނަ އަހަރުގެ ފަހުކޮޅު ސްޕެއިންގެ ބާސެލޯނާގައެވެ. ޔުނިސެފާއި ސްޕެއިންގެ ނޫހެއް ކަމަށްވާ "ޑިއާރިއޯ ސްޕޯޓް" ގުޅިގެން ކުޑަކުދިންނަށް އެހީވުމަށްޓަކައި ތައްޔާރުކުރި ޗެރިޓީ ކަލަންޑަރަކަށް ފޮޓޯ ނެގުމުގެ ތެރެއިންނެވެ. މި ކަލަންޑަރުގައި ބާސެލޯނާގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިނީ ޔުނިސެފުން ބޭއްވި ގުރުއަތަކުން ހޮވުނު އާދައިގެ އާއިލާތަކަށެވެ. އެގޮތުން ބާސެލޯނާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ މަޓާރޯގެ ރޮކަފޮންޑާ އަވަށުން މި ގުރުއަތުގައި ބައިވެރިވި ޔަމާލްގެ އާއިލާއަށް ވަނީ އެ ފުރުސަތު ލިބިފައެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ޗޭންޖިން ރޫމްގައި ކުރިއަށްދިޔަ މި ފޮޓޯ ޝޫޓުގައި، އުމުރުން އެންމެ ހަ މަހުގެ ތުއްތު ޔަމާލްއާއެކު ފޮޓޯ ނެގުމަށް ހަމަޖެހުނީ އޭރު އުމުރުން 20 އަހަރުގެ ޒުވާން މެސީއާއެވެ. މި ފޮޓޯތައް ނެގި ފްރީލާންސް ފޮޓޯގްރާފަރު ޖޮއާން މޮންފޯޓް ކިޔައިދިން ގޮތުގައި، އެ ދުވަހު ފޮޓޯ ނެގުމަކީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. މެސީއަކީ އޭރުވެސް ވަރަށް ލަދުރަކި މިޒާޖެއްގެ ޒުވާނަކަށް ވެފައި، ޕްލާސްޓިކް ބާތުޓަބެއްގައި އިން ތުއްތު ކުއްޖަކު އުރާލައިގެން ގެންގުޅެން މެސީއަށް ނޭނގުމުން، ޔަމާލްގެ މަންމަ ޝީލާ އެބާނާ ޖެހުނީ މެސީއަށް އެހީތެރިވެދޭށެވެ.
https://twitter.com/eurofootcom/status/1809215170155053300މި ކަލަންޑަރު ނެރުނު ފަހުން އެތައް އަހަރެއް ވަންދެން މި ފޮޓޯ އޮތީ މީހުންގެ ހަނދާނުން ފޮހެވިފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ޔަމާލް ވިދާލުމާއެކު، އޭނާގެ ބައްޕަ މުނީރު ނަސްރާއީ ވަނީ "ދެ ލެޖެންޑުންގެ ފެށުން" މި ކެޕްޝަނާއެކު އިންސްޓަގްރާމްގައި މި ފޮޓޯ އާންމުކޮށްފައެވެ. ފޮޓޯގްރާފަރު މޮންފޯޓަށް ވެސް، މީގެ 19 އަހަރު ކުރިން އޭނާ ނެގި ފޮޓޯގައި އިން ތުއްތު ކުއްޖަކީ މިއަދުގެ ސުޕަސްޓާރު ޔަމާލްކަން އެނގުނީ ރައްޓެއްސަކު އެ ފޮޓޯ ފޮނުވުމުންނެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ މިލިއަނަކުން އެއްފަހަރު ނޫނީ ނުވާނެ ފަދަ ހައިރާންކުރުވަނިވި އިއްތިފާގެކެވެ.
މެސީއާއި ޔަމާލްގެ ފުޓްބޯޅައިގެ ހަޔާތުގައި އެއްގޮތް ގިނަ ކަންތައްތަކެއް ވެއެވެ. ދެ ކުޅުންތެރިންނަކީވެސް ވާތު ފައިން ކުޅޭ، ބާސެލޯނާގެ މަޝްހޫރު ލާ މަސިއާ އެކަޑަމީން ތަމްރީނުވެފައިވާ، އަދި ކަނާތް ފަރާތު އަރިމަތިން ކުޅޭ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ޔަމާލް މިހާރު ތައްޔާރުވަމުން ދަނީ ބާސެލޯނާގައި މެސީ ވިދާލި ތާރީޚީ 10 ނަންބަރު ޖާޒީ ލައިގެން ކުޅުމަށެވެ.
އެ ދުވަހު ކޭމްޕް ނޯގެ ޗޭންޖިން ރޫމްގައި ބައްދަލުވި ޒުވާން ކުޅުންތެރިޔާއާއި ތުއްތު ކުއްޖާ މިއަދު މިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުސް ހަރުފަތަށް ވާސިލްވެފައެވެ. ވޯލްޑް ކަޕް ފައިނަލްގެ ވިނަގަނޑުމައްޗަށް މެސީ އޭނާގެ ކެރިއަރުގެ ފަހު ތަށި ހޯދުމަށް ނުކުންނައިރު، ޔަމާލް ނުކުންނާނީ އޭނާގެ ޒުވާން ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ ހޯދުމަށެވެ. މިއީ ހަމަގައިމުވެސް ތަގުދީރު ނޫން އެހެން ފަރާތަކަށް ރޭވޭނެ ފަދަ ކުޅިވަރެއް ނޫނެވެ.
Ads by MACL
