ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

މައިކްރޯސޮފްޓުން ޗައިނާގައި ކުރަމުން ދިޔަ ގިނައަދަދެއްގެ ވިޔަފާރިތައް ބަންދުކޮށްފި

ބިލްގޭޓްސް ޗައިނާގެ މަރުކަޒެއްގައި ހުރި ބެނާއެއްގެ ކައިރީގައި މަޑުކޮށްލައިގެން --- ފޮޓޯ: ރޮއިޓާސް
ބިލްގޭޓްސް ޗައިނާގެ މަރުކަޒެއްގައި ހުރި ބެނާއެއްގެ ކައިރީގައި މަޑުކޮށްލައިގެން --- ފޮޓޯ: ރޮއިޓާސް

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޗައިނާގައި ހިންގަމުން އައި މައިކްރޮސޮފްޓްގެ މަދުވެގެން 15 ގޮފި އަދި ޖޮއިންޓް ވެންޗަރެއް އެކުންފުނިން ބަންދުކޮށްފިއެވެ.

ޗައިނާގެ މާކެޓުން ފަހަތަށް ޖެހުމުގެ ސިޔާސަތެއް މައިކްރޮސޮފްޓުން މިހާރު ގެންގުޅެމުންދާއިރު، މިއީ 2010 ވަނަ އަހަރު ގޫގުލް އިން ސެންސަރޝިޕާއި ސައިބަރ އެޓޭކްތަކާ ހެދި ޗައިނާ ދޫކޮށް ދިޔުމުން އެކަމަށް ފާޑުކިޔައި، އެއީ ގޫގުލްއިން މާބޮޑަށް ހާސްވެގެން ކުރި ކަމެއްކަމަށް ބިލް ގޭޓްސް އަދި އޭރުގެ ސީއީއޯ ސްޓީވް ބާމަރ ބުނެފައިވާ ގޮތާ މުޅިން ހިލާފު މަންޒަރެކެވެ.

ޗައިނާގެ މާކެޓުން ލިބޭ މާލީ ފައިދާއަށްވުރެ ޖިއޮޕޮލިޓިކަލް ރިސްކު ބޮޑުވުމުގެ ސަބަބުން، 2023 ވަނަ އަހަރު މައިކްރޮސޮފްޓުން ޗައިނާ ދޫކޮށް ދިއުމަށްވެސް ވިސްނާފައިވެއެވެ. 2024 ވަނަ އަހަރު މައިކްރޮސޮފްޓްގެ މުޅި ދުނިޔޭގެ އާމްދަނީގެ ތެރެއިން ޗައިނާ ހިއްސާކުރީ އެންމެ 1.5 އިންސައްތައެވެ. ނަމަވެސް، ކުންފުނިން ބުނެފައިވާ ގޮތުގައި މިވަގުތު ޗައިނާ މާކެޓުން އެއްކޮށް ނުކުތުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން މައިކްރޮސޮފްޓަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. 2017 ވަނަ އަހަރުން ފެށިގެން ޗައިނާއިން އަންނަނީ އެ ގައުމުގެ އަމިއްލަ ސޮފްޓްވެއަރތައް ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މީގެ އިތުރުން، އެމެރިކާއިން ކުރިއަރާފައިވާ ޓެކްނޮލޮޖީ އެކްސްޕޯޓްކުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މައިކްރޮސޮފްޓްގެ އޭއައި އަދި ކްލައުޑް ވިޔަފާރި ޗައިނާގައި ފުޅާކުރުމަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

މައިކްރޮސޮފްޓްގެ އިތުރުން އެމެރިކާގެ އެހެން ބޮޑެތި ޓެކް ކުންފުނިތަކުންވެސް އަންނަނީ ޗައިނާގައި ކުރާ ވިޔަފާރިއާމެދު އަލުން ވިސްނަމުންނެވެ. އެގޮތުން އެޕަލް އިން އެމެރިކާއަށް ވިއްކާ އައިފޯނުތައް 2026 ގެ ނިޔަލަށް އިންޑިއާގައި އުފެއްދުމަށް މަސައްކަތްކުރަމުން އަންނައިރު، ޓެސްލާ އިންވެސް ޗައިނާގެ ވިޔަފާރި ވަކިކުރުމާމެދު މަޝްވަރާކުރަމުންދާކަމުގެ ރިޕޯޓުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އީލޮން މަސްކް ވަނީ ދާދިފަހުން މިކަން ދޮގުކޮށްފައެވެ.

އެހެން ނަމަވެސް، މައިކްރޮސޮފްޓުން ޗައިނާގައި މަޑުކުރަން ނިންމި މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓަށް ނުކުންނަން ބޭނުންވާ ޗައިނާގެ ކުންފުނިތަކަށް ހިދުމަތް ދިނުމުން ލިބޭ ފައިދާ ބޮޑުވުމެވެ. ޓިކްޓޮކްގެ ވެރިކުންފުނި ބައިޓްޑާންސް އަދި ޝީން ފަދަ ކުންފުނިތަކުން ބޭރު ގައުމުތަކުގައި އޮޕަރޭޓްކުރުމަށް ބޭނުންކުރަނީ މައިކްރޮސޮފްޓްގެ އެޒުއަރ ކްލައުޑްއެވެ. އަދި އޯޕަންއޭއައި ފަދަ ހުޅަނގުގެ އޭއައި މޮޑެލްތައް ޗައިނާގެ ކުންފުނިތަކަށް ފޯރުކޮށްދެނީވެސް މައިކްރޮސޮފްޓް މެދުވެރިކޮށެވެ. މީގެ އިތުރުން ޗައިނާގެ މޮޅެތި އިންޖިނިއަރުންގެ ބޭނުން ހިފުމަކީވެސް އެ ކުންފުނިން ޗައިނާގައި މަޑުކުރާ ސަބަބެކެވެ.

މައިކްރޮސޮފްޓުން ޗައިނާ ސަރުކާރާއެކު ގުޅުން ބަދަހިކުރަން ފަށާފައިވަނީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ. ބިލް ގޭޓްސް 1994 ވަނަ އަހަރު ޗައިނާއަށް ކުރި ދަތުރުގައި އޭރުގެ ރައީސް ޖިއަންގް ޒެމިންއާ ބައްދަލުކުރިއެވެ. އޭގެ ފަހުން، ގޫގުލްއާ ހިލާފަށް މައިކްރޮސޮފްޓުން ވަނީ ޗައިނާގެ ސެންސަރޝިޕް ގަވާއިދުތަކަށް ބޯލަނބައި، ސަރުކާރާއެކު ސްޓާޓްއަޕް އިންކިއުބޭޓަރުތަކުގައި އިންވެސްޓްކޮށްފައެވެ.

2010 ގެ އަހަރުތަކުގެ މެދުތެރޭގައި، ހުޅަނގުގެ ޓެކްނޮލޮޖީއާމެދު ޗައިނާއިން ޝައްކުކުރަން ފެށުމުން، ސީއީއޯ ސަތިޔާ ނަޑެއްލާ ވަނީ ޗައިނާގެ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށް 'ވިންޑޯސް 10 ޗައިނާ ގަވަރންމަންޓް އެޑިޝަން' ނެރެފައެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިދާރާތަކުން މިއަށް އަމަލުކުރަން ފެށިނަމަވެސް، މި ޕްރޮޑަކްޓަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އަދި 2023 އާއި 2026 އާ ދެމެދު ޗައިނާ ސަރުކާރުން ނެރުނު ޕްރޮކިއުމަންޓް ގަވާއިދުތަކުގެ ދަށުން ވިންޑޯސް ހިމެނޭހެން އެއްވެސް ބޭރުގެ އޮޕަރޭޓިންގ ސިސްޓަމެއް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރުމަށް ލަފާދީފައެއް ނުވެއެވެ.

ޗައިނާގައި މަޑުކުރުމަށް މައިކްރޮސޮފްޓުން ބޭނުންވި އަނެއް ސަބަބަކީ އެ ގައުމުގެ މޮޅެތި އިންޖިނިއަރުން ކަމަށްވާއިރު، އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން ޗައިނާގައި ތިބި އިންޖިނިއަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. 2023 ވަނަ އަހަރު މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ބުނެފައިވަނީ ކުއަންޓަމް ކޮމްޕިއުޓިންގ ފަދަ ނާޒުކު ޓެކްނޮލޮޖީތަކުގެ ރިސަރޗް ޗައިނާގައި މިހާރު ނުކުރާ ކަމަށެވެ. މީގެ ސަބަބުން މައިކްރޮސޮފްޓް ރިސަރޗް އޭޝިއާގެ ބައެއް މަސައްކަތްތަކާއި ލެބްތައް ވެންކޫވަރ، ސިންގަޕޫރު އަދި ޓޯކިޔޯއަށް ވަނީ ބަދަލުކޮށްފައެވެ.

މައިކްރޮސޮފްޓުން 2024 ވަނަ އަހަރު ޗައިނާގެ 1000 މޮޅެތި އިންޖިނިއަރުންނަށް އެމެރިކާ އަދި ހުޅަނގުގެ އެހެން 3 ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ދިނެވެ. ނަމަވެސް އޭގެ ތެރެއިން އެ ފުރުސަތުގެ ބޭނުން ހިފީ އެންމެ ތިންބައިކުޅަ އެއްބައި މީހުންނެވެ. ގިނަ މީހުން ހިޔާރުކުރީ އާއިލާއާ ގާތުގައި ތިބުމަށްޓަކައި ޗައިނާގެ އަމިއްލަ ކުންފުނިތަކަށާއި ޔުނިވަރސިޓީތަކަށް ބަދަލުވުމަށެވެ. މައިކްރޮސޮފްޓްގެ ކުރީގެ ޗައިނާ ހެޑް އެލެން ކްރޮޒިއަރ ބުނި ގޮތުގައި، ޖިއޮޕޮލިޓިކްސްގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް ޗައިނާއަށް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި މައިކްރޮސޮފްޓުން ދެމިއޮންނާނެއެވެ.

ވިޔަފާރި

އިތުރަށް ←