ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ބޭންކުތަކަށް ޑޮލަރު މާރެއްނުކުރޭ: އެމްއެމްއޭ
ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ 180 އަށްވުރެ ގިނަ ރިސޯޓުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ކޮމްޕްލަޔަންސް ފުރިހަމަކުރަނީ 66 އިންސައްތަ ރިސޯޓުންނެވެ. އަދި އެ ތަންތަނުގެ ތެރެއިން ބޭންކުތަކަށް ޑޮލަރު މާރުކުރަނީ 70 އިންސައްތަ ރިސޯޓުން ކަމަށްވާއިރު، ގާތްގަނޑަކަށް 60 ރިސޯޓަކުން އަދިވެސް އާމްދަނީގެ 20 އިންސައްތަ ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރެއް ނުކުރެއެވެ.
ގަވާއިދާ ހިލާފަށް ޑޮލަރު މާރުނުކޮށްގެން މިހާތަނަށް ތިން ރިސޯޓެއް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
Ads by BMLގެސްޓްހައުސް ސިނާއަތަށް ބަލާއިރު، ރާއްޖޭގައި ހުރި 940 އަށްވުރެ ގިނަ ގެސްޓްހައުސްގެ ތެރެއިން ބޭންކުތަކަށް ޑޮލަރު މާރުކުރަނީ އެންމެ 40 އިންސައްތަ ނުވަތަ 370 ވަރަކަށް ތަނުންނެވެ. ބާކީ 560 އަށްވުރެ ގިނަ ގެސްޓްހައުސްއިން ޑޮލަރު މާރުނުކުރާއިރު، އެ ތަންތަން ނިޒާމުގެ ތެރެއަށް ވެއްދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޓޫރިޒަމް އާމްދަނީ ދަށްވުމުގެ ސަބަބުން، މިދިޔަ އަހަރުގެ މިހާތަނަށް ބޭންކުތަކަށް 400 މިލިއަން ޑޮލަރު މާރުކުރި ނަމަވެސް، މި އަހަރު މާރުކޮށްފައި ވަނީ 390 މިލިއަން ޑޮލަރެވެ.
މި ހާލަތު ބަދަލުކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ ބޮލަކަށް 500 ޑޮލަރު މާރުކުރާ އުސޫލު އުވާލައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ.
Ads by MACL
