ނުދައްކާ ދޫކޮށްނުލެވޭނެ އެތައް ހަނދާނެއް، ސިފައިންގޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ހިދުމަތްތެރި ފަޔާރ ފައިޓަރު!
ޤައުމީ ބޮޑު ވާޖިބެއް އަދާކުރުމުގެ ތެރޭގައި ކަނޑުމަތީގައި ގެއްލިގެން ހޯދަމުންދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އަކީ ސިފައިންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަދަ ތަފާތު ހުނަރުތަކެއް ދެއްކެވި އަދި އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭކަލެކެވެ.
ސިފައިންގެއިން ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އިބްރާހީމް އަޙްމަދަކީ ކުޅިވަރުގެ މައިދާނުގައި އެވަރުގެ ދެވަނައެއް ނެތް ފަދަ މޮޅު ކުޅުމެއް ދައްކަވާފައިވާ، އަދި ޤައުމީ ޚިދުމަތުގައި ނަމޫނާ، ހިތްވަރުގަދަ ފަޔާރ ފައިޓަރެކެވެ.
އޭނާއާއެކު މި ޤައުމީ މުހިންމު މަސައްކަތުގައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އަނެއް ދެ ބޭފުޅުންނަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަބަދުވެސް ތައްޔާރަށް ހުންނެވި އުޅުމާއި އަޚުލާޤު ވަރަށް ރަނގަޅު ޒުވާނެއް ކަމަށްވާ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އާއި، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ. މި ތިން ބޭކަލުންނަކީވެސް އެބޭކަލުންގެ އާއިލާތަކަށާއި، ރައްޓެހިންނަށާއި، މުޅި އިޖުތިމާއީ ވެއްޓަށް އެތައް ހަނދާންތަކަކާއި ޚިދުމަތްތަކެއް ދޫކުރައްވާފައިވާ ބޭކަލުންނެވެ.
Ads by BMLމި ތިން ބޭކަލުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވައިގެމަގުންނާއި ކަނޑުގެ މަގުން ވަރަށް ފުޅާދާއިރާއެއްގައި ވަނީ ފަށާފައެވެ. އެމާކަނޑުގެ ނުރައްކާތެރި ރާޅުތަކުގެ ތެރެއިންނާއި ވަށައިގެންވާ ސަރަޙައްދުތަކުން މި ބޭކަލުންގެ ނިޝާނެއް ފެނޭތޯ ކުރެވެމުންދާ އޮޕަރޭޝަނަކީ މުޅި ޤައުމުގެ ސަމާލުކަމާއި ކަންބޮޑުވުން ހުއްޓިފައިވާ ބޮޑު އޮޕަރޭޝަނެކެވެ.
މި ނުރައްކާތެރި އަދި ހިތާމަވެރި ދަނޑިވަޅުގައި މުޅި ޤައުމުގެ އެންމެހައި ރައްޔިތުންގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲގެ ވާގިފުޅާއެކު ކުރިއަށްދާ މި ހޯދުމުގެ އޮޕަރޭޝަން ކާމިޔާބުވެ، މި ތިން ބޭކަލުންވެސް ގަދަވެ ސަލާމަތުން ތިއްބާ ފެނުމުގެ ނަސީބު މިންވަރުކުރެއްވުމެވެ.
ޔާ ﷲ، ގެއްލިގެން ހޯދަމުންދާ އެންމެން އިބައިލާހުގެ ތަނަވަސް ހެޔޮ ރަޙުމަތުން ހެޔޮޙާލުގައި ލައްވައި، ރައްކާތެރިކަން ދެއްވައި، ހެޔޮޙާލުގައި ފެނުމުގެ ނަސީބު މިންވަރުކުރައްވާށިއެވެ. އާމީން.
Ads by MACL
