ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ވަޒީރު ސައީދު
ރަސްމީ ރޭޓުގައި ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރާ މިންވަރު މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޑޮލަރުގެ މުޢާމަލާތްތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަމުންދާ މައިގަނޑު ސަބަބަކީ މުޒާހަރާއަށް މީހުން ނެރުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑޮލަރުގެ މުޢާމަލާތްތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ބޭންކް ކާޑުތަކުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ދޫކޮށްފައިވަނީ 10 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު އެ ޢަދަދު ވަނީ މަހަކު 39 މިލިއަން ޑޮލަރަށް އަރާފައެވެ.
Ads by BMLރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޓީޓީ ހެދުމަށް 2021 ވަނަ އަހަރު މަހެއްގެ މައްޗަށް 6.7 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ޓީޓީ ހެދުމަށް މަހެއްގެ މައްޗަށް 26.6 މިލިއަން ޑޮލަރު ދޫކުރަމުންދެއެވެ. މީގެކުރިން އެންމެ 5 އިންސައްތައިގައި އިމްޕޯޓުކުރާ ފަރާތްތަކަށް ދެމުންދިޔަ މާލީ އެހީ މިހާރު ވަނީ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުކުރެވިފައެވެ.
މަތީ ތަޢުލީމުގެ ދާއިރާއަށް 2021 ވަނަ އަހަރު މަހެއްގެ މައްޗަށް 1.9 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ދެގުނަ އިތުރުކޮށް މަހެއްގެ މައްޗަށް 3.6 މިލިއަން ޑޮލަރު ދަނީ ދޫކުރަމުންނެވެ. ބޭސްފަރުވާއަށް 2021 ވަނަ އަހަރު 159000 ޑޮލަރު ދޫކުރިއިރު، 2022 ވަނަ އަހަރު ދޫކޮށްފައިވަނީ 3 ލައްކަ ޑޮލަރަށްވުރެވެސް މަދު މިންވަރެކެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް 3 މިލިއަން ޑޮލަރު ބޭސްފަރުވާއަށް ދޫކުރެއެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް މީގެކުރިން 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ ޢަދަދު ވަނީ 10 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. މި ހުރިހާ ޑޮލަރެއްވެސް ބޭންކުތަކުން ދޫކުރަމުންދަނީ ރަސްމީ ރޭޓުގައިކަމަށާއި، އެހެންކަމުން ޑޮލަރުގެ މުޢާމަލާތްތައް ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
