ތުރުކީގެ ޑިވެލޮޕްމަންޓް ރޯޑް' މަޝްރޫޢުން ހުރުމުޒު ކަނޑުއޮޅީގެ ބާރު ކަނޑުވާލެވިދާނެތަ؟
ތުރުކީވިލާތުން ދަނީ 15 އާއި 18 ބިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި "ޑިވެލޮޕްމަންޓް ރޯޑް" ނަމަކަށް ކިޔާ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ޢިރާޤުގެ ފާރިސީ ކަނޑުއޮޅީގެ ސަރަޙައްދުން ފެށިގެން ވިލާތުގެ ޤައުމުތަކާ ހަމައަށް ގުޅުވާލަދޭ ދަތުރުފަތުރުގެ ކޮރިޑޯއެއް ޤާއިމުކުރުމެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަމާޒު ހިފާފައިވަނީ އީރާނާއި ގަލްފު ޤައުމުތަކުގެ އަތްމަތީގައި އޮތް ތެލުގެ ލޮޖިސްޓިކްސްގެ ކޮންޓްރޯލް އަތުލުމަށެވެ. އަދި ހުރުމުޒު ކަނޑުއޮޅިއާއި ސުއޭސް ކެނާލް ފަދަ ކަނޑުގެ މުހިންމު މަގުތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްގަމު މަގެއްގެ ގޮތުގައި މި "ޑިވެލޮޕްމަންޓް ރޯޑް" އިޝްތިހާރުކުރަމުން ދެއެވެ.
1,200 ކިލޯމީޓަރުގެ ދިގުމިނުގެ މި ކޮރިޑޯއިން ޢިރާޤުގެ ގްރޭންޑް ފާވް ޕޯޓް، ރޭލު މަގާއި ހައިވޭތައް މެދުވެރިކޮށް ތުރުކީއާ ގުޅުވާލެވޭނެއެވެ. އަދި އެއަށްފަހު ވިލާތުގެ މާކެޓްތަކާ ހަމައަށް ދަތުރުފަތުރުގެ ނިޒާމު ފުޅާވެގެންދާނެއެވެ.
Ads by BMLމި ބިޔަ މަޝްރޫޢުގައި ޢިރާޤުގެ އިތުރުން ޤަޠަރާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިންވެސް މިހާރު ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭއިރު، ޢަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށް ވަނީ ރޭވިފައެވެ.
މި ކޮރިޑޯ އެއްބަސްވުމުގެ ނިވާފަތާގަނޑުގެ ދަށުން ތުރުކީން ދަނީ އެޤައުމުގެ ހަކަތައިގެ ރައްކާތެރިކަންވެސް ކަށަވަރުކުރަމުންނެވެ. އެގޮތުން ވެވޭ ވަކި ޕައިޕްލައިން އެއްބަސްވުމެއްގެ ދަށުން ދުވާލަކު 1 މިލިއަން ފީޕާ ތެޔޮ ޢިރާޤުން ތުރުކީއަށް ފޮނުވޭނެއެވެ. މީގެއިތުރުން ތުރުކީގެ ޕެޓްރޯލިއަމް ކުންފުނިން ވަނީ ޢިރާޤުގެ ކިރްކުކް ތެޔޮވަޅުގެ 15 އިންސައްތަ ހިއްސާ ހޯދާފައެވެ. އެހެންކަމުން ތުރުކީއަށް މި މަޝްރޫޢަކީ ދަތުރުފަތުރުގެ ވަސީލަތަކަށްވުރެ ބޮޑަށް ހަކަތައިގެ ވަސީލަތްތައް ކަށަވަރުކުރުމުގެ މުހިންމު މަސައްކަތެކެވެ.
ނަމަވެސް، މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި އެތެރޭގެ އަދި ސަރަޙައްދީ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެތީ މަސައްކަތް ހުއްޓުމަކަށް އައުމުގެ ފުރުޞަތު އެބައޮތެވެ.
އޭގެ ތެރޭގައި ޢިރާޤުގެ ދައުލަތުގެ މުއައްސަސާތަކުގައި ހުރި ކޮރަޕްޝަނާއި ކަންކަން ހިންގުމުގެ އިންތިހާ ނުކުޅެދުންތެރިކަން ހިމެނެއެވެ.
އަދި ހަތިޔާރުއެޅި ޖަމާޢަތްތަކާއި އަސްކަރީ ކުރިމަތިލުންތައް ގިނަ ސަރަޙައްދެއްގައި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރި ގޮންޖެހުންތައްވެސް ހިމެނެއެވެ.
މީގެއިތުރުން، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އާއި "އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ" ފަދަ ވާދަވެރި އެހެން ދަތުރުފަތުރުގެ މަޝްރޫޢުތަކާ ކުރިމަތިލާންޖެހުންވެސް ހިމެނެއެވެ.
އިދާރީ އަދި އޮނިގަނޑުގެ މައްސަލަތަކުގެ އިތުރުން، ސަރަޙައްދީ ވިޔަފާރީގެ މަރުކަޒަކަށް ވުމުގެ އަމިއްލަ އުއްމީދުތަކެއް އޮތް އީރާނުގެ ފިއްތުންތަކާ ހުރެ މިހާރުވެސް މި މަޝްރޫޢަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ޖުލައި 28 ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އީރާނާ ގާތް ގުޅުމެއް އޮންނަ ބަދްރު ޖަމާޢަތާ ގުޅުންހުރި ޢިރާޤުގެ ޓްރާންސްޕޯޓް މިނިސްޓަރު ރަޒާޤް އަލް-ސަޢުދާވީ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެއްދެވުމުން، ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ވަނީ ވަގުތުން ސޮއިކުރުމަށް އަމުރުކުރައްވައި، ދެބޭފުޅުންގެ މެދުގައި ޢާންމުންގެ ކުރިމަތީގައި ނުތަނަވަސްކަމެއް ހިނގާފައެވެ.
އެންމެ މުހިންމު ކަމަކީ، ހުރުމުޒު ކަނޑުއޮޅީގެ ބަދަލުގައި މި މަގު ބޭނުންކުރެވިދާނެ ކަމަށް ތުރުކީން ކުރާ އުއްމީދަކީ ވަރަށް ދުރުގައިވާ ޚިޔާލީ ކަމަކަށް ވުމެވެ.
އެއްގަމު މަގަކުން ދުވަހަކުވެސް ކަނޑުމަގުން ކުރާ އުފުލުންތަކުގެ ބޮޑުމިނާ އެއްވަރު ނުކުރެވޭނެއެވެ. ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލަނީ ހުރުމުޒު ކަނޑުއޮޅިންނެވެ.
އެއްގަމު ކޮރިޑޯތަކުގައި ގިނަ ބޯޑަރުތަކެއް ހުރަސްކުރަންޖެހޭއިރު، ކޮންމެ ބޯޑަރެއްގައި އަމިއްލަ ކަސްޓަމްސް އުޞޫލުތަކާއި، ސިޔާސީ ނުރައްކާތަކާއި، މުދާ އުފުލުމުގެ މިންގަނޑުތަކުގެ ހުރަސްތައް ހުރެއެވެ.
އަދި ރޭލާއި މަގުމަގުން މުދާ އުފުލުމުގެ ޚަރަދު ކަނޑުމަގުން އުފުލުމަށްވުރެ މާ ބޮޑުވުމުން، ގިނަ އަދަދެއްގެ ތެލާއި މުދާ އުފުލުމަށް އެއީ އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތެއް ނޫނެވެ.
ތުރުކީން ދަނީ ގަލްފު ސަރަޙައްދުގެ ނުތަނަވަސްކަމުގެ ފައިދާނަގައި، އެއްގަމު މަގަކަށް އޮތް ބޭނުންތެރިކަން އިތުރުވާނެ ކަމަށް ބަލައި ފުރުޞަތުގެ ބޭނުންހިފަން މަސައްކަތްކުރަމުންނެވެ. ނަމަވެސް މި މަޝްރޫޢުގެ ބައެއް ނިމުމަށްވެސް އަދި ގިނަ އަހަރުތަކެއް ނަގާނެއެވެ. އަދި ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކާއި ނުރައްކާތަކުގެ ސަބަބުން މި އުއްމީދީ މަޝްރޫޢު ނުފެށި ހުއްޓުމަކަށް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
Ads by MACL
