40 އަހަރުފަހުން ގެއްލިފައިވާ މީހަކު ހޯދަން އިއުލާން ކުރުން، ކަންކުރަންވީ އެގޮތަށް!
މީގެ 45 އަހަރު ކުރިން، އެއީ 1983 ނުވަތަ 1984 ވަނަ އަހަރުގެ ތެރޭގައި ގއ. ދިޔަދޫގައި ބަނދެފައިވާ އުޅަނދެއްގައި އިންޖީނު އެޅުމަށްޓަކައި މާލެއަށް ކުރި ދަތުރެއްގައި، ހުވަދޫ ކަނޑަށް ގަދަ ވިއްސާރައިގައި ގެއްލުނު ގއ. ދިޔަދޫ، ތަނޑިރަންމާގެ، ހަސަން މުހައްމަދު ދުނިޔޭގައި ހުރިތޯ ބަލަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން މިވަނީ އިޢުލާންކޮށްފައެވެ.
އެ ދުވަސްވަރު ދިޔަދޫގައި ބަނދެފައިވާ އުޅަނދު މާލެއަށް ގެންދަން މަސައްކަތް ކުރީ އިންޖީނުލީ އެހެން އުޅަނދެއްގައި ކަފުޖަހައިގެން ކަމަށްވާއިރު، ރޭގަނޑު ހުވަދޫ ކަނޑަށް ދިމާވި ގަދަ ވިއްސާރައިގައި އެ އުޅަނދު ގެއްލި، ހަސަން މުހައްމަދާއެކު އެ ރަށުގެ ވިއްސަކަށް މީހުން ވަނީ ގެއްލިފައެވެ. މިހާ ގިނަ ދުވަސް ފަހުން އޭނާގެ މަރު ސާބިތުކުރަން ޖެހުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އުފެދިގެން އައި ދުވަސްވަރު އޭނާ ގަނެފައިވާ ހިއްސާތަކެއް ވާރިސުންގެ ނަމަށް ބަދަލުކުރުމަށްޓަކައެވެ.
އިސްލާމީ ޝަރީޢަތުގައި މީހަކު ގެއްލިގެން ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމުން އެ މީހާއަށް ކިޔަނީ "މަފްޤޫދު" (المفقود) އެވެ. ޝަރުޢީ އަދި ގާނޫނީ އުޞޫލުތައް ބުނާގޮތުން، މަފްޤޫދެއްގެ މަރު ކޯޓުން ސާބިތު ނުކުރާހާ ޙާލަތެއްގައި، އޭނާއަކީ ދުނިޔޭގައި ހުރި މީހެއްގެ ގޮތުގައި ގާނޫނީގޮތުން ބެލެވޭތީ، އޭނާގެ މުދާ ވާރިސުންގެ މެދުގައި ތަރިކައިގެ ގޮތުގައި ބެހުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫނެވެ.
މީހަކު މަރުވެއްޖެކަމަށް ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން ކަނޑައެޅެނީ ކޯޓު މެދުވެރިކޮށް އެކަމުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެންނެވެ. ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2021) ގެ ދަށުން މަދަނީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ގެއްލިފައިވާ މީހުންނާ ބެހޭގޮތުން ޢާންމުކޮށް އިޢުލާންކޮށްގެން މަޢުލޫމާތު ސާފުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދަންޖެހެއެވެ.
އޭގެ އިތުރުން، ޢާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 4/2000) ގެ ދަށުން ގެއްލިފައިވާ މީހެއްގެ ކައިވެންޏާއި، އޭނާގެ ޢާއިލީ އިލްތިޒާމްތަކާއި އަދި ވާރިސުންގެ ޙައްޤުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހަޅައިގެން "މަރުވިކަމުގެ ޙުކުމް" ހޯދަންޖެހެއެވެ.
ކޯޓަކުން މީހަކު މަރުވެއްޖެކަމަށް ނިންމުމުގެ ކުރިން، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބެންހުރިތޯ ބެލުމަށް ޢާންމުކޮށް އިޢުލާނު ކުރުމަކީ ވާރިސުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ތަރިކަ މުދާ ގާނޫނީ އިމުގެ ތެރެއިން ބެހުމަށްޓަކައި ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން ކޮންމެހެން ކުރަންޖެހޭ އަދި ކަންކުރަންވީ އެންމެ ރަނގަޅު ގޮތެވެ.
އެހެންކަމުން 40 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވީ ކަމުގައިވީނަމަވެސް، ކޯޓު މެދުވެރިކޮށް ޝަރުޢީ އިޖުރާއަތްތައް ފުރިހަމަކޮށް، ޢާންމުކޮށް އިޢުލާނުކޮށްގެން މަރު ސާބިތުކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ އިސްލާމީ ޝަރީޢަތަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ނުހަނު ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަންކުރަންވީ ސަރީޙަ ގޮތެވެ.
ގިނަ ދުވަސްވީ މައްސަލައެއް ކަމުގައިވީނަމަވެސް، އިސްލާމީ ޝަރީޢަތަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ވާރިސުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިސްނަންގަވައިގެން ޝަރުޢީ އިޖުރާއަތްތަކާ އެއްގޮތަށް މިގެންދެވި މައްސަލައަކީ، ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުގެ ތެރެއިން ފެނިގެންދިޔަ ނުހަނު ނަމޫނާ އަދި ޝުކުރު ހައްޤު ކަމެކެވެ.
Ads by MACL
