ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ސަމާހު ދެއްކީ ވެންޓިލޭޓަރު ވައްކަމުގެ ވާހަކަ: ބަދަލުގައި އެމްޑީޕީ ކައުންސިލަރުން، ހޮސްޕިޓަލް އަޅަން ބިން ނުލިބޭނެ. ނުލިބޭނެ!

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގެ ތެރެއިން ----
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގެ ތެރެއިން ----

ވިލިމާލޭގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަވަސްކުރުމަށް ވަގުތީ ދެ ސައިޓެއް ހަމަޖައްސައިދިނުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލްގައި އެދިފައެވެ. މި މައްސަލައިގައި ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ބަހުސް ހޫނުވެ، މަޝްރޫއަށް ހުރަސްއެޅޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.

މި މައްސަލަ ހޫނުވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދަން މިއުޅޭ ކަމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކޮވިޑްގެ ދުވަސްވަރު ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ވެންޓިލޭޓަރުތައް ދިރުވާލި ފަދަ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސިއްހަތަށްޓަކައި ކުރާ މިފަދަ ކަންކަމަށް ޖެއްސުން ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަމާހު މި ވާހަކަތައް ދެއްކެވުމާއެކު ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އެ މެންބަރުން ވަނީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ސައިޓްތައް ދޫކުރުމަށް އެއްގޮތަކަށްވެސް ވޯޓު ނުދޭނެ ކަމަށް ބުނެ، މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމްޑީޕީ ކައުންސިލަރުންގެ މި ނިންމުމާ ގުޅިގެން ސަމާހު އިތުރަށް ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންގެ އިތުރުން މުޅި މާލެ ސިޓީގެ ރައްޔިތުންނަށް ވެސް އިންތިހާއަށް ގިނަ ލާބައާއި މަންފާތަކެއް ލިބިގެންދާނެ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބިގެން މެނުވީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޖެއްސުންކުރުންތަކާއި ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށް، ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެދިފައިވާ ވަގުތީ ސައިޓްތައް ހަމަޖައްސައިދިނުމަށް ކައުންސިލަރު ސަމާހު ވަނީ މާލެ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

ވިލިމާލޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ އެ އަވަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކައުންސިލްގެ ތެރެއިން ސިޔާސީ ސަބަބުތަކާ ހުރެ ހުރަސްއެޅުމަކީ، އަސާސީ ސިއްހީ ޚިދުމަތްތައް ހޯދުމުގައި އާންމުންނަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެއް ކަމަށް ވިލިމާލޭގެ ގިނަ ރައްޔިތުން ދެކެއެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމަކަށްވާއިރު، އެ ވާހަކަ ކައުންސިލް ޖަލްސާގައި ފެންމަތިވުމާއެކު ދެ ފަރާތުގެ މެދުގައި ބަހުސް އިތުރަށް ހޫނުވެގެން ދިޔައެވެ. އެމްޑީޕީގެ ކައުންސިލަރުން ފާހަގަކުރި ގޮތުގައި މަޝްރޫއުތަކަށް ބިން ދޫކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި ކަންކަން ހުންނާނެ ކަމަށާއި، ސިޔާސީ ގޮތުން ކައުންސިލަރުންގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުގެ ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، މަޝްރޫއުގެ މަސައްކަތް ލަސްވިޔަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ދެމެދު އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދަންޖެހޭ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ މިފަދަ ބިޔަ މަޝްރޫއުތައް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ހުއްޓުމަކަށް ނުގެނެސް، އަވަސް ހައްލެއް ހޯދުމަކީ މުޅި މާލެ ސިޓީގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.