ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދަތި ވާނެ، ދަތި ވާނެ، ވަރަށް ދަތިވާނެ!

ދަތި ވާނެ، ދަތި ވާނެ، ވަރަށް ދަތިވާނެ!

ރާއްޖޭގެ ސިޔާސީ މަސްރަޙު އަނެއްކާވެސް ހޫނުވަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަން މިވަނީ ހާމަވެފައެވެ. މި ހަރަކާތުގެ އެންމެ ބޮޑު އަމާޒަކަށް ހަދަންޖެހިފައިވަނީ އެ ޕާޓީގެ ވެރިކަމުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންނާ ހަމައަށް ތިލަވަމުންދާތީ އެކަން ފޮރުވުން ކަމުގައި ސިޔާސީ ފަރާތްތަކުން ދެކެއެވެ.

މިފަދަ މުޒާހަރާތަކެއް ބޭއްވުމުގެ ބޭނުމަކީ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރުން ކަމަށް ބުނަމުންދިޔަ ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ބޭންކް ގެރެންޓީއަކާ ނުލައި ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްކޮށް 30.9 މިލިއަން ރުފިޔާ ދޫކޮށް ބާކީ ތަކެތި ނުލިބި ދައުލަތުގެ ފައިސާ ގެއްލިގެންދިޔަ މައްސަލައަށް ޖަވާބުދާރީވާން ނުޖެހޭ ކަމަށް އެމްޑީޕީން ދެކެއެވެ. އެމްޑީޕީން މި ދެކޭދެކުމާ ދެކޮޅަށް ރައްޔިތުން ބަސްބުނާނަމަ ހިތްދަތިވާނެއެވެ. އެމްޑީޕީގެ ބޭފުޅުންގެ ހިތަށް ވަރަށް ދަތިވާނެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން އިންތިހާއަށް ކަރަޕްޝަން ހިންގާ، އާއިލީ ކުންފުނިތަކަށް ބިޑަކާނުލައި 49 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ދީ، މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށް، އަދި މާކެޓް އަގަށްވުރެ 767 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ގޮތްތަކުގެ ވާހަކަތައް މިއަދު ރައްޔިތުންނަށް އެގެން އެބަޖެހެއެވެ. އެވާހަކަ ދައްކާތީ މިއަދު އެމްޑީޕީގެ ހިތަށް ދަތިވާނެއެވެ. ޔަޤީނެވެ.

ރަށްރަށުގެ ބާރުވެރިކަން އިތުރުކުރުމަށް ފެށި 57 އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން 41 މަޝްރޫއެއް ނިންމާނުލައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ބޭކާރުވުމާއި، ފްލޯޓިންގ ސިޓީ ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ނިވާފަތްގަނޑުގައި މާލީ މުއާމަލާތްތައް ހިންގާފައިވީ ނަމަވެސް އަމަލީ ގޮތުން އެދެވޭ މަސައްކަތެއް ނުކުރެވުނު ވާހަކަ ރައްޔިތުން މިއަދު ދައްކާތީ އެމްޑީޕީގެ ބޭފުޅުންނަށް ދަތިވާނެއެވެ. ވަރަށް ދަތިވާނެއެވެ.

އަދި ކިއެއްތޯ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ބަލައި ދައުލަތަށް ފައިސާ ހޯދައިދޭނެ ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، އެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބަލައި، މޭސްތިރިންނަށް އަދަބު ލުއިކޮށްދީ މާފުދީފައިވުމަކީ ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް މިއަދު އިދިކޮޅުގައި ތިބެގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ އަޚުލާޤީ ޙައްޤެއް ނެތްކަން ރައްޔިތުން ހަނދާންކޮށްދޭތީ އެމްޑީޕީގެ ބޭފުޅުންގެ ހިތަށް އަސަރުކުރާނެެވެ. ދަތިވެސް ވާނެއެވެ.

މީގެ އިތުރުން، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށްޓަކައި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 7,000 އަށްވުރެ މައްޗަށް ޑަބަލްކޮށް، ކުންފުނިތައް 3.8 ބިލިއަން ރުފިޔާއިން ދަރަނިވެރިކުރުވުމުގެ ނަތީޖާއަކަށްވެފައިވަނީ ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެގެންދިއުން ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދެއެވެ. އެފަދަ އިންޒާރުތައް ތަކުރާރުކޮށްދެންޏާ އެމްޑީޕީގެ އިސްބޭފުޅުންނަށް ދަތިވާނެއެވެ. ވަރަށް ދަތިވާނެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ މިފަދަ ބޮޑެތި ޖަރީމާތަކާއި ޚިޔާނާތްތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، ރައްޔިތުންގެ މާލިއްޔަތަށް ލިބުނު ބޮޑެތި ގެއްލުންތައް ހަނދާންވެ ޤައުމީ ލޯތްބެއް އޮތް ކޮންމެ ދިވެއްސެއްގެ ހިތަށް ބަޔާންކުރަންދަތި ތަދެއް ލިބިގެންދެއެވެ.

ޤައުމުގެ ތަރައްޤީއަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ އެތައް ކަމެއް ހުއްޓާ، މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ދައުލަތުގެ މުއްސަނދިކަން އަމިއްލަ އެދުންތަކަށް ބަހާލުމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކަށް އިންތިހާއަށް ހިތްދަތިކަން ގެނުވާ ކަމެކެވެ. އެހެންކަމުން، މިފަދަ ހަޤީޤަތްތަކާ ކުރިމަތިލާންޖެހުމުން އެމްޑީޕީގެ އިސްބޭފުޅުންނަށް ހިތަށް ތަދުވެ، މި ވާހަކަތައް އަޑުއަހަން ބޭނުންނުވެ، ވަރަށް ބޮޑަށް ދަތިވާނެކަން ޔަޤީނެވެ.