ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އެމެރިކާއިން އީރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލި އަސްލު ކީއްވެ؟

އެމެރިކާއިން އީރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލި އަސްލު ކީއްވެ؟

އެމެރިކާއިން އީރާނަށް ދޭން އުޅުނު ހަމަލާ މަޑުޖައްސާލި އަސްލު ސަބަބަބާ މެދު ބަޔަކު ސުވާލު އުފައްދަފާނެއެވެ. ދުނިޔޭގެ ސުޕަޕަވަރުގެ ލަގު ދިފާއުކުރުމަށް މަސައްކަތް ކުރަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް ކުއްލިގޮތަކަށް މިފަދަ ޔޫޓާންއެއް ނެގުމުގެ ބޮޑު ސިއްރެއް އޮންނާނެކަމީ ޔަގީންކަމެކެވެ.

މި ހަނގުރާމަ ދިރާސާކުރައްވާ މުހައްލިލުން ލިޔުއްވާފައިވާ ގޮތުގައި ޓްރަމްޕްގެ މި އިސްޖެހުމަކީ އީރާނުގެ ވަރުގަދަ އިންޒާރުތަކާއެކު ސައޫދީ އަރަބިއްޔާއިން ކުރިމަތިކުރުވި އިގްތިސާދީ އަދި ސިޔާސީ ބޮޑެތި ނުފޫޒުތަކުގެ ސަބަބެވެ.

އީރާނުގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އޭގެ ސަބަބުން މެދުއީރުމަތީގެ ތެލާއި ގޭހުގެ މުއްސަނދިކަން އެއްކޮށް ސުންނާފަތިވެގެން ހިނގާދާނެ ކަމަށް ތެހެރާނުން އިންޒާރު ދިނުމުން، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި، އެމެރިކާއިން ދޭން ރާވަމުންދިޔަ ހަމަލާތަކުގެ އަމާޒުތަކާމެދު އޮތް ކަންބޮޑުވުން ހާމަކުރައްވާފައެވެ.

މި މަޝްވަރާތަކަށްފަހު ރައީސް ޓްރަމްޕް ވަނީ، އަވަސް އެއްބަސްވުމަކަށް އާދެވިއްޖެނަމަ ރޭވިފައިވި ހަމަލާތައް ކެންސަލް ކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

މި މައްސަލައިގައި ސައޫދީ އަރަބިއްޔާއަށް އެމެރިކާގެ މައްޗަށް ބޮޑު ނުފޫޒެއް ފޯރުވުމުގެ ފުރުސަތު އޮތް އިރު، އެމެރިކާގެ ޓްރެޝަރީ ބިލްތަކުގައި ސައޫދީގެ 140 ބިލިއަން ډޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް ހުރިކަން ވަލީއަހުދު ވަނީ ހަނދާންކޮށްދެއްވާފައެވެ.

އޭގެ އިތުރުން އެމެރިކާގެ އިގްތިސާދަށް 600 ބިލިއަނާއި 1 ޓްރިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓްތަކެއް ކުރުމަށް ސައޫދީން ވެފައިވާ ވައުދުތަކަކީވެސް އިގްތިސާދީގޮތުން ބޮޑު ބާރެކެވެ.

ސައޫދީ އަރަބިއްޔާގައި އެމެރިކާގެ ސިފައިން ގާއިމުވެ ތިބުމުގެ ފުރުސަތު ދީފައިވީ ނަމަވެސް، ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާއަށް އެދެވޭ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އޯޕެކްގެ އެންމެ ނުފޫޒުގަދަ ގައުމުގެ ހައިސިއްޔަތުން، އެމެރިކާގެ އިންތިޚާބާ ދިމާކޮށް ތެލުގެ އަގުތަކަށް ބަދަލު އަންނާނެފަދަ ފިޔަވަޅުތަކެއް ނެގުމުގެ ގާބިލުކަންވެސް ސައޫދީއަށް ލިބިގެންވެއެވެ.

ހަމައެއާއެކު، ސައޫދީގެ ތެޔޮ ވިއްކުމުގައި އެމެރިކާ ޑޮލަރު ބޭނުންކުރުމަކީ ޑޮލަރުގެ ހަމަޖެހުމަށް އަދިވެސް ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ދެމިއޮތް ކަމެކެވެ.

ސައޫދީ އަރަބިއްޔާއިން ކަންބޮޑުވާ މައިގަނޑު ސަބަބަކީ، އީރާނުގެ ތާރީޚީ އަދި ނުރައްކާތެރި މިސައިލާއި ޑްރޯން ހަމަލާތަކުން ސައޫދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމުގެ ފުރިހަމަ ގާބިލުކަން ނެތުމެވެ.

އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް ބަލިކަށިވެފައިވާއިރު، ސައޫދީގެ ބޮޑެތި ތެޔޮ ސާފުކުރާ ކާރުޚާނާތަކަކީ ދިފާއުކުރަން އުނދަގޫ، ހަމަލާތަކަށް ހުޅުވާލެވިފައިވާ ތަންތަނެވެ.

ހޯރްމުޒް ކަނޑުއޮޅިއާއި ރަތްކަނޑުގެ މަގުތަކުން ސައޫދީގެ ތެޔޮ އެކްސްޕޯޓްކުރުމަށް މިހާރުވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

ސައޫދީ ސަރުކާރުގެ އާމްދަނީގެ 55 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރެއް ހަކަތައިގެ ވަސީލަތްތަކުން ލިބޭއިރު، ރައްޔިތުންގެ ބޮޑު ބަޔަކަށް މުސާރަދެނީ ސަރުކާރުގެ ބަޖެޓުންނެވެ.

އަދި ސައޫދީގެ "ވިޜަން 2030" މަޝްރޫއުގެ 60 އިންސައްތައަށްވުރެ ބޮޑު ބަޔަކީ ތެލުގެ އާމްދަނީއަށް ބަރޯސާވާ މަޝްރޫއުތަކެކެވެ.

ތެޔޮ އެކްސްޕޯޓްކުރުން ހުއްޓި، އުފެއްދުންތެރިކަމުގެ ވަސީލަތްތަކަށް ހަމަލާ އަމާޒުވެއްޖެނަމަ، ސައޫދީ އަރަބިއްޔާގެ އިގްތިސާދަށް އިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެއެވެ. އެހެންކަމުން، މި ހަނގުރާމައިގައި މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގައި ވިޔަސް، ސިޔާސީ އަދި އިސްތިރާތީޖީ ގޮތުން މަސްރަޙު ބައްޓަންވަމުންދާ ގޮތަށް ބަލާއިރު، ހަގީގީ ކާމިޔާބާއި ނަޞްރު ލިބެމުން މިދަނީ ސީދާ އީރާނަށެވެ.