ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ގާޒާގެ ދަރިވަރުން އިމްތިހާނުން ހޯދި ތާރީޚީ ކާމިޔާބީ, ދިވެހި ދަރިވަރުން ނަމޫނާއަކަށް ބަލަންޖެހޭ!

ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ގާޒާގެ ދަރިވަރުން އިމްތިހާނުން ހޯދި ތާރީޚީ ކާމިޔާބީ, ދިވެހި ދަރިވަރުން ނަމޫނާއަކަށް ބަލަންޖެހޭ!

އިސްރާއީލުން ގާޒާގައި ހިންގަމުންދާ ނުރައްކާތެރި ގަތުލުއާންމުގެ ސަބަބުން ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ތެރޭގައިވެސް، ފަލަސްތީނުގެ އެތައް ހާސް ދަރިވަރުންނެއް ވަނީ މިއަހަރުގެ ތައުޖީހީ އިމްތިހާނުތަކުގައި ބައިވެރިވެ، ތައުލީމީ ގޮތުން ހައިރާންކުރުވަނިވި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ގައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މޫސާ އާއިލާގެ ތިން ކުދިން ކަމަށްވާ ސަމާ އާއި އަބްދުﷲ އަދި ނަދާ މޫސާގެ ކާމިޔާބީއަކީ މީގެ ހެކިދޭ އަސަރުގަދަ މިސާލެކެވެ. މެދުކެނޑުމެއް ނެތް ހަމަލާތަކާއި ގެދޮރު ގެއްލުމުގެ ހިތްދަތި ހާލަތުގައިވެސް މި ތިން ކުދިން ވަނީ މިއަހަރުގެ ޖުލައި މަހުގެ ސައުވީސްވަނަ ދުވަހު އިއުލާންކުރި އިމްތިހާނުގެ ނަތީޖާތަކުން މުޅި އާއިލާ އުފާވެރިކަމުން ރޮއްވާލައިފައެވެ. ސަމާ ވަނީ ނުވަދިހަ ހަތެއް ޕޮއިންޓް ފަހެއް އިންސައްތަ ހޯދާފައެވެ. އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ އަބްދުﷲ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް އިންސައްތަ ހޯދިއިރު، އޭނާގެ އެއްބަނޑުއެއްބަފާ ނަދާ ވަނީ ނުވަދިހަ ހަތަރެއް ޕޮއިންޓް ހަތަރެއް އިންސައްތަ ހޯދާފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ސަމާ ބުނީ، މިއީ އިންތިހާއަށް އުނދަގޫ އަދި ހިތްވަރު އެލޭފަދަ ހާލަތްތަކަކާ ކުރިމަތިލާންޖެހުނު ދުވަސްތަކެއް ކަމަށެވެ. ނަފުސާނީ ގޮތުން ކުރިއަށްދާނެ އެއްވެސް ބާރެއް ނެތް ވަގުތުތަކުގައިވެސް، އާއިލާގެ އުފަލަށާއި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހުރިހާ ހުރަސްތަކެއް ގިރާކުރީއެވެ. މި ކުދިންގެ މަންމަ، ހިންދު މުހަންނާ ބުނި ގޮތުގައި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ދެ ކުދިން ކަމަށްވާ އަބްދުﷲ އާއި ނަދާއަށް އާންމު ކްލާސްތަކަށް ނުދެވޭތީ، ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމަށް އާއިލާއިން ބޮޑެތި ގުރުބާނީތަކެއް ވިއެވެ. މިއަދު އޭގެ ފޮނި މޭވާ ލިބުމުން އާއިލާގެ ބުރަ މަސައްކަތް ބޭކާރު ނުވާކަން ވަނީ ސާބިތުވެފައެވެ. މޫސާ އާއިލާ ފަދައިން، ގައްޒާގެ އެތައް ހާސް ދަރިވަރުންނެއް ވަނީ ހިތްދަތި ހާލަތުގައިވެސް ތައުލީމީ މުސްތަގުބަލު އުޖާލާކުރުމަށް ރެއާއި ދުވާލު މަސައްކަތް ކޮށްފައެވެ.

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓަރު އަމްޖަދު ބަރްހަމް ހާމަކުރެއްވި ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް އަދި ގައްޒާ ހިމެނޭ ގޮތަށް މިއަހަރު ގާތްގަނޑަކަށް އައްޑިހަ ނުވަހާސް ދަރިވަރުން ތައުޖީހީ އިމްތިހާނު ފުރިހަމަކުރިއެވެ. މީގެ ތެރެއިން ތިރީސް ހަހާސް ނުވަސަތޭކަ ދަރިވަރުންނަކީ ގައްޒާގެ ދަރިވަރުންނެވެ. ނަމަވެސް، އިސްރާއީލުގެ ރަހުމެއްނެތް ހަމަލާތަކުގައި، މިއަހަރު އިމްތިހާނު ހަދަން ތައްޔާރުވި އެއްހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން ގައްޒާގެ ސްކޫލްތަކުގެ ނުވަދިހަ ހަތެއް އިންސައްތައަށްވުރެ ބޮޑު ބައެއް ހަލާކުވެ، މުޅި ތައުލީމީ ނިޒާމު ވަނީ ފުނޑުފުނޑުވެފައެވެ.

މިފަދަ ހާލަތެއްގައިވެސް ކިޔަވައިދިނުން ހުއްޓާނުލާ ކުރިއަށްގެންދިޔަ މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. ޑެއިރް އަލް ބަލާހްގައި ހުރި ވަގުތީ ހިޔާވަހިކަމެއްގައި ކިޔަވައިދިން ހަނާ އަލްސައްޔިދު ނަމަކަށް ކިޔާ ހިސާބު މުދައްރިސަކު ކިޔައިދިން ގޮތުގައި، ދަރިވަރުން ކްލާހަށް އަންނަނީ އާއިލާގެ މެންބަރުން ގެއްލުމުގެ ބޮޑު ހިތާމައާއި ނަފުސާނީ ބުރަ އުފުލައިގެންނެވެ. އެހެންކަމުން، އެ ކުދިންނަށް ހަމައެކަނި ފިލާވަޅު ބުނެދިނުމުގެ ބަދަލުގައި، ނަފުސާނީ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހުނެވެ. ސްކޫލްގެ ޑެސްކާއި ގޮނޑި ނެތިގެން ބިންމަތީގައި ތިބެގެންވެސް ދަރިވަރުން ކިޔެވީ ތައުލީމަކީ އެމީހުންގެ މުސްތަގުބަލު ބިނާކުރުމަށް އޮތް ހަމައެކަނި މަގުކަމަށް ގަބޫލުކުރާތީއެވެ.

މިއީ ހަމައެކަނި އުފާވެރިކަމުގެ ވަގުތެއް ނޫނެވެ. މިއީ ހިތާމައާއި ކަރުނައިން ފުރިގެންވީ ވަގުތެއްވެސް މެއެވެ. ބުރެއިޖް ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ ތާލާ އަބޫ ސުއްކަރުގެ ވާހަކައަކީ މީގެ ހިތްދަތި މިސާލެކެވެ. އޭނާގެ މަންމަ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިވާއިރު، މި ހަނގުރާމައިގައި އޭނާގެ ބައްޕައާއި، ބޭބެއާއި، ދައްތަގެ އިތުރުން ގާތް ތިމާގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އާއިލާގެ އެންމެން ގެއްލި، ބޮޑުބޭބެގެ އެހީތެރިކަމާއެކު ދިރިއުޅެމުންދިޔަ ތާލާ، އިމްތިހާނުން އަށްޑިހަ ހައެއް އިންސައްތަ ހޯދިއިރު، އެ ނަތީޖާ ފެނުމުން އޭނާއަށް ކުރެވުނީ ބަޔާންކުރަންދަތި އިހުސާސްތަކެކެވެ. ކާމިޔާބީގެ އުފާ ހިއްސާކުރާނެ ބައްޕައާއި އާއިލާ މިއަދު ދުނިޔޭގައި ނެތުމުގެ ހިތާމަ އިންތިހާއަށް ބޮޑެވެ. ގައްޒާގެ ދަރިވަރުންގެ މި ވާހަކަތަކުން ސާބިތުވަނީ، ކިތަންމެ ބޮޑު ހިތާމައަކާއި ނުރައްކަލެއް ކުރިމަތިވި ނަމަވެސް، ފަލަސްތީނުގެ އާ ޖީލުގެ ހިތްތަކުގައިވާ ކިޔެވުމުގެ ޝައުގުވެރިކަމާއި، މުސްތަގުބަލާ މެދު ކުރާ އުއްމީދު ފަނޑުކޮށްނުލެވޭނެ ކަމެވެ.

އަރަބި ބައެއް ގައުމުތަކުގައި، ހާއްސަކޮށް އުރުދުން އަދި ފަލަސްތީނުގައި، ސާނަވީ ތައުލީމު ނިންމައި ޔުނިވާސިޓީތަކަށް ވަނުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ "ތައުޖީހީ" އިމްތިހާނަކީ ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އެންމެ ނުފޫޒުގަދަ އަދި އެންމެ މުހިންމު އިމްތިހާނެވެ.


މި އިމްތިހާނަކީ ހަމައެކަނި ސާނަވީ މަދަރުސާ ނިންމިކަމުގެ ސަނަދެއް ހާސިލުކުރުމަށްވުރެ ބޮޑަށް، ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭނެ ދާއިރާތަކާއި ޔުނިވާސިޓީތަކުން ޖާގަ ލިބޭނެ މިންވަރު ކަނޑައަޅާ މައިގަނޑު މިންގަނޑެވެ. އުރުދުން އަދި ފަލަސްތީނު ފަދަ ގައުމުތަކުގެ ތައުލީމީ ނިޒާމުގައި މި އިމްތިހާނަށް ދެވިފައިވަނީ ވަރަށް މަތީ އަހަންމިއްޔަތެކެވެ. އިމްތިހާނުގެ ނަތީޖާ އިއުލާނުކުރާ ދުވަހަކީ މުޅި މުޖުތަމައުއަށް ބޮޑު ހަލަބޮލިކަމަކާއި އުފާވެރިކަމެއް ގެނުވާ ދުވަހެކެވެ. އަދި މި އިމްތިހާނުން ފާސްވާ ނިސްބަތާއި ލިބޭ މާކްސްތަކަކީ އާއިލާތަކުގެ އިޖުތިމާއީ ގަދަރާއި ދަރިވަރުންގެ ކުރިމަގާ ސީދާ ގުޅިފައިވާ ކަމެކެވެ.