އެމެރިކާގެ ސުޕަރކެރިއާތައް ފައްތާނުލައިވެސް ހަނގުރާމައަކުން ބަލިކޮށްލެވިދާނެތަ؟
އެމެރިކާގެ 100،000 ޓަނުގެ ބޮޑެތި އެއާކްރާފްޓް ކެރިއާތައް ޗައިނާ ނުވަތަ އީރާނުން ފައްތާލެވިދާނެތޯ ކުރެވޭ ބަހުސަކީ ހަގީގަތުގައި އެންމެ ރަނގަޅު އިމްތިހާނެއް ނޫނެވެ. މަދު ހަފްތާކޮޅެއްގެ ތެރޭގައި ގޮތެއް ނިމިގެންދާ ފަދަ ނުރައްކާތެރި ހަނގުރާމައެއްގައި، އެފަދަ އުޅަނދެއްގެ މައިގަނޑު މަގުސަދު ނައްތާލުމަށްޓަކައި މަތިންދާބޯޓު އުދުއްސުމާއި ޖެއްސުމުގެ ގާބިލުކަން ކަނޑުވާލުން ފުދެއެވެ. އުޅަނދު ފެންމަތީގައި އޮތްކަމުގައި ވިޔަސް، ހަނގުރާމައިގެ މައިދާނުން އެ އުޅަނދުގެ ބޭނުން އެއްކޮށް ކެނޑިގެންދާނެއެވެ.
އެމެރިކާގެ ނޭވީން މިފަދަ ހާލަތްތަކަށް ކިޔަނީ "މިޝަން ކިލް" އެވެ. އުޅަނދުގެ ފްލައިޓް ޑެކަށް، މަތިންދާބޯޓު ފޮނުވާލާ ކެޓަޕަލްޓްތަކަށް، ބޯޓު މަޑުކުރަން ބޭނުންކުރާ އެރެސްޓިންގ ގިއަރަށް، އެލެވޭޓަރުތަކަށް ނުވަތަ ކަރަންޓާއި ތެޔޮ ފޯރުކޮށްދޭ ނިޒާމަށް ލިބޭ ގެއްލުމެއްގެ ސަބަބުން، ސަލާމަތުން އޮތް އުޅަނދެއްވެސް އެއްކޮށް ބޭނުންނުކުރެވޭ ވަރުވެދާނެއެވެ. މީގެ އިތުރުން، ބޮޑު ރޯވުމެއްގެ ސަބަބުން އުފެދޭ ހޫނުން ވަސީލަތްތައް ހަލާކުވެ، ދުމުގެ ސަބަބުން އެތެރޭގެ ބައިތައް ބަންދުކޮށް ފަޅުވެރިން އެތަންތަނުން ނުކުންނަން މަޖުބޫރުވެއެވެ.
ޗައިނާއިން މިއަމާޒު ހާސިލުކުރުމަށްޓަކައި ޑީއެފް-21ޑީ އަދި ޑީއެފް-26 ފަދަ އެންޓި-ޝިޕް ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް، ސަބްމެރިން، ބޮމާ ބޯޓު، ޑްރޯން އަދި އިލެކްޓްރޯނިކް ވާފޭގެ ވަސީލަތްތައް އެކުއެކީގައި ބޭނުންކޮށްފާނެއެވެ. އީރާނުގެ ވަސީލަތްތައް ތަފާތުވި ނަމަވެސް، ވިސްނުމަކީ އެއްގޮތެކެވެ. އެއީ ކެރިއާ ގްރޫޕުގެ ދިފާއީ ނިޒާމުތަކަށް ނުކެތޭ ވަރަށް ހަމަލާތައް ފޮނުވާލައިގެން، ބޯޓުތައް އުދުއްސުން ހުއްޓުވާލުމަށް ބޭނުންވާ ވަރަށް ގެއްލުން ދިނުމެވެ. އަމާޒަކީ އުޅަނދުގެ ބޭރުފުށް ހަލާކުކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، ފެންމަތީގައިވާ އެއާފީލްޑް ހަނގުރާމަވެރި ބާރަކަށް ހަދައިދޭ މެޝިނަރީތައް ނުކުޅެދޭ ހާލަތަކަށް ގެނައުމެވެ.
Ads by BMLމާޒީއަށް ބަލާއިރު، 1967 ވަނަ އަހަރު ޔޫއެސްއެސް ފޮރެސްޓާލްގައި ހިނގި ހާދިސާއަކުން، އަލިފާނުގެ ސަބަބުން ކެރިއާއެއްގެ ބޭނުން ކެނޑިގެންދާ އަވަސްމިން ހާމަވެއެވެ. އެކްސިޑެންޓަކުން ދޫވި ޒުނީ ރޮކެޓެއް މަތިންދާބޯޓެއްގެ ތެޔޮތާންގީގައި ޖެހި ހިނގި އަލިފާނުގެ ހާދިސާއާއި ބޮމުގެ ގޮވުންތަކުގައި 134 ފަޅުވެރިން މަރުވެ، 21 ބޯޓު ހަލާކުވެ، ވިއެޓްނާމް ހަނގުރާމައިގައި އެ އުޅަނދުން ކުރަމުންދިޔަ މަސައްކަތް ހުއްޓުނެވެ. ފްލައިޓް ޑެކްގައި ރޯވި އަލިފާން ގަޑިއިރެއްގެ ތެރޭގައި ކޮންޓްރޯލް ކުރެވުނު ނަމަވެސް، އެތެރޭގެ ބައިތަކުގައި ރޯވި އަލިފާން އަނެއްދުވަހުގެ ހެނދުނާ ހަމައަށް ދެމިގެންދިޔައެވެ. އަދި އުޅަނދު މަރާމާތުކުރުމަށް ގިނަ މަސްތަކެއް ނެގިއެވެ.
2020 ވަނަ އަހަރު، އަމާން ވަގުތެއްގައި ކުޑަ އުޅަނދެއްކަމަށްވާ ޔޫއެސްއެސް ބޮންހޯމް ރިޗާޑްގައި ރޯވި އަލިފާންގަނޑު ހަތަރު ދުވަސް ވަންދެން ދެމިގެންދިޔައެވެ. އެމެރިކާގެ ނޭވީން އަންދާސާކުރި ގޮތުގައި އެ އުޅަނދު އަލުން މަރާމާތުކުރުމަށް 3 ބިލިއަން ډޮލަރަށްވުރެ ގިނަ ހަރަދުވާނެއެވެ. އަދި 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. މީގެ ސަބަބުން އެމެރިކާއިން ނިންމީ އެ އުޅަނދު ބޭނުންކުރުން ހުއްޓާލައި، ދަގަނޑަށް ވިއްކާލުމަށެވެ.
ވެސްޓަން ޕެސިފިކް ނުވަތަ މެދުއެރުމަތީގައި ގެއްލުންލިބޭ ނިއުކްލިއާ ކެރިއާއެއް މަރާމާތުކުރުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. ބޮޑެތި މަރާމާތްތަކަށް ނިއުކްލިއާ ސެޓިފައިޑް ވަސީލަތްތަކާއި، ހާއްސަ މަސައްކަތްތެރިންނާއި، ބަދަލުކުރާނެ ސީދާ އެކަށީގެންވާ ބައިތައް ބޭނުންވެއެވެ. އެމެރިކާގެ ގަވަރންމަންޓް އެކައުންޓަބިލިޓީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމައެއްގެ ހާލަތުގައި ބޭނުންވާނެ މަރާމާތުގެ ވަސީލަތްތައް ނޭވީގައި މަދެވެ. އަދި ބޭރު ގައުމުތަކުގެ ބަނދަރުތައް ބޭނުންނުކުރެވޭ ހާލަތަކަށް ގޮސް، ނުވަތަ އެތަންތަން މިސައިލްގެ ހަމަލާތަކަށް ހުޅުވިފައިުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ޗައިނާ ނުވަތަ އީރާނުން މުޅި ކެރިއާ ގްރޫޕް އެއްކޮށް ހަލާކުކޮށްލާކަށް ނުޖެހެއެވެ. ހަނގުރާމައިގެ ފެށޭކޮޅު އެއް ކެރިއާ ނުވަތަ ދެ ކެރިއާ ނުކުޅެދޭ ހާލަތަކަށް ގެނައުމުން، ވޮޝިންގޓަނަށް އެންމެ ބޭނުންވާ ވަގުތު ސަތޭކައިގެ ގިނަ އެއާ-ސްޓްރައިކްތައް ހުއްޓުވާލެވޭނެއެވެ. 13 ބިލިއަން ډޮލަރުގެ ސުޕަރކެރިއާއެއް ހަމަލާއިން ސަލާމަތްވެ ފެންމަތީގައި އޮތްކަމުގައި ވިޔަސް، އެ އުޅަނދު އުފެއްދި މައިގަނޑު މަގުސަދު ގެއްލި، ހަނގުރާމައިން ބަލިވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
Ads by MACL
