ވީއައިއޭ އިން ފުރަތަމަ ފަހަރަށް ކެމްބޯޑިއާގެ ކާގޯ ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާމިޔާބުކަމާއެކު ފޮނުވާލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ކެމްބޯޑިއާއިން ގެނައި ކާގޯ، ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓްގެ ގޮތުގައި ފްރާންސަށް ފޮނުވުމުގެ ހިދުމަތް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވައިގެ މަގުން ފްރާންސްގެ ލީލް ސިޓީއަށް ވަނީ ފޮނުވާލާފައެވެ.
މި ހިދުމަތަކީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ލޮޖިސްޓިކްސް ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން ރާއްޖޭގެ މި ހިދުމަތް ބޭނުންކުރަމުން އައީ މައިގަނޑު ގޮތެއްގައި ބަންގްލަދޭޝް، އިންޑިއާ، އަދި ސްރީލަންކާ ފަދަ ގައުމުތަކުންނެވެ. ނަމަވެސް ކެމްބޯޑިއާ ފަދަ އާ މާކެޓަކުން މުދާ ގެނެސް، ކާމިޔާބުކަމާއެކު ހޭންޑްލް ކުރެވުމަކީ ރާއްޖޭގެ ކާގޯ ހިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. މިކަމުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ އުފުލުމުގައި ރާއްޖޭގެ އެއާޕޯޓުން އަދާކުރަމުންދާ އިސްތިރާޖީ ދައުރެވެ.
ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓަކީ ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ހަމައެކަނި ވައިގެ މަގުން މުދާ އުފުލުމަށްވުރެ ހަރަދު ކުޑަވެފައި، ކަނޑުމަގުން އެކަނި މުދާ އުފުލުމަށްވުރެ އަވަސް މި ހިދުމަތަކީ، އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ އެކަށީގެންވާ ހައްލެވެ. މިފަދަ ހިދުމަތްތަކުގެ ސަބަބުން، ހިންދު ކަނޑުގެ ސަރަހައްދުގައި މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޝައުގުވެރިކަން ބައިނަލްއަގުވާމީ ބާޒާރުގައި ދަނީ އިތުރުވަމުންނެވެ.
Ads by BMLމި ކާމިޔާބީއާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާގެ އިތުރު ގައުމުތަކާ ގުޅިގެން މުދާ އުފުލުމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ފެސިލިޓީތައް އިތުރަށް ތަރައްގީކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގެ ވިއުގަ ބާރުގަދަ ކުރުމަކީ އެމްއޭސީއެލްގެ މައިގަނޑު އެއް އަމާޒެވެ.
Ads by MACL
