ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މޮރޮކޯގެ ސިޔާސީ މައިދާނަށް ފުޓްބޯޅައިގެ ބާނީ ފައުޒީ ލެކްޖާ: ބޮޑުވަޒީރުކަމުގެ ހުވަފެން ހަގީގަތަކަށް ވެދާނެތަ؟

މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އަދި ބަޖެޓާ ބެހޭ ވަޒީރު ފައުޒީ ލެކްޖާ --- ގެޓީއިމޭޖްސް
މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އަދި ބަޖެޓާ ބެހޭ ވަޒީރު ފައުޒީ ލެކްޖާ --- ގެޓީއިމޭޖްސް

މޮރޮކޯގައި އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކައިރިވަމުންދާއިރު، އެ ގައުމުގެ ސިޔާސީ މަޝްރަހުގައި އެންމެ ގަދައަށް ދެކެވެމުންދަނީ ސިޔާސީ ފިކުރުތަކާއި ޕާޓީތަކުގެ މެނިފެސްޓޯތަކުގެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެ ގައުމުގެ އެންމެ ނުފޫޒުގަދަ އެއް މަސްއޫލުވެރިޔާ، މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އަދި ބަޖެޓާ ބެހޭ ވަޒީރު ފައުޒީ ލެކްޖާ ސިޔާސީ ޕާޓީއަކާ ގުޅެން ނިންމެވި ނިންމެވުމަށެވެ.

އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕީއޭއެމް) އަށް ލެކްޖާ ސޮއި ކުރެއްވި ހިސާބުން ފެށިގެން ސިޔާސީ މަޝްރަހާއި ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. މީގެ ކުރިން އާންމު ހިންގުމާއި މާލީ ކަންކަމުގައި އަދި ފުޓްބޯޅަ ކުރިއަރުވައިގެން މަޝްހޫރުކަން ހޯއްދެވި ލެކްޖާގެ މި ނިންމެވުމަކީ ހަމައެކަނި ޕާޓީއަކާ ގުޅިވަޑައިގަތުމެއް ނޫން ކަމަށާއި، މިއީ މޮރޮކޯގެ ސިޔާސީ ސަގާފަތަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ނިޝާނެއް ކަމަށް ގިނަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އިންތިޚާބަށް ތިން މަހަށްވުރެ ކުރު މުއްދަތެއް އޮއްވައި ލެކްޖާ އިދިކޮޅު ނޫން، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ މަޤްސަދަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު މާނައެއް ނެރެވޭކަމެކެވެ. މޮރޮކޯގެ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް، ގައުމީ ފުޓްބޯޅަ އިދާރާގެ ވެރިޔާގެ މަގާމާއި ވަޒީރުކަން އެކުއެކީގައި ކުރައްވަމުންދާ ބޭފުޅަކު ސިޔާސީ މަޝްރަހަށް ނިކުތުމުން އެއީ އާދައިގެ ރައްޔިތަކު ސިޔާސީ ދާއިރާއަށް ނުކުތުން އަޅާކިޔޭނެ ކަމެއް ނޫނެވެ.

މި އިންތިޚާބަށްފަހު އުފެދޭ ސަރުކާރަކީ 2030 ވަނަ އަހަރު ސްޕެއިން އަދި ޕޯޗުގަލްއާއެކު މޮރޮކޯއިން ބާއްވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާނެ ސަރުކާރެވެ. އިންފްރާސްޓްރަކްޗަރާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ވަންނާނެތީ، ކުރިއަށް އޮތް ސަރުކާރަށް ގިނަ ބަޔަކު މުޚާތަބުކުރަނީ "ވޯލްޑް ކަޕް ސަރުކާރު" ގެ ގޮތުގައެވެ.

ލެކްޖާގެ މަގުބޫލުކަން އުފެދިގެން ދިޔައީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯ ދަތުރުކޮށް ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެންނެވެ. އެ ކާމިޔާބީއާއެކު ދުނިޔޭގެ ކުރިމަތީގައި މޮރޮކޯގެ އަބުރު އުފުލި، ފުޓްބޯޅައަކީ ގައުމީ ތަރައްގީއާއި ގާބިލުކަމުގެ ރަމްޒަކަށް ވެގެންދިޔައެވެ.

ނަމަވެސް، ސިޔާސީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، ޕާޓީގެ ތެރެއިން ސިޔާސީ އާދަކާދައިގެ ތެރެއިން އުފެދޭ ލީޑަރުންގެ ބަދަލުގައި، ބޭރުން މަގުބޫލުކަން ހޯދާފައިވާ ޝަޚްސިއްޔަތުން ސިޔާސީ ހުރިހާ ބާރެއްގެ މެދަށް ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ އަސްލު މަގުސަދު ހަނދާންނެތިގެންދާނެ ކަމެކެވެ. ސޯޝަލް މީޑިއާގައި ބައެއް އާންމުން ސަމާސާއަކަށް ހަދާފައި ބުނެފައިވަނީ "ޕީއޭއެމްއިން ލެކްޖާ ހޯދީއެއް ނޫން، ލެކްޖާ ޕީއޭއެމް ހޯދީ" ކަމަށެވެ.

މޮރޮކޯގެ ގާނޫނު އަސާސީގެ 47 ވަނަ މާއްދާގައިވާ ގޮތުން، ރަސްގެފާނު ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާނީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ނަގާ ޕާޓީގެ އިސް ބޭފުޅެކެވެ. ލެކްޖާ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް، ކުރީގެ ބޮޑުވަޒީރު އަޒީޒް އަޚަންނޫޝްވެސް ސިޔާސީ މައިދާނަށް ވަޑައިގެންނެވި ގޮތާ ލެކްޖާގެ މި ނިންމެވުން އެއްގޮތްވުމުން، އޭނާ ބޮޑުވަޒީރުކަމަށް އަމާޒުކުރައްވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މޮރޮކޯއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ވަޒީފާނެތުމުގެ މައްސަލައާއި، ތަކެތީގެ އަގު އުފުލުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ މައްސަލަތަކެވެ. ފުޓްބޯޅަ ހިންގުމުގައި ދެއްކެވި ހުނަރާއި ކާމިޔާބީ، ގައުމެއްގެ އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ދެއްކޭނެތޯ މިއީ މޮރޮކޯގެ ރައްޔިތުންގެ ހިތުގައި އުފެދެމުންދާ އެންމެ ބޮޑު ސުވާލެވެ.