މައްކާ ޖޮއިންޓް ޑިފެންސް ޕެކްޓް: މެދުއިރުމަތީގެ ސަލާމަތީ މަސްރަހަށް ހެޔޮ ބަދަލެއް އަންނާނެތަ؟
ތުރުކީއާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން ގުޅިގެން ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް ޕެކްޓް" ގެ ސަބަބުން މެދުއިރުމަތީގެ ސަލާމަތީ މަސްރަހަށް ހެޔޮ ބަދަލެއް އަންނާނެތޯއާމެދު ސިޔާސީ މާހިރުންނާއި އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދެން ފަށާފައެވެ.
މިދިޔަ އަހަރު ރިޔާދާއި އިސްލާމްއާބާދާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ތާރީޚީ އެއްބަސްވުމަކީ، ސަރަހައްދުގެ ބާރުގެ ޑައިނަމިކްސް މުޅިން ބަދަލުކޮށްލަފާނެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއްކަން އަދި ކަށަވަރެއް ނޫނެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ޑީލަކީ އިސްރާއީލާއި އީރާނާ ދެފަރާތަށް ވެސް ސަމާލުވެ، އެ ދެ ގައުމުގެ ދެމެދުގައި އުފެދެމުންދާ ހަމަނުޖެހުންތަކަށް ރައްދުދިނުމުގެ ގޮތުން އުފެދުނު ފުޅާ މަންޒަރީ އެއްބަސްވުމެއްގެ ފެށުން ކަމަށް ވެދާނެއެވެ.
Ads by BMLމި ތިން ގައުމުން މި އެއްބަސްވުން އަމާޒުކޮށްފައި ވަނީ ކުޅަދާނަކަމާއި އެއްބައިވަންތަކަމުގެ މެސެޖެއް ދިނުމަށް ކަމަށްވިޔަސް، އެއްވެސް ބޭރު ބާރަކަށް ސީދާ ރައްދުދިނުމަށް ހަދާފައިވާ އެއްޗެއްގެ ގޮތުގައި ފްރޭމްކުރުމަށް ވަރަށް ބޮޑަށް ސަމާލުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބައިވެރިވާ ފަރާތްތައް ދިފާއުކުރަން ޖެހޭ މިންވަރު އަދިވެސް މުޅިން ސާފުވެފައެއް ނުވެއެވެ.
ކިލޯވެން ގްރޫޕްގެ ޗެއާމަން ހާލަން އުލްމަން އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި މި އެއްބަސްވުމުގައި އެއް ގައުމަކަށް ދެވޭ ހަމަލާއެއް އެންމެނަށް ދެވޭ ހަމަލާއެއްގެ ގޮތުގައި "ދެކޭނެ" ކަމަށް ބަޔާންތަކުގައި އޮތް ނަމަވެސް، އެއީ ގާނޫނީ ގޮތުން ސީދާ ލާޒިމުކުރާ ކަމެއްކަން އަދި ކަށަވަރެއް ނޫނެވެ.
މިފަދަ ސުވާލުތައް އުފެދެމުންދަނީ މި ތިން ގައުމަށް ވެސް އަމިއްލަ ސަލާމަތީ ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނަށް އަފްޣާނިސްތާނާ އެކު ބޯޑަރު ހަނގުރާމަތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއާ ދެމެދު ވެސް ވަނީ އަސްކަރީ ގޮތުން ނުތަނަވަސްކަން އުފެދިފައެވެ. އަދި ސައުދީ އަރަބިއްޔާއަށް އީރާނާއި އެ ގައުމާ ގުޅުން އޮންނަ ފަރާތްތަކުން ހަމަލާތައް އަމާޒުވަމުންދާއިރު، ތުރުކީ އަށް ވެސް ވަނީ ކުރުދީ ހަނގުރާމަވެރިންނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ.
މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް ބޮޑު އުނިކަމެއް އައިސްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާއި އޭގެ ފަހުން ޣައްޒާގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.
އީރާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން މުޅި ސަރަހައްދަށް ފެތުރިގެންދިއުމާއެކު، ގައުމުތަކުން އަންނަނީ ކުރީގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޕްރެގްމެޓިކް ގޮތަކަށް މަސައްކަތް ކުރަން ފަށާފައެވެ. މީގެ އެންމެ ބޮޑު މިސާލަކީ ތުރުކީއާއި ސައުދީ އަރަބިއްޔާގެ ގުޅުން އަލުން ރަނގަޅުވުމެވެ.
މި ޕެކްޓްގެ މައިގަނޑު އަމާޒަކީ ބިރުވެރިކަން ނުވަތަ ޑިޓެރެންސް އުފެއްދުން ކަމަށްވާއިރު، މި ތިން ގައުމުން ވެސް މި ކަމަށް ގެންނަނީ ތަފާތު އަދި ވަރުގަދަ ބާރުތަކެކެވެ.
ޕާކިސްތާނުން ހަނގުރާމަތަކުގެ ތަޖުރިބާ ލިބިފައިވާ އަސްކަރިއްޔާއަކާއި އިސްލާމީ ދުނިޔޭގައި އޮތް ހަމައެކަނި ނިއުކްލިއަރ ހަތިޔާރު ހުށަހަޅާއިރު، ތުރުކީއިން ދުނިޔޭގެ ފެންވަރުގެ ޑްރޯން ޓެކްނޮލޮޖީއާއި ޒަމާނީ ދިފާއީ އުފެއްދުންތައް ފޯރުކޮށްދެއެވެ. އަދި ސައުދީ އަރަބިއްޔާއިން މި ހުރިހާ ކަމަކަށް ބޭނުންވާ މާލީ ބާރު ފޯރުކޮށްދެއެވެ.
އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކާއި، މެދުއިރުމަތީގައި އެމެރިކާގެ ރައްކާތެރިކަމާ މެދު އުފެދެމުންދާ ސުވާލުތަކުގެ ސަބަބުން މިފަދަ އައު އިއްތިހާދުތަކުގެ ބޭނުން ބޮޑުވެފައިވެއެވެ.
ތަޖުރިބާކާރުން ދެކޭގޮތުގައި މި ތިން ގައުމަށް ވެސް އެންމެ ބޮޑު ނުރައްކަލަކަށް ވެފައި ވަނީ އިސްރާއީލެވެ. އަދި އީރާނަކީ ދެވަނައަށް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ސައުދީއިން ދެކެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ "ސުންނީ އެކްސިސް" އެއް އުފެދިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ޕެކްޓުގައި މިޞްރު، ގަތަރު، ސޫރިޔާ، އަދި އެކުވެރި ޢަރަބި އިމާރާތް ފަދަ އެހެނިހެން ގައުމުތައް ބައިވެރިވާނެތޯ އަދި ސާފެއް ނޫނެވެ. ސުންނީ ގައުމުތައް ބައިބައިވެފައި ތިބުމަކީ އިސްރާއީލާއި އީރާނުގެ ނުރައްކަލާ ކުރިމަތިލުމަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށް ބުނެވުނު ނަމަވެސް، ކޮންމެ ގައުމަކަށް ވެސް އަމިއްލަ ސިޔާސީ އަދި އިގްތިސާދީ މަސްލަހަތުތަކެއް އޮތުމުގެ ސަބަބުން ވަގުތުން ބައިވެރިވާން ފަސްޖެހެއެވެ.
އެންމެ ފަހުން، މި އެއްބަސްވުމުން ހަގީގަތުގައި ވެސް ސަރަހައްދީ އައު ނިޒާމެއް އުފެދި ހެޔޮ ބަދަލުތަކެއް ގެނެވޭނެތޯ ބެލެވޭނީ މި އެއްބަސްވުމަށް ކުރިމަތިވާ ފުރަތަމަ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަނެވޭ މިންވަރަކުންނެވެ.
Ads by MACL
