ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އަމީނީމަގުގެ ތާރުތަކުން ނުކުތް "މުލިހި"ތަކަކީ ސޯލިހު ދެވަނަ ދައުރެއް ހޯދަން ޖެހި ކަޑަތަކެއް!

އަމީނީމަގުގެ ތާރުތަކުން ނުކުތް "މުލިހި"ތަކަކީ ސޯލިހު ދެވަނަ ދައުރެއް ހޯދަން ޖެހި ކަޑަތަކެއް!

އަމީނީމަގު ހެދުމުގައި ހެދި ބޮޑެތި ގޯސްތަކާއެކު ތާރުގަނޑު ހަލާކުވެ، އެމްޑީޕީގެ ނިންމުންތަކުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް

ކުރީގެ އެމްޑީޕީ ސަރުކާރުން އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި ހެދި ބޮޑެތި އިންޖިނިއަރިން ގޯސްތަކުގެ ސަބަބުން މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި ހަލާކުވެފައިވާތީ، އެ މައްސަލަތައް ހައްލުކޮށް މަގު އަލުން ތަރައްގީކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މާލޭގެ މައި އެއް މަގު ކަމަށްވާ އަމީނީމަގު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ އެމްޑީޕީ ސަރުކާރުން ހަވާލުކުރީ، އެ ޕާޓީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލާއެވެ. އޭރު އެ މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަކީ 39 މިލިއަން ރުފިޔާއެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވަޑައިގަތުމާއެކު، ސަރުކާރުގެ ބާރު ބޭނުންކޮށްގެން ކައުންސިލް އަތުން އެ މަޝްރޫއު އަތުލައި، އެއަށްވުރެ ދެގުނަ ބޮޑު އަދަދެއް ކަމަށްވާ 84.4 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ.

އަމަލީ މަސައްކަތް ކުރިއަށްގެންދިއުމުގައި އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، އެއްބަސްވި މުއްދަތަށް އާރްޑީސީއަށް މަސައްކަތް ނިންމައެއް ނުލެވުނެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، މަގެއް ހަދަން އާރްޑީސީ ވަރުގެ ކުޅަދާނަ ބަޔަކު ނޯންނާނެ ކަމަށް ވިދާޅުވެ، އޭރުގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. ނަމަވެސް، މަޝްރޫއު ކުރިއަށްގެންދިއުމުގެ ތެރޭގައި އަމީނީމަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ކަނޑައި، މުޅި ސަރަހައްދުގެ ފެހިކަން ވަނީ އެއްކޮށް ގެއްލުވާލާފައެވެ. މީގެ ސަބަބުން މުޅި ސަރަހައްދު ހޫނުގަދަވެ، މަގު ބޭނުންކުރާ އެތައް ބަޔަކަށް މިއަދާ ހަމައަށްވެސް ބޮޑެތި ތަކުލީފުތަކަކާ ދަނީ ކުރިމަތިލާން ޖެހެމުންނެވެ.

އަވަސް އަރުވާލައިގެން އެ މަސައްކަތް ކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭތޯ "ކަޑަ" ޖެހުމުގެ ގޮތުންނެވެ.

މި މަޝްރޫއުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުން ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގުމުންވެސް އާރްޑީސީން ވަނީ އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، ފަހުން ހައިކޯޓުން ކުރި ހުކުމެއްގައި ވަނީ އެ އެއްބަސްވުން އާންމުކުރުމަށް އާރްޑީސީގެ މައްޗަށް އަމުރުކޮށްފައެވެ.

އަމީނީމަގުގެ މަސައްކަތް ނިންމައި މަގު ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައި، މަގުގެ ފުޓްކޯޓުތަކާ ހިސާބުން ފެށިގެން އެކި ސަރަހައްދުތަކުގައި "މުލިހި" ތަކެއްހެން ނުވަތަ "ރާޅުބާނި" ތަކެއްހެން ތާރުގަނޑު އުފުލި ހަލާކުވާން ފެށިއެވެ. ކަމާބެހޭ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ތާރުގަނޑު އެހާ އަވަހަށް ހަލާކުވެގެން ދިޔައީ އިންޖިނިއަރިންގެ ގޮތުން ހެދިފައިވާ ބޮޑެތި ގޯސްތަކަކާއި، އެކަށީގެންނުވާ އާލާތްތަކާއި މެޝިނަރީ ބޭނުންކުރުމުގެ ސަބަބުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދާދިފަހުން ނެގި ކޯ-ކަޓިން ޓެސްޓުތަކުން ދައްކާ ގޮތުގައި، ތާރުގަނޑުގެ އަޑީގައި އޮންނަ ސަބް-ބޭސް ފަށަލަ އޮތީ ރަނގަޅަށް ކޮމްޕެކްޓްކޮށްފައެއް ނޫނެވެ. މިގޮތަށް އަޑީ ފަށަލަ ވަރުގަދަނުވުމުގެ ސަބަބުން، މަގުން ދުއްވި ބަރު އުޅަނދުތަކުގެ ސަބަބުން ތާރުގަނޑު ގުޑައި، ކަނޑައިގެން ދިޔުމުގެ މައްސަލަ ކުރިމަތިވީއެވެ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އާރްޑީސީން ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ކުރީ މެނުއަލް މެޝިންތަކެއް ބޭނުންކޮށްގެން، ތަޖުރިބާ މަދު މަސައްކަތްތެރިން ގޮވައިގެން ކަމަށެވެ. މީގެ ސަބަބުން ތާރުގަނޑުގެ ބޯމިން އެއްވަރުނުވެ، ފެން ވަންނަން މަގުފަހިވިއެވެ. މީގެ އިތުރުން، އަމީނީމަގުގެ ހުޅަނގުކޮޅަކީ އާންމު ދަތުރުފަތުރުގެ ބޮޑެތި ބަސްތައް ދުއްވާ މައި މަގެއް ކަމަށް ވިޔަސް، މަގު ފަރުމާކުރުމުގައި ބަސްތަކުގެ އެކްސެލް ލޯޑަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. ބަސް ހުއްޓިފައި ނައްޓައިލާއިރު އުފެދޭ ބާރުގެ ސަބަބުން ތާރުގަނޑު ވަނީ އެއްކޮށް ހަލާކުވެފައެވެ.

އެމްޑީޕީގެ ސަރުކާރުން ހެދި މި ބޮޑެތި ގޯސްތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އެ މަގުގެ މައްސަލަ ޖެހިފައިވާ ސަރަހައްދުތައް މަރާމާތުކޮށް އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައެވެ.