އެމްޓީޑީސީގެ ބެލުމުގެ ދަށުގައިވާ އެއްވެސް ރަށެއް ނުއަގުގައި ވިއްކާލަން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ރަށެއް ނުއަގުގައި ވިއްކުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށާއި، އެފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުންހުރި އެއްވެސް މިންވަރެއްގެ ހައްގެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް އެ ކުންފުނިން ނިންމާފައެއް ނުވެއެވެ. އަދި އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރަމުން ނުދާ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
ކުންފުނީގެ ހިންގުން ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައިކަން ފާހަގަކުރަމުން އެމްޓީޑީސީން ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ އެންމެހާ ކަންކަން އާންމުންނަށް ހާމަކުރަމުންދާނެ ކަމަށެވެ. އެމްޓީޑީސީން މި ބަޔާން ނެރެފައިވަނީ އެ ކުންފުނީގެ ދަށުގައި އޮތް މަގުއްދުވާގައި ތަރައްގީކޮށް ހިންގަމުން އަންނަ އަޔާޑާ މޯލްޑިވްސް ރިސޯޓު ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
Ads by BMLގދ. މަގުއްދުވާ އަކީ 2007 ވަނަ އަހަރު އެމްޓީޑީސީން ތުރުކީގެ އަހްމެޓް އައިދެނިޒް ކިޔާ ފަރާތަކަށް ސަބްލީޒްކުރި ރަށެކެވެ. އެ ރަށުގައި ފަސްތަރީގެ ރިސޯޓެއްގެ ގޮތުގައި އަޔާޑާ މޯލްޑިވްސް ހުޅުވައި ހިންގަން ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. މީގެ އިތުރުން އެ ކުންފުނިން ސަބްލީޒްކޮށްފައިވާ އަނެއް ރަށަކީ ބ. ކިހަވައްހުރަވަޅިއެވެ. އެ ރަށް 2007 ވަނަ އަހަރު މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްފައިވާއިރު، އެ ތަނުގައި އަނަންތާރާ ކިހާވަށް ވިލާސްގެ ނަމުގައި ރިސޯޓެއް ހުޅުވައި ހިންގަން ފަށާފައިވަނީ 2010 ވަނަ އަހަރުގައެވެ.
މި ދެ ރަށުގެ އިތުރުން ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް 2007 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީން ދަނީ ކުރަމުންނެވެ. ނަމަވެސް އެ ރަށް ތަރައްގީކުރުން ލަސްވުމުގެ ސަބަބުން، އެންމެ ފުރަތަމަ ސަބްލީޒް ކުރި ފަރާތާއެކު ހަދާފައިވާ އެގްރީމެންޓް ބާތިލުކުރުމަށްފަހު، 2021 ވަނަ އަހަރު އެ ރަށް ވަނީ ގްލޯބަލް ރިސޯޓްސް ކިޔާ ކުންފުންޏަކަށް އަލުން ސަބްލީޒްކޮށްފައެވެ.
Ads by MACL
