ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (21 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (21 ވަނަ ބައި)

ކަޅު ކުލައިގެ ގަޔަށް ދޫ ޓީޝާޓަކައި ޖިންސެއްގައި ހުރި އިޝްޔާގެ އަތުގައި ހިފައިގެން އައިސް ޒިވްރާ މަޑުކޮށްލީ އެހެން މީހުނަށް އެމީހުން ނުފެންނާނެހެން ހީވާ ހިސާބެއްގައެވެ. އޭރު އިޝްޔާ ފެނިފައި އޭނާ ހުރި ގޮތުން ޒިވްރާގެ ސިކުނޑިވީ އެތައް ހާސް ސުވާލުތަކުން ފުނިޖެހިފައެވެ. ޤަބޫލުކުރަން ދަތިވެފައި އޭނާ އިޝްޔާގެ ސޫރައަށް ފުންނަޒަރަކުން ބަލައިލިއެވެ. އަދި އޭނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލިއެވެ.

 

"އިޝީ، ވަޓްސް ރޯންގް؟ ފޯނަށް ކިހިނެއް ހަދާގެން ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅާފީމޭ. އެކަކުވެސް ފޯނެއް ނުނަގާ. ކީއްވެ ލަސްވީ؟ ކޮބާ އިޝީގެ ވެޑިންގް ޑްރެސް؟ ކީއްވެ ރެޑީ ނުވެ ތިހުރީ؟ ކަމެއް ދިމާވީތަ؟ އިޝީ.. ކީއްވެތަ ބަހެއް ނުބުނެ ތި ހުންނަނީ؟ ކޮންމެވެސް އެއްޗެކޭ ބުނެބަލަ. އަނެއްކާ ހެދުމަށް ގޮތެއްވީތަ ރެޑީ ވަނިކޮށް. އެހެންވެތަ ތިގޮތަށް ތިއައީ؟ ކޮބާ ޔުމްނައްތައާ ސުފްޔާންބެ؟ ވައި އާރ ޔޫ އެލޯން؟" ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލަތައް ގިނަކަމުން އެތަނުން ކުރަންވީ ކޮން ސުވާލެއްކަން ނޭނގިހުރެ ޒިވްރާ އެތައް ސުވާލުތަކެއް ބަންޑުން ކޮށްލިއެވެ. ބަހެއްވެސް ނުބުނެ ޒިވްރާގެ މޫނަށް ބަލަހައްޓައިގެން އިޝްޔާއަށް ހުރެވުނީއެވެ. ދޭނޭ ވަކި ޖަވާބެއް ޚުދު އޭނާ އަށް ވެސް ނޭނގިފައި ހުރީ ކަހަލައެވެ. ވަކި އެއްޗެކޭ ނުބުނެ އިޝްޔާ އިސްޖަހައިލިތަން ފެނިފައި އޭނާގެ އަތުގައި ހިފައި ޒިވްރާ ކުޑަކޮށް ތަޅުވާލިއެވެ. އެ މޫނުމަތިން އޭނާ ކުރި ސުވާލުތަކުގެ ޖަވާބު ބޭނުންވެފައި ހުރި މިންވަރު ހާމަވައެވެ. އިރުކޮޅަކު ޒިވްރާއަށް ބަލަން ހުރުމަށްފަހު ވަށައިގެން އިޝްޔާ ނަޒަރު ހިންގައިލިއެވެ. އޭނާގެ ކައިވެންޏަށްޓަކައި އެތަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން އެ ކުޑަ ހިނދުކޮޅު ވެސް އިޝްޔާއަށް ފާހަގަކުރެވުނެވެ. ދައްކަން ހުރި ވާހަކަތައް ފަށަން އުނދަގޫވި ސަބަބަކަށް އެކަން ވިއެވެ. އަޒާން އެރެއަށްޓަކައި ކުރަމުން އައި ފޮނި އިންތިޒާރު ހަމައެކަނި އެތަނަށް ބަލައިލުމުން އެކަނިވެސް އެނގޭހައިވެއެވެ. ހިންދިރުވައިލުމާއެކު އިޝްޔާ ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ.

 

"އިޝީ، އަނގައިން ނުބުނެ ހުއްޓަސް ތިވެގެން އުޅޭ ގޮތެއް ނޭނގޭނެ" އިޝްޔާ ބަހެއް ނުކިޔައި ހިމޭނުން ހުންނަން ފެށުމުން އެންމެފަހުން އުނދަގޫވެގެން ޒިވްރާ އަނެއްކާވެސް ބުނެލިއެވެ.

 

"ޒިވް.. އައި އެމް ސޮރީ.. އަހަންނަށް.. އަހަންނަށް ޒާންއާ ކައިވެނިކުރެވޭކަށް ނެތް." އެއްޗެއް ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް އިޝްޔާ ބުނެލީ ކުށްވެރިއަކު ފަދައިންނެވެ. އަދި ކަންބޮޑުވުމުގެ ނަޒަރަކުން ހުއްޓުން އަރައިފައި އޭނާއަށް ބަލަން ހުރި ޒިވްރާއާ ހަތަރު ކަޅި ސީދާކޮށްލީ އޭނާގެ ބަސްތަކުން ޒިވްރާއަށް ކުރާ އަސަރު ބަލައިލުމުގެ ނިޔަތުގައި ކަހަލައެވެ.

 

"ވަޓް..؟ އިޝީ.. ކީކޭ ތިކިޔަނީ؟ އިޝީ ތި ހުރީ ހަމަހޭގަތަ؟" ހޭވެރިކަންވުމާއެކު އިޝްޔާގެ ދެކޮނޑުގައި ހިފައި ޒިވްރާ ބާރަށް ތަޅުވާލިއެވެ. "އަހަންނަށް ހަމަހޭވެރިކަން މިވީ އަދި ކިރިޔާ. އަހަރެން.. އަހަރެން ކިހިނެއްތަ ޒާންއާ ކައިވެނިކޮށްގެން އުޅޭނީ؟" ތުންފިއްތާލަމުން ދެބުމަ ގޮށްޖަހައިލުމަށްފަހު އިޝްޔާ ބުނެލިއެވެ. "ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު. ކީއްވެތަ ކައިވެނި ކޮށްގެން ނޫޅެވެންވީ؟ ތި ދެމީހުންވެސް އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވޭ" އިޝްޔާގެ ވާހަކަތައް ހުރިގޮތުން ޒިވްރާ އިތުރަށް ސުވާލު އުފެދޭގޮތްވިއެވެ. ހައިރާންކަން އޭނާގެ މޫނުން ފައުޅުވަމުން ދިޔައީ އެހެންވެއެވެ.

 

"ހަމައެކަނި ލޯބިވެގެން ކިހިނެއްތަ ދިރިއުޅުމެއް އުޅެނީ؟" ހިތްހަމަނުޖެހުން އެކުލެވޭ ރާގަކަށް އިޝްޔާ އެއްސެވެ.

 

"އަހަރެން ތިގޮތަށް މާނަކޮށްފަ ބުނި އެއްޗެއް ނޫންކަން ހަމަ ރަނގަޅަށް އިޝީއަށް އެނގޭނެ. އަހަންނަށް އިޝީ ތިބުނަން އުޅޭ އެއްޗެއް ހަމަ ނުވިސްނޭ. މިއޮއް ހުރިހާ ދުވަހު އެކީ އުޅެފަ އަދި ކިރިޔާތަ ޒާންއާ ކައިވެނިކޮށްގެން ނޫޅެވޭނެކަން އެނގުނީ؟" އިޝްޔާގެ ރާގު ހުރިގޮތުން ޒިވްރާ ވެސް ހިތްހަމަނުޖެހޭގޮތް ވިއެވެ.

 

"މިބުނީނު އަދި ކިރިޔާއޭ އަހަންނަށް ރަނގަޅަށް މި ވިސްނުނީ. ޒާންއާ ކައިވެނިކޮށްގެން އަހަރެން ބޭނުންވާފަދަ ދިރިއުޅުމެއް ހޯދާނީ ކިހިނެއްތަ؟ ޒާންއަށް އަހަރެން ބޭނުންވާހާ ކަމެއް ނުކޮށްދެވޭނެ. މީ އަހަރެން ވެސް އުއްމީދުކުރި ގޮތެއް ނޫނޭ. އެކަމަކު ދިރިއުޅުމުގަ ދިމާވާ ހާލަތާއެކީ ބައެއްފަހަރު އަހަރެމެން ބޭނުންވާ ކަންތައްވެސް ބަދަލުކުރަން ޖެހޭނެއް ނޫންތަ؟" ނިތުގައި އަތް ހިންގައިލަމުން އިޝްޔާ ދެލޯމަރައިލިއެވެ. ބުނަން ބޭނުންވާ ކޮންމެ ކޮންމެ ވާހަކައެއް ބުނަން އަދިވެސް އޭނާ ޖެހިލުންވަނީއެވެ. އުނދަގޫކަން އިހުސާސުވަނީ އެހެންވެއެވެ. ޒިވްރާ އޭނާއާ މެދުގައި ދެކިފާނެގޮތެއް ނޭނގޭތީ އެކަމާވެސް އިޝްޔާއަށް ވިސްނެނީކަންނޭނގެއެވެ.

 

"މިއޮއް ހުރިހާ ދުވަހުވެސް އިޝީ ބޭނުންވި ކޮންމެ ކަމެއް ފުރިހަމަކޮށްދިނީ ޒާން އެއް ނޫންތަ؟ މިތަނަށް އެކަނި ބަލާލިޔަސް އެކަން އެނގޭނެ" ހިމޭން ރާގަކަށް ޒިވްރާ ބުނެލީ ކޮންމެވެސް ވަރަކަށް އިޝްޔާގެ ވާހަކަ ހުރި މިސްރާބު ފަހުމްވެގެން ކަހަލައެވެ.

 

"ޔެސް، އެކަމަކު އޭރާ މިހާރާ ތަފާތު. ވަރަށް ބޮޑަށް ތަފާތު. އޭރު ޒާން އަކީ ފުރޮޅުލީ ގޮނޑީގަ އިން ނުކުޅެދޭ މީހެއް ނޫނޭ"

 

"އިޝްޔާ" އަޑަށް ބާރުލާފައި ޒިވްރާއަށް ގޮވާލެވުނެވެ. އޭނާގެ ދުލުން ބޭރުވީ ބަސްތައް އަޑުއަހަން ޒިވްރާއަށް އުނދަގޫވީއެވެ. ދުވަހެއްގެ ކޮޅުންވެސް އެ މޭރުމުން އިޝްޔާ ވާހަކަދައްކަފާނެ ކަމަކަށް ޒިވްރާ ހިތަށް ވެސް ނާރައެވެ. ކުރިމަތީގައި ހުރީ ކުޑައިރުންސުރެ އޭނާ ދަންނަ އެކުވެރިޔާ ބާވައޭ ޒިވްރާގެ ހިތަށް އެރިއެވެ. ނޫނީ ބޮޑުވެގެން އައި އިރު، އެ ދެމެދަށް އައި ދުރުކަމުން އިޝްޔާގެ ފޮރުވިފައިވާ ސިފަތައް އޭނާއަށް ނޭނގުނީބާވައެވެ.

 

"ކިހިނެއްވީ؟ އަހަރެން މި ބުނީ ދޮގެއް ނޫނެއްނު. އެއީ ކުރީގެ ޒާން އެއް ނޫނޭ ޒިވީ. ހެޔޮހާލުގަ ހުރި އިރު އަހަރެން ބުނެލާ ކޮންމެ ކަމެއް ކޮށްދިނަސް، މިހާރު އެހެންނެއް ނުވާނެ. އެހެންމީހެއްގެ އެހީތެރިކަމާނުލާ އެއްވެސް ކަމެއް ކުރެވޭ ހާލަތެއްގައެއް ނޫނޭ އޭނަ އެ އިނީ. ދެން އަހަރެން ކިހިނެއް އޭނަ އާ ކައިވެނި ކޮށްގެން އުޅޭނީ. އަހަންނަކަށް ނުވާނެ. ވަރަށް ވިސްނިއްޖެ. އެކި ގޮތްގޮތަށް ޚިޔާލުކުރެވިއްޖެ. އެކަމަކު.. އެކަމަކު އަހަންނަކަށް ޒާންއާ އެކުގަ މެރީޑް ލައިފެއް އުޅޭނެގޮތެއް އިމޭޖިންއެއް ނުކުރެވުނޭ ޒިވީ. އަހަރެން ހީކުރީ އަހަންނަށް އުޅެވޭނެކަމަށް. ބަޓް އައި ވޯސް ރޯންގް" ދެއަތް މުށްކަވައިލަމުން އެންމެ ފަހުން ސިކުނޑީގައި ބުރުޖަހަމުންދިޔަ ވާހަކަތައް އިޝްޔާ ބޭރުކޮށްލިއެވެ. އޭނާގެ މޫނުމަތިން އެ ވާހަކަތަކާމެދު ކުޑަކޮށްވެސް ދެރަވާކަމުގެ އެއްވެސް ނިޝާނެއް ފައުޅުވާން ނެތީތީ ޒިވްރާ ހަގީގަތުގައި ވެސް ހައިރާންވިއެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އިރުކޮޅަކު އޭނާއަށް ހުރެވުނީއެވެ.

 

"އިޝީ.. އަދި ތި ވިސްނެނީ ރަނގަޅަކަށް ނޫން. ޒާން ކޮންމެ ހާލެއްގަވެސް އިޝީ ބަލާނެކަން އަހަންނަށް ޔަޤީން. އިޝީ ދެކެ އެހާ ލޯބިވާނެ ދެވަނަ މީހަކު އިޝީއަކަށް ނުލިބޭނެ. ޕްލީޒް ޑޯންޓް ޑޫ ދިސް. ޒާން.. އެއްފަހަރުވެސް ޒާންއާ މެދުގަ ވިސްނާލަބަލަ. މިއަދުތަ އިޝީއަށް ތިހެން ކަންތައް ކުރަން އެނގުނީ؟ އިޝީ މީހެއްގެ އެހީ އެންމެ ބޭނުންވި ދުވަހު ޒާން އިޝީ ދޫކޮށްލާފަ ދިޔަތަ؟ އިޝީއާ އެކުގަ އެއިން ކޮންމެ ހިނދުކޮޅަކު ޒާން ހުއްޓެއްނު. ޕްލީޒް އެކަމާ ވިސްނާލަބަލަ. އެހެންނޫނަސް ޒާންގެ އެ ހާލަތަކީ ދާއިމީ ކަމެއް ނޫނޭ ޑޮކްޓަރުން ވެސް ބުންޏެއްނު. ފިޒިއޮތެރަޕީއާއެކުގަ ޒާންގެ ހާލަތުވެސް ރަނގަޅު ވެދާނެ ކަމުގެ އުއްމީދެއް އެމީހުންގެ އެބަ އޮތް" އިޝްޔާ އަށް ވިސްނައިދޭފަދަ ރާގަކަށް ޒިވްރާ ބުނެލިއެވެ. އެއަޑުގައި އެއްފަހަރާ އެތައް ހާސް ޖަޒުބާތެއް އެކުލެވިގެން އައެވެ. އިޝްޔާގެ ވާހަކަތައް ހުރި ގޮތުން ހިތްހަމަނުޖެހުނު ނަމަވެސް އެފަދަ ނާޒުކު ދަނޑިވަޅެއްގައި ރުޅި އިސްކުރާކަށް ޒިވްރާ ގަސްދެއް ނުކުރިއެވެ. އޭނާއަށް ބުނެވޭ އެއްޗަކުން މަސްލަހަތު އިތުރަށް ގޯސްވެދާނެތީ ޒިވްރާ ކަންބޮޑުވީއެވެ.

 

"އެއީ އެއްވެސް ގެރެންޓީއެއް އޮތް ކަމެއް ނޫން. އެހެންނޫނަސް ޒާން ރަނގަޅުވިއަސް އޭނާއަށް ހިނގާއިރު އަސާގެ އެހީ ބޭނުންވާނެކަމަށް ވެސް ޑޮކްޓަރުން ބުންޏެއްނު. އެފަދަ އައިބެއް ހުރި މީހަކާއެކީ ފެންނަންވީމަ އަހަރެން ވެސް ލަދުގަންނާނެ ދޯ. މީހުން ކިހާ މަލާމާތެއް ކުރާނެ. ޒިވީ އަށް ނުވިސްނުނަސް އަހަރެންގެ އިމޭޖް އަހަންނަށް ވަރަށް މުހިންމު. ފުރިހަމައަށް ރަނގަޅުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްއިރު، އަހަރެން ކިހިނެއް އަހަރެންގެ މުޅި ދިރިއުޅުން އެ އުއްމީދުގަ ވޭތިކުރާނީ؟ އައި ކާންޓް ވޭސްޓް މައި ލައިފް އޮން ހިމް ޒިވީ" ދެބުމަ ގޮށްޖަހައިލައިގެން ހުރެ އަޑަށް ބާރުލާފައި އިޝްޔާ ބުނެލިއެވެ.

 

"އިޝީ އަހަރެން އާދޭސްކޮށްފަ ބުނަން. އަދި އެއްފަހަރު މި ހުރިހާ ކަމަކާމެދުގަ ވިސްނާލަބަލަ. ތި ދެމީހުންގެ މެދުގަ އޮތް ގުޅުމާ ލޯތްބާމެދުގަ ވިސްނާލަބަލަ. ޔޫ އަރ ނޮޓް ޑުއިން ރައިޓް އިޝީ. ފަހުން ރިގްރެޓް ކުރާނެ. ޕްލީޒް ޑޯންޓް ޑޫ ދިސް" އިޝްޔާއާ ގާތަށް ޖެހިލައި އޭނާގެ އަތްތިލައިގައި ހިފައިލަމުން ޒިވްރާ އާދޭސްކޮށްލިއެވެ. އިޝްޔާ އެފަދައިން ކަންތައް ކުރުމުން އަޒާންގެ ހިތުގައި ޖެހޭނެވަރާމެދުގައި ޒިވްރާއަށް ވިސްނެނީއެވެ. އެ މުޅި އާއިލާ އެހެން މީހުންގެ ކުރިމަތީގައި ގަންނާނެ ލަދު ހިތަށް އެރުމުން ޒިވްރާ އިތުރަށް ހިތުގައިޖެހޭގޮތް ވިއެވެ.

 

"އިޝީ އަދިވެސް ވަގުތު އެބައޮތް. ހިނގާ އަހަންނާ އެކީ ގޮސް ރެޑީ ވެގެން އަންނަން. މިހާރު މެހެމާނުންވެސް އަންނަން ފަށާފި. ޕްލީޒް ތިގޮތަށް ކަންތައް ނުކުރޭ. ހިލްމީބެއާ ލިޔާރާއްތަ ވެސް ކިހާ ދެރަވާނެ. އެމީހުން އިޝީއަށް ވެސް އިޝީގެ އާއިލާއަށް ވެސް ކިހާ ހެޔޮ. އެހެޔޮކަމަށްޓަކާ ވެސް ތިގޮތަށް މިއަދު ކަންތައް ނުކުރޭ" ބަހެއް ނުބުނެ އިޝްޔާ ހުންނަން ފެށުމުން އަނެއްކާވެސް ޒިވްރާ ބުނެލީ އާދޭހުގެ ރާގަކަށެވެ. އެވާހަކަތަކުން ވެސް އިޝްޔާއަށް އެއްޗެއް ވިސްނޭނެނަމައޭ އެވަގުތު ޒިވްރާގެ ހިތަށް އެރިއެވެ. އެހެނަސް ކަންތައްވީ އޭނާ އުއްމީދުކުރިގޮތާ މުޅިން ޚިލާފަށެވެ. ކުއްލިއަކަށް ރުޅިއައިސްފައި ޒިވްރާގެ އަތް އިޝްޔާ ފޮޅާލިއެވެ. އަދި އޭނާއާ ދެތިން ފިޔަވަޅު ދުރަށް ޖެހިލިއެވެ.

 

"ޒިވްރާ މޮޔަވީތަ؟ އަހަރެން ނުޖެހޭނެ މީހެއްގެ ހެޔޮކަމުގެ ބަދަލު ދޭކަށް. އަދި އަމިއްލަ ދިރިއުޅުން މީހަކަށްޓަކާ ޤުރުބާންކުރާކަށް ވެސް. ކޮބާތަ އަހަރެންގެ އަމިއްލަ އުފާތައް؟ އެކަމާމެދުގަ ކީއްވެތަ އެކަކުވެސް ނުވިސްނަންވީ؟ އަހަންނަށް ހައްޤެއްނުވޭތަ އުފަލުގަ ހުންނާކަށް. އަހަންނަށް ދޯ އެނގޭނީ އަހަރެން އެންމެ ބޭނުންވާ ކަންތައް. މިބުނަނީ އެއިން އެއްވެސް ކަމެއް މިއަދު އަޒާންއާ ކައިވެނިކޮށްގެން އަހަންނަށް ފުރިހަމަވާކަށް ނެތޭ. ލޯބި ވިޔަސް ނުކުޅެދޭ މީހަކާއެކީ މުޅި ދިރިއުޅުން އަހަންނަކަށް ނޫޅެވޭނެ. އޭރަށް އަހަރެން ޖެހޭނީ އަބަދު އޭނަ އަށް ޚިދުމަތްކޮށްދެން ހުންނަން. އަހަންނަކަށް ނުވާނެ އެކަމެއް. އަހަރެންގެ މުޅި މިނިވަންކަން ވެސް ގެއްލޭނީ. އަހަރެން މި މަސައްކަތްކުރަނީ އަހަރެންގެ އުފާތައް ހޯދާށޭ. އެހެންމީހަކު އެކަމާ ނުވިސްނިއަސް. މީ އަހަންނަށް ޑީޒާރވް ވާ ލައިފް އެއް ނޫން. އެހެން މީހުން މީހުނާ އިނދެގެން އުފަލުން އުދުހޭއިރު އަހަރެންވީ ނުކުޅެދޭ މީހެއްގެ ބުރަ ކޮނޑުގަ އެޅިގެންކޮށްޓެއްގަ ބަންދުވެފަ ހުންނަންތަ އޭން. ބުނެބަލަ. އައި އެމް ސޮރީ. އަހަރެން އަމިއްލަ އެދުން ބޮޑޭ ބުންޏަސް އެއްވެސް ފަރުވާލެއް ނެތް. އެކަމަކު އަހަންނަށް މި ކައިވެންޏެއް ނުކުރެވޭނެ. އެކަކު ބުންޏަސް އަހަރެންގެ މި ނިންމުމެއް ބަދަލެއް ނުވާނެ. ޒާން ކިތަންމެ ރަނގަޅަސް އޭނަ އެ އިން ހާލުގަ އިންދަ އަހަންނަށް އޭނައާ ކައިވެންޏެއް ނުކުރެވޭނެ. މީ އަހަރެންގެ އެންމެ ފަހު ބަސް. އިތުރަށް މި ނިންމުން ބަދަލުކުރަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ." ހަރުކަށި ރާގަކަށް އިޝްޔާ ބުންޏެވެ. ރުޅި އައިސްގެން ގޮސް އޭނާއަށް ދަތްތައް ޖައްސާ ބާރުކޮށްލެވުނެވެ. އެކަކުވެސް އޭނާގެ ވާހަކަތައް ގަބޫލުކުރަން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟

 

"އެކަމަކު އިޝީ.." ޒިވްރާ އެއްޗެއް ބުނަން އުޅުމަށްފަހު ކުއްލިއަކަށް ދެލޯބޮޑުކޮށްލުމާއެކު ހިމޭންވީތަންފެނި އިޝްޔާ ސުވާލު އުފެދޭގޮތްވިއެވެ. ނިތަށް ރޫއަރުވާލުމާއެކު ފަހަތަށް އެނބުރި ޒިވްރާގެ ނަޒަރު އަމާޒުވެފައި ހުރި ދިމާއަށް އޭނާ ބަލައިލިއެވެ. ފުރޮޅުލީ ގޮނޑީގައި ހުއްޓުން އަރައިފައި އެ ދެމީހުނަށް ބަލަން އިން އަޒާން ފެނިފައި އިޝްޔާއަށް ވެސް ދެލޯބޮޑުކޮށްލެވުނެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައިރު، އެ މޫނުމަތިން ފައުޅުވަމުންދިޔަ ހިތްދަތި އަސަރުތަކުން އެމީހުންގެ ވާހަކަތައް އަޒާންއަށް އަޑުއިވުނީކަން އެނގި އިޝްޔާއަށް ހިންދިރުވައިލެވުނެވެ. އެއީ ފަހަރެއްގައި ވެސް އޭނާ އަޒާން އަށް އަޑުއިއްވަން ބޭނުންވި ބަސްތަކެއް ނޫނެވެ. އެހެނަސް އޭނާ ހާމަކުރީ އެ ހިތުގައި އެތައް ދުވަހެއް ވަންދެން ފޮރުވައިގެން ހުންނަން ޖެހުނު ހަގީގަތެވެ.

 

ހިތް ފަޅައިގެންދާހާ ވޭން އަޒާންގެ ދެލޮލުން އެކަނި ވެސް ހާމަވާން ހުއްޓެވެ. އަމިއްލަ ހާލަތާމެދު އޭނާ ލަދުގަނެފައި އިންފަދައަކުން ލަސްލަހުން އިސްއޮބައިލިއެވެ. އެވަގުތު އަޒާންގެ ނަމުން ޒިވްރާ އަށް ގޮވައިލެވުނީ ސިއްރެއް ފަދައިންނެވެ. ތުންފަތުގައި ދަތްއަޅައި ބާރުކޮށްލުމާއެކު އޭނާ އަށް ވެސް ދުރަށް ނަޒަރު ހުއްޓާލެވުނީ އެ މަންޒަރު ބަލަން ކެތްނުވެގެންނެވެ. އެއާއެކު ތިން މީހުންގެ މެދަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެވެ.

 

(ނުނިމޭ)