ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (24 ވަނަ ބައި)
ސަލާމް ގޮވާލުމަށްފަހު ގޭތެރަށް ވަދެގެން އައި ޒިވްރާ ފެނުމުން ބޮޑުކޮޓަރިތެރޭގައި ހުރި ސޯފާގައި އިނށީދެލައިގެން އިން ލިޔާރާ ހިނިތުންވެލިއެވެ. އަދި ލޮލުން މައްޗަށް އިޝާރާތްކޮށްލަމުން ޒިވްރާއަށް ބަލާލިއެވެ. "ޒާން އެބައިން ކޮޓަރީގަ. ދޭބަލަ، ޒިވީގެ އިންތިޒާރުގަ އެ އިންނަނީ" ހިތްހެޔޮރާގަކަށް ލިޔާރާ ބުނެލި ނަމަވެސް އެ އަޑުގައިވީ މަޑުމޮޅިކަމެވެ. ކުޑަކޮށް ބޯޖައިލަމުން ޒިވްރާ ވެސް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމާއެކު އެތެރަށް ވަނުމަށް އަޒާން ބުނެލި އަޑު އިވުނެވެ. މަޑުމަޑުން ދޮރުހުޅުވާލަމުން ޒިވްރާ އެތެރަށް ބޯދިއްކޮށްލިއެވެ. އެއާއެކު އޭނާގެ ގާތަށް އައުމަށް އަޒާން އެދުނެވެ. ކުޑަދޮރާދިމާލަށް ކުރިމަތިލައިގެން އިނުމަށްފަހު ޒިވްރާ އައުމުން އޭނާ ގޮނޑި އަނބުރާލަމުން ޒިވްރާ ގާތުގައި އެނދުގައި އޭނާއާ ކުރިމަތިވާނޭހެން އިނށީނުމަށް އެދުނެވެ. ބަހެއްވެސް ނުބުނެ އަޒާން އެދުނުފަދައިން ޒިވްރާ ކަންތައްކުރިއެވެ.
Ads by BML
"ޒިވް" ޒިވްރާ އަނގައިން ނުބުނެ އިސްޖެހިފައި އިނީތީ އަޒާން ގޮވާލިއެވެ. މަޑުމޮޅިކަން އޭނާގެ މޫނުމަތިން ފައުޅުވަމުން ދިޔައެވެ. އަޒާން ގޮވާލުމުން ލަސްލަހުން އިސްއުފުލާލައި އޭނާއާ ހަތަރުކަޅި ޒިވްރާ ހަމަކޮށްލިއެވެ. އިރުކޮޅަކު ޒިވްރާގެ މޫނަށް ހިމޭންކަމާއެކު ބަލަހައްޓައިގެން އަޒާން އިނެވެ.
"އައި އެމް ސޮރީ، އަހަންނަށް މަޢާފުކުރާނަންތަ؟" ކުޑަކޮށް ކުރިއަށް ޖެހިލަމުން އަޒާން އަހައިލީ ކުށްވެރިއަކު ފަދައިންނެވެ. "ޒާން މަޢާފަށް އެދެންޖެހޭވަރު ކަމެއް ނޯންނާނެ" މަޑުމަޑުން ޒިވްރާ ބުންޏެވެ.
"ނޫނޭ، އެ ރޭ.. އެ ރޭ އަހަންނަށް.. ޒިވީއާ މެދުގަ ކަންތައް ކުރެވުނީ މުޅީން ރަނގަޅަކަށް ނޫން. އެހެން މީހަކުދެކެ އައިސްފަ ހުރި ރުޅި އަހަންނަށް ޒިވީއަށް ބޭރުކޮށްލެވުނީ. އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން. އެކަމަކު އެވަގުތު އަހަންނަށް ވެސް ނުވިސްނުނީ. ރުޅި މަޑުވެ ކަންކަމާމެދުގަ ވިސްނާލެވުނީމަ ވަރަށް ދެރަވި ޒިވީއާ ދިމާއަށް އެހާ ވަރަށް ހަޅޭއްލެވުނީމަ. އެހެންވީމަ އެކަމަށް މަޢާފަށް އެދެން ބޭނުންވީ" އަޒާންގެ އަޑުގައިވީ ހިމޭންކަމުން ޒިވްރާގެ ހިތަށް ތަދުވެލިއެވެ. ނުބުންޏަސް އަދި ފައުޅުނުކުރިއަސް، ވެދިޔަކަންތަކުން އަޒާންއަށް ނުހަނު ފުން އަސަރެއްކޮށްފައިވާކަން އެއަޑުން އެކަނިވެސް ހާމަވެއެވެ.
"އެވާހަކަ ބުނަންތަ އަހަރެން ތިގެނައީ؟ އަހަރެން އެއްވެސް އިރަކު ޒާންގެ މައްޗަކަށް ހިތްބުރައެއް ނުކުރަން. ޒާންގެ ހާލަތު އަހަންނަށް ވިސްނޭ. އެއީ ގަސްދުގަ ބުނި އެއްޗެއް ނޫންކަން އެނގޭ. ކަންބޮޑުނުވޭ، އަހަރެން މާކުރިން ޒާން އަށް މަޢާފުކޮށްފިން" އަޒާން އަށް ބަލަން އިނދެ ޒިވްރާ ބުނެލިއެވެ. ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ޒިވްރާގެ އަޑުގައިވި ވިއެވެ.
"ކޮންއިރަކުން ފުރަނީ؟" ފުންނަޒަރަކުން ޒިވްރާގެ މޫނަށް ބަލައިލަމުން އަޒާން އަހައިލިއެވެ.
"މިރޭ ފަތިހު.." އަޒާންގެ ބެލުމުން އުނދަގޫވެފައި އިނދެ ޒިވްރާ ދުރަށް ބަލައިލިއެވެ. "އެކަނިތަ ދަނީ؟ ޒިވީ ދާއިރު އަހަންނެއް ނުގެންދާނަންތަ؟" ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އަޒާން އަހައިލިއެވެ. އެރެއަށްފަހު އަޒާންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފައުޅުވެލީ އަދި ކިރިޔާއެވެ. ބަސްހުއްޓިފައި ޒިވްރާ އިނީ ބުނާނެ އެއްޗެއް ނޭނގިގެން ކަހަލައެވެ. އަޒާންގެ ވާހަކަތަކުން ނަގަންވީ މާނައެއްއޭނާއަށް ނުވިސްނުނީއެވެ.
"ޒާން.. ދާނަންތަ؟" ގަބޫލުނުކުރެވިފައި އިނދެ ޒިވްރާ އަހައިލިއެވެ. އެއާއެކު މަޑުމަޑުން އަޒާން ބޯޖަހައިލިއެވެ. ހައިރާންކަން ޒިވްރާގެ މޫނުން ފައުޅުވިއެވެ. "މިތަނުގަ އިތުރަށް މަޑުކުރާކަށް ބޭނުމެއްނޫން. ބޭނުންވަނީ މިތަނާ ދުރަށް ދާން. އެހެންވެ ހިތަށް އެރީ ވީހައިވެސް އަވަހަށް ޓްރީޓްމަންޓް ފަށަން ދާންވީއޭ. އަސްލު މަންމަގެ ޚިޔާލެއް އިނގޭ.ވަގުތު ކުޑަތަންވެފަ ހުއްޓަ ޓިކެޓް ނަގަން އުޅުނީމަ ލިބުނީ އެންމެ ދެ ޖާގަ. އެހެންވެ އަހަންނާ މަންމަ ދާ ގޮތަށް ނިންމީ. ބައްޕަ އަންނާނެ ތަންކޮޅެއް ފަހުން. ޒިވީ... އަހަންނަށް.. އަހަންނަށް އެކުވެރިއެއްގެ އެއްބާރުލުމާ އެހީތެރިކަން ވަރަށް މުހިންމު. ހަގީގަތަށް ބުނާނަމަ މިހާރު އިތުބާރުކޮށްފަ ނުކުރާނެ މީހެއް އަހަންނަކަށް ނޭނގެ. އެކަމަކު ޒިވީ އަށް އިތުބާރުކުރަން އަހަރެންގެ ހިތް ބުނަނީ ކީއްވެކަމެއް ނޭނގެ. އެކޮޅުގަ އަހަރެން ދަންނަ މާ ބައިވަރު މީހުނެއްވެސް ނުތިބޭނެ. އަހަރެން.. އަހަރެން މުޅިން އެކަނިވެރިވެއްޖެ" ދުރަށް ނަޒަރު ސީދާކޮށްލައިގެން އިނދެ މާޔޫސީ ރާގަކަށް އަޒާން ބުނެލިއެވެ. އެ މޫނުމަތިން ފައުޅުވެލި ހިތްދަތި އަސަރުތައް ކިތަންމެ ރީތިކޮށްވެސް ޒިވްރާ ދުއްޓެވެ.
"ޒާން.. ތިހެން ނުބުނޭ. ތީ އެކަނިވެރިއެއް ނޫން. ޒާންގެ އާއިލާ އެތިބީ ކޮންމެ ހާލެއްގަވެސް ޒާންއާ އެކީގަ އެއްނު. އަހަރެންވެސް މިހުރީ އެއްނު. ޒާން އެކުވެރިއަކަށް ބޭނުންވެއްޖެ ކޮންމެ ހާލަތެއްގަވެސް އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނަން. އިތުބާރުކުރަން އުނދަގޫވެދާނެކަން ގަބޫލުކުރަން. އެހެންވިޔަސް ޒާންގެ އިތުބާރު ގެއްލޭވަރު ކަމެއް އިރާދަކުރެއްވިއްޔާ އަހަރެންގެ ފުށުން ދުވަހަކުވެސް ނުފެންނާނެ" އަޒާންއާ ކުޑަކޮށް ކައިރިވެލަމުން އޭނާ އިނށީދެގެން އިން ދުއްވާގޮނޑީގެ އަތްގަނޑުމަތީގައި އަތްބާއްވައިލަމުން ޒިވްރާ ބުނެލީ ޔަގީންކަންދޭފަދަ ގޮތަކަށެވެ. ޒިވްރާގެ ވާހަކަތައް އިވިފައި އޭނާއާ ހަތަރުކަޅި އަޒާން ހަމަކޮށްލިއެވެ. ހިމޭންކަމާއެކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު، އެކަކު އަނެކެއްގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތަކުގެ ކުޑަވެސް ހިލަމެއް ދެންއިންމީހާއަކަށް ނުވެއެވެ. އަޒާންގެ ދެލޯ ފެންކަޅިވާން ފެށުމާއެކު އޭނާ އިސްޖަހައިލީއެވެ. އެހެނަސް ފަނޑު ހިނިތުންވުމެއް އެ ތުންފަތުވީތީ ޒިވްރާ ދުއްޓެވެ. އޭނާއަށް ވެސް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ހަޔާތުގެ މި ދަތުރުގައި ކޮންމެފަދަ ހާލަކުންވެސް އަޒާންއާ އެކުގައި ވުމަށް އެވަގުތު އޭނާ ޢަޒުމްކަނޑައެޅިއެވެ. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްކަން ޔަގީނެވެ. އެހެނަސް އަޒާންގެ ހިތްވަރަށްވެގެން އޭނާއާ އެންމެ ގާތުގައި ވުމަށް ޒިވްރާ ނިންމިއެވެ. އެ އަނދިރި އަނދަވަޅުން އަޒާން ސަލާމަތްކުރުމަށް އަމިއްލަ ނަފުސަށް ވަޢުދުވިއެވެ. އަލުން ދިރިއުޅުމާ ކުރިމަތިލައި، އެ މޫނުމަތިން އިހު ފެނުނު އުފާވެރި ހިނިތުންވުން ގެނައުމަށް އޭނާ އަޒާންއަށް ދަސްކޮށްދޭނެއެވެ. އޭނާގެ ހިތުގައި އަޒާންއަށް އޮތް އިޚުލާސްތެރި ލޯތްބަށްޓަކައި ވެސް އޭނާ އެކަން ކުރާނެއެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ޒިވްރާގެ ހިނިތުންވުން ފުންވެލިއެވެ. އަދި އަޒާން އަށް ގޮވައިލަމުން ދަތުރަށް ތައްޔާރުވުމަށް ބުނަމުން އިންތަނުން އޭނާ ތެދުވީ އުއްމީދުން ފުރިގެންވާ ހިތަކާއެކުއެވެ.
*****
ދާމިރްއާ އެކުގައި ގޭތެރަށް ވަދެގެން އައި ޒިވްރާ ފެނުމުން ފުޅާހިނިތުންވުމަކާއެކު އިންތަނުން ޝާހީނާ އާއި ޒައިހާ ތެދުވިއެވެ. އަދި ނުހަނު ލޯބިން އޭނާ ގައިގައި ބައްދާލަމުން ވަރަށް ހަނދާންވިކަމަށް ބުނެލިއެވެ. އެނބުރި އާއިލާގެ ގާތަށް އާދެވުމުން ޒިވްރާއަށް ވެސް ކުރުވީ އުފާވެރި އިހުސާސެކެވެ. ހިތްހަމަޖެހިފައި ހުރެ މަންމަ އާއި ކޮއްކޮ ގައިގައި ބައްދާލަމުން އޭނާ ދެލޯމަރާލައި ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅަކު އެމީހުން ގާތުގައި ދަތުރުގެ ކަންތައް ދިޔަގޮތާމެދު ވާހަކަދައްކަން ޒިވްރާ މަޑުކޮށްލިއެވެ. އަޒާންއާ މެދުގައި ކަންތައްވީގޮތް ކޮންމެވެސް ވަރަކަށް ޒިވްރާ އާއިލާ އަށް އޮޅުންފިލުވައިދިނެވެ. ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައި ޒައިހާ އަށް ވެސް އިނދެވުނީއެވެ. އެއީ ފަހަރެއްގައިވެސް ވެދާނެގޮތެކޭ ޚުދު އޭނާގެ ހިތަށް ވެސް ނާރައެވެ. އަޒާން އާއި އިޝްޔާ އުޅުނީ އެހައިވެސް ލޯބިންވިއްޔާއެވެ. މީހުން ބުނަނީ ތެދެކެވެ. މީހެއްގެ އަސްލު ކުލަ ފައުޅުވާނީ ކަމެއްޖެހޭ ހިނދެއްގައެވެ. އިޝްޔާ އަށްވެސް އެވީ އެހެންނެވެ. އޭނާގެ ހިތުގައި އަޒާން އަށްޓަކައިތެދުވެރި ލޯބީގެ ކަންފުޅެއްވީނަމަވެސް، އޭނާއަށް އެފަދަ ގޮތަކަށް ކަންތައްކުރަން ނުކެރުނީހެވެ. ވިސްނުމަކަށް ގެއްލިފައި އިނދެ ޒައިހާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އެ ހުރިހައި ކަމެއް ގަބޫލުކުރަން އަދިވެސް އޭނާއަށް ދަތިވެފައިވާކަހަލައެވެ.
އިރުކޮޅަކު އެ ވާހަކަތައް ދެއްކުމަށްފަހު ޝާހީނާ މައުޟޫ ބަދަލުކޮށްލިއެވެ. ޒިވްރާގެ ކައިވެނީގެ ވާހަކަތައް ފެށުމާއެކު ޒައިހާގެ މޫނުމަތި ވަގުތުން ބަނަވެގެން ދިޔައެވެ. ޝާހީނާ ހީވަނީ ޒިވްރާ ނައިސްގެން ހުރިހެނެވެ. އިތުރަށް ވަގުތުތަކެއް ބޭކާރުނުކޮށް ރަންކިޔުމުގެ ހަފުލާއަށް ތައްޔާރުވުމަށް ޝާހީނާ ޒިވްރާއަށް ނަސޭހަތްތެރިވިއެވެ. އަދި އެ ހަފުލާގެ ކަންކަމުގައި ޒިވްރާއަށް އެހީވުމަށް ޒައިހާ ގާތުގައި ބުނެލިއެވެ. ތުންފިއްތާލަމުން އޭނާ ގަދަކަމުންކަހަލަ ގޮތަކަށް ބޯޖަހައިލިއެވެ. އޭރު ޚިޔާލަކަށް ގެއްލިފައި އިންހެން ޒިވްރާ އިނެވެ. އޭނާގެ ހިތާއި ސިކުނޑީގައިވީ ކީކޭކަމެއް ނޭނގެއެވެ. އެހެނަސް މިފަހަރު ކައިވެނީގެ ވާހަކަތައް ދެއްކުމުން ޒިވްރާގެ މޫނުން އެހެންނާ ފައުޅުނުވާފަދަ މާޔޫސްކަމެއް ފައުޅުވެލިއެވެ. އެކައިވެންޏާމެދު އަމިއްލަ ނަފުސު ދެކޮޅުހަދަމުންދިޔަ ކަހަލައެވެ. ސޯފާގައި ލެގިލުމާއެކު އުނގުމަތީގައި އޮތް އަތްދަބަސްނަގައި މޭގައި ޖައްސާލަމުން ޒިވްރާ ދެލޯ މަރައިލިއެވެ. ޒިވްރާ މާބޮޑަށް ވަރުބަލިވީކަމަށް ހީކޮށް ޝާހީނާ ވެސް އިތުރަށް ވާހަކަދައްކާކަށް ނޫޅުނެވެ. ކުޑަކޮށް ތާޒާވެލައިގެން ކާން އައުމަށް ބުނަމުން އިންތަނުން އޭނާ ތެދުވިއެވެ. ދެބެން ސިޓިންގްރޫމްގައި ތިބިއިރު، އެތަނަށް ވެރިވެފައިވީ ހިމޭންކަމެވެ. ކޮންމެ މީހަކުވެސް އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންއިރު، އެއިން އެކެއްގެ މޫނުންވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ދެމީހުންގެ ސިކުނޑީގައި ވެސް ދައުރުވަމުންދިޔައީ ޒިވްރާގެ ކައިވެނީގެ ޚިޔާލުތަކެވެ. އެހެނަސް އިސްވެ އެކަކުވެސް އެ ވާހަކަދައްކަން ބޭނުންނުވެފައި ތިބީއެވެ.
*****
ޖެހިގެން އައި ދުވަހު މެންދުރެއްހާއިރު ޒިވްރާއަށް މިކްދާދްގެ މެސެޖެއް ލިބުނެވެ. ބައްދަލުކޮށްލަން ބޭނުންވާކަމަށް އޭނާ ބުނެފައިވީތީ ޒިވްރާއަށް އެކަމަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެ ދަތުރުން އެނބުރި އައިސް މިކްދާދް ބޭނުންވާވަރަށް ވަގުތު ދޭނެކަމަށް ޒިވްރާ ވަނީ ބުނެފައެވެ. ވީއިރު އެ ވަޢުދާ ޚިލާފުވާކަށް ނުކެރުނެވެ. ބޭނުންނުވިއަސް މިކްދާދްގެ އެދުމަށް ޒިވްރާ އާނބަސް ބުންޏެވެ. އަދި ހަވީރު 5 ޖަހާކަންހާއިރު މިކްދާދް ބަލާ އަންނާނެކަމަށް ބުނުމުން އެންމެ ރަނގަޅުކަމަށް ޒިވްރާ ބުނެލިއެވެ. އަސުރު ފަހުން ކުޑަކޮށް އަރާމުކޮށްލުމަށްފަހު މިކްދާދްއާ ބައްދަލުކުރުމަށް ދާން ޒިވްރާ ތައްޔާރުވިއެވެ. ހިތުގެ ހިނގުން އަވަސްވެފައިވީ އެ ހިތަށް ވެރިވަމުންދިޔަ ނުތަނަވަސްކަމުންނެވެ. މިކްދާދްއާ ބައްދަލުކޮށްލުމަށްފަހު އެނބުރި އައުމުގެ ކުރިން އަޒާންގެ ގާތަށް އެގެއަށް ދިއުމަށް ޒިވްރާ ނިންމިއެވެ. ކުޑަވެސް ހަމަޖެހުމެއް އެ ހިތަށް ލިބުނީ އެ ޚިޔާލުންނެވެ. ޝޯލްއަޅައި ނިންމާލަމުން އޭނާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ސްކްރީނަށް އަރައިފައިވާ މިކްދާދްގެ ނަން ފެނުމާއެކު އަވަސް އަވަހަށް ފޯނު ނަގަމުން މިދަނީކަމަށްބުނެ ޒިވްރާ ކޮޓަރިން ނުކުތެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ސިޓިންގްރޫމް ހުރަސްކޮށްދަމުން އެތަނުގައި ތިބި ޝާހީނާ އާއި ޒައިހާއަށް އަޑުއިވޭނޭހެން އޭނާ މިކްދާދްއާ އެކުގައި ބޭރަށް ދަނީކަމަށް ބުނެލިއެވެ. ޝާހީނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީއިރު، ޒައިހާއަށް ލިބުނީ މާޔޫސްކަމެވެ. ހިތްދަތިގޮތަކަށް އޭނާ އިސްޖަހައިލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. ޒިވްރާ ދިޔަފަހުން މިކްދާދް އެންމެ ފަހަރަކުވެސް އޭނާއަށް ގުޅާނުލައެވެ. އެހެނަސް ޒިވްރާ އައުމާއެކު އޭނާ ގޮވައިގެން ބޭރަށްދާން މިކްދާދް ނިންމީތީ ޒައިހާގެ ހިތުގައި ރިއްސާލިއެވެ. އަނެއްކާ އިޝްޔާ ފަދައިން މިކްދާދްގެ ހިތް ވެސް ބަދަލުވީބާވައެވެ. އޭނާއަށްވުރެ ބޮޑަށް ޒިވްރާ ކަމުދިޔައީ ބާވައެވެ. މިއީ ޚުދު ޒައިހާ އަމިއްލައަށް ބޭނުންވި ގޮތްކަން ޟަމީރު ވިސްނައިދިން ނަމަވެސް، އެވަގުތު ހިތަށް ވެރިވަމުންއައި ޝުޢޫރުތައް ކޮންޓްރޯލްކުރުން ފަސޭހަކަމަށް ޒައިހާއަކަށް ނުވިއެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ދެލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން އަވަސް އަވަހަށް އިންތަނުން ތެދުވަމުން އޭނާ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ޓީވީއަށް ގެއްލިފައި އިންވަރުން ޒައިހާއަށް އައި ކުއްލި ބަދަލެއް ޝާހީނާއަކަށް ފާހަގައެއް ނުވިއެވެ. ޒައިހާ ދިޔައިރުވެސް ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަށް ގެއްލިފައި އޭނާ އިނެވެ.
ގެއިން ނުކުމެގެން އައި ޒިވްރާ ފެނިފައި ކާރުގައި ލެގިލައިގެން ހުރި މިކްދާދް ހަށިގަނޑު ސީދާކޮށްލަމުން ޒިވްރާއަށް ހިނިތުންވެލިއެވެ. އަދި ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލައިދިނެވެ. ޒިވްރާ ކާރަށް އެރުމާއެކު ދޮރުލައްޕާލަމުން މިކްދާދް ވެސް ކާރަށް އަރައި ހަމަޖެހިލިއެވެ. އަދި ޒިވްރާއަށް އަވަސް ނަޒަރެއްދެމުން ކާރު ދުއްވާލިއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިނިވަންކަމާއެކު ކަންކަމާމެދުގައި ވިސްނާލާނެ ވަގުތުކޮޅެއް އޭނާއަށް ލިބުނެވެ. އެހެންވެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތާމެދުގައި މިކްދާދް ވަނީ ވަކި ގޮތެއް ނިންމާފައެވެ. ޒިވްރާ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުންނަތާ ކިތަންމެ ދުވަހެކެވެ. އޭނާ އައިކަން އެނގުމުން އެންމެ ހިނދުކޮޅެއްވެސް ލަސްކުރަން މިކްދާދް ބޭނުންނުވީއެވެ.
އެކިއެކި މައުޟޫއަށް ވާހަކަދައްކަމުން ދިޔައިރު ދެމީހުންކުރެ އެކަކުވެސް ކުރެވެންއުޅޭ ކައިވެނީގެ ވާހަކަ ދައްކާން ގަސްދުނުކުރާ ކަހަލައެވެ. ނަމަވެސް ދެމެދަށް ވެރިވާ ހަމަހިމޭންކަމާއެކު ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ވިސްނާލެވެނީ އެކަމާއެވެ. ފިކުރުތަކަށް ގެއްލިއިނދެ މިކްދާދް އައިސް ކާރު މަޑުކޮށްލީ ޤުދުރަތީ ރީތިކަމުން ފުރިފައިވާ ޕާރކެއް ކުރިމައްޗަށެވެ. ހައިރާންވެފައި ޒިވްރާ މިކްދާދްއަށް ބަލައިލިއެވެ. އެހެނަސް އެއްވެސް ބަހެއް ބުނުމެއްނެތި މިކްދާދްގެ ފަހަތުން ކާރުން ފައިބައިގެން އޭނާ އައިސް އެތަނަށް ވަނެވެ. ކުރިމަތިން ފެންނަން އޮތް ނިމުމެއްނެތް ފެހިކަމަށް ވަގުތުން ޒިވްރާގެ ހިތް ދޫވެގެންދިޔައެވެ. އެތަނުގެ އެތެރޭގައި ކުރިއަށް ދިއުމަށް ހަދާފައިވާ މަގުތަކަށް، ބޮޑެތި ގަސްތަކުގެ ހިޔާ އެޅިފައި އޮތެވެ. ޖެހެމުންދިޔަ ލުއިލުއި ފިނި ރޯޅިތަކާއެކު، ވިނަގަނޑު މަޑުމަޑުން ހޫރެމުންދިޔައިރު، ދުރުން ފެންނަމުންދިޔަ ފަރުބަދަތަކާއި ފެންއާރުތަކުން އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ. ދޭތެރަކުން ގަސްތަކުގެ މަތިން ކުދިކުދި ދޫނިތައް އުދުއްސައިގަންނަމުން އެސޮރުމެންގެ ރީތި ރާގުތައް އިއްވާލައެވެ. ގަސްތަކުގެ ހިޔަލުގައި އޮތް ހަނިމަގަމުން ޒިވްރާ އާއި މިކްދާދް ހިނގަމުންދިޔައިރު، ބިންމައްޗަށް ފައިބާފައިވާ ހިކިފަތްތައް އެ މީހުންގެ ފިޔަވަޅުތަކުގެ ދަށުވެ ފުނޑުފުނޑުވަމުން ދިޔައެވެ. ބިޔަގަސްތަކުގެ ކުރިތަކުގެ ދޭތެރެއިން އިލުގެ އަލިކަން ދޭތެރެދޭތެރެއިން މަގުމައްޗަށް އެޅެމުންދިޔައެވެ. އެމީހުން އައިސް މަޑުކޮށްލީ ގަސްތަކުގެ ތެރޭގައި ފޮރުވިފައި އޮތް ކުޑަ ފެންގަނޑެއް ކުރިމައްޗަށެވެ. އެ ހިސާބުގައި އެކި ތަންތަންކޮޅުގައި އިނށީދެވޭނެހެން ލަކުޑި ބެންޗް ޖަހައިފައި ހުއްޓެވެ. އެތަނުން ބެންޗެއްގައި އިނށީދެލަމުން ކުރިމަތީގައި ފެންނަން އޮތް ފެންގަނޑަށް ޒިވްރާ ނަޒަރު ހުއްޓާލިއެވެ. އެއްވެސް ލޮޅުމެއް ފެންގަނޑުގައި ނެތްއިރު، މަތީގައިވާ ގަސްތަކުގެ ހިޔަނިން ފެންގަނޑުގައި ރީތި މަންޒަރެއް ކުރަހާލައިފައިވާ ކަހަލައެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށްވެރިވީ މާޙައުލުގެ ހަމަހިމޭންކަމުން ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.
އިރުކޮޅަކު ޒިވްރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން މިކްދާދް އިނެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ކަމަކާ ކުރިމަތިލުމުގެ ކުރިން އަމިއްލަ ނަފުސު އެކަމަށް ތައްޔާރުކޮށްލީ ހެންނެވެ. ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އޭނާގެ މޫނުމަތީގައި ރަސްކަންކުރަމުން ދިޔައެވެ. އަމިއްލަ ނަފުސަށް ހިތްވަރުދެމުން މިކްދާދް މަޑުމަޑުން ޒިވްރާއަށް ގޮވާލިއެވެ. އެއަޑުގައިވީ ސީރިއަސްކަން ޒިވްރާއަށް ވެސް އިހުސާސުކުރެވުނެވެ. ވަގުތުން އޭނާގެ ހުރިހާ ސަމާލުކަމެއް މިކްދާދަށް ހުއްޓާލިއެވެ.
"އަހަރެން ޒިވީ ގާތު ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން. ވަރަށް ދުވަސްވެއްޖެ މި ވާހަކަތައް ބުނަން ބޭނުންވެގެން އުޅޭތާ. އެކަމަކު.. އެ ހިތްވަރު ނުލިބުނީ.. މިއަދު ބައްދަލުކޮށްލަން ބޭނުންވީ ވަރަށް ހަމަޖެހިގެންހުރެ އެވާހަކަތައް ދައްކާލަން ބޭނުންވާތީ" ހިސާބެއްގެ ހާސްކަމެއް މިކްދާދްގެ އަޑުގައިވިއެވެ. ދައްކަން އުޅޭ ވާހަކައަކުން ޚުދު އަމިއްލަ ނަފުސަށްވެސް އުނދަގޫވެފައި އިންކަހަލައެވެ. މިކްދާދްގެ ވާހަކަ ހުރިގޮތުން ޒިވްރާގެ ހިތް ތެޅިލިއެވެ. އޭނާ ބުނަން އުޅޭ ވާހަކައަކާމެދުގައި ފިކުރުކުރަމުން ޒިވްރާ ބޯޖަހައިލީ ކުރިއަށް ގެންދިއުމުގެ އިޝާރާތެއް ގޮތުންނެވެ.
"އަހަރެން... އަހަންނަކަށް ނެތް.. މި.. މި ކައިވެނި ކުރެވޭކަށް.. އަހަރެން ވަރަށް ލޯބިވާ އެހެން ކުއްޖަކު އެބަ ހުރި.. އެ ކުއްޖާ ނޫން އެހެން ފަރާތެއް އަހަރެންގެ ޙަޔާތަށް ގެނައުމަކީ އަހަންނަށް ކުރެވޭވަރު ކަމެއް ނޫން" ކުށްވެރިއަކު ފަދައިން އިސްޖަހާލަމުން މިކްދާދް ބުނެލީ މަޑުމައިތިރި ރާގަކަށެވެ.
(ނުނިމޭ)
Ads by MACL
