އެންމެ ފަހުން ރޮނާލްޑޯވެސް އިނދެފި، ކޮންއިރަކު ތިކޮޅުން؟
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނިކޮށްފިކަމުގެ ޚަބަރުތަކާއެކު، ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ "ކޮންއިރަކު ތިކޮޅުން؟" މި ސުވާލެވެ.
ގިނަ އަހަރުތަކެއް ވަންދެން ކައިވެނި ނުކޮށް އުޅުމަށްފަހު ރޮނާލްޑޯ އެ ނިންމި ނިންމުމަކީ، އިންސާނީ ފިޠުރަތާއި ދިރިއުޅުމުގެ ހަގީގީ އުފާވެރިކަން އޮތް މަގަށް އެނބުރި އައުމެކެވެ. މިއީ މިއަދުގެ ޒުވާނުންނަށް ވިސްނާލަންވީ މުހިންމު ފިލާވަޅެކެވެ.
ނީދެ ހުރުމަކީ ނުވަތަ ކައިވެނިން ބޭރުގައި ގުޅުންތައް ބޭއްވުމަކީ އިސްލާމީ މުޖުތަމައެއްގައި ހަމައެކަނި ދީނީ ގޮތުން މަނާކަމެއް ނޫނެވެ. އެއީ އިޖުތިމާއީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މީހާ ބަލިކަށިކޮށްލާ ކަމެކެވެ. ކައިވެނީގެ ބަދަހި ގުޅުމަކާ ނުލައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަކީ، ތިމާގެ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެކެވެ. ނީދެ ހުރުމުގެ ސަބަބުން ދިރިއުޅުމުގެ ބަރަކާތް ކެނޑި، އެކަނިވެރިކަމާއި ފޫހިކަން އިހުސާސް ކުރަންޖެހެއެވެ. ދިރިއުޅުމުގެ މަގްސަދެއް ނެތި، ހަމައެކަނި ވަގުތީ އުފަލަކަށް ދުވުމަކީ ހަގީގީ ކާމިޔާބީއެއް ނޫނެވެ.
Ads by BMLދިރިއުޅުމުގެ ފާގަތި ދުވަސްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުގައި ހެޔޮލަފާ ބައިވެރިއެއްގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ތިމާއަށް ހެޔޮއެދޭ، އޯގާތެރި އަދި ދީންވެރި ބައިވެރިއެކެވެ.
އުފަލާއި ހިތާމައިގައި ލެނގިލާނެ ކޮނޑަކީ ހަމައެކަނި ކައިވެނީގެ މާތް ގުޅުމުން ގުޅިފައިވާ ބައިވެރިޔާއެވެ. ހެޔޮލަފާ ބައިވެރިއަކު ހުރުމަކީ ދިރިއުޅުމުގެ ތަރުތީބު ހިފެހެއްޓުމަށާއި، ނަފްސާނީ ހަމަޖެހުން ހޯދުމަށް އޮތް އެންމެ ފަހި މަގެވެ. އާއިލީ ބަދަހި ގުޅުމެއްގެ ތެރެއިން އުފެދޭ ލޯތްބާއި ކުޅުނަކީ ދުނިޔޭގެ އެހެން އެއްވެސް ކަމަކުން ފޫބެއްދޭނެ ކަންކަމެއް ނޫނެވެ.
ރޮނާލްޑޯ ފަދަ ދުނިޔަވީ ހުރިހާ މުއްސަނދިކަމެއް ލިބިފައިވާ މީހަކުވެސް، އެންމެ ފަހުން ޚިޔާރުކުރަން މިޖެހުނީ ކައިވެނީގެ ހިޔަލެވެ. މިއިން އެނގެނީ އިންސާނާގެ ހިތުގެ ހަމަޖެހުން އޮތީ ހަލާލު ގޮތުގައި ގާއިމުކުރެވޭ ގުޅުމެއްގެ ތެރޭގައި ކަމެވެ. އެހެންކަމުން، "ކޮންއިރަކު ތިކޮޅުން؟" މި ސުވާލަކީ ހަމައެކަނި ސަމާސާއަކަށް ކުރެވޭ ސުވާލަކަށް ނުހަދާ، އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި އަވަހަށް ކައިވެނީގެ މާތް ގުޅުމަށް ތައްޔާރުވުމަށް ލިބޭ ހިތްވަރަކަށް ހަދަންޖެހެއެވެ. ފާގަތި މުސްތަގުބަލެއް ބިނާކުރެވޭނީ ހެޔޮލަފާ ބައިވެރިއަކާއެކު ފަށާ ކައިވެނީގެ ދިރިއުޅުމަކުންނެވެ.
Ads by MACL
