ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (22 ވަނަ ބައި)
ބަހެއްވެސް ނުބުނެ ހިމޭނުން އަޒާން އިނީތީ އިޝްޔާއަށް އުނދަގޫވިއެވެ. އޭނާ ދެއްކި ވާހަކަތައް އަޒާން އަށް އިވުނު ނަމަވެސް އެއްވެސް ރައްދެއް ދޭން އޭނާ ބޭނުންނުވީތީ ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އިޝްޔާއަށް ލިބުނެވެ. އެއްފަހަރު އަޒާން އަށް އަނެއްފަހަރު ޒިވްރާއަށް ބަލައިލަމުން އޭނާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ހަށަންބަނދެލުމާއެކު ލަސްހިނގުމެއްގައި އައިސް އަޒާންއާ ކުރިމަތިވާނޭހެން ހުއްޓިލިއެވެ. އިޝްޔާގެ އެއަމަލާއެކު ޒިވްރާ ސަމާލުކަމަށް އައެވެ. އޭނާ ކުރަންއުޅޭ ކަމެއް ނޭނގި ހިސާބަކަށް ހާސްވެފައި ޒިވްރާ ބަލަން ހުއްޓެވެ.
"ޒާން" މަޑުމަޑުން އިޝްޔާ ގޮވާލިއެވެ. އެއާއެކު ހިތްވަރުކޮށްފައި އަޒާން އިސްއުފުލާ އިޝްޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުން ފައުޅުވަމުންދިޔަ އެތައް ހާސް ޝަކުވާތައް ބަސްމޮށުންތެރިކަމެއް ނެތިވެސް އިޝްޔާއަށް ފަހުމްވިއެވެ. ތުންފިއްތާލަމުން އޭނާ ހިންދިރުވައިލީ އެހެންވެއެވެ. އަޒާންގެ މޫނަށް ބަލަން ހުރެ ވާހަކަދައްކަން އުނދަގޫވާނެހެން ހީވުމުން އޭނާ ދުރަށް ނަޒަރު ހުއްޓާލިއެވެ.
Ads by BML
"އައި އެމް ސޮރީ.. އަހަނަށް އެނގޭ އަހަރެން ދެންމެ ދެއްކި ހުރިހާ ވާހަކައެއް ޒާން އަށް އަޑުއިވިއްޖެކަން.. މީ އަހަރެން ވެސް ބޭނުންވި ގޮތެއް ނޫން. އެކަމަކު.. މިއަދު މި ނޫން ގޮތެއް އަހަންނަކަށް ނެތް. އަހަންނަށް ޒާންއާ ކައިވެނިކުރެވޭކަށް ނެތް. ހީކުރަން އެކަކަށް ނުވިސްނުނަށް އަހަރެންގެ ސަބަބުތައް ޒާން އަށް ވިސްނޭނެކަމަށް. އަދި ގަބޫލުކުރާނެ ކަމަށްވެސް. އައި ނޯ އަހަންނަށްޓަކާ ޒާން ވަރަށް ގިނަ ކަންތައްތައް ކޮށްދިންކަން. އަދި އަހަރެންދެކެ ވަރަށް ލޯބިވާކަން ވެސް. އެކަމަކު... އެކަމަކު.. އޭގެ ބަދަލުގަ އަހަންނަށް އަހަރެންގެ މުޅި ދިރިއުޅުން.. ޤުރުބާންކުރެވޭކަށް ނެތް.. އަހަރެން އެތައް ގޮތަކަށް ވިސްނިން. ބިލީވް މީ.. އަހަންނަށް ހަމަ އެއްވެސް ވަރަކަށް ނޭނގުނު ޒާންއާ އެކީ ދިރިއުޅުން ކުރިއަށްގެންދެވޭނެ ގޮތެއް.. އަހަންނަށްޓަކާ ޒާން ކޮށްދިން ކޮންމެ ކަމަކަށް ޝުކުރުވެރިވަން.. ބަޓް ޕްލީޒް.. އެ ހެޔޮކަމުގެ އަގު އަދާކުރަން އަހަރެންގެ ފަރާތުން ނޭދޭނެކަމަށް ހީކުރަން.. އެނގޭ އަހަންނަށް ޒާން އަށް މިދެވެނީ ވަރަށް ބޮޑު ދެރައެއްކަންވެސް.. ފަހަރެއްގަ އަހަންނަށް މަޢާފުކޮށްދެން ޒާން ބޭނުންވެސް ނުވެދާނެ.. އެކަމަކުވެސް އަހަރެން ޒާންގެ ކިބައިން މަޢާފަށް އެދެން.. ހީކުރަން ކޮންމެވެސް ދުވަހަކުން އަހަންނަށް މަޢާފުކުރާނެކަމަށް.."އެއްވެސް އަސަރެއް ނެތް ގޮތަކަށް އިޝްޔާ ބުނެލިއެވެ. އެ ހުރިހައި އިރު ކަޅިވެސް ޖަހައިނުލާ އަޒާން އިނީ އިޝްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާއަށް ވާހަކަދައްކަން ވެސް އުނދަގޫވެފައި ވިއެވެ. ދޫ ހަރަކާތްކޮށްލި ނަމަވެސް އެންމެ ލަފުޒެއްވެސް އެ ދުލުން ބޭރުނުވިއެވެ. ހުއްޓުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އެހިތުގައި އަޅަމުންދިޔަ ވޭން އިޝްޔާއަށް ހާމަކޮށްދެން މަސައްކަތްކުރާ ކަހަލައެވެ. އެހެން ކަންތައް ނުކުރުމަށްއެދި އިޝްޔާ ގާތުގައި އާދޭސްކުރަން އަޒާން ބޭނުންވިއެވެ. އެހެނަސް ކުޑަ ހަރަކާތެއް ކޮށްލުމަށްވެސް އޭނާގެ މުޅި ހަށިގަނޑު ނުކުޅެދިފައިވާ ކަހަލައެވެ. ލަގޮނޑިއަށް ވާންވެލުމާއެކު އަޒާން އަށް ހިންދިރުވައިލުންވެސްވީ ދަތިކަމަކަށެވެ. އެތައް ހާސް ޝަކުވާއަކުން ހިތް ފުރެމުންއައި އިރު، އިޝްޔާގެ ދުލުން އޭނާއަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް ހަނދާންވެ، ހިތުގައި ލެވެމުންދިތަ ޒަޚަމްތަކުން ލޭކަރުނަ ފައިބަމުންދިޔައެވެ. އެތައް ހާސް އެތިކޮޅުތަކަކަށް ހިތް ފިސްފިސްވެގެން ދިޔައިރުވެސް، އެހިތުގެ ވޭނީ އާހުގެ އަޑު ކުރިމަތީގައި ހުރި އިޝްޔާގެ ކަންފަތާހަމައަށް ފޯރުކޮށްދިނުމަށް އޭނާވީ ނުކުޅެދިފައެވެ. ހިތް ގިސްލާ ރޮމުންދިޔައިރު އެ އަޑު އިވެމުންދިޔައީ ހަމައެކަނި އަޒާންގެ ކަންފަތަށެވެ.
އަޒާންގެ ޚަބަރެއް ނުވީތީ އިޝްޔާ ލަސްލަހުން އަޒާންއާ ނަޒަރު ސީދާކޮށްލިއެވެ. އެއާއެކު ކުރެވުނު ކުށްވެރިކަމުގެ އިހުސާސުން އޭނާގެ ހިތަށް އުނދަގޫވިއެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި އިތުރަށް މަޑުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. ހިތްވަރުކޮށްފައި އޭނާ އެތަނަށް އައީ ހަމައެކަނި އޭނާއަށް އަޒާންއާ ކައިވެނި ކުރެވެންނެތް ވާހަކަ ބުނެލާށެވެ. އޭނާ އައި ބޭނުން ފުދުމުން އިތުރަށް ދެން އެތަނުގައި މަޑުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
"އަޒާން ބުނާނެ އެއްޗެއް ނެތީކަމަށްވަންޏާ އަހަރެން ދެން ދަނީ. ހުއްޓުމެއްނެތި އެންމެން ގުޅާތީވެ ސަބަބު ބުނެލަދޭން އަސްލު މިއައީ ވެސް. އެނީވޭސް.. އައި އެމް ސޮރީ އަގެއިން.. ބާއި ޒާން" އެހެންބުނެލުމަށްފަހު އަޒާންގެ ޖަވާބަކަށް ވެސް އިންތިޒާރު ކުރުމެއްނެތި އެތަނުން ނުކުންނަން އިޝްޔާ ހިނގައިގަތެވެ. އެތަންފެނި ހުއްޓުން އަރައިފައި ހުރި ޒިވްރާއަށް ދިރުން ލިބުނު ކަހަލައެވެ. ކުއްލިއަކަށް އިޝްޔާގެ ފަހަތުން އޭނާ ދުއްވައިގަތެވެ. އެހެނަސް ވަކި ހިސާބަކުން އޭނާ މަޑުޖެހުނީ އޭނާގެ އަތުގައި ކޮންމެވެސް މީހަކު ހިފުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު، އޭނާގެ އަތުގައި ހިފަހައްޓާލައިގެން ކުރިއަށް ނަޒަރު ސީދާކޮށްލައިގެން އަޒާން އިނެވެ. ސުވާލުގެ ނަޒަރަކުން އަޒާން އަށް ބަލައިލަމުން އޭނާ އަނެއްކާވެސް ދޮރުން ނުކުންނަމުންދިޔަ އިޝްޔާއަށް ބަލައިލިއެވެ. ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ޒިވްރާގެ މޫނުން ފައުޅުވެލިއެވެ. ފަސްއެނބުރި އަޒާން ހިފަހައްޓާލައިގެން ހުރި އަތްތިލައަށް ޒިވްރާއަށް ބަލައިލެވުނެވެ. އޭރު މަޑުމަޑުން އަޒާން ދެފަރާތަށް ބޯހޫރަމުންދިޔައެވެ. އެތަންފެނި ޒިވްރާއަށް ގޮތްހުސްވީކަހަލައެވެ. އަޒާން ގާތަށް އައިސް އޭނާއާ ކުރިމަތިވާނޭހެން ޒިވްރާ ތިރިވެލިއެވެ.
"ޒާން ޑޯންޓް ވޮރީ.. އިޝީއަށް ވިސްނޭނެ.. އަހަރެން ވާހަކަދެއްކީމަ އިޝީ ޤަބޫލުކުރާނޭ.. ވަރަށް އަވަހަށް މި އަންނަނީ.. އިޝީ ރުއްސަން އަހަންނަށް އެނގެއޭ.. ޓްރަސްޓް މީ.. އަހަރެން ދައްކާ ވާހަކަ އިޝީ ޤަބޫލުކުރާނޭ.. ޝީ ޖަސްޓް ނީޑްސް ސަމް ޓައިމް.. ޕްލީޒް އަހަރެން ދިޔަދީ.. އެހެންނޫނީ ވަގުތު ފާއިތުވެދާނެ.. އަހަރެން އިޝީ ގޮވައިގެން އަންނާނަމޭ.. އަހަންނަށް އިތުބާރުކުރޭ.. ޒާން އަށް އިޝީ ގެއްލުނަކަ ނުދޭނަން" ހާސްވެ ކަންބޮޑުވެފައި އިނދެ ޒިވްރާ އަވަސް އަވަހަށް ވާހަކަދައްކަމުން ދިޔައެވެ. އެ ވާހަކަތަކުން އަޒާން އަށް ހިތްވަރުދީ ވިސްނައިދޭން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އިޝްޔާ އަންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތް ނަމަވެސް ހިތްވަރުއެލުވާލާކަށް ޒިވްރާ ބޭނުމެއްނުވިއެވެ.
ކަރުނުން ބަރާވެފައިވާ ދެލޮލުން ޒިވްރާގެ މޫނަށް އަޒާން ބަލައިލިއެވެ. އަދި އަނެއްކާވެސް ދެފަރާތަށް ބޯހޫރާލިއެވެ. "ކީއްވެ.. ޒާން ބޭނުންނުވަނީތަ އިޝީއާ މެރީ ކުރަން.. ކީއްވެ އަހަރެން ތި ހުއްޓުވަނީ؟ އަހަރެން މި ބުނީނު އަހަރެން އިޝީ ގޮވައިގެން އަންނާނަމޭ" އަޒާންގެ ހަރަކާތްތައް ހުރިގޮތުން ޒިވްރާ އިތުރަށް ކަންބޮޑުވެ ހިތްބިރުގަންނަގޮތް ވިއެވެ.
"ނޯ ނީޑް.. އިޝީ އެއް ނާންނާނެ.. އަހަންނަށްވުރެ ބޮޑަށް އޭނާގެ ގޮތް އެނގޭނެ މީހަކު ނުހުންނާނެ.. ބޭކާރު އުއްމީދުތަކެއް ކުރާކަށް އަހަރެން ނެތިން" ކުރެހިފައިވާ އަޑަކުން އަޒާން ބުނެލިއެވެ. "ޒާން" ވައިއަޑުން ޒިވްރާއަށް އަޒާންގެ ނަމުން ގޮވާލެވުނެވެ. ހަދާނެގޮތް އޭނާއަށް ހުސްވީކަހަލައެވެ. އަޒާންގެ ހިތުގައިވީ އެއްވެސް ކަމެއް އެ ދުލުން ބަޔާންކުރަން އޭނާ ބޭނުންނުވާ ފަދައެވެ. އެކަމުން ޒިވްރާއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. "އިޝީ ދެއްކި ވާހަކަތަކުގެ ސަބަބުންތަ؟ އެއީ އިޝީ މާނަކޮށްފަ ބުނި އެއްޗެއްކަމަށް ވެސް ނުވެދާނެ" އަދިވެސް ޒިވްރާ މަސައްކަތްކުރަމުން ދިޔައީ އަޒާން އަށް ވިސްނައިދިނުމަށެވެ. "އިޝީގެ ދުލުން ނުކުތް ކޮންމެ ބަހެއް... ޝީ މެންޓް އިޓް.. އިޝީ ބުނީ ރަނގަޅަށް... އަހަރެން ކަހަލަ ނުކުޅެދޭ މީހަކު... ކައިވެންޏެއް ކުރުން ހައްޤެއް ނޫން" ހުއްޓަމުންކަހަލަ ގޮތަކަށް އުނދަގުލުން އަޒާން ބުނެލިއެވެ. އޭރު ހިތި ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޒިވްރާ ހިމޭންވީ އެތަނަށް ވަދެގެން އައި ހިލްމީ އާއި ލިޔާރާ ފެނުމުންނެވެ. އިންތަނުން ތެދުވަމުން އޭނާ ދުރަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު އަޒާން ވެސް މަޑުމަޑުން ޒިވްރާގެ އަތުން ދޫކޮށްލިއެވެ. އަތް ގަޔާ ކައިރިކޮށްލުމާއެކު އަޒާން ހިފަހައްޓައިގެން ހުރި ހިސާބުގައި ޒިވްރާއަށް ފިރުމައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އެހިތުގެ ހިނގުން ވެސްވީ ކޮންމެވެސް ވަރަކަށް އަވަސްވެފައެވެ.
"ޒާން ދަރިފުޅު.. އިޝީ.. އިޝީ.."
"އިޝީ އެއް ނާންނާނެ.." އެއްދިމާލަކަށް ބަލަން އިނދެ އަޒާން ބުނެލިއެވެ. އެއަޑު އިވިފައި ލިޔާރާއަށް ކަންބޮޑުވުމުގެ ނަޒަރަކުން ގާތުގައި ހުރި ހިލްމީއަށް ބަލައިލެވުނެވެ.
"އިޝީ ނުކުންނަން ދަނިކޮށް ދިމާވި.. މަންމަ ވިސްނާދެން ވަރަށް މަސައްކަތް ކުރިން.." ފެންކަޅިވަމުންދިޔަ ދެލޮލުން ހިތްހަލާކުވެފައި އިން ދަރިފުޅަށް ބަލައިލަމުން ލިޔާރާ ބުނެލިއެވެ. އެއާއެކު ހިލްމީއަށް ވެސް މޫނުމަތީގައި އަތްކާއްތައިލެވުނީ ހަދާނެ ގޮތް ހުސްވެގެންނެވެ. "ސުފްޔާން އާއި ޔުމްނާ ވެސް ފޯނެއް ނުނަގާ. މިވަރުގެ ކެއްސެއް އެމީހުން ދޭންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. ރައްޔާން ވެސް އެނބުރި އައިސްފި.. ބުނީ ގޭގެ ބެލް އަޅާ އަޅާ ދޮރެއްވެސް ނުހުޅުވިއޭ" ލިޔާރާއާ ޒިވްރާއަށް ބަލައިލަމުން ހިލްމީ ބުނެލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ. އެވަގުތު އޭނާ ގާތަށް އައިސް ހުއްޓިލި ރައްޔާން ކަންބޮޑުވުމުގެ ނަޒަރަކުން އަޒާން އަށް ބަލައިލިއެވެ. އަދި ހިލްމީއާ ކައިރިވެލަމުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. "ކޯޓުން އައިސް ތިބި މީހުނާ ވާހަކަދައްކާލަން ބައްޕަ މިދަނީ.. ދަރިފުޅު މެހެމާނުންތައް ފޮނުވާލާ.. މިވަގުތު މި ނޫން ގޮތެއް ނެތް.. ކިތަންމެ ލަދުގަތަސް އަހަރެމެން ޖެހޭނީ އެމީހުނާ ކުރިމަތިލާން.." ރައްޔާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ހިލްމީ ބުނެލިއެވެ. އެއާއެކު ކުޑަކޮށް ބޯޖަހައިލަމުން އޭނާ އަވަސްވެގަތީ ހިލްމީ ބުނިފަދައިން ކަންތައް ކުރުމަށެވެ. އޭރު ހުއްޓުން އަރައިފައި އިން އަޒާންއާ ކޮންމެވެސް ވާހަކައެއް ދެއްކޭތޯ ލިޔާރާ މަސައްކަތް ކުރަމުންދިޔައެވެ. އެހެނަސް ހިލާ އަޒާން އަނގައިން އެންމެ ބަހެއްވެސް ނުބުންޏެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް އޭނާ އިނީއެވެ. ދެތިންފަހަރު ދަރިފުޅުގެ ކޮނޑުގައި ހިފައި ލިޔާރާ ތަޅުވާވެސްލިއެވެ. ނަމަވެސް އަޒާންއަށް ކަމެއްވާހެން ވެސް ހީނުވެއެވެ. ވަށައިގެންވި ދުނިޔެ އެނބުރެމުންދިޔަހެން ހީވިއިރު، އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތިއްކަކަށްފަހު ކަރުނަތިއްކެތް ފައިބަމުންދިޔައެވެ. މިއަދު އެކަރުނަތައް ހުއްޓުވުމުގެ ބާރެއްވެސް އަޒާންގެ ކިބައި ނެތްކަހަލައެވެ.
މީހުންތައް ނުކުމެ ތަން ހިމޭންވީއިރުވެސް އަޒާން އެ އިންގޮތަށް އިނީއެވެ. އެކި މީހުން ނުކުންނަމުން ދެއްކި ވާހަކަތަކުން ލަދުގަނެފައި ރައްޔާން އާއި ހިލްމީ ތިބިއިރު އަޒާން އަށް ވެފައި އިންގޮތުން ގިސްލާ ރޮމުންދިޔަ ލިޔާރާގެ ގައިގައި ހިފަހައްޓާލައިގެން ޒިވްރާ ހުއްޓެވެ. ކުއްލިއަކަށް އެންމެން ސިހުނީ އިވުނު ބާރު އަޑުފަށްގަނޑުންނެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން އެންމެން އަޒާންއާ ދިމާއަށް ބަލައިލިއެވެ. އެތަން ޒީނަތްތެރިކުރުމަށް ބަހައްޓާފައިހުރި ލަކުޑި ފްރޭމެއްގައި އަތުން ޖެހިޖެހީނުން އަޒާން ވައްޓާލީއެވެ. ހަމައިންނައްޓާފައިވާ މީހަކު ފަދައިން އޭނާ ފަހަރަކު އެއްޗެއް ހަލާކުރަމުންދިޔައިރު، ދަރިފުޅު އުޅެމުންދިޔަގޮތް ފެނި ޝޮކެއް ޖެހިފައި ލިޔާރާއަށް ބަލަން ހުރެވުނީއެވެ. އަވަސް ހަރަކާތަކާއެކު ހިލްމީ އާއި ރައްޔާން އަޒާންއާ ގާތަށް ޖެހިލިއެވެ. އެހެނަސް އެދެމީހުނަށް ވެސް އަޒާން މައިތިރިކުރުން ފަސޭހަކަމަށް ނުވިއެވެ. އޭރު އަޒާންގެ އަތް ކޮންމެވެސް ވަރަކަށް ޒަޚަމްވެ އަތުން ލޭ ފައިބަމުންދިޔައެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް އަޒާންގެ ސަމާލުކަމެއް ނެތެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށްވުރެ ހިތުގައިވީ ޒަޚަމްތަކުގައި އަޅަމުންދިޔަ ވޭން ބޮޑެވެ. އެއްވެސް ކަމަކަށް ވިސްނުން ހިންގާނެހައި ވަރެއް އަޒާންގެ ނެތެވެ. ހަމަބުއްދި ފިލާފައިވާ މީހަކު ފަދައިން އޭނާ ފަހަރަކު އެއްޗެއް ހަލާކުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. ހިލްމީ އާއި ރައްޔާންއަށް އޭނާ މައިތިރި ކުރެވޭގޮތްވީ އެތައް އިރެއްފަހުންނެވެ. އޭރު ފާރުތަކުގައި ހަރުކޮށްފައި ހުރި މައުތަކުގެ އިތުރުން އެތަނުގެ އެކި ހިސާބުގައި ބަހައްޓާފައިވާ ފްރޭމްތައްވެސް ވެއްޓި ފުނޑުފުނޑުވެފައި ހުއްޓެވެ. މުޅި ހިސާބަށް ކުޑަ ތޫފާނެއް އައިސްފައި އޮތް ކަހަލައެވެ. ކޮއްކޮގެ ގައިގައި ބާރަށް ބައްދާލައިގެން ރައްޔާން ހުރި އިރު، އޭނާގެ ހާލު ފެނިފައި ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރައްޔާންގެ ދެލޮލުން ވެސް ކަރުނަ ފައިބަމުންދިޔައެވެ. "ގެއަށް ދާން ބޭނުމީ" އިރުގަނޑެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން އަޒާން ބުނެލިއެވެ. އެއާއެކު ބޯޖަހައިލަމުން އަވަސް އަވަހަށް އަޒާން ގޮވައިގެން އެތަނުން ދިއުމަށް ރައްޔާން އުޅުނެވެ. ކޮއްކޮގެ ހާލަތު އޭނާއަށް ވިސްނުނީއެވެ. ހިލްމީވެސް ރައްޔާންއަށް ބަލައިލަމުން އެތަނުން އަޒާން ގެންދިއުމަށް ލޮލުން އިޝާރާތްކޮށްލުމަށްފަހު، އެ ހުރިހައިއިރު ގުޑިލަންވެސް ނޭނގި ރޮވިފައި ހުރި ލިޔާރާއާ ގާތަށް ޖެހިލިއެވެ. އަދި ޒިވްރާއާ އޭނާ ދުރުކޮށްލަމުން ގެނެސް މޭގައި ޖައްސާލިއެވެ. މަޑު ގިސްލުމެއްގެ އަޑު ލިޔާރާގެ ތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތެވެ. ހިލްމީ ލައިގެންހުރި ގަމީހުގެ ބައެއް އަތުގެ ތެރޭގައި ބޮނޑިކޮށްލުމާއެކު ލިޔާރާއަށް ބާރަށް ރޮއެގަނެވުނެވެ. "ޒިވީ.. ރައްޔާން މެންނާއެކު ގެއަށް ދޭ.. މިވަގުތު ޒާން އަށް އެކުވެރިއެއްގެ ގާތްކަން ވަރަށް މުހިންމު" ލިޔާރާގެ ބުރަކަށީގައި ފިރުމައިލަމުން މަޑުމައިތިރި އަޑަކުން ހިލްމީ ބުނެލިއެވެ. ކަންބޮޑުވުން އެކުލެވިފައިވި ދެލޮލުން ހިލްމީއަށް ބަލައިލައި ޒިވްރާ ބޯޖަހައިލިއެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި ހިލްމީ އާއި ލިޔާރާއަށް ވަގުތު ދެމުން އެތަނުން ދިއުމަށް ޒިވްރާ މިސްރާބުޖެހިއެވެ.
ކޮޓަރިއާ ހަމައަށް އާދެވުމާއެކު މީހަކަށް ބެލުމެއްނެތި އަޒާން ކޮޓަރިއަށް ވަންނަމުން ދޮރުލެއްޕިއެވެ. ރައްޔާން ކާރު ޕާރުކޮށްފައި އަންނަންވާއިރަށް ޒިވްރާ ހަލުވިފިޔަވަޅުތަކެއްގައި އަޒާންގެ ފަހަތުން އައި ނަމަވެސް، އޭނާ އައުމުގެ ކުރިން އަޒާން ކޮޓަރިއަށް ވަދެފިއެވެ. ޖެހިލުންވެފައި ހުރެ ޒިވްރާ ދެތިންފަހަރު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އަޒާންއަށް ގޮވާލިއެވެ. އެތެރެއިން އެއްވެސް ޚަބަރެއް ނުވުމުން އޭނާގެ ހާސްކަން އިތުރުވާގޮތްވިއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވައިލަމުން ޒިވްރާ އެތެރަށް ބޯ ދިއްކޮށްލިއެވެ. އޭރު ކޮޓަރީގެ ކަނަކަށްވާ ގޮތަށް އަޒާން އިނެވެ. ބޮތްކެއްވެސް ދިއްލާލައިފައި ނެތްއިރު، އަޒާންގެ އެއްވެސް ފަރުވާލެއް ވެސް އެއިން ކަމަކަށް ނެތްފަދައެވެ. ކުޑަކޮށް ކަރުކެހިލަމުން ޒިވްރާ އަޒާންއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާގެ ސަމާލުކަން ނުލިބުނީތީ މަޑުމަޑުން އަޒާންގެ ނަމުން ޒިވްރާ ގޮވާލިއެވެ.
"ކީއްކުރަން ތިއައީ.. ގެޓް އައުޓް.. އަހަރެން އެއްފަހަރުވެސް މި ކޮޓަރިއަށް ވަންނަން ހުއްދަ ދިނިންތަ؟" ޒިވްރާއާ ވީ ދިމާއަށް ކުޑަކޮށް މޫނު އަނބުރާލަމުން ހަރުކަށި ރާގަކަށް އަޒާން ބުނެލިއެވެ. އަޒާންގެ ރަތްކަން އެކުލެވިފައިވާ ދެލޮލުންވެސް ފައުޅުވަމުންދިޔައީ ނުރުހުމެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން އިންއިރު އޭނާގެ ކަތުރުކަށިގަނޑަށްވީ ވާންވެފައެވެ. އަޒާންގެ ދުލުން ބޭރުވި ބަސްތައް އިވިފައި ހިނދުކޮޅަކަށް ޒިވްރާ ހުރި ފިޔަވަޅުމަތީގައި ގަނޑުވި ކަހަލައެވެ. ގަބޫލުނުކުރެވިފައި އަޒާންއާ ދިމާއަށް ބަލަހައްޓައިގެން އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ހުރިހާ އަންހެނުންނަކީ ވެސް އެއްކަހަލަ ބައެއް. ތިއިން އެކަކާވެސް އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން. ތީ މަކަރުވެރި ބައެއް. އަމިއްލަ އެދުން ބޮޑުބައެއް. ކަލޭ ވެސް ތިއުޅެނީ އަމިއްލަ އެދުމެއް ފުއްދަން. އެ ފުދޭއިރަށް ކަލޭ ވެސް ރައްކާވާނެ"
"ޒާން.." އަޒާންގެ ވާހަކަ ހުރިގޮތުން އުނދަގޫވެގެން އަޑަށް ބާރުލާފައި ޒިވްރާ ގޮވާލިއެވެ. އެމޭރުމުން އަޒާން އޭނާއާ ވާހަކަދައްކަންވީ ސަބަބެއް ޒިވްރާ އަކަށް ނުވިސްނުނެވެ.
"މަށަށް ގޮވާނެކަމެއްނެތް. ކަލެއަކަށް އަޑެއް ނީވޭތަ؟ މި ބުނީނު ދާށޭ. ނުކުމޭ މިތަނުން، ހަމަމިހާރު ނުކުމޭ. ކަލޭގެ މޫނު ދެކޭކަށްވެސް އަހަރެން ބޭނުމެއްނޫން. މާ ހެޔޮއެދޭކަމަށް ހެދިގެން ކޮންމެ މީހަކު ވެސް އުޅޭނީ އެމީހެއްގެ އެދުމެއް ފުދެންދެކަށް. އަހަރެންގެ އަތުގަ މީހަކަށް ދޭނެ އެއްޗެއް ނެތް. އެހެންވީމަ މި ނުކުޅެދޭ މީހާއަށްޓަކާ އިތުރު ވަގުތުތަކެއް ބޭކާރުނުކޮށް މިހާރުން މިހާރަށް އަހަރެންގެ ދިރިއުޅުމުން ދުރަށް ދިޔައިއްޔާ ރަނގަޅުވާނީ. އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއްނޫން. ނުކުމޭ މި ކޮޓަރިން" ނުރައްކާތެރި ގޮތަކަށް ޒިވްރާއާ ނަޒަރު ސީދާކޮށްލަމުން އަޒާން ބުނެލިއެވެ. އެއަޑުގައިވި އަސަރުން ޒިވްރާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ދެލޯބޮޑުވެފައި އޭނާ އަށް ހުރެވުނީ އަޒާންގެ ފުށުން ފެންނަމުންދިޔަ އަމަލުތަކުންނެވެ. އެހެނަސް އެވަގުތު އަޒާން ހުރީ މީހަކާ ވާހަކަދެއްކޭފަދަ ހާލަތެއްގައި ނޫންކަން ވިސްނި ޒިވްރާ އޭނާއަށް ފުރަގަސްދެމުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަވަސް އަވަހަށް އަތުގެ ނުފުށުން ފުހެލިއެވެ. އަދި ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު ހުއްޓެމުން އޭނާ ފަސްއެނބުރި އަޒާން އަށް ބަލައިލިއެވެ.
"ޒާން އަށް ގަބޫލު ކުރެވުނަސް، ނުކުރެވުނަސް، އެންމެން އެއްގޮތެއް ނުވާނެ. ސްޕެޝަލީ މީ.. އަހަރެން މީ އިޝްޔާއެއް ނޫން" ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައިވާ އަޒާންގެ ދެލޮލަށް ބަލައިލަމުން ޒިވްރާ ބުނެލިއެވެ. "އަހަންނަކީ އޭރު ވެސް މިހާރު ވެސް ޒާން އަށް ހެޔޮއެދޭ އެކުވެރިއެއް. ދުވަހެއްގެކޮޅުން ވެސް މި އެކުވެރިޔާގެ އެހީއެއް ބޭނުންވެއްޖެނަމަ އަހަރެން އަބަދުވެސް ހުންނާނީ އެންމެ ފޯނު ކޯލެއްގެ ދުރުމިނުގަ. އެކަން ހަނދާން ބަހައްޓާނެކަމަށް ހީކުރަން" ތުރުތުރުއަޅާލި ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލަމުން ޒިވްރާ އިސްޖަހާލިއެވެ. އަޒާން އިތުރަށް ބަހެއްވެސް ނުބުނީތީ އެތަނުގައި މަޑުކުރާކަށް އޭނާއަކަށް ނުކުރެވުނެވެ. ކޮޓަރިން ނުކުންނަމުން މަޑުމަޑުން ޒިވްރާ ދޮރުލައްޕާލިއެވެ. އޭރު ކޮޓަރީގެ ފާރުގައި ލެގިލައިގެން ރޮވިފައި އޭނާގެ ހަރަކާތްތަކަށް ބަލަން ލިޔާރާ ހުއްޓެވެ. ލިޔާރާ ފެނުމާއެކު ޒިވްރާ ހިނދުކޮޅަކަށް ހުއްޓުންއެރި ނަމަވެސް އަވަސް އަވަހަށް އިސްއޮބާލަމުން އެތަނުން ދިއުމަށް އުޅުނެވެ. ޒިވްރާ ހުއްޓުވަން ބޭނުންވި ނަމަވެސް ބުނާނެ އެއްޗެއް ލިޔާރާގެ ސިކުނޑިއަކަށް އެވަގުތު ނައެވެ. މާޙައުލަށް ވެރިވި ހަމަހިމޭންކަން ނެތިދިޔައީ ކުއްލިއަކަށް ކޮޓަރީ ތެރެއިން އިވުނު ބާރު އަޑުފަށްގަނޑުންނެވެ.
(ނުނިމޭ)
Ads by MACL
