ވާހަކަ؛ ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (20 ވަނަ ބައި)
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (20 ވަނަ ބައި)
އައިމަންގެ އަމަލުތައް ހުރި ގޮތުން ފޫހިގޮތަކަށް ތުން އަނބުރައިލަމުން އިޝްޔާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އެމަންޒަރުފެނި އައިމަން ގާތަށް އައީ ނުލަފާ ހިންޏެކެވެ. "ކިހިނެއްވީ؟ އަހަރެން ކަމުނުދަނީތަ؟ ގައިމު ބަލާލަން ވެސް ތި އަޒާން އަށްވުރެ އަހަރެން މާ ރީތިވާނެ. އެހެންނޫނަސް އެހެން ހުރިހާ ގޮތަކުން ވެސް އަހަރެން އަޒާން އަށް ވުރެ މާ ފުރިހަމަވާނެ. އަހަންނާ އިނދުނީމަ އިޝްޔާ ހިތް އެދޭފަދަ ރީތި، މާ އުފާވެރި ދިރިއުޅުމެއް ވެސް ލިބޭނެ. ވިސްނާބަލަ މި ހުރިހާ ކަމަކާ ދޭތެރޭ. މިހާރު އަޒާން އަކީ އެއްވެސް މީހެއް ނޫން. ހަމަ ބުއްދި ހުރި އެއްވެސް އަންހެންކުއްޖަކު ބޭނުމެއް ނުވާނެ އޭނައާ ވައި އެޅޭކަށްވެސް. ކާކުތަ އެކަހަލަ މީހަކާ އެކީ ދިރިއުޅެން ބޭނުންވާނީ؟ އިޝީ ތީ އެހާ ނުވިސްނޭ ކުއްޖެއް ނޫނެއްނު. އެހެން މީހަކަށްޓަކާ އަމިއްލަ ދިރިއުޅުން ހަލާކުކޮށްލަން ތިއުޅެނީ ކީއްވެތަ؟ އިޝީ ނުޖެހޭނެ އަޒާންގެ އުފަލަށްޓަކާ ޤުރުބާންވާކަށް. އެއްފަހަރުވެސް އަމިއްލަ ނަފުސާ މެދުގަ ވިސްނާލަބަލަ. ތީ އިޝީއަށް ޑިޒާރވް ވާކަހަލަ ދިރިއުޅެއްތޯ ސުވާލުކޮށްލަބަލަ. އަމިއްލަ ހިތް އެދޭފަދައިން ކަންތައް ކުރުމަކީ މައްސަލައެއް ނޫނޭ. އިޝީގެ އުފާ ހޯދާނީ އިޝީ އަމިއްލައަށް." ސީރިއަސްވެލަމުން އައިމަން ބުނެލިއެވެ. އޭނާގެ ވާހަކަތަކަށް ވަކި ޖަވާބެއް ނުދީ އިޝްޔާ އިނީއެވެ. އިރުކޮޅަކު އިޝްޔާގެ މޫނަށް ބަލަން އިނުމަށްފަހު އިންތަނުން އައިމަން ތެދުވިއެވެ. "ފަހުން ރިގްރެޓް ކުރާނެ ވަރުގެ ނިންމުނެއް އިޝީ ނުނިންމާނެކަމަށް ހީކުރަން. އަދިވެސް ވަގުތު ފާއިތެއްނުވޭ" ލައިގެން ހުރި އޮފީސް ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން އައިމަން ބުނެލީ އިޝްޔާގެ މޫނަށް ފުންނަޒަރަކުން ބަލައިލަމުންނެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި އޭނާ ދުރަށް ހިނގައިގަތެވެ. އިޝްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މޭޒުގައި އަތުގެ އުޅަބޮނށި ވިއްދައިލުމާއެކު ދެއަތްތިލައިގެ ތެރޭގައި އޭނާއަށް މޫނު ފޮރުވައިލެވުނެވެ. އެވަގުތު ފަހަތުން އައި ޒިވްރާ އޭނާއަށް ގޮވާލުމާއެކު ސިހިފައި އިޝްޔާ ފަހަތް ބަލައިލިއެވެ. ޒިވްރާ ފެނުމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން އިންތަނުން އޭނާ ތެދުވިއެވެ.
Ads by BML
"ލެޓްސް ގޯ. އަހަރެން ބޮލުގަ ވަރަށް ރިއްސާ އެބަ" ނިތުގައި އަތް ހިންގައިލަމުން އިޝްޔާ ބުނެލިއެވެ. "ކުއްލިއަކަށް ކިހިނެއްވީ؟ ނުވެސް ކައި ދަނީތަ؟ އެކަމަކު އަހަރެން ވަރަށް ބަނޑުހައި" އިޝްޔާ މާ އަވަސްއަރުވައިލައިފައި އެތަނުން ދާން އުޅުމުން ސުވާލު އުފެދިފައި ހުރެ ޒިވްރާ އެއްސެވެ. "ގެއަށް ގޮއްސަ އެއްޗެއް އޯޑަރ ކުރާނީ ދޯ. އަހަރެން ބޭނުންވަނީ ވީހައިވެސް އަވަހަށް ގެއަށް ދާން" ޒިވްރާގެ އަތުގައި ހިފައިގެން ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަންނަމުން އިޝްޔާ ބުންޏެވެ. ހަގީގަތުގައި ވެސް އިޝްޔާގެ ބޮލުގައި ރިއްސަނީކަމަށް ހީކޮށް ޒިވްރާ ނިކަން އަވަހަށް އޭނާގެ އެދުމަށް އެއްބަސްވިއެވެ. އަދި ފޯނުން ކޮންމެވެސް ތަނަކަށް ގުޅައިލަމުން ކާއެއްޗިއްސަށް އޯޑަރ ކޮށްލިއެވެ. ރެސްޓޯރެންޓުން ނުކުމެ ގެއާ ދިމާއަށް މިސްރާބުޖެހި އިރުވެސް އިޝްޔާގެ ސިކުނޑީގައި ވަކި ހިއްޕައިފައިވީ އައިމަންގެ ވާހަކަތަކެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނާއަށް އެކަމާ މެދުގައި ވިސްނުން ހުއްޓައެއް ނުލެވުނެވެ.
*****
އެންމެ ފަހުގެ ތައްޔާރީތައް ނިންމާލުމަށްފަހު ޒިވްރާ ހިންދެމިލިއެވެ. ވަށައިގެން ހޯލުތެރަށް އޭނާ ބަލައިލީ ހިތްހަމަޖެހުމުގެ ނަޒަރަކުންނެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައިވީ ނަމަވެސް އެ ދެލޮލުގައި ފޮރުވިފައި އެތައް ވޭނެއް ވިއެވެ. ހުދާއި ރަތާއި ފިޔާތޮށިކުލައިގެ މައުތަކުން އެ ބޮޑު ހޯލުގެ އެތަން މިތަން ޒީނަތްތެރި ކުރެވިފައިވީއިރު، ކައިވެނިކުރާއިރު އިނށީނަން ހަމަޖެހިފައިވާ ގޮނޑިތަކާއި މޭޒުމަތި ވެސް ވަނީ ހަމަ އެކުލައިގެ ކުދި މައުތަކަކުން ފަޅުފިލުވާލައިފައެވެ. ބޮޑު ހަފުލާއަކަށްވެފައި ގިނަ ބަޔަކަށް ދަޢުވަތު ދެވިފައިވުމުން، ކައިވެނީގެ ޕާޓީ ބޭއްވުމަށް ހަމަޖެހުނީ ހޮޓެލެއްގެ ބިޔަ ހޯލުގައެވެ. ހަށިފުރާ ފުންނޭވާއެއްލަމުން އަތުކުރީގައި އޮތް ގަނޑިއަށް ޒިވްރާ ބަލައިލިއެވެ. ކައިވެނި ކުރެވޭ ވަގުތު ކުޑަތަންވަމުން އައިކަން އިހުސާސުވެ އޭނާ ހަރަކާތްތައް އަވަސްކޮށްލަމުން އެތަނުން ނުކުމެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ރޭގަނޑު 20:00 ގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވީއިރު، ޕާޓީ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ. ކައިވެނި ކުރެވޭ ވަގުތު ޖެހެންވާއިރަށް ކޮންމެހެންވެސް އެތަނުގައި ހުންނަން ޒިވްރާ ބޭނުންވެއެވެ. ދެން އޮތީ ތައްޔާރުވެގެން އަންނާނެހައި ވަގުތެވެ.
*****
ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިޝްޔާ އަށް އިނދެވުނީ ފުންޚިޔާލަކަށް ގެއްލިފައެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އޭނާ ހީވަނީ ރަސްދަރިކަނބަލެއް ހެނެވެ. މިއީ އޭނާ ހުވަފެނުންވެސް ނުދެކޭހައި ފުރިހަމަ ކައިވެނީގެ ހެދުމެކެވެ. ގާތުގައި ހަރަކާތްތެރިވަމުންދިޔަ ކުދިންތައް އެމީހުންގެ މަސައްކަތްތައް ނިންމާލުމަށްފަހު އެތަނުން ދިއުމަށް ތައްޔާރުވަމުންދިޔައެވެ. އޭނާ ބޭނުންވިފަދައިން އެންމެ ފުރިހަމައަށް އެ ޚާއްސަ ރެޔަށް އެކުދިން އޭނާ ތައްޔާރުކޮށްދީފައިވީ ނަމަވެސް، އިޝްޔާގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް އަސަރެއް ފައުޅެއްނުވެއެވެ. ދިގު އެސްފިޔަތައް ތަޅުވާލުމާއެކު އޭނާގެ ސޫރައަށް އިޝްޔާ ލޯހިންގާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ރީތި ގޮތަކަށް ހުޅިއެއް ޖަހައިލައިފައި ހުރިއިރު، އެ ހުޅި ވަށައިގެން ހުދުކުލައިގެ ވިދާ ކުދިކުދި އެސްތަކެއް ހަރުކޮށްލާފައި ހުއްޓެވެ. ބޮލުގައި ވިދާ އެސްތަކަކުން ޖަރީކޮށްފައިހުރި ކުޑަ ތާޖެއް އަޅައިފައިވީއިރު، ނިތްކުރިމައްޗަށް ކުޑަ އިސްތަށިކޮޅެއް އޮޅިފައި އޮންނާނެހެން ވަށްޓާލައިފައި އޮތެވެ. މޫނުގައި ކޮށްފައިހުރި ލުއި މޭކަޕު އޭނާއާ ނުހަނު ގުޅެއެވެ. ރީތި ފަރުމާއެއް އަޅައިފައިހުރި ލޭސްފޮއްޗަކުން މުޅި ހެދުން ފަރުމާކޮށްފައި ހުރިއިރު، ހެދުމުގެ ބޮޑު ފަސްބައި ފަހަތަށް ދޫކޮށްލައިފައި އޮތެވެ. އޭނާގެ ތުނި ހަށިގަނޑަށް ހެދުން ހިފާލައިފައިވީގޮތުން، އެ ހަށިގަނޑުގެ ރީތި ބައްޓަންހުރީ ފައުޅުވާށެވެ. އަޒާންއަށް އޭނާ އެ ހެދުމުގައި ފެނިއްޖެނަމަ ހަމަ ޔަގީނުންވެސް މޮޔަވާނެކަން ކަށަވަރެވެ. އޭނާގެ ފުރިހަމަކަމަށް އެތައް ތަޢުރީފެއް އެ ދުލުން އޮހޭނެކަން ގައިމެވެ. އެ ޚިޔާލާއެކު ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވާން އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތު ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކުން އޭނާއަށް އިސްޖަހައިލެވުނެވެ. އެ ކުޑަ މޫނުކޮޅަށް އަރައިފައިބަމުންދިޔަ ކުލަވަރުން އޭނާއަށް ކޮންމެވެސް ކަމަކާ ވަރަށް އުނދަގޫވެފައި އިންކަން ހާމަވެއެވެ. ހިތާއި ސިކުނޑިއާ ދެމެދު ކުރެވެމުންދިޔަ ހަނގުރާމައިގައި ބުރަވާނެ ވަކި ކޮޅެއް ނޭނގިފައިވީ ކަހަލައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އިޝްޔާގެ ޚިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. ސިހިފައި އޭނާ ދޮރާ ދިމާއަށް ބަލައިލިއިރު، ފެންކަޅިވެފައި އޭނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރި ޔުމްނާ ހިނިތުންވެލިއެވެ. "މާޝާ ﷲ، މަންމަގެ ދަރިފުޅު ލޯބިކަން. ހިތަށްވެސް ނާރާ ދަރިފުޅުގެ ކައިވެނި މިހާ ފުރިހަމަވެދާނެކަމަށް. އުފަލުންގޮސް ބުނާނެ އެއްޗެއްވެސް މަންމައަށް ނޭނގެ. އެންމެ އުފާވަނީ ދަރިފުޅުދެކެ ހިތާ ފުރާނައިން ލޯބިވާ ބައިވެރިއަކު ﷲ ދަރިފުޅަށް މިންވަރުކޮށްދެއްވީމަ" ކުދިފިޔަވަޅުތަކެއްގައި އައިސް އިޝްޔާގެ ފަހަތަށްކަހަލަ ގޮތަކަށް ހުއްޓިލަމުން ޔުމްނާ ބުނެލިއެވެ. އަދި އިޝްޔާގެ ބޮލުގައި ނުހަނު ލޯބިން ފިރުމައިލިއެވެ. އިރުކޮޅަކު އެ ދަރިފުޅުގެ ސޫރައަށް ބަލަން ހުރުމަށްފަހު ދާންވީ ވަގުތު ޖެހިއްޖެކަމުގައި ޔުމްނާ ބުނެލިއެވެ. އެއާއެކު އިޝްޔާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ހިންދިރުވައިލަމުން ހެދުމުގައި ދެއަތުން ހިފައި އޭނާއަށް ބާރުކޮށްލެވުނެވެ. އެހެނަސް އެ އަސަރުތައް ފޮރުވާލަން މަސައްކަތްކުރަމުން ޔުމްނާއަށް ބަލައިލުމަށްފަހު، އިޝްޔާ ކުޑަކޮށް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އަދި އިންތަނުން ތެދުވަމުން ޔުމްނާއާ އެކުގައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު އެދެމައިންގެ އިންތިޒާރުގައި ސިޓިންގްރޫމްގެ މެދުގައި ހުއްޓިލައިގެން ހިނިއައިސްފައި ސުފްޔާން ހުއްޓެވެ.
*****
އަޒާންގެ ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ރައްޔާން އޭނާއާ ދިމާކޮށްލުމުގެ ގޮތުން ކޮންމެވެސް ލާނެތް އެއްޗެއް ބުނެލިއެވެ. އެއާއެކު ދެބެންގެ ހުނުމުގެ އަޑު ކޮޓަރީތެރޭގައި ގުގުމާލިއެވެ. ހުނުން މަތަކޮށްލަމުން އަޒާން ކުރިމަތީގައި ހުރި ބޮޑު ލޯގަނޑުން އޭނާގެ ފިރިހެންވަންތަ ސިފައަށް ބަލައިލިއެވެ. އަދި ލައިގެންހުރި ކަޅުކުލައިގެ ކޯޓުގައި ދެއަތުން ހިފައި ރަނގަޅުކޮށްލިއެވެ. ކުރުކޮށް ކޮށާލައިފައި އޮތް ވަރުގަދަ އިސްތަށިގަނޑު ވަނީ ޖެލްލައި ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ތުނިކޮށްހުރި ތުނބުޅިއާއި މަތިމަހުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައިވާކަމަށް ދައްކައެވެ. ހިތްހަމަޖެހޭވަރުވުމުން އޭނާ ރައްޔާންއަށް ބަލައިލައި ދާންވީކަމުގައި ބުނެލިއެވެ. އަދި ސުފްޔާން ވެސް އިރުކޮޅެއްކުރިން ގުޅާފައި އެމީހުންވެސް ގެއިން ނުކުންނަން އުޅޭކަމުގެ ޚަބަރު ދިން ވާހަކަ ބުނެލިއެވެ. އެއާއެކު ރައްޔާން ވެސް ބޯޖަހައިލަމުން އަޒާން އިން ފުރޮޅުލީގޮނޑީގެ ފަހަތުގައި ހިފަހައްޓާލިއެވެ. ކޮޓަރިން ނުކުންނަން އޭނާ މިސްރާބުޖެހިއިރުވެސް، އިރުއިރުކޮޅާ އަޒާންއާ ކޮންމެވެސް އެއްޗެކޭ ކިޔައި ދިމާކޮށްލައެވެ.
ހޮޓެލްއާ ހަމައަށް ދިއުމަށް ހޭދަވީ ދަތުރުގައިވެސް ދެބެންގެ ފުށުން ފެންނަމުންދިޔަ ސަމާސަވެރި މިޒާޖުގެ ސަބަބުން ހިލްމީ އާއި ލިޔާރާވެސް ތިބީ ހިނިތުންވެފައެވެ. ދަތުރުގެ ދިގުކަން ކުރުކުރުވި ކަމަކަށް އެދެބެންގެ ސަކަރާތްވިއެވެ. ހިނިއައިސްފައިތިބެ ހޯލަށް ވަދެގެންއައިއިރު، އެތަނުގެ ފުރިހަމަކަމަށް ކޮންމެ މީހަކަށްވެސް ތަޢުރީފުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އިވެމުންދިޔަ ތަޢުރީފުގެ ބަސްތަކުން އަޒާން އަށް ކުރުވީ އުފާވެރި އިހުސާސެކެވެ. އެތަނަށް އައުމަށްފަހު އިޝްޔާ އުޅޭނެގޮތް ހިތަށް އެރުމާއެކު އޭނާގެ ތުންފަތުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. އިޝްޔާ ދެކިލާހިތުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދުނިޔެއިން އެންމެ ލޯބިވީ އަންހެންކުއްޖާ އުމުރަށް އޭނާގެ މިލްކަކަށް ވާނެއެވެ. އިޝްޔާއަށް ލޯބިވާ އަނބިމީހާގެ ނަމުން ގޮވައިލުމަށްއެދި އެހިތް ބޭޤަރާރުވަމުން ދިޔައެވެ. ކައިވެނިކުރުމަށް ތައްޔާރުކޮށްފައިވާ މޭޒު ދޮށުގައި ހަމަޖެހިލެވުމާއެކު އޭނާގެ ދެލޯ ހޯލަށް ވަންނަންހުރި ބޮޑު ދޮރާ ދިމާއަށް ހުއްޓުނެވެ. އެސްފިޔަޖަހައިލަން ވެސް ހަނދާންނުވެފައި، އޭނާއަށް އެ ދޮރާ ދިމާއަށް ބެލެމުންދިޔައީ އިޝްޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިނދެއެވެ. އެވަގުތު ފަރި ހިނގުމެއްގައި ދޮރުން އެތެރަށް ވަދެގެން އައި ޒިވްރާ ފެނިފައި އަޒާން ތުންފިއްތާލިއެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން ކެތްތެރިކަންކުޑަ ގޮތަކަށް އޭނާ ވަށައިގެން ހޯދާލިއެވެ. ހޯލަށް ހާޟިރުވުމަށް ބުނެފައިވާ ވަގުތު ފާއިތުވެ ދިޔައިރުވެސް އިޝްޔާގެ އާއިލާގެ ޚަބަރެއް ނުވިއެވެ. މިހާރު ދެތިން ފަހަރު ރައްޔާން ވެސް އޭނާގެ ކައިރީގައި އެމީހުން ކޮބައިތޯ އަހައިފިއެވެ. ކަންބޮޑުވުމުގެ ނަޒަރަކުން އޭނާ ހިލްމީއަށް ބަލައިލިއެވެ. އަދި ސުފްޔާން އަށް ގުޅާލުމަށް އެދުނެވެ. އެވަގުތު ފައިލްތަކެއް ހިފައިގެން ކޯޓުން ހާޟިރުވުމަށް ހަމަޖެހިފައިވާ މީހުނާއެކު އެތެރަށް ވަދެގެން އައި ގާޒީ ފެނިފައި އަޒާންގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފާ ވަގުތު ކުޑަތަންވަމުން ދިޔައިރުވެސް އިޝްޔާގެ ހިލަމެއް ނުވިއެވެ. ހިލްމީ ވެސް ތަކުރާރުކޮށް ސުފްޔާންއަށް ގުޅުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އެކޮޅުން ފޯނަށް ޖަވާބު ނުދޭތީ ވެގެންއުޅޭގޮތެއް އެއްވެސް ވަރަކަށް އޮޅުންފިލާގޮތެއް ނުވިއެވެ. ލިޔާރާ ވެސް ޔުމްނާގެ ފޯނަށް އެތައް ފަހަރަކު ގުޅައިފިއެވެ. އެހެނަސް ޔުމްނާ ވެސް އެންމެ ކޯލަކަށްވެސް ޖަވާބެއް ނުދިނެވެ. ހާސްވެ ކަންބޮޑުވެފައި އޭނާއަށް އަޒާންއާ ދިމާއަށް ބަލައިލެވުނެވެ. އެމީހުން ލަސްވާންވީ އެއްވެސް ސަބަބެއް ނޭނގި އެންމެން ހާސްކަމެއްގެ ތެރެއަށް ގެނބެމުންދިޔައިރު، އެތަނުން އެއްފަރާތްވެލަމުން ޒިވްރާ އިޝްޔާގެ ފޯނަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް ފޯނު އޮތީ ނިންވާލައިފައިކަމަށް ބުނުމުން އޭނާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އަނެއްކާ އިޝްޔާއަށް ކަމެއް ދިމާވީބާއެވެ.
"އިޝް.. އިޝީގެ ފޯނަކަށް ނުއެއް ގުޅޭ" ގާތުގައި ހުރި ރައްޔާންއަށް ބަލައިލަމުން އަޒާން ބުނެލީ ކަންބޮޑުވެފައި އިނދެއެވެ. "ވެދާނެއެއްނު އެމީހުން ކާރުގަ ތިބީމަ ފޯނު ރިންގްވާކަން ނޭނގުނީކަމަށް. ނޫނީ މާބޮޑަށް ޓްރެފިކް ބޮޑުވީ ކަންނޭނގެ ދޯ. އޭރު ސުފްޔާންބެ ބުންޏެއްނު ގެއިން ނުކުންނާށޭ މިދަނީ. ޑޯންޓް ވޮރީ ޒާން. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. އިރުކޮޅަކުން އެމީހުން އަތުވެދާނެ" ރައްޔާން މަސައްކަތްކުރީ ރަނގަޅު މިސްރާބަކަށް ވިސްނުން ބެހެއްޓޭތޯއެވެ. ހާސްވިއެއްކަމަކު އެކުލަވަރު އަޒާންގެ ކުރިމަތީގައި ފައުޅުކުރާން އޭނާ ބޭނުންނުވީއެވެ.
އިންތިޒާރުގެ ވަގުތުތައް ދިގުދެމިގެންގޮސް މެހެމާނުން އައުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވީއިރުވެސް އިޝްޔާ އާއި އޭނާގެ އާއިލާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އޭރު ލަސްވެގެން ކޯޓުން އައިސް ތިބި މީހުންވެސް ދެތިން ފަހަރު އެމީހުން އަންނާނީ ކޮންއިރަކުންތޯ އަހައިފިއެވެ. ދޭނެ ޖަވާބެއް ނޭނގުނެއްކަމަކު ހިލްމީ އެތައް ގޮތަކުން ވާހަކަދެއްކުމުން އެތަނުގައި އިރުކޮޅަކު މަޑުކުރުމަށް އެމީހުން ނިންމިއެވެ.
"ރައްޔާން، ދަރިފުޅު ދާންވީނު އަޅެ އެ ގެ ކައިރިއަށް އެމީހުން ކޮބާތޯ ބަލާލަން. އެކަކުވެސް ފޯނަކަށް ޖަވާބެއް ނުދޭ. ކޮންމެވެސް ކަމެއް ވެއްޖެހެން ބައްޕައަށް ހީވަނީ. އިތުރަށް ލަސްކުރާކަށް ބައްޕައަކަށް ނުފެނޭ" ރައްޔާންގެ ކޮނޑުގައި އަތްބާއްވައިލަމުން ހިލްމީ މަޑުމަޑުން ބުނެލިއެވެ. ބޯޖަހައިލަމުން އޭނާ ވެސް އެ ޚިޔާލަށް ތާއީދުކުރިއެވެ. "އަހަރެން.. އަހަރެން ވެސް ދަންތަ؟" އެމީހުނާ ދާދި ކައިރީގައި ހުރި ޒިވްރާ އަހައިލިއެވެ. އޭރު ހާސްވެގެންގޮސް އޭނާގެ ހިތުގެ ހިނގުންވެސްވީ އަވަސްވެފައެވެ. "އޯކޭ، އެބަ އަންނަން ކާރު ތަޅުދަނޑި ހިފައިގެން. ދޮރުކައިރީގަ މަޑުކޮށްލަންވީނު" ޒިވްރާއަށް ބަލައިލަމުން އެހެން ބުނެލުމަށްފަހު ރައްޔާން ހިނގައިގަތުމުން އަވަސް އަވަހަށް ހޯލުގެ ދޮރާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ހުއްޓުން އަރައިފައި އެއިން ގޮތަށް ހޯލުގެ ދޮރާ ދިމާއަށް ނަޒަރު ސީދާކޮށްލައިގެން އަޒާން އިނެއެވެ. އެތަނުގައި ހިނގަމުންދިޔަ އެއްވެސް ކަމަކަށް އޭނާގެ ކުޑަވެސް ސަމާލުކަމެއް ނެތްފަދައެވެ. މުށުތެރޭގައި އޮތް ފޯނުގެ ސްކްރީނުން އޭރުވެސް އިޝްޔާގެ ނަންބަރަށް ގުޅެމުންދިޔަތަން ފެނެއެވެ. ކޯލު ކެނޑޭއިރަށް އޭނާ ވަގުތުން ގުޅާލައެވެ. އެހިތް ބާރު ބާރަށް ތެޅެމުންދިޔައިރު، އިޝްޔާ އަށްޓަކައި ބިރުގަނެފައިވާ މިންވަރު އޭނާގެ މޫނުމަތިން އެއްވެސް ފޮރުވުމެއްނެތި ހާމަވަމުން ދިޔައެވެ. އިޝްޔާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވުންއެދި އޭނާއަށް ހުއްޓުމެއްނެތި ހިތާހިތުން ދުޢާ ކުރެވެމުންދިޔައެވެ. ކަންބޮޑުވެފައިވީވަރުން، އޭސީކޮށްފައިހުރި އެ ފިނި ހޯލުތެރޭގައި އިންއިރުވެސް އޭނާގެ މޫނުމަތީގައި ކުދި ދާތިކިތައް ބަބުޅަމުން ދިޔައެވެ. ހަމަޖެހެން މަސައްކަތްކުރި ނަމަވެސް ސިކުނޑި ދެމުންދިޔަ އިންޒާރުތަކުން އަޒާންގެ މުޅި ނަފުސުވީ ބިރުވެރި އެތައް ޚިޔާލުތަކުން ވަށައިލައިފައެވެ. އަމިއްލަ ނުކުޅެދޭކަމާމެދު އޭނާ އެ ނޫނީ އެހައި ދެރަވި ވަގުތެއް ނާދެއެވެ. އެހެންނޫންނަމަ އޭނާ އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑު ކުރުމެއްނެތި އިޝްޔާ ހޯދުމަށް ދިޔައީސްކަން ކަށަވަރެވެ.
ހޯލުގެ ދޮރު ކުރިމައްޗަށް ޒިވްރާ ހުރަސްވެލި ވަގުތު ބޭރުން ކޮންމެވެސް މީހަކު އައިސް ހުއްޓުނުހެން އަޒާން އަށް ހީވިއެވެ. ނަމަވެސް ޒިވްރާއާ ނިވާވެފައި އެމީހަކު ހުރީތީ އެއީ ކާކުކަން އެހައި ސާފުކޮށް އޭނާއަށް ފެންނަގޮތެއް ނުވިއެވެ. އެވަގުތު އެ މީހެއްގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ޒިވްރާ ތަންކޮޅެއް ދުރަށް ހިނގައިގަތްތަން ފެނި އަޒާން އިތުރަށް ސުވާލު އުފެދޭގޮތްވިއެވެ. އެއީ އިޝްޔާއޭ އޭނާގެ ހަވަނަ ހިއްސު ބުނެދިނީ ކީއްވެކަމެއް ނޭނގެއެވެ. އިތުރަށް އެތަނުގައި އިނުމަށް ކެތްނުވީތީ އޭނާ ގޮނޑި ކުރިއަށް ދުއްވާލަމުން ޒިވްރާ ދިޔަ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އޮބިނޯންނަވަރަށް އޭނާގެ ހިތް ތެޅެމުންދިޔަވަރުން، ހީވަނީ މޭގަނޑު ފަޅާލައިފައި ބޭރަށް ނުކުންނަން މަސައްކަތް ކުރަމުންދިޔަ ހެންނެވެ.
(ނުނިމޭ)
Ads by MACL
