ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (23 ވަނަ ބައި)
"ޒާން" ސިހިފައި ލިޔާރާއަށް ކޮޓަރިއާ ކައިރިއަށް ޖެހިލެވުނެވެ. އަދި ދޮރުހުޅުވަން ތަޅުގައި ހިފައިލެވުނެވެ. އެހެނަސް ތަޅުލައިފައި ހުރީތީ އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ތަކުރާރުކޮށް އަޒާންގެ ނަމުން ގޮވާލަމުން ދޮރުގައި ލިޔާރާއަށް ތަޅައިގަނެވުނެވެ. ހާސްވެފައިހުރި ޒިވްރާ ވެސް ލިޔާރާ ގާތަށް ޖެހިލަމުން އަޒާންއަށް ގޮވާލިއެވެ. އެހެނަސް ކޮޓަރީ ތެރެއިން އެއްވެސް ޚަބަރެއްނުވިއެވެ. "ޒާން.. މި ދޮރު ނުހުޅުވަންޏާ މަންމަ ތަޅުދަނޑިފަތި ގެނެސްގެން ހުޅުވާނީ އިނގޭ" ކަންބޮޑުވެގެންގޮސް ލިޔާރާ އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ދެންވެސް އަޒާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. ޒިވްރާ އަށް ބަލައިލަމުން އެތަނުގައި މަޑުކުރުމަށް ބުނުމަށްފަހު ލިޔާރާ ދުއްވާގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ދޮރުކައިރީ ފާރުގައި ލެގިލަމުން ޒިވްރާ ކޮޓަރީގެ ދޮރަށް ނަޒަރު ހުއްޓާލިއެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކާއެކު އޭނާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. އަދި ހިތާހިތުން އަޒާންގެ ރައްކާތެރިކަމަށް އެދި ދުޢާ ކޮށްލެވުނެވެ.
ތަޅުދަނޑިފަތި ހިފައިގެން ލިޔާރާ އައީ ޒިވްރާ އެގޮތުގައި ހުއްޓައެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވަމުން ލިޔާރާ އެތެރަށް ދެމިގަތެވެ. އަނދިރިކަން ރަސްކަންކުރަމުންދިޔަ ކޮޓަރީގެ އެއްފަރާތު ފާރުގައި އަތްކާއްތައިލަމުން ލިޔާރާ ކޮޓަރީގައި ހުރި ނިދާބޮކި ޖައްސާލިއެވެ. ކޮޓަރީތެރަށް ފެތުރިގެންދިޔަ މަޑު އޮރެންޖް އައްޔާއެކު، ވަށައިގެން އޭނާއަށް ބަލައިލެވުނެވެ. އެނދުމަތީގެ ބެޑްޝީޓްގަނޑާއި ބާލީސްތައް އެތަން މިތަނަށް އުކައިފައި ހުރިއިރު، ރީތިވާ މޭޒުމަތީގައި ހުރި ބައެއް ސާމާނުތައްވެސް އޮތީ ތަޅުންގަނޑުމަތީއެވެ. ކޮޓަރީގައި ހުންނަ ބޮޑު ބިއްލޫރި ކުޑަދޮރުކައިރީގައި އަޒާން އިނީ ދޮރަށް ފުރަގަސްދީގެންނެވެ. އޭނާގެ ފައިކައިރީގައި ބިއްލޫރި އެއްޗެއް ތަޅައިގެންގޮސްފައި އޮތެވެ. ހިމޭންކަމާއެކު އެކި ދިމާއަށް ބަލަމުން ލިޔާރާ އަޒާންއާ ގާތަށް އައެވެ. ބިންމަތީގައި އޮތް އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތީ އަޒާންއާ ފުދޭވަރަކަށް ކައިރިވީފަހުންނެވެ. ކައިވެންޏަށް އިޝްޔާ ކީ ރަން ހަވާލުކުރުމަށް އަޒާން ނުހަނު ލޯބިން ބިއްލޫރިން ހެދި ރީތި ފްރޭމްވަނީ މުޅީން ހަލާކުވެފައެވެ. އޭގައި ހަރުކޮށްފައިވާ ފައިސާތައް ވެސް ބިއްލޫރިކޮޅުތަކާއެކުވެ އެތަން މިނަތަށް ވެރިފައި ހުއްޓެވެ. އަޒާންގެ އަތުން ފައިބަމުންދިޔަ ލޭ ތިކިތައް ލިޔާރާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ހުރެވުނުތަންވެސް އޭނާއަށް ނޭނގުނެވެ. އަޒާންއާ ގާތަށް ޖެހިލައި އެއަތުގައި ލިޔާރާ ހިފަހައްޓާލިއެވެ. ބަހެއްވެސް ނުބުނި ތަނުގައި އަޒާންގެ ފަރާތުން އެއްވެސް އިޝާރާތެއްވެސް ނުވިއެވެ. އަޅައިވެސްނުލާ އޭނާ އިން ގޮތުން ލިޔާރާގެ ހިތުގައި ރިއްސާލިއެވެ. ދަރިފުޅަށް ގޮވާލުމާއެކު އެ އަތުގައި ހުރި ޒަޚަމްތަކުން ލޭ މަނާކުރުމަށް ލިޔާރާ އުޅުނެވެ. ދޮރުކައިރީގައި ލިޔާރާގެ ހަރަކާތްތަކަށް ބަލަން ޒިވްރާގެ އިތުރުން ހިލްމީ އާއި ރައްޔާން ތިއްބެވެ. އަޒާންގެ ހަރުކަށި ބަސްތައް ހަނދާންވެ ލިޔާރާގެ ފަހަތުން ކޮޓަރިއަށް ވަންނަން ޒިވްރާއަށް ނުކެރުނީއެވެ. ނުތަނަވަސްވެފައި ހުރި ހިލްމީ އިސްޖަހާލަމުން ނޭފަތާއި ލޮލާ ގުޅިފައިވާ ހިސާބުގައި މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު ކަންފަތުގައި ޖެހުނު އަޑުން ސިހިފައި އޭނާއަށް ކުރިއަށް ބަލައިލެވުނެވެ. ލިޔާރާގެ އަތުގައި ހިފަހައްޓާލައިގެން އިން އަޒާން ބަހެއް ނުބުންޏެއްކަމަކު ގިސްލަގިސްލާފައި ރޮނީއެވެ. ދުވަހަކުވެސް އެ ދަރިފުޅު އެހާ ވޭންދެނިވި ގޮތަކަށް ރުއި އަޑެއް އޭނާ ނާހައެވެ. އަޒާން އެ ރޮނީ ހިތުގައި ވަރަށް ބޮޑަށް ޖެހިގެންކަން ހިލްމީއަށް ވިސްނުނެވެ. ދެއަތްމުށްކަވައި ބާރުކޮށްލުމާއެކު އޭނާގެ ކަތުރުކަށިގަނޑަށް ވާންވެލިއެވެ. އެފަދަ ބޮޑު ކެއްސެއް އަޒާންއަށް އިޝްޔާ ދިނީތީ ހިލްމީގެ ހިތުގައި ފުރަތަމަ ފަހަރަށް އެ އަންހެންކުއްޖާއާ މެދުގައި ކިލަނބުކަން އުފެދުނެވެ. އަޒާންގެ ދެލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނަތިއްކަކާއެކު ހިލްމީގެ ހިތުގައި އިޝްޔާއާ މެދުގައި އުފެދެމުންއައި ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ގަދަވެގަންނަމުން އޭނާ ކޮޓަރީތެރަށް ވަންނަން އުޅެފައިވެސް މަޑުޖެހިލަމުން ޒިވްރާއަށް ބަލައިލިއެވެ. "ދަރިފުޅު ދާންވީނު ޒިވީ ގެއަށްލާފަ އަންނަން. މިހާރު ވަރަށް ލަސްވެއްޖެ" ރައްޔާންއަށް ބަލައިލައި ހިލްމީ ބުނެލިއެވެ. އަދި އިތުރަށް އެއްޗެއް ބުނަން ނުހަދައި ކޮޓަރީތެރަށް ވަދެގެން އައިސް އޭނާ އަޒާން ގާތުގައި މަޑުކޮށްލަމުން ނުހަނު ލޯބިން އެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު އަޒާންގެ ގިސްލުން އިތުރަށް ބާރުވެލިއެވެ. އިރުކޮޅަކު އަޒާންއަށް ބަލަން ހުރުމަށްފަހު މަޑުމަޑުން ޒިވްރާ ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އަދި ހިތާ ދެކޮޅަށް ރައްޔާންގެ ފަހަތުން ގެއަށް ދިއުމަށް ހިނގައިގަތެވެ.
Ads by BML
*****
އައު ދުވަހަކަށް އިރު ފެނުން ތޮޅިލުމަށްފަހު މަރުޙަބާ ކިޔަމުން މައްޗަށް އަރައިގެން އައިއިރު، މުޅި އޯޝަން ކްރެސްޓް ގޭގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ގޭގެ މުޅި ދިރުން ގެއްލިފައިވީ ފަދައެވެ. ރޭގެ ހަމަނިދި އެކަކަށްވެސް ނުލިބުނުއިރު، އަޒާންގެ ހާލަތު އިތުރަށް ގޯސްވެފައިވިއެވެ. މީހަކާ އަނގައިން ބުނުމެއްނެތި އެއްފަރާތަކަށް ގެއްލިފައި އޭނާ އިންނަ ވަގުތުތައް ގިނައެވެ. ރޮއެރޮއެ މީހާ ވަރުބަލިވީއިރުވެސް، ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް އެއްވެސް ނިމުމެއް ނެތްކަހަލައެވެ. މުޅި ރޭ އަޒާން ހޭދަކުރީ އޭނާއާ އިޝްޔާގެ މާޒީގައިވި ފޮނި ދުވަސްތައް ހަނދާންކުރުމުގައެވެ. ފަހަރެއްގައިވެސް އެފަދަ ގޮތަކަށް އިޝްޔާ އޭނާއަށް ދޯކާދީފާނެކަމަށް ކުޑަކޮށްވެސް އަޒާން ހިއެއްނުކުރެއެވެ. އަޒާން ހީކުރީ ކޮންމެފަދަ ހާލެއްގައިވެސް އިޝްޔާ އޭނާއާ އެކުގައި ވާނެކަމަށެވެ. އެހެނަސް އެއީ ކިހާބޮޑު ކުށްހީއެއްކަން ރޭގައި ވަރަށް ރަނގަޅަށް އިޝްޔާ ސާފުކޮށްދީފިއެވެ. އެވަރުގެ ބޮޑު ދެރައެއް އޭނާއަށް ހައްޤުވާން އަޒާންއަށް ކުރެވުނީ ކޮންކަމެއްބާވައޭ އަމިއްލަ ނަފުސާ ތަކުރާރުކޮށް އޭނާ ސުވާލުކުރަމުން ދިޔައެވެ. އިޝްޔާ އެފަދަ ގޮތަކަށް އޮޅުވާލަން ޖެހުނީ އޭނާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ ހަގީގީ ލޯތްބަކީ ކޮންމެފަދަ ހާލަތެއްގައިވެސް އެކަކު އަނެކަކާ އެކީގައި ވުމެއް ނޫންހެއްޔެވެ؟ އެހެންމީހެއްގެ އެހީތެރިކަން އެންމެ ބޭނުންވި ވަގުތު އަޒާން އިޝްޔާއާ އެކުގައި ނުވޭހެއްޔެވެ؟ އަމިއްލަ ފުރާނަވެސް އެ އަންހެންކުއްޖާއަށްޓަކައި ޤުރުބާން ކުރާހައި ލޯބި ނުވޭހެއްޔެވެ؟ ވީއިރު، އޭނާގެ ލޯބީގައި އުނިވީ ކޮންކަމެއް ހެއްޔެވެ؟ ވިސްނާވިސްނާ ވެސް އަޒާން އަކަށް ނޭނގުނެވެ. އޭނާގެ ހައިސިއްޔަތު ރޭގައި އިޝްޔާ އޭނާއަށް ހަނދާންކޮށްދީފިއެވެ. އޭނާ އަކީ ނުކުޅެދޭ މީހެއްކަން އިހުސާސުކޮށްދީފިއެވެ. އޭނާފަދަ މީހަކާއެކީ އެއްވެސް މީހަކު އުފަލުގައި ނޫޅޭނެކަން ބުނެދީފިއެވެ. ވީއިރު ދިރިއުޅުމަށް އޭނާ ކުރަން އޮތީ ވަކި ކޮން އުއްމީދެއް ހެއްޔެވެ؟ އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިއްޖެއެވެ. ދެކެމުންއައި ހުރިހާ ހުވަފެންތަކެއް ބިލާހަކަށްވެ ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާގެ އަގު އިޝްޔާ ވައްޓާލާފިއެވެ. އޭނާގެ މައިންބަފައިން މީހުންގެ ކުރިމަތީގައި ލަދުގަންނަވާލާފިއެވެ. އޭނާ ނުކުޅެދޭ މީހަކަށް ނުވި ނަމައެވެ. އޭރުން އެކަކުވެސް އޭނާއާ ހެދި ހިތާމަކުރާކަށް ނުޖެހުނީހެވެ. ކޫސަނި އެތައް ޚިޔާލުތަކަކުން އަޒާންގެ ސިކުނޑި ފިތެމުންދިޔައިރު، އޭނާއެކޭ ދިރިހުއްޓާ މަރުވެފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ނަފުސުގެ ހަމަޖެހުން ގެއްލިފައިވީއިރު، އަމިއްލަ ނަފުސު ކުށްވެރިކުރުން ނޫންކަމެއް އޭނާއަށް ނުކުރެވުނެވެ.
ގޭތެރޭގެ ހަމަހިމޭންކަން ނެތިދިޔައީ އެތެރަށް ވަތް މީހަކު ސަލާމް ގޮވާލި އަޑަށެވެ. ސޯފާގައި ފިކުރަކަށް ގެއްލިފައި އިން ހިލްމީ އެއަޑަށް ސަމާލުކަމަށް އައެވެ. ސަލާމް ބަލައިގަންނަމުން އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ. އެއާއެކު ދެވަނަ ސިކުންތު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އިންތަނުން ތެދުވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ކުރިމަތީގައި އިސްޖެހިފައި ހުރި ސުފްޔާންއަށް އޭނާ ބަލަމުންދިޔައީ ރުޅިވެރި ނަޒަރަކުންނެވެ.
"މިހާރު ދެން ތިއައީ ކީއްކުރަން؟" ހިތްހަމަނުޖެހުން ހިލްމީގެ އަޑުގައިވިއެވެ. އެއްޗެކޭ ނުބުނެ އިސްޖެހިފައި ހުރި ސުފްޔާން ފިނިނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން މިއައީ ހިލްމީއާ މި އާއިލާގެ ކިބައިން މަޢާފަށް އެދެން. އަހަރެންގެ ދަރިފުޅު އެކުރި ކަމަކުން އަހަރެން އިންތިހާއަށް ލަދުވެތިވެއްޖެ. ރޭގަ އަންނަން ވަރަށް ބޭނުންވި. އެކަމަކު ހިލްމީއާ އަޒާންއާ ކުރިމަތިލާނެ ހިތްވަރު އަހަންނަށް ނުލިބުނީ. މިއައީ ވެސް ވަރަށް ހިތްވަރުކޮށްފަ. ތައްޔާރުވެގެން ނުކުތުމަށްފަހު ކުއްލިއަކަށް އިޝްޔާގެ ޚިޔާލު ބަދަލުވީ. ގަބޫލުކުރޭ، އަހަރެން އެ ދަރިއަށް ވިސްނަދެން އެތައް ގޮތަކަށް މަސައްކަތް ކުރިން. ހިލާ އަހަރެންގެ ބަސްގަބޫލެއް ނުކުރި. އަހަންނާ ޔުމްގެ އިއްޒަތާމެދުވެސް އެ ދަރި ނުވިސްނި. ހިލްމީ، ދެން އަހަރެން ކިހިނެއް އެހެން މީހަކާ ކުރިމަތިލާނީ. ލަދުން އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސާ ނަޒަރު ސީދާކޮށްލަން ނުކެރުނުއިރު، އެހެން މީހަކާ ނަޒަރު ސީދާކުރާނީ ކިހިނެއް. އެނގޭ ހިލްމީ ވަރަށް ގުޅިކަން. ގެއަށް ހޯދަން އައި ކަންވެސް. އެކަމަކު.. އެކަމަކު.. ރޭގަ އަހަރެންގެ ހަށީގަ އެހެންމީހަކާ ކުރިމަތިލާނެ ހިތްވަރުނެތީ. އެހެންވިޔަސް.. އަހަރެން މިއައީ މި އާއިލާގެ ކިބައިން މަޢާފަށް އެދެން. އެހެންނޫނީ އަހަރެންގެ ނަފުސަކަށް ހަމަޖެހުމެއްނުވޭ" ދެއަތްޖޯޑުކޮށްލަމުން އިސްޖެހިފައި ހުރެ މަޑުމޮޅި ރާގަކަށް ސުފްޔާން ބުނެލިއެވެ. ކުރެހިފައިވި އަޑުން އޭނާ ކޮންމެވެސް ވަރަށް ރޮނީކަން ހިލްމީ ދެނެގަތެވެ. ރުޅިއައިސްގެން ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް ހިލްމީ އަމިއްލަ ނަފުސުގެ މައްޗަށް ގަދަވެގަތެވެ. އޭނާއަކީ އެއްވެސް އިރެއްގައި މީހުނާ ދިމާއަށް ހަޅޭއްލަވައި އަޑުގަދަކޮށް ހެދި މީހެއް ނޫނެވެ. މީހަކު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް، އެމީހުނާ އެއްދަރަޖައަކަށް ވެއްޓެން ނުޖެހޭނެކަމަށް ހިލްމީ އަބަދުވެސް ގަބޫލުކުރެއެވެ.
"ތި އާއިލާއަށް މަޢާފުކުރުމާ ނުކުރުން އޮތީ ޒާންގެ އަތްމަތީ. އެންމެ ބޮޑު ދެރައަކާ އަނިޔާއެއް ލިބުނީ އަހަރެންގެ އެ ދަރިފުޅަށް. ސުފްޔާންއަށް އިހުސާސުވެސް ނުވާނެ ރޭގަ އެ ދަރި އުޅުނު ހާލު. އެހެންމީހުން ކުރިމަތީގަ އަހަރެމެން ގަތް ލަދު. އެހާ ބޮޑު ތައްޔާރީއެއްވެފަ ކުއްލިއަކަށް މިގޮތަށް ކަންތައްވީމަ އަހަރެމެން މީހުނަށް ދޭނީ ކޮން ޖަވާބެއް؟ އިޝްޔާ ވެސް އަދި ސުފްޔާން މެންވެސް ކަންތައް ކުރީ ރަނގަޅަކަށް ނޫން. އިޝްޔާ އަޒާންއާ ކައިވެނިކުރަން ބޭނުންނޫންނަމަ މިއަށްވުރެ މާ ސުލްޙަވެރިކޮށްވެސް މިކަން ނިންމާލެވުނީސް.. ކައިވެނިކުރަން ހަމަޖެހިފަވާ ރޭ ޖެހެންދެކަށް މަޑުކުރުމުގެ ބޭނުމެއް ނެތް. އަހަރެންގެ ދަރިފުޅު އިޝްޔާދެކެ ވީ މަތިވެރި ލޯބި އެނގޭނީ އަހަންނަށް. އެކަމަކު އެވަރުވެސް އޭނަ ނުދަތް. އިތުރަށް ތިމީހުނާ އަހަރެން ދައްކާނެ ވާހަކައެއް ނެތް. އަހަންނަށް ރަނގަޅީ އަހަރެންގެ ދަރިފުޅު ފެންނަ ހިސާބަށް ވެސް ތިއިން އެކަކުވެސް ނައިއްޔާ. އަހަންނަށް މަޢާފުކުރޭ. އެކަމަކު މި ނޫން ގޮތަކަށް ޒާން އަށް އިޝްޔާ މަތިން ހަނދާންނައްތާލާފަ ކުރިއަށް ދެވިދާނޭ އަހަރެންގެ ހިތެއް ނުބުނޭ. ތީ ޚުލްޤުހެޔޮ ރަނގަޅު މީހެއްކަން އަހަރެން ގަބޫލުކުރަން. އަހަރެން އެއްވެސް ވަރަކަށް ސުފްޔާންއާ ޔުމްނާ ކުށްވެރިކުރަނީކީ ނޫން. ދަރިން ބޮޑެތިވެ އަމިއްލަ އަށް ނިންމާ ނިންމުންތަކަކީ ގިނަ ފަހަރަށް މައިންބަފައިންގެ އެއްވެސް ބާރެއް ހިނގާ ކަންކަމެއް ނޫން. އެހެންވިޔަސް ރޭގަ ކަންތައްވީގޮތުން އަހަންނާ ލިޔާގެ ހިތުގަވެސް ވަރަށް ބޮޑަށް ޖެހިއްޖެ.. ސުފްޔާން.. އަހަރެމެންގެ އާއިލާއަށް ވަގުތު ބޭނުންވޭ.. ހީކުރަން ސުފްޔާންއަށް ވިސްނޭނެކަމަށް" ހަރުކަށިކަން އެކުލެވިފައިވިޔަސް ހިލްމީ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކީއެވެ. ކުރިމަތީގައި ހުރީ އޭނާގެ ޒަމާންވީ އެކުވެރިއެކެވެ. ވެދިޔަ ކަންތަކުގައި އެމީހުންގެ ކުށެއްނެތްކަން އެނގުނަސް، އެކަންތައްމަތިން ހަނދާންނައްތާލުމަކީ ފަސޭހަކަމަކަށް ނުވަނީއެވެ. ޚާއްސަކޮށް އެކަމުން އަޒާންއަށް ލިބިފައިވާ ހިތާމަތަކުން ހިލްމީގެ ހިތުގައި ލެވިފައިވާ ކޫރުންތައް ގިނައެވެ. ހިލްމީގެ ވާހަކައަށް ސުފްޔާން މަޑުމަޑުން ބޯޖަހާލިއެވެ. އަދި އިތުރަށް ވާހަކަދައްކަން ނުހަދައި އެގެއިން ނުކުންނަން ހިނގައިގަތެވެ. އޭރު ތަންކޮޅެއް ދުރުގައި ހިލްމީ އާއި ސުފްޔާންގެ ވާހަކަތައް އަޑުއަހަން ލިޔާރާ އާއި ރައްޔާން ތިއްބެވެ. ލިޔާރާގެ މޫނުން ހިތާމަވެރިކަން ފައުޅުވަމުންދިޔައިރު ރައްޔާން ބަލަހައްޓައިގެން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ. އިތުރަށް އެ އާއިލާއާ ވައި އެޅޭކަށްވެސް އޭނާ ބޭނުމެއްނުވެއެވެ.
*****
ދެ ދުވަސް ފާއިތުވެ ދިޔައިރުވެސް ޒިވްރާގެ ހިތަށް ލިބިފައިވާ ވޭނަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަޒާންގެ ވާހަކަތައް ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ދެލޮލުން ކަރުނައިގެ ތެތްކަން ފައުޅުވެއެވެ. ކަމެއްކުރާހިތް ނެތްތަނުގައި އެއްޗެއް ކެވެނީވެސް އެތައް ހިތްވަރަކުންނެވެ. އެނދުމަތީގައި ފިކުރުތަކަށް ގެއްލިފައި އޭނާ އޮންނަ ވަގުތުތައް ގިނައެވެ.
ހަވީރުގެ ވަގުތު ނަމަވެސް ކޮޓަރިއަށް ވެރިވެފައިވީ އަނދިރިކަމެވެ. ޒިވްރާގެ ހަޔާތަށް އެޅިފައިވާ އަނދިރިކަމާ އެއްވެސް ތަފާތެއް ނެތެވެ. އިސްތަށިގަނޑުގައި އަތްހިންގާލުމާއެކު އޮތްތަނުން އޭނާ ތެދުވީ ކަށީގައިނެތް ހިތްވަރުންނެވެ. ފަތިހު އެނބުރި ލަންޑަނަށް ދިއުމަށް ފުރަން ހަމަޖެހިފައިވީއިރު، އޭނާގެ ފޮށި އަދިވެސް ހުރީ ތައްޔާރުނުކޮށެވެ. ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށް ވުމުން ބޭނުންވިއަސް އިތުރަށް އެހެން އޮވެވޭކަށް ނެތެވެ. ހަށިފުރާފުންނޭވައެއް ދޫކޮށްލަމުން ކުދިކުދި ފިޔަވަޅުތަކެއްގައި އޭނާ އައިސް ފާޚާނާއަށް ވަނެވެ. އަތްފައި ދޮވެލައިގެން ނުކުތުމުން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް އިހުސާސު ކުރެވުނެވެ. އަލަމާރި ބިތްދޮށުގައި ހުރި ފޮށި ބޭރަށް ނެރުމާއެކު އެ ހުޅުވައިލަމުން އެނދުމަތީގައި ބާއްވާލިއެވެ. އަދި އަލަމާރި ހުޅުވާލަމުން އޭގައި ހުރި ހެދުންތައް ނަގައި މަޑުމަޑުން ފޮށްޓަން އަޅަން ފެށިއެވެ. އެވަގުތު ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުގެ ރިންގްގެ އަޑުން މުޅި ކޮޓަރިއަށް ވެރިވެފައިއޮތް ހިމޭންކަން ނެތިގެން ދިޔައެވެ. ސުވާލުގެ ނަޒަރަކުން އިރުކޮޅަކު ފޯނަށް ބަލަން ހުރުމަށްފަހު އޭނާ އައިސް ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ އަޒާންގެ ނަން ފެނި ޒިވްރާގެ ހިތް ތެޅިލިއެވެ. އަތުގައި މަޑު ތުރުތުރެއް އުފެދުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ލަސްލަހުން އެނދުގެ އެއްފަރާތުގައި އިނށީނުމާއެކު ޒިވްރާ އެ ކޯލަށް ޖަވާބުދެމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. އެހެނަސް އިސްވެ އެއްވެސް އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އަޒާން ގުޅި ސަބަބެއް ނޭނގި އޭނާގެ ހިތްވީ އިންތިހާއަށް އަވަސްވެފައެވެ.
"ޒިވީ.. އެބަހުރިންތަ؟" މަޑުމައިތިރި ރާގަކަށް އަޒާން އަހައިލީ އިރުކޮޅެއް ފަހުންނެވެ. "ހޫމް" މަޑު ހޫންއަކުން ޒިވްރާ ފުއްދާލީއެވެ. ހަގީގަތުގައި އަޒާންއާ ވާހަކަދައްކަންވުމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އަދިވެސް އަޒާންގެ އެ ހަރުކަށި ބަސްތައް އޭނާގެ ސިކުނޑީގައި ތާޒާކަންމަތީ ހަރުލާފައި އެބަހުއްޓެވެ.
"އަހަރެންދެކެ ރުޅި އައިސްފަތަ؟" ހިމޭންކަމުގެ ކުޑަ ސުކޫތުކޮޅަކަށްފަހު އަޒާން ސުވާލުކޮށްލީ ކުށްވެރިއަކު ފަދައިންނެވެ.
"ނޫން.." އަވަސް އަވަހަށް ޒިވްރާ ބުނެލިއެވެ. އަޒާން ކޮންމެ އެއްޗެއް ކީ ނަމަވެސް އޭނާއާ މެދުގައި ޒިވްރާގެ ހިތުގައި ކުޑަވެސް ނުރުހުމެއް ނެތެވެ. އަޒާން ހުރި ހާލަތު އޭނާއަށް ވިސްނެއެވެ.
"އެހެންވީއިރު އަހަންނާ ބައްދަލުކޮށްލަން މިގެއަށް އަންނަންވީނު.. ވާހަކައެއް ބުނަން ބޭނުން" އަޒާންގެ އަޑުގައިވީ އަސަރުން ޒިވްރާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިލިއެވެ. އަޒާން ދައްކަން އުޅޭ ވާހަކައަކާމެދު ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. ފޯނު ބޭއްވުމަށްފަހު އެގެއަށް ދާން ތައްޔާރުވަމުންދިޔައިރު، ޒިވްރާގެ ހިތް ހީވަނީ މޭފަޅާލައިފައި ނުކުމެދާނެހެންނެވެ. ހިތުގެ ހިނގުން އަވަސްވަމުން ދިޔައީ އަޒާން ދައްކަން އުޅޭ ވާހަކައެއް ނޭނގިގެންނެވެ.
(ނުނިމޭ)
Ads by MACL
