ވޯލްޑް ކަޕް 2026ގެ ފައިނަލްގައި ޣައްޒާގެ ރައްޔިތުންގެ ސަޕޯޓް ސީދާ ސްޕެއިނަށް
ވޯލްޑް ކަޕް 2026 ގެ ފައިނަލްގައި ޣައްޒާގެ ރައްޔިތުންގެ ސަޕޯޓް ސީދާ ސްޕެއިނަށް އަމާޒުކޮށްފިއެވެ.
ޣައްޒާގެ ރައްޔިތުންގެ ސަޕޯޓް ސްޕެއިނަށް އަމާޒުވެފައިވަނީ، އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސްޕެއިން ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި ފަލަސްޠީނުގެ ހައްގުގައި އެގައުމުން ވަކާލާތު ކުރަމުންދާތީއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗުގެ ވަގުތު ކައިރިވަމުންދާއިރު، ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އޮތް ޣައްޒާގެ ގިނަ ބަޔަކު ދަނީ ފާޅުގައި ސްޕެއިންއަށް ތާއީދުކުރަމުންނެވެ.
ޣައްޒާގައި ދިރިއުޅޭ އުމުރުން 33 އަހަރުގެ އަހުމަދު އަލް-ބޮޒްމް ބުނި ގޮތުގައި އޭނާ ފުރިހަމައަށް ސްޕެއިންއަށް ތާއީދުކުރަނީ އެގައުމަކީ އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތެދުވެ އޮތް ގައުމަކަށް ވާތީއެވެ. މީގެ އިތުރުން ސްޕެއިނުގެ ކުޅިވަރު ޝަޚްސިއްޔަތުތަކުން ފަލަސްޠީނަށް ދެމުންދާ ތާއީދަކީ ވެސް ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައި ސްޕެއިންއަށް އޮތް ލޯބި އިތުރުވި ސަބަބެކެވެ. އެގޮތުން ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، ލަ ލީގާގެ ޗެމްޕިއަންކަން ފާހަގަކުރުމަށް ބޭއްވި ޕެރޭޑުގައި ފަލަސްޠީނުގެ ދިދަ ނެގުމާއި، މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ މަޝްހޫރު ފަރާތްތަކުން ޣައްޒާއަށް ތާއީދު ފާޅުކުރުން ހިމެނެއެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް މި މުބާރާތުގެ މެޗުތައް ބެލުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް އަދި ސްޓޭޑިއަމް މެނޭޖަރެއް ކަމަށްވާ އަދުނާން އަލް-އަފީފީ ފާހަގަކުރި ގޮތުގައި، ކަރަންޓު ލިބެނީ ވަރަށް މަދު ވަގުތުކޮށްލަކަށް ކަމުން މެޗުތައް ބެލެނީ ވަރަށް އުނދަގުލުންނެވެ. އަދި ތެލުގެ ދަތިކަމާއި އަގު ބޮޑުވުމުގެ ސަބަބުން ކަރަންޓު އުފައްދާ ޖެނެރޭޓަރުތައް ވެސް ގިނަ ވަގުތު ހުންނަނީ ނިވާލަން ޖެހިފައެވެ.
މިފަދަ ދަތި ހާލަތެއްގައި ވެސް ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށްޓަކައި އަފީފީ އިސްނަގައިގެން ޣައްޒާ ސިޓީގައި ހުންނަ ޕަލަސްތީން ސްޕޯޓްސް ކްލަބުގައި ވޯލްޑް ކަޕާ ގުޅުވައިގެން ޚާއްޞަ އެގްޒިބިޝަން މެޗުތަކެއް ވަނީ ބާއްވަން ފަށާފައެވެ. މިއީ މިހާރު ޣައްޒާގައި ހަލާކުނުވެ ހުރި އަދި ކުޅުންތެރިންނަށް ފަސޭހައިން ދެވޭ ހަމައެކަނި ކްލަބެވެ. އެގޮތުން މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފަލަސްޠީނާއި ސްޕެއިން ތަމްސީލުކުރާ ޓީމުތަކުގެ މެދުގައި ވަނީ ސިމިއުލޭޝަން ދެ މެޗެއް ކުޅެފައެވެ. ރެފްރީންނާއި ރަމްޒީ ވީއޭއާރު ސިސްޓަމެއް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި މެޗުތަކަކީ ކުޅުންތެރިންނަށް ޕްރޮފެޝަނަލް މެޗެއްގެ އިހުސާސް ކޮށްދިނުމަށް ކުރި މަސައްކަތެއް ކަމަށް އަފީފީ ބުންޏެވެ.
ސްޕެއިން ސަރުކާރުން 2024 ވަނަ އަހަރުގެ މެއި މަހު ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަކީ ޣައްޒާގެ ރައްޔިތުން އެގައުމަށް ޝުކުރުވެރިވާ މުހިންމު ކަމެކެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވަނީ އެ ނިންމުމަކީ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރުމަށާއި ޣައްޒާގެ އިންސާނީ ކާރިސާ ނިމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސްޕެއިންއަކީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ބާރަށް ގޮވާލަމުންދާ ގައުމެކެވެ.
ޣައްޒާގެ ނުކުޅެދުންތެރިކަން ހުންނަ ކުޅުންތެރިންގެ ފުޓްބޯޅަ ޓީމު ކަމަށްވާ (ޣައްޒާ ޑިޓަރމިނޭޝަން) ގެ ހެޑް ކޯޗު ހާތަމް އަލް-މަޣްރިބީ ބުނީ ފަލަސްޠީނުގެ ހުރިހާ ރައްޔިތުންގެ ވެސް އެދުމަކީ ސްޕެއިން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށެވެ. އޭނާ އަސަރާއެކު ފާހަގަކުރި ގޮތުގައި އެ ޓީމުގެ ކުޅުންތެރިންގެ އަތާއި ފައި ހަނގުރާމައިގައި ގެއްލިފައިވީ ނަމަވެސް، ފަލަސްޠީނުގެ ހައްގުގައި ތެދުވާ ފަރާތްތަކަށް ޝުކުރާއި ލޯތްބާއި ތަޢުރީފުގެ ބަސްތައް ރައްދުކުރުމުގައި އެމީހުން ފަހަތަކަށް ނުޖެހޭނެއެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ފުޓްބޯޅައިގެ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަފީފީ ބުނި ގޮތުގައި ޣައްޒާގައި ހުރި ހުރިހާ ބޮޑެތި ސްޓޭޑިއަމްތަކެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ބައެއް ތަންތަން ބޮންއަޅައި ސުންނާފަތިކޮށްލާފައިވާއިރު، އަނެއް ބައި ސްޓޭޑިއަމްތައް ބޭނުންކުރަމުންދަނީ ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ބޯހިޔާވަހިކަމެއްގެ ގޮތުގައެވެ. މިހާރު ޣައްޒާގައި ފުޓްބޯޅަ ކުޅެވެނީ ހަމައެކަނި ފަސް މީހުން ކުޅޭ ކުދި ދަނޑުތަކުގައެވެ.
މިފަދަ ހިތްދަތި ކާރިސާއެއްގެ ތެރޭގައި ވެސް ފުޓްބޯޅައަކީ ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. މެޗެއް ކުޅޭ ނުވަތަ ބަލާ 90 މިނެޓަކީ ހަނގުރާމައިގެ ބިރުވެރި ހަގީގަތުން ދުރުވެ، ހިތްހަމަޖެހުމާއި އުންމީދެއް ލިއްބައިދޭ ވަގުތުކޮޅެކެވެ.
ޣައްޒާގެ ރައްޔިތުން ސްޕެއިންއަށް ބޮޑު ތާއީދެއް ކުރި ނަމަވެސް، އިދިކޮޅު އާޖެންޓީނާ ޓީމާ މެދު އެއްވެސް ނަފުރަތެއް ނެތް ކަމަށް އަފީފީ ބުންޏެވެ. އާޖެންޓީނާގެ ރައީސް ހަވިއޭ މިލޭ އިޒްރޭލަށް ފާޅުގައި ތާއީދުކުރެއްވި ނަމަވެސް، ފުޓްބޯޅައިގެ ގޮތުން އާޖެންޓީނާއަކީ ބޮޑު މަދަރުސާއެއް ކަމަށާއި އެ ޓީމަށް އިޙްތިރާމްކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ސްޕެއިންއަށް ސަޕޯޓްކުރުމަކީ އާޖެންޓީނާގެ ދުޝްމަނުންނަށް ވުން ނޫން ކަމަށް ވެސް ބުންޏެވެ.
ފައިނަލް މެޗުގެ ނަތީޖާއާ މެދު ވާހަކަދައްކަމުން އަހުމަދު އަލ-ބޮޒްމް ލަފާކުރީ ސްޕެއިން 3-1 ގެ ނަތީޖާއަކުން މޮޅުވާނެ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފުރިހަމަ ވަގުތު ހަމަވާއިރު 1-1 އިން އެއްވަރުވެފައި އޮތް ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންއިން ދެ ލަނޑު ޖަހާނެއެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ ލަމީން ޔަމާލް ވޯލްޑް ކަޕް ތަށި އުފުލާލުމަށްފަހު، އަނެއްކާވެސް ފަލަސްޠީނުގެ ދިދަ ދަނޑުމަތީގައި ނަގައި ދުނިޔެއަށް ދައްކާލުމެވެ.
Ads by MACL
