ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ނުކުޅެދޭ ބައްޕައަކު ލޯބިން ބޮޑުކުރަމުން އައި ދަރިފުޅު ހޯދުމަށް މާމަ ކޯޓަށް!

ނުކުޅެދޭ ބައްޕައަކު ލޯބިން ބޮޑުކުރަމުން އައި ދަރިފުޅު ހޯދުމަށް މާމަ ކޯޓަށް!

"ނުކުޅެދޭ ބައްޕައަކު ލޯބިން ބޮޑުކުރަމުން އައި ދަރިފުޅު ހޯދުމަށް މާމަ ކޯޓަށް" މިއީ މަދުން ނަމަވެސް މި ދިވެހި މުޖްތަމަޢުގައި ވެސް ހިނގަމުންދާ ކަމެކެވެ. ނުކުޅެދޭމީހުން އެކަހެރި ކުރުމާއި ބާކީ ކުރުން ފަދަ ކަންތައްތައް މި ކުޑަ މުޖްތަމައުގައި ހިނގަމުން ދާއިރު، މިކަމަށް ދިވެހިންނަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއް ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ އުފައްދާ، މި މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކޮށްފައެވެ. އަސަރުގަދަ ފިލްމު "ޖަންނަތު" މިހާތަނަށް ބެލި ހުރިހާ ބެލުންތެރިންނަށްވެސް ރަނގަޅު ފިލާވަޅެއް ލިބިގެން ދިޔަ ކަމަށް ބެލުންތެރިން ގަބޫލު ކުރެއެވެ.

މި ފިލްމަކީ އާއިލީ ގުޅުންތަކާއި، ލޯތުބާއި، އަދި ނުކުޅެދުންތެރިކަމާ އެކުގައިވެސް ދަރިއަކަށްޓަކައި ބަޕަކު ކުރާ ހިތްވަރު ދައްކުވައިދޭ ވަރަށް ޖަޒުބާތީ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ނުކުޅެދުންތެރިކަމެއް ހުންނަ ބައްޕައަކު، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ވަރަށް ލޯބިން ބޮޑުކުރަމުން ދަނިކޮށް އެ ދަރިފުޅު އޭނާގެ އަތުން އަތުލުމަށް މާމަ އާއި ދޮންކާފަ ކޯޓަށް ހުށަހަޅާ މައްސަލައެއްގެ މައްޗަށެވެ. މިއީ މުޖުތަމައަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ކިޔައިދޭ، ބެލުންތެރިންގެ ލޮލުން ކަރުނު ހިލުވާލާފަދަ ވާހަކައެކެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކުރުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނުއިރު، މިހާތަނަށް މިފިލްމު ބެލި ބެލުންތެރިން ވަނީ މި ފިލްމުގެ ލީޑް ރޯލް ކުޅެފައިވާ ޝަރަފްގެ އެކްޓިންއަށާއި ޑައިރެކްޝަނަށް ވަރަށްބޮޑަށް ތައުރީފުކޮށް، މިއީ ކޮންމެ މީހަކުވެސް ބަލަންޖެހޭނެ ފިލްމެއް ކަމަށް ބުނެފައެވެ. މިގޮތުން ފާހަގަ ކޮށްލަންޖެހޭ ކަމަކީ ފިލްމްގެ ޝޯތައް އޮލިމްޕަހުގައި މިހާރު އަޅުވަމުން ދާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބެލެނިވެރިންނާއި އެކީ ފިލްމް ބެލުމަށް އޮލިމްޕަހަށް އަންނަ ކަމެވެ.

މި ފިލްމުގެ ޓިކެޓާއެކު ބެލުންތެރިންނަށް ޚާއްޞަ ފުރުޞަތެއްވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް "ޖަންނަތު" ގެ ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 'އެވޯން' ގެ ކްއީން ސައިޒް އެނދެއް ލިބިގެންދާނެއެވެ. "ޖަންނަތު" އަކީ ހުރިހާ އުމުރުފުރާއަކަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ ފިލްމެކެވެ.

އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދު ލިޔެފައިވާ މޮޅު ސްކްރިޕްޓަކަށް ތައްޔާރުކޮށް، އަލީ ޝިފާޢު (ޗިއްޕާ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޢާއިޝަތު ޔާދާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި އަފްރާހް އަދި އަންޖީ ހިމެނެއެވެ.

މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކު، އޭނާގެ ދަރިފުޅާއެކު ވުމަށްޓަކައި ކުރާ އަސަރުގަދަ މަސައްކަތްތަކެކެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއިންވެސް މި ފިލްމުގެ އަސަރުގަދަކަން ހާމަވެގެންދާއިރު، ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވަން ތައްޔާރުވަމުންދަނީ އެ ކުއްޖާ، ނުކުޅެދުންތެރިކަން ހުންނަ ބައްޕައާ ހަވާލުކުރާނެތޯ ނުވަތަ ނޫންތޯއެވެ. މިއީ އާއިލާ މުޅިން އެކީގައި ގޮސް ބަލާލަން ވަރަށް ފުރިހަމަ އަދި އަސަރުގަދަ ފިލްމަކަށްވެގެންދާނެއެވެ.