ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (19 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (19 ވަނަ ބައި)

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓް ޖެއްސުމާއެކު އާޝޯޚުވެފައި އެކި ދިމަދިމާއަށް ޒިވްރާއަށް ބެލެމުންދިޔައެވެ. އޭރާ މިހާރުގެ އެކި ތަފާތުތައް އޭނާއަށް ފާހަގަކުރެވެމުންދިޔައިރު، ކޮންމެވެސް ވަރަކަށް ކަރުނުން ދެލޯ ފުސްވާގޮތް ވިއެވެ.

އެތައް އަހަރަކަށްފަހު އުފަން ބިމަށް އާދެވުމުން ކުރެވެމުންދިޔައީ ބަޔާންކުރަންވެސް ދަތި އިހުސާސުތަކެކެވެ. އެ މައުސޫމު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ދަތުރުވެރިން ފްލައިޓުން ފައިބާންފެށުމާއެކު، ލިޔާރާ އާއި ޔުމްނާއާ އެކުގައި ޒިވްރާ ވެސް އޭގެން ފައިބާން ތައްޔާރުވެލިއެވެ.

 

"ޒިވީ ހުންނަ އެޕާރޓްމަންޓަށް ޒިވީ ގެންގޮސްދީފަ ގެއަށް ދަމާ" ޔުމްނާއަށް ބަލައިލަމުން ލިޔާރާ ބުނެލިއެވެ. އެގޮތާ އޭނާ ވެސް ރުހުނެވެ. އެހާ ދުވަސްފަހުން ޒިވްރާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމުން އޭނާ އެކަނި ގެއަށް ފޮނުވާލަން ލިޔާރާގެ ހިތް އެއްބަސްނުވީއެވެ. އޭނާ ވާނީ ޒިވްރާއަށް ރަނގަޅަށް ބަލާނަންކަމަށް ޝާހީނާއަށް ވަޢުދު ވެފައެވެ. ވީއިރު އޭނާ އަށްވީ އެންމެ ފުރިހަމައަށް އެ ވަޢުދު ފުއްދަން ލިޔާރާ ބޭނުންވެއެވެ.

 

ކާރުގައި ދަތުރުކުރަމުން ދިޔައިރު ޒިވްރާގެ ނަޒަރު ވަށައިގެން އެކި ދިމާއަށް ހުއްޓެމުންދިޔައެވެ. މާލެއަށް އައިސްފައިވާ ތަރައްޤީ ހަމަލޮލަށް ފެނުމުން އޭނާ ހުރީ ހަގީގަތުގައިވެސް ޤަބޫލުކުރަން އުނދަގޫވެފައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައިވީއިރު، ދަތުރުގައި ހޭދަކުރެވުނު ހުރިހާ ވަގުތެއްހެން އޭނާ އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެނެވެ. ޒިވްރާ ކުއްޔަށް ހިފައިފައިހުރި އެޕާރޓްމަންޓް ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ލިޔާރާއަށް ހިނިތުންވެލަމުން ޝުކުރުއަދާކޮށްލުމަށްފަހު، ދަނީކަމަށް ބުނަމުން ޒިވްރާ ކާރުން ފޭބިއެވެ. އަދި ކާރުގެ ޑިކީއިން އޭނާގެ ލަގެޖްތައް ނަގަމުން ކުރިމަތިން ފެންނަން ހުރި އިމާރާތަށް ވަނުމަށް މިސްރާބުޖެހިއެވެ. އެއާއެކު ލިޔާރާގެ އިޝާރާތަށް ޑްރައިވަރު ކާރު ދުއްވާލިއެވެ.

 

އޯޝަން ކްރެސްޓް ގޭގެ ބިޔަ ދޮރު ހުޅުވައިލުމަށްފަހު ގޭތެރަށް ރަނގަޅަށް ނުވަދެވެނީސް އަޒާންގެ ނަމުން ގޮވައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި ރައްޔާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނެވެ. ފުރޮޅުލީގޮނޑީގައި އިން އަޒާންގެ ދެލޮލަށް ބަލައިލަމުން އޭނާއާ އެއްހަމައަކަށް ރައްޔާން ތިރިވެލިއެވެ. ކޮއްކޮގެ ހާލު ހަމަލޮލަށްފެނި، އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އަޒާން އަށްޓަކައި ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ. އަޒާންގެ ހާލަތު އޭނާއަށް އޮޅުންފިލައިފައިވިއަސް، ހަމަލޮލަށް ފެނުމުން އެހިތަށް ކުރި އަސަރު ފުންވިއެވެ. ކޮއްކޮ އެންމެ ބޭނުންވި ވަގުތު ގާތުގައި ނުހުރެވުމުން ރައްޔާންއަށް ތަކުރާރުކޮށް އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. އަޒާންއަށް ދިމާވި ހާދިސާ އެނގުމާއެކު ވަގުތުން ފުރައިގެން އާއިލާގެ ގާތަށް ދިއުމަށް އޭނާ ބޭނުންވިއެވެ. އެހެނަސް ހިލްމީގެ ބަހަށް ކިޔަމަންވަމުން މާލޭގައި ވިޔަފާރީގެ ކަންތައް ބަލަހައްޓަން މަޑުކުރަން އޭނާ އަށް މަޖުބޫރުވީއެވެ.

 

ތުރުތުރުލަމުންދިޔަ އަތުން އަޒާންގެ އަތުގައި ހިފައި ރައްޔާން ބާރުކޮށްލިއެވެ. އަދި ތަކުރާރުކޮށް އޭނާ މަޢާފަށްއެދެން ފެށިއެވެ. އެއާއެކު އަޒާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައީ ރައްޔާން އޭނާ ދެކެ ލޯބިވާ މިންވަރު އިހުސާސުކުރެވުމުންނެވެ. "ދޮންބޭ، އިޓްސް އޯކޭ. އެހެން ނޫނަސް ދޮންބެ މަޢާފަށް އެދެންޖެހޭވަރު ކަމެއް ނުވެސް ވެއެއްނު. އަހަރެން އޯކޭއޭ. ދިރިއުޅުން ކޮންމެފަދަ އިމްތިހާނެއް ކުރިމަތި ކުރުވިއަސް އަހަރެން މިހުރީ އުފަލުންނޭ. އަހަރެންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްވަނީ. ވީއިރު އަހަރެން ޝަކުވާކޮށް ދެރަވާންވީ ކޮންކަމަކާ.އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އާއިލާ އެއްވެސް މީހަކު ވިސްނާ ކަންބޮޑުވާކަށް. އައި އެމް ރިއަލީ ފައިން." ރައްޔާންގެ އަތްތިލައަށް ފިތައިލަމުން ހިނިތުންވެފައި އިނދެ އަޒާން ބުނެލީ އޭނާއަށް ޔަޤީންކަންދޭ ފަދައަކުންނެވެ. އެއަޑު އިވިފައި ރައްޔާން ނިކަން އަވަހަށް ބޯޖަހައިލިއެވެ. އަދި ލޮލުން ފައިބާން ތައްޔާރުވެފައިހުރި ކަރުނަތައް ގަދަކަމުންކަހަލަ ގޮތަކަށް ހިންދައިލިއެވެ. "ޒާންއަށް އެނގޭތަ، ޒާން ވަރަށް ހިތްވަރުގަދަ މާޝާ ﷲ. ދޮންބެ އަބަދުވެސް ދުޢާ ކުރާނަން ޒާން ހިތްއެދޭ ކޮންމެ އުފަލެއް ޒާން އަށް މިންވަރުކޮށްދިނުން އެދި." އަޒާންގެ ކޮނޑުގައި އަތުން ކުޑަކޮށް ޖަހައިލަމުން ރައްޔާން ބުނެލިއެވެ. އަދި އިންތަނުން ތެދުވަމުން ލިޔާރާ އާއި ހިލްމީގެ ގައިގައި ކުޑަކޮށް ބައްދާލަމުން އޭނާއަށް ނުވެސް އެނގި އެނބުރި އައީތީ އެތައް ޝަކުވާއެއް ކުރިއެވެ. ހިމޭންވެފައިއޮތް ގޭތެރޭގައި ކުއްލިއަކަށް އަޑުގަދަވެ ހަލަބޮލިވެގެން ދިޔައެވެ. އަޒާން އާއި ރައްޔާންގެ ސަކަ ވާހަކަތަކުން ހިނދުކޮޅެއްކުރިން މާޙައުލަށް ވެރިވެފައިއޮތް ސީރިއަސްކަން ނެތިގޮސް، އެންމެންގެ ހުނުމުގެ އަޑުން ބޮޑުކޮޓަރީތެރެ ގުގުމާލިއެވެ. ދެބެންގެ ހިނިތުންވެފައިވާ މޫނަށް ބަލަން ހުރި ލިޔާރާއަށް މޭގައި އަތްޖައްސާލަމުން ހިލްމީގެ ގައިގައި ލެގިލެވުނެވެ. އޭނާގެ ދެކުދިންނަކީ އޭނާގެ މުޅި ދުނިޔެއެވެ. އެކުދިން އުފަލުގައި ތިބިހައި ހިނދެއްގައި އޭނާ ވެސް ހުންނާނީ އުފަލުންނެވެ.

 

*****

 

ރާއްޖެ އައިތާ 10 ދުވަސްތެރޭގައި އަޒާން އާއި އިޝްޔާގެ ކައިވެނި ކުރާގޮތަށް ހަމަޖެހުނެވެ. އަޒާންގެ ފަރުވާ އިތުރަށް ލަސްކުރެވެން ނެތުމުން ދެ އާއިލާއިން މަޝްވަރާކުރުމަށްފަހު ކައިވެނި އަވަހަށް ކުރުމަށް ނިންމީއެވެ. އަދި އެއަށްފަހުވީހައިވެސް އަވަހަކަށް އަޒާން ގޮވައިގެން ލަންޑަނަށް ފުރުމަށް ހިލްމީ ބޭނުންވިއެވެ. މިފަހަރު ދަތުރުގައި އަޒާން އާއި އިޝްޔާގެ އިތުރުން ލިޔާރާ އާއި ހިލްމީ ދާގޮތަށް ހަމަޖެހުނުއިރު، ސުފްޔާން އާއި ޔުމްނާ ރާއްޖޭގައި މަޑުކުރުމަށް ނިންމީ، ސުފްޔާންގެ ވަޒީފާގެ ގޮތުން އިތުރަށް ދިގު މުއްދަތަކަށް ޗުއްޓީ ނެގެން ނެތުމުންނެވެ.

 

ކައިވެނީގެ ތައްޔާރީތައް ފޯރީގައި ކުރިއަށް ދިޔައިރު، ކޮންމެ ކަމެއްވެސް އެންމެ ގާތުން ބަލައި ގޮތްނިންމަމުން އަޒާން ދިޔައެވެ. އޭނާ ބޭނުންވީ އިޝްޔާ އަބަދުވެސް އެންމެ އެދޭފަދަ ފުރިހަމަ ކައިވެނީގެ ޕާޓީއަކަށް އެދެމީހުންގެ ޕާޓީ ހެދުމަށެވެ. އިޝްޔާއަށް އެންމެ ކަމުދާ ކުލަތަކުން ކައިވެނި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލުތެރެ ޒީނަތްތެރިކުރުމަށް އަޒާން އިސްކަމެއް ދިނެވެ. އަދި ކުޑައިރުންސުރެވެސް އިޝްޔާ ދެކެމުންއައި ގޮތަށް އެ ހޯލުގެ ކޮންމެ ތަނެއް ފަރުމާކުރުމަށް އޭނާ އިރުޝާދުދެމުން ދިޔައެވެ. އެ ހުރިހާކަމެއްގައި އޭނާއާ އެންމެ ގާތުގައި އެހީތެރިވާން ޒިވްރާ ހުރީތީ އަޒާންއަށް ލިބިފައިވީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. އޭނާގެ އިތުރުން އިޝްޔާއަށްކަމުދާ ކަންކަން އެންމެ ރަނގަޅަށް ދެން އެނގޭނީ ޒިވްރާއަށް ވީތީއެވެ. ދޭތެރަކުން އިޝްޔާވެސް އައިސް އެމީހުނާ ބައިވެރިވެ އިތުރަށް ފުރިހަމަކޮށްލަންވީ ކަންކަން އަޒާންއަށް ބުނެދެމުން ދިޔައެވެ. އެ ހަފުލާއަށްޓަކައި އަޒާން ކުރަމުންދިޔަ ބޮޑު ޚަރަދުފެނި ބައެއް ފަހަރު ޒިވްރާ ވެސް ބަސްހުއްޓޭގޮތް ވެއެވެ. އެހެނަސް އިޝްޔާ އަށްޓަކައި އަޒާން ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެކަން އޭނާ ދަނެއެވެ. އިޝްޔާގެ ނަސީބާމެދުގައި ޒިވްރާ ހިތާހިތުން އުފާކުރިއެވެ. ތިމާދެކެ އިންތިހާއަށް ލޯބިވާނެ ބައިވެރިއަކު ލިބުމަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެކެވެ. ނަމަވެސް މި ދުނިޔޭގައި މަދު މީހަކަށްނޫނީ އެފަދަ މަތިވެރި ނަސީބެއް ނުލިބެއެވެ. އިޝްޔާ އަކީ އެފަދަ ނަސީބުވެރީން ތެރެއިން އެކަކޭ އޭނާގެ ހިތަށް އެރީ އެހެންވެއެވެ.

 

ކައިވެނި ކުރަން ދެ ދުވަހަށްވީއިރު، އިޝްޔާގެ ހެދުން ކިރިޔާ ނިމޭވަރުވީއެވެ. އިޝްޔާ އެންމެ ބޭނުންވާނެފަދައިން އެ ހެދުން ފަރުމާކޮށްފައިވާއިރު، ކައިވެނިހެދުމުގެ ހުރިހާ ޚަރަދެއްވެސް ކުރީ އަޒާން އަމިއްލައަށެވެ. ނަމަވެސް ކައިވެނި ހަފުލާގެ ކުރިން އެހެދުން އަޒާންއަށް ދައްކާކަށް ހިލާ އިޝްޔާ އެއްބަހެއް ނުވިއެވެ. އެހެންވެ އެ ހެދުން ބަލައި އޭނާ ދިޔައީ ޒިވްރާ ގޮވައިގެންނެވެ. އިޝްޔާގެ އެދުމަށް ވަގުތުން ޒިވްރާ އެއްބަސްވިއެވެ. އަޒާން އަށް އެހީވުމަށް ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް،އިޝްޔާއާ އެކުގައި ކައިވެނީގެ ހެދުން ބަލައި ފަހާތަނަށް އޭނާ ދިޔައެވެ. އެ ހެދުމުގައި އިޝްޔާ ފެނުމާއެކު ޒިވްރާ ވެސް ބަސްހުއްޓޭގޮތްވިއެވެ. ޔަގީނުންވެސް ކައިވެނިކުރެވޭ ރޭގައި އިޝްޔާ ފެނިފައި އަޒާން މޮޔަވާނެކަން ގައިމެވެ. އެތައް ތަޢުރީފެއް ޒިވްރާގެ ދުލުން އޮހެމުންދިޔައިރު، އިޝްޔާ ހުރީ އެކަމުން ނުހަނު ހިތްހަމަޖެހިފައެވެ. ބޭނުންވިފަދައިން ހެދުން ވެސް އެހައި ފުރިހަމަވީތީ އިޝްޔާ އަށް އަމިއްލަ ނަފުސާމެދު ފަޚުރުވެރިވެވުނެވެ. އޭނާގެ ހޮވުން އަބަދުވެސް ފުރިހަމަވާނޭ އޭނާއަށް ބުނެލެވުނީ ބޭއިޚުތިޔާރުގައެވެ.

 

ފަހާތަނުން ހެދުން ހިފައިގެން ނުކުތްއިރު ކޮންމެވެސް ވަރަކަށް ބަނޑުހައިވެފައިވާތީ އިޝްޔާ އެދުނީ އެހިސާބު ކައިރީގައި ހުރި ތަނަކުން އެއްޗެއް ކާލައިގެން ގެއަށް ދިއުމަށެވެ. ޒިވްރާ ނިކަން އަވަހަށް އެކަމަށް އެއްބަސްވިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވެފައި އޭނާ ވެސް ހުރީ ކަރުހިއްކައި ގަނެފައިކަމުން އެ ޚިޔާލު ޒިވްރާއަށް ވެސް ކަމުދިޔައީއެވެ. ހެނދުނު ބަނޑަށްލީ އެއްޗަކާއެކު ހުރުމުން، ބަނޑުހައިކަން އިންތިހާއަށް އިހުސާސުކުރެވެމުން ދިޔައެވެ. ރެސްޓޯރަންޓަށް ވަންނަމުން ޒިވްރާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އެއްފަރާތުގައި ހުރި ފާޚާނާ ބަރިއަށް ބަލައިލަމުން އިޝްޔާ ގާތުގައި އޭނާ ފާޚާނާއަށް ވަދެލައިފައި އެބަ އަންނަންކަމަށް ބުނަމުން އެދިމާއަށް ހިނގައިގަތެވެ. އިޝްޔާ ވަށައިގެން ހޯދައިލަމުން ހިތްހަމަޖެހޭ ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައި އިނށީނެވެ. އަދި ކޮނޑުގައި އަޅުވާލައިގެން ހުރި އަތްދަބަސް ނަގައި މޭޒުމަތީގައި ބަހައްޓައިލަމުން އޭގެތެރެއިން ފޯނު ނެގުމަށްފަހު އޭގެއާ ކުޅެންފެށީ ޒިވްރާ އައުމުން ކާއެއްޗެއްސަށް އޯޑަރު ދިނުމަށް ނިންމަމުންނެވެ.

 

"ހާއި. އިޝީ.. އިޝްޔާ ދޯ" ކުއްލިއަކަށް ކުރިމަތިން އިވުނު ޒުވާން ފިރިހެންވަންތަ އަޑުން ސިހިފައި އިޝްޔާއަށް ފޯނުގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ކުރިމައްޗަށް ބަލައިލެވުނެވެ. އޭރު ކުރިމަތީގައި ހުރި ގޮނޑީގައި ހިފަހައްޓާލައިގެން ހިނިއައިސްފައި ހުރި ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވީ ސީދާ އިޝްޔާގެ މޫނަށެވެ. "އައިމަން" ކުޑަކޮށް ނިތަށް ރޫއަރުވައިލަމުން އިޝްޔާ ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން އިޝްޔާ ބަލަން ހުރިތަންފެނި އައިމަންގެ ހިނިތުންވުން ފުޅާވެލިއެވެ. އަދި ހުއްދަ ހޯދުމެއްވެސްނެތި ގޮނޑި ދަމައިލަމުން އޭނާ އިޝްޔާއާ ކުރިމަތިވާނެހެން އިނށީދެ ހަމަޖެހިލިއެވެ.

 

"ހަނދާން އެބަ ހުރި ދޯ. އަހަރެން ހީކުރީ ނޭނގޭނެކަމަށް." ގޮނޑީގައި ލެގިލަމުން ފިރިހެންވަންތަ ގޮތަކަށް އެއްފައި އަނެއްފައި މައްޗަށް އަރުވާލަމުން އައިމަން ބުނެލީ ލާނެތް ރާގަކަށެވެ.

 

"ކީއްކުރަން މިތާ ތި އިނށީނީ؟ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ." ހަށިގަނޑު ސީދާކޮށްލަމުން އިޝްޔާ ވަށައިގެން ނަޒަރު ހިންގާލީ ކަންބޮޑުވެފައި އިނދެއެވެ. "އެ ކީއްވެ؟ ހާދަބިރުން ތި އުޅެނީ. ރިލެކްސް" އެއްފަރާތަކަށް ހިނިތުންވެލަމުން އައިމަން ބުނެލީ ހަމަޖެހިލާފައި އިނދެއެވެ.

 

"ތިހެންބުނާއިރުވެސް އައިމަން އަށް ސަބަބު ވަރަށް ރަނގަޅަށް އެނގޭނެ. ތީ ޒާން މެންގެ ކޮމްޕެނީއާ އެންމެ ވާދަކުރާ މީހުން. އައިމަންއާ އެކުގަ އަހަރެން ފެނުނީމަ މީހުން ނުބައި މާނައެއް ނަގާފާނެ. އަހަރެން އެހެންވާކަށް ބޭނުމެއްނޫން" ދަތްކުނޑި ވިކައިލަމުން އިޝްޔާ ބުނެލިއެވެ.

 

"އޯހް.. ހެހެ އެހެންތަ؟ އަޒާންއާ މެރީކުރަން އުޅޭތީ ކަންބޮޑުވީ ދޯ. ކޮބާ މައްސަލައަކީ؟ އަހަރެމެން އެންމެންނަކީ ވެސް ފްރެންޑްސް އެއްނު. ނޫނީ ހަނދާން ނެތުނީތަ އެއް ކްލާހެއްގަ ކިޔަވަން އުޅުނު ހަނދާން."

 

"ހަނދާން އެބަހުރި. އޭރުވެސް ޒާންއާ އެންމެ ޖައްސާލައިގެން، އޭނާގެ ކުރިއެރުންތަކާމެދު އެންމެ ހަސަދަވެރިވެގެން އުޅުނު އެކަކު ތީ. ޒާންގެ ދުޝްމަނެއް އަހަރެންގެ ރަށްޓެއްސަކަށް ނުވާނެ" ދެބުމަ ގޮށްޖަހައިލަމުން އިޝްޔާ ބުނެލީ ހަރުކަށި ގޮތަކަށެވެ.

 

"އޯކޭ އޯކޭ. އަދި ތިހާ ރުޅި އަންނާކަށް ނުވެއެއްނު. އަހަރެން މިތަނުން ގޮސްދާނަމޭ. އެކަމަކު އިޝްޔާ ފެނުނީމަ ހަމަ ގޮވާލަން އައީ. ހާލު ބަލާލަން ވާނެތާދޯ. އަދި އަމުދުން އިންނަން އުޅޭ ސޮރަށް އެފަދަ ދެރަ ކަމެއްދިމާވީމަ. ޕުއަރ އަޒާން" ދެފަރާތަށް ބޯހޫރުވާލައި ދެރަވާކަމުގެ އެކްޓެއް ކޮށްލަމުން އައިމަން ބުނެލިއެވެ. "އަސްލުވެސް އަހަރެން ވަރަށް ދެރަވިއޭ އަޒާން އަށް ދިމާވިގޮތުން. ކީއްކުރާނީ. އެފަކީރު ދެން އުމުރު ދުވަހު އިންނަންޖެހޭނީ އެ ފުރޮޅުލާގޮނޑީގަ ދޯ. އެކަމަކު ބުނަންތަ؟ އަހަރެން އެންމެ ދެރަވީ އިޝްޔާއާ މެދުގަ ވިސްނާލާފަ. ތިކަހަލަ ރީތި ކުއްޖަކު މުޅި އުމުރު ދުވަސް ނުކުޅެދޭ މީހަކާއެކު އުޅޭނީ ކިހިނެއްބާއޭ އަހަރެން ހިތަށް އަރާ. އަޒާން ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ. އެ ހާލުގަ އިނދެވެސް އޭނާ ބޭނުންވަނީ އިޝްޔާއާ ކައިވެނިކުރަންތަ؟ އަނތްބަކު ގޮވައިގެން އުޅޭނެ ފެންވަރު ނެތަސް އޭނާގެ ފަރުވާލެއް ނެތް ދޯ. ޕިސް ޕިސް.. އިޝީއަކަށް ޑިޒަރވްއެއް ނުވޭ އެކަހަލަ މީހެއް" މޫނަށް ނުބައި ވައްތަރެއް ޖައްސާލަމުން މަލާމާތުގެ ރާގަކަށް އައިމަން ބުނެލިއެވެ. އެ ވާހަކަތައް އިވިފައި އިޝްޔާއަށް ދަތްކުނޑިވިކައިލެވުނެވެ.

 

"ތި ބޭކާރު ވާހަކަތައް ނުދައްކާ މިތަނުން ދާންއުޅޭ. ތި ވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުޤެއް އަހަރެންގެ ނެތް. ޒާން ކޮންމެ ގޮތަކަށް ހުއްޓަސް އަހަންނަށް އޭނަ ކަމުދޭ. އަހަރެން ލޯބިވޭ"

 

"ހަހަހަ. ރިއަލީ. ތީ ހަމަ އިޝްޔާތަ؟ ހުރިހާ ކަމެއް އަބަދުވެސް ޕާރފެކްޓް ކޮށް ކުރަން ބޭނުންވި ކުއްޖާތަ؟ ހީވޭތަ އަޒާންއާ ކައިވެނިކޮށްގެން އިޝްޔާ ތި ބޭނުންވާފަދަ ފުރިހަމަ ލޯތްބަކާއި ދިރިއުޅުމެއް ލިބިދާނެހެން. އަޒާންއަށް އިޝްޔާ އަށްޓަކާ ކޮށްދެވޭނީ ކޮންކަމެއް؟ އެއްކަމެއް ވެސް ނުކުރެވޭނެ. އަމިއްލަ ޒިންމާތައްވެސް އަމިއްލައަށް ނެގޭނަމަތާ އޭނައަށް އަދި އިތުރު މީހެއްގެ ޒިންމާއެއް ނެގޭނީ. އަޒާންއާ ކައިވެނިކޮށްގެން އިޝްޔާގެ ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވުން ނޫން ކަމެއް ނުވާނެ. އޭރުވެސް އިޝްޔާ އަޒާންއާ ގުޅުނީ އޭނާފަދަ ދެވަނަ ފިރިހެނަކު މި ދުނިޔެއިން އިޝްޔާއަށް ނުލިބިދާނެހެން ހީވުމުން. އަޒާން އަކީ ހުރިހާ އަންހެންކުދިން ވެސް ބޭނުންވާކަހަލަ ޕާރފެކްޓް ޒުވާނަކަށްވީމަ. އިޝްޔާ ބޭނުންވީ އެ ފުރިހަމަކަމަކީ އިޝްޔާގެ މިލްކަކަށް ވާން. ނޫންތަ؟ އެހެން އަންހެންކުދިންގެ ދުލުން އަޒާންއަށް އޮހޭ ތަޢުރީފުތައް އިވި، އަޒާން އަކީ އިޝްޔާގެ މީހަކަށް ހަދަން ބޭނުންވީ. ހެހެ އަޒާންއާ ރަށްޓެހިވެވުނީމަ އެކަން މުޅި ދުނިޔެއަށް އަންގާ އިއުލާނުކުރީ އެހެންވެއެއްނު. އެހެން ކުދިން ކުރިމަތީގަ ކެނޑި ފޮނިވެސް އަހަރެންގެ ދެކަންފަތުން އެހީމޭ. އެކަމަކު ބުނަންތަ؟ މިހާރު އެއީ އެ ޕާރފެކްޓް މީހާއެއް ނޫން. އިޝްޔާ އެއްބަސްވާން ބޭނުން ނުވިއަސް ހަގީގަތަކީ މީ. އޮހް ހޯ.. އޭރު އެކުގަ އުޅުނު ކުދިން ހާދަ މަލާމާތެއް ކުރާނޭ ދޯ. ފިރިމީހާއޭ ކިޔާފަ ބޮޑު ނުކުޅެދޭ މީހަކު އިޝްޔާ ތަޢާރަފުކޮށްދިނީމަ. ބައި ދި ވޭ، އެންމެނަށް ޕާޓީއަށް ކީންތަ؟"

 

"ޝަޓްއަޕް އައިމަން. އައިމަން ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ހިތް އަހަންނަށް އެނގޭ. އަހަރެން ޒާން ދެކެ ވަނީ ތެދުވެރި ލޯތްބެއް. ތިހެންބުނާ އެއްޗަކުން އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ. އެހެންވީމަ ތި ކޫސަނި ވާހަކަތައް ނުދައްކާ މިތަނުން ދާންއުޅޭ" ހަށަން ބަނދެލަމުން ލޯ އަޅައިލުމަށްފަހު އިޝްޔާ ބުނެލީ ހަރުކަށި ގޮތަކަށެވެ. އެހެނަސް އެ ބަސްތަކުން އައިމަންގެ ތުންފަތުގައިވި ލާނެތް ހިނިތުންވުން އިހުނަށްވުރެ ފުންވެލީއެވެ.

 

"އޯހް ކަމްއޯން އިޝީ.. ޔޫ އަރ އިން ޑިނަޔަލް.. އިޝީ އަށް އެ އަޒާން އަށް ވުރެ މާ ފުރިހަމަ ރަނގަޅު މީހުން ވެސް ވާނެ. އަހަރެން ވެސް މިހުރީނު. މިހާރު ބުންޏަސް އަހަރެން ކައިވެނިކުރަން ވެސް ތައްޔާރު" ހަށިގަނޑު ކުޑަކޮށް ގުދުކޮށްލަމުން އިޝްޔާއާ އިތުރަށް ގާތްވެލުމަށްފަހު މަޑުމަޑުން އައިމަން ބުނެލިއެވެ. އެއާއެކު އިޝްޔާގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔައެވެ. އަޑުވީއްލައި އައިމަންއަށް ހީނގަނެވުނެވެ. ގޮތްދޫނުކުރާކަހަލަ ގޮތަކަށް އޭނާ އިޝްޔާގެ މޫނަށް ބަލައިލިއެވެ. އަދި ކޯތާފަތްމަތީގައި އަތް އުނގުޅާލަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު،އިޝްޔާގެ ރުޅި އައިސް ރަތްވެފައިވާ މޫނަށް ބަލަން އިނދެ އެއްލޯ މަރައިލީ ނުލަފާ ގޮތަކަށެވެ.

 

(ނުނިމޭ)