ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޝުޖާ ލީޑަރޝިޕްގައި އިންނަން ޖެހެނީ ޝުޖާއާއި ނުލައި ޕާޓީގެ ލީޑަރޝިޕް ފުރިހަމަ ނުވާތީ!

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޝުޖާޢު ---
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޝުޖާޢު ---

މާތްﷲގެ ވަގުފުޅާއެކު، ކުރިއަށްއޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސުންގެ މަޤާމަށް ކުރިމަތިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޝުޖާޢު ނިންމަވައި، ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާޢީދަށް އެދިވަޑައިގެން އެކަން ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.

2013 އިން 2018 އަށް ކުރެވުނު ވެރިކަން ނިމުމަކަށް އައުމާއެކު، އޭރު އަޑުގަދަކޮށް އުޅުނު ގިނަ ބަޔަކު ފިލައިގެން ދިޔަ ނަމަވެސް، ޝުޖާއަކީ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލައްވައި ޕާޓީގެ ރައީސާއެކު ސާބިތުކަމާއެކު އޮޑީގައި ދެމިހުރި މުހިންމު އެއް ތަނބެވެ. ޕާޓީ އިދިކޮޅުގައި އޮތް އުނދަގޫ އަދި ނުރައްކާތެރި ދަތުރުގައި، އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އިސްނަގައިގެން ކެރިގެން ނުކުމެ، އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން ވަރުބަލިކަމެއް ނެތި އޭނާ ދެއްކެވީ ޙަޤީޤީ ސިޔާސީ ލީޑަރެއްގެ ހިތްވަރާއި ސާބިތުކަމެވެ.

ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށް ކުރެވުނު ތާރީޚީ ކެމްޕޭނުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު އެންމެ އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި އެކަކީވެސް ޝުޖާއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ރައީސް މުޢިއްޒުގެ އަރިހުގައި ވަރުބަލިކަމެއް ނެތި ހުންނަވައި، ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ ވެރިކަން ކާމިޔާބުކުރުމުގައި އޭނާ ވަނީ ޙިކުމަތްތެރި އަދި ވަރުގަދަ ދައުރެއް އަދާކުރައްވާފައެވެ.

މަޤާމުގެ ދަހިވެތިކަމަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޕާޓީގައި ސާބިތުވެ ހުރިކަމީ ބާރަށު ދާއިރާގެ މެންބަރުގެ ފަރާތުން ފެނުނު އެންމެން ބަލައިގަންނަ ސިފައެވެ. ޕާޓީގެ ވެރިކަމެއްގައި ޕާޓީގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވައި، ސަރުކާރުގެ ދިފާޢުގައި އެންމެ ކުރީ ސަފުގައި ހުންނަވައި، ސިޔާސީ އޮއިވަރުތަކުގެ ތެރޭގައި ޕާޓީގެ ދިފާއީ އައްޑަނައަކަށް އޭނާ ވަނީ ވެވަޑައިގެންފައެވެ.

އާންމު މެންބަރުންނާ އޮންނަ ގުޅުމަށް ބަލާއިރު، މެންބަރުންގެ ފޯނު ކޯލްތަކަށް އެންމެ ގިނައިން ޖަވާބުދީ ޖަވާބުދާރީވާ، އަދި އާންމު މެންބަރުންގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވާ ގާތް އެކުވެރިއެއްގެ ގޮތުގައި ޝުޖާ ވަނީ ޕާޓީގެ އާންމު މެންބަރުންގެ ބޮޑު އިތުބާރެއް ހޯއްދަވާފައެވެ.

ސިޔާސީ މަޝްރަޙު ތަޖުރިބާކުރައްވައި، ގިނަ އަހަރުތަކެއްގެ ސިޔާސީ ޙިކުމަތާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޝުޖާއަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު ބޭނުންތެރި، ފުންނާބު އުސް ސިޔާސީ ޝަޚްޞިއްޔަތެކެވެ. ކުރިއަށް އޮތް ތަނުގައިވެސް ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމާމެދު ޝައްކެއް ނެތެވެ.

ޕާޓީގެ ލީޑަރޝިޕްގައި ޝުޖާ އިންނަވަންޖެހޭ އަޞްލު ސަބަބަކީ، އޭނާގެ ތަޖުރިބާއާއި ސާބިތުކަމާ ނުލައި ޕީއެންސީގެ ލީޑަރޝިޕް ފުރިހަމަނުވާނެތީއެވެ.