ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ރައީސް މުއިއްޒުގެ ގައުމީ ޚިދުމަތްތަކަށް ނަޒަރެއް!

ރައީސް މުއިއްޒުގެ ގައުމީ ޚިދުމަތްތަކަށް ނަޒަރެއް!

ލިޔުން: މުޙައްމަދު ހަލީމް

ދިވެހިރާއްޖޭގެ ސިޔާސީ އަދި އުމްރާނީ ތާރީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ފާހަގަކޮށްލެވޭ މުރާލި، ތޫނުފިލި، ހީވާގި، ހަރުދަނާ ޝަހްސިއްޔަތެކެވެ. ހެޔޮވެރިކަމާއި، އޯގާތެރިކަމާއި، ތެދުވެރިކަމުގެ ނަމޫނާއެކެވެ. މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަކީ ރާއްޖޭގެ މަލަމަތި މުޅިން ބަދަލުކޮށްލި ތާރީހީ ހިދުމަތްތަކެކެވެ. އަދި މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހޭދަކުރެއްވި ހޭދަކުރެއްވި ދުވަސްތައް މަދުކަމުގައިވިޔަސް އެމަގާމުގައި ހުންނަވައިގެން ކުރެއްވި ހިދުމަތުގެ ލިސްޓު ވަރަށް ދިގެވެ. އަދި މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ގެންދަވަނީ ގައުމިއްޔަތާއި، ދީނާއި، އިގުތިސޯދީ މިނިވަންކަން ކަށަވަރުކުރުމަށް ބޮޑެތި އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.


 


ޑރ. މުހައްމަދު މުއިއްޒަކީ ތައުލީމީ ރޮގުން ނުހަނު މަތީ ދަރަޖަތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ފުރަތަމަ ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. އޭގެފަހުން، ސިވިލް އިންޖިނިއަރިންގްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހިދުމަތްތައް ފުރަތަމަ ގައުމަށް ލިބެންފެށީ ސަރުކާރާއި އަމިއްލަ ދާއިރާގެ އެކި އިންޖިނިއަރިންގް މަޝްރޫއުތަކުގައި ފަންނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުލީމީ ފަސްމަންޒަރަކީ ގައުމުގެ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރާއްވަވައި ހިންގެވުމުގައި އެމަނިކުފާނަށް ލިބިވަޑައިގަތް އެންމެ ބޮޑު އަޒުމާއި، ހިތްވަރެވެ.


 


ހައުސިން މިނިސްޓުރީ ހިންގެވުން


ރާއްޖޭގެ ތާރީހުގައިވެސް އެންމެ ހިންގުންތެރި އަދި އެންމެ ގާބިލު ހައުސިންގ މިނިސްޓަރަކީ ޑރ. މުއިއްޒެވެ. 2012 އިން 2018 އަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގެ ތާރީހު ދުށް އުމްރާނީ ތަރައްގީގެ ރަންޒަމާނެވެ. އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މަޝްރޫއަކީ މާލެއާއި ހުޅުލޭގެ ދުރު ކައިރިކޮށްލި 'ސިނަމާލެ ބުރިޖު' އެވެ. މި ބުރިޖަކީ ގިނަ ބަޔަކު އެއީ ނުވާނެ ކަމެއް ކަމަށް ބުނަމުން ދަނިކޮށް، ފަންނީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަން ސާބިތުކޮށް ދެއްވި ތާރީހީ ބިނާއެކެވެ.


 


މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމާއި، ހިޔާ ފުލެޓްތަކުގެ ބިޔަ މަޝްރޫއުކުރިއަށް ގެންދެވުމުގެ ހަގީގީ މޭސްތިރިއަކީ ޑރ. މުއިއްޒެވެ. މާލޭގެ ރިންގް ރޯޑް ތަރައްގީ ކުރުމާއި، ސަލްމާން މިސްކިތް ބިނާކުރުމާއި، ރަސްފަންނު ގޮނޑުދޮށް ހެދުން ފަދަ އެތައް މަޝްރޫއެއް ކުރިއަށްދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގައެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި އަތޮޅުތަކުގައި ބަނދަރުތަކާއި، މަގުތަކާއި، ގޮނޑުދޮށްތައްހިމާޔަތް ކުރުމަށް ހިންގެވި މަޝްރޫއުތަކަކީ ހަމަހަމަކަމާއެކު އަތޮޅުތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެއްވުމަށް އެޅުއްވި ބިންގާތަކަކެވެ. މި ހުރިހާ މަސައްކަތްތަކެއް ފީލްޑުގައި ހިނގަމުން، ކުރެވެމުން، ބިނާވަމުން، ފައްކާވަމުން، ކުލަވަމުން ދިޔައިރު އޭރުގެ ވަލިއްޔުލްއަމުރު އިންނެވީ ތާސްކުޅުއްވާށެވެ. ބޮޑިބޯއާއި، ޑިގުކުޅުއްވާށެވެ.


 


މާލެ ސިޓީގެ މޭޔަރުކަމުގެ ދައުރު


2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގަތީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެންނެވެ. މިގޮތުން، އިންތިހާބުވެވަޑައިގަތުމަށްފަހު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވިއެވެ. އޭގެ ތެރޭގައި މާލޭގެ މަގުތައް މަރާމާތުކުރުމާއި، މާލެ ފެހިކުރުމުގެ ޕްރޮގުރާމްތަކާއި، ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ލުއިފަސޭހަކުރުން ހިމެނެއެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ފަރާތުން އެކި ކަހަލަ ހުރަސްތައް ކުރިމަތިވި ނަމަވެސް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ އިތުބާރު އެމަނިކުފާނު ހޯއްދެވިއެވެ.


 


ވެރިކަމާއި ހަވާލުވެ ވަޑައިގަތުން


2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު އޭރުގެ ރައީސް ސޯލިހާއި ވާދަކުރައްވައި ބޮޑުތަފާތަކުން ކާމިޔާބު ކުރެއްވި އެވެ. މިއާއެކު 17 ނޮވެމްބަރު 2023 މި ތާރީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރެއްވިއެވެ. އެމަނިކުފާނުގެ މެނިފެސްޓޯ ބިނާވެފައިވަނީ 'ދިވެހީންގެ ރާއްޖެ'މި ތަސައްވުރުގެ މައްޗަށެވެ. މީގެ މާނައަކީ ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތްމަތީގައި އޮތުމާއި، ގައުމުގެ އެންމެހާ ވަސީލަތްތަކުން ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ލާބަޔާއި މަންފާ ހޯދައިދިނުމެވެ.


 


ގައުމީ މިނިވަންކަމާއި ހާރިޖީ ސިޔާސަތު


ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ފުރުސަތު ނުދިނުމެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސިޔާސީ އަދި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެއްވިއެވެ. އަދި އެމީހުންގެ ބަދަލުގައި މަދަނީ މީހުން ހަމަޖެއްސެވިއެވެ. މިއީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެޅުއްވި ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ. މީގެ އިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކަށް އިހުތިރާމްކުރާ، އަދި އެސިޔާސަތަކީ 'ޕްރޯ-މޯލްޑިވްސް' ނުވަތަ ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ބިނާވެފައިވާ ސިޔާސަތެއްކަމަށް އެމަނިކުފާނު ވަނީ ހައްދަވާފައެވެ. މިއާއެކު، ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް އަސްކަރީ ޑްރޯންތައް ހޯއްދަވައިދެއްވައި، އެއާ ވިންގުގެ ހިދުމަތް ފެއްޓެވުމަކީ ހޯއްދެވި ތާރީހީ ކާމިޔާބެކެވެ.


 


ދިވެހި ގައުމިއްޔަތާއި އިސްލާމީ ބަހާތައް ދިރުވުން


ރައީސް މުއިއްޒަކީ ދިވެހި ގައުމިއްޔަތާއި އިސްލާމީ އާދަކާދަތަކަށް ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ލީޑަރެކެވެ. އެމަނިކުފާނުގެ ޒައާމަތުގައި، ދިވެހި ބަހާއި، ތާރީހާއި، ސަގާފަތާއި، އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ހާއްސަ ޕްރޮގުރާމުތަކެއް ފެށިގެން ދިޔައެވެ. ސްކޫލްތަކުގެ މަންހަޖުގައި 'ތާރީހާއި ގައުމިއްޔަތު'ހިމނައި، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެއްޓެވުމަކީވެސް އެމަނިކުފާނުގެހަރުދަނާ ނިންމެވުމެކެވެ.


 


އިސްލާމްދީނުގެ ކަންކަން ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސް އެއް އަސާސެވެ. މިގޮތުން، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ދޭ ބަޖެޓު ބޮޑުތަނުން އިތުރުކުރައްވައި، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމުގެ ގައުމީ ފަންޑެއް އުފައްދަވައި ވަނީ ތަންފީޒުކުރައްވަން ފައްޓަވާފައެވެ. ދީނީ އިލްމުވެރިންގެ އަޑުއަހައި، ދީނީ ހޭލުންތެރިކަން މުޖުތަމައުގައި ފުޅާކުރުމަށްޓަކައި ދީނީ އެކިއެކި މުއައްސަސާތައް އުފައްދަވައި، އިންޖީނުގެ ދުވެލި ހަލުވި ކުރެއްވިއެވެ.


 


ހާއްސަކޮށް، ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުންނާއި ދީނީ އިލްމުވެރިން އުފެއްދުމަށް ސަރުކާރުން ހާއްސަ ސްކޮލަރޝިޕްތަކާއި އެހީތައް ދެއްވަން ފެއްޓެވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ތައާރަފުކުރި 'ޒުވާން ހަތީބުން' ޕްރޮގްރާމަކީ ރާއްޖޭގެ ދީނީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ދިރުމެކެވެ. މި ޕްރޮގްރާމުގެ ދަށުން ސާނަވީ އަދި މަތީ ސާނަވީގައި ކިޔަވާ ކުދިންނަށް ތަމްރީނުދީ، އިމާމުވެ ހުކުރުނަމާދާއި، އީދުނަމާދު ކުރުމާއި ހުތުބާ ކިޔުމުގެ ހުއްދަދީ، މިސްކިތްތަކަށް ނެރުމަކީ ޒުވާނުންގެ ހިތްތަކުގައި ދީނީ ރޫހުއާލާކުރުމަށް ކުރެވުނު ވަރަށް ކާމިޔާބު، ތާރީހީ މަސައްކަތެކެވެ.


 


ގެދޮރުވެރިކަމާއި ރަސްމާލެ ޕްރޮޖެކްޓް


ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީމައްސަލައެވެ. ވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ އެންމެ ބޮޑު އެއް ވައުދަކީ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ހައްލުކޮށްދިނުމެވެ. މިގޮތުން ފެށުނު އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ޕްރޮޖެކްޓެވެ. މި ސިޔާސަތުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބިންގަލަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތިމާވެއްޓާ ރައްޓެހި 'އީކޯ-ސިޓީ' އެއްގެ ގޮތުގައި ތަރައްގީކުރާ މަދީނާ ނުވަތަ ސިޓީގެ މަޝްރޫއެވެ. މި ހިއްކާ ސިޓީއަކީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސިޓީއެކެވެ. މި ސިޓީގެ ބިމުގެ ޖުމްލަ ބޮޑު މިނުގައި 1,150 (އެއްހާސްއެއްސަތޭކަފަންސާސް) ހެކްޓަރު ހުންނާނެއެވެ. މިއީ، ރާއްޖޭގެ ތާރީހުގައިވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ ބޮޑު މަޝްރޫއެވެ.


 


ރަސްމާލެ ފަރުމާކުރެވިފައިވަނީ ޖުމްލަ 65,000 (ފަސްދޮޅަސްފަސްހާސް) ހައުސިންގް ޔުނިޓް (ފްލެޓް އަދި ގޯތި) ހިމެނޭ ގޮތަށެވެ. މިއީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލެއިން އެކަނިވެސް 15,000 (ފަނަރަސަތޭކަ) ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރާއެކު ވެވިފައިވާ ތާރީހީއެއްބަސްވުމެއްގެ ދަށުން، ރަސްމާލޭގައި މުޅިން އަލަށް30,000 (ތިރީސްހާސް) ސޯޝަލް ހައުސިންގް ޔުނިޓް (ފްލެޓް) ބިނާކުރުމުގެ މަސައްކަތް ވަނީ ރޭވިފައެވެ.


 


'އެންމެނަށް ބޯހިޔާވަހިކަން' މި ސިޔާސަތުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުސަރުކާރުން އެކުލަވާލި ޚހާއްސަ އުސޫލުގެ ދަށުން، މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭ ސަރަހައްދަށް ހިޖުރަކޮށްގެން އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ރަސްމާލެއިން ގެދޮރު ލިބުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި އުސޫލުގެ ތެރެއިން އެންމެ އިސްކަމެއް ދެވޭނީ އުމުރުން 18 އަހަރުން މަތީގެ، އަމިއްލަ ނަމުގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ.


 


ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިމާރާތުގެ އޮނިގަނޑު(Structure) ނިންމުމެއް ނޫނެވެ. ފްލެޓްތަކަށް ބޭނުންވާ ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ހިދުމަތްތައް ފުރިހަމަކޮށް، ރައްޔިތުންނަށް ވަގުތުން ވަދެ ދިރިއުޅެވޭ ފެންވަރަށް (Habitable) ނިންމައި، 2028 ގެ މެދެއްހާ ހިސާބަށް މި ބޮޑެތި މަޝްރޫއު ނިންމާ ރައްޔިތުންނާ ހަވާލުކޮށް، ދިރިއުޅެން ފެށުމެވެ.


 


ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލެވިފައިވަނީ ކުރިއަށް އޮތް 20 އަހަރުގެ ދުވަހުގެ ތެރޭގައި ރަސްމާލޭގައި 200,000 މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ފަދަ ޒަމާނީ އަދި ހުރިހާ ހިދުމަތެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ސިޓީއެއްގެ ގޮތުގައެވެ.


 


ރަސްމާލޭގެ މަޝްރޫއުގެ އިތުރުން އިތުރުން ގިރާވަރުފަޅާއި، ގުޅީފަޅާއި، ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެތަންތަނުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތަކަށް ބޭނުންވާ ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ހިދުމަތް ދިނުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައް އޮތީ ތަންފީޒީ މަރުހަލާގައެވެ.


 


ސިއްހީ ދާއިރާގެ އިންގިލާބު


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެމަނިކުފާނުގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތަކަށްވިޔަސް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ވީހާ އަވަހަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މިގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ރަށު ސިއްހީ މަރުކަޒުތަކުގެވަސީލަތްތައް ތަރައްގީކޮށް، މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހަމައެހެންމެ، ރާއްޖޭގެ ރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމު 'އާސަންދަ' އިސްލާހުކޮށް، ނިޒާމުގެ ތެރޭގައި ހުރި އިސްރާފުތައް ކުޑަކޮށް، ހަގީގަތުގައި އެހީއަށް ބޭނުންވާ ރައްޔިތުންނަށް އެ ހިދުމަތް އެންމެ ފުރިހަމައަށް ލިބޭނެ މަގުތައް ފަހިކޮށް ދެއްވަމުންނެވެ.


 


ސިއްހީ ދާއިރާއިން އެޅުއްވި އެންމެ ފާހަގަކޮށްލެވޭ ތާރީހީ ފިޔަވަޅަކީ މުޅިން އަލަށް ދިވެހިރާއްޖޭގައި 'އެއާ އެމްބިއުލާންސް' ގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރެއްވުމެވެ. ރާއްޖޭގެ ޖަޒީރާވަންތަކަމުގެ ސަބަބުން ކުއްލި ސިއްހީ ހާލަތްތަކުގައި ބަލިމީހުން މާލެއަށް އުފުލުމުގައި ކުރިން ދިމާވި ހުރަސްތަކަށް މިކަމުން ދާއިމީ ފަރުވާއެއް ހޯދިފައެވެ. މި ހިދުމަތަށް ހާއްސަކޮށްގެން ފްލައިޓްތަކާއި ސީޕްލޭންތައް މެޑިކަލް އިކުއިޕްމަންޓު ތަކާއެކު ވަނީ ފަރުމާ ކުރައްވާފައެވެ. އަދި އަތޮޅުތަކުން ބަލިމީހުން އުފުލަން ފަށާފައެވެ. އަދި މިނިސްޓްރީ އިފް ހެލްތާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދު ވެވިފައިވާ 65.3 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓަރ ފައިނޭންސް އެއްބަސްވުމުގެ ދަށުން 56 ރަށަކަށް އެމްބިއުލެންސް ފޮނުވަން ހަމަޖެހި، އޭގެ ތެރެއިން 27 ރަށަކަށް މިހާޜުވަނީ އެމްބިއުލާންސް ފޮނުވިފައެވެ. އަދި އެކި ދާއިރާތަކަށް ހާއްސަ ޓާޝަރީ ހޮސްޕިޓަލްތައް އިމާރާތްކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްވަނީ ތައްޔާރުވެފައެވެ.


 


ޑިޖިޓަލް އިގުތިސޯދާއި މާލީ ސިންދަފާތުކުރުން


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ގައުމުގެ އިގުތިސޯދުކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން، ރާއްޖޭގެ މާލީ ނިޒާމު ބައިނަލްއަގުވާމީ ދުނިޔެއަށްހުޅުވާލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ހާއްސަކޮން،ރާއްޖޭގައި ކުރިން އޮތް މާލީ ހުރަސްތައް ނައްތާލައި، ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭތައް، މިސާލަކަށް، ޕާޕަލް މެދުވެރިކޮށް ރާއްޖެއަށް ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ ފާހަގަކޮށްލެވޭ އަގުހުރި ހިދުމަތެކެވެ.


 


މީގެ އިތުރުން، ޑިޖިޓަލް ބޭންކިންގް ހިދުމަތްތައް ފުޅާކުރުމާއި، އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށް ގާނޫނީ އަދި މާލީ ރައްކާތެރިކަން ހޯދައިދިނުމުގެ ސިޔާސަތުތައް ވަނީ އެކުލަވާލެވިފައެވެ. މިއީ ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ އާމްދަނީގެ ދޮރުތައް ހުޅުވައިދިން މުހިންމު ބިންގަލެކެވެ.


 


ފަންނީ ޒުވާނުން ބާރުވެރިކުރުމާއި ކްރިއޭޓިވް އިކޮނޮމީ


ޒުވާނުންގެ އަމިއްލަ ހުނަރާއި އުފެއްދުންތެރިކަމުން ގައުމުގެ އިގުތިސާދަށް ދިރުން ގެނެސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ. މިގޮތުން، މުޅިން އަލަށް ރާއްޖޭގައި 'ކްރިއޭޓިވް އިކޮނޮމީ' ނުވަތަ އުފެއްދުންތެރި އިގުތިސާދެއްދެއް ބިނާކުރުމުގެ މަޝްރޫއަށް ބޭނުންވާ ފަންޑާއި، މާލީކަންކަން މިހާރު ވަނީ ހަމަޖެހި، ތަންފީޒުކުރެވެން ފަށާފައެވެ. މި ސިޔާސަތުގެ ދަށުން، އަމިއްލަ މަސައްކަތްކުރާ ފްރީލާންސަރުންނާއި، ކުރެހުންތެރިންނާއި، މިއުޒީޝަނުންނާއި، ޑިވެލޮޕަރުންގެ އިތުރުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ މާލީ ޕްރޮގްރާމްތައް ވަނީ ޒުވާނުންނަށް ތައާރަފުކުރެވިފައެވެ.


ޒުވާނުންނަށް ޒަމާނީ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށާއި، ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި ތިބެގެން މަސައްކަތް ކުރެވޭނެ 'ރިމޯޓް ވޯކް' ނިޒާމުތައް ތަރައްގީކުރުމަށް ސަރުކާރުން ދަނީ މަގުފަހިކޮށްދެމުންނެވެ. މިއީ ދިވެހި ޒުވާނުންނަކީ ދުނިޔޭގެ މާކެޓުގައި ވާދަކުރެވޭނެ ފަދަ ފަންނީ އަދި ގާބިލު ބަޔަކަށް ހެދުމަށްޓަކައި އެމަނިކުފާނު ކުރައްވާ ދުރުވިސްނޭ، ހިކުމަތްތެރި މަސައްކަތްޕުޅެކެވެ.


 


ކުޅިވަރު ކުރިއެރުވުމާއި ޒަމާނީ ވަސީލަތްތައް ގާއިމުކުރުން


ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުން ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ސިޔާސަތެކެވެ. ރާއްޖޭގެ އެކި ކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނުމަށްޓަކައި، ގިނަ ރަށްރަށެއްގައި ފުޓްސަލް ދަނޑުތަކާއި، ކުޅިވަރު ކޮމްޕްލެކްސްތަކުގެ އިތުރުން އިންޑޯ ގޭމްސް ކުޅެވޭނެ މަރުކަޒުތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކޮށް، ދިވެހި ކުޅުންތެރިންނަށް ބޭރުގެ ގައުމުތަކުން މަތީ ފެންވަރުގެ ތަމްރީނުތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ގެންދަވަނީ ހޯއްދަވައިދެއްވަމުންނެވެ. މި މަސައްކަތްޕުޅުތަކުގެ މައިގަނޑު އަމާޒަކީ ކުޅިވަރުގެ ޒަރީއާއިން ޒުވާނުންނަކީ އަހުލާގު ރަނގަޅު، ގައުމަށް ފައިދާހުރި، އަދި ދުނިޔޭގެ މައިދާނުގައި ދިވެހިރާއްޖޭގެ ނަން ރަންއަކުރުން ފަވާލެވޭނެ ފަދަ ހުނަރުވެރި ޖީލަކަށް ހެއްދެވުމެވެ.


 


އިގުތިސޯދީ އިސްލާހުތަކާއި ދެމެހެއްޓެނިވި ތަރައްގީ


ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގުތިސޯދީ ހާލަތު އޮތީ ނުހަނު ނާޒުކު ފަށްތަރެއްގައެވެ. ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވެފައި އޮތުމުގެ ސަބަބުން، އެމަނިކުފާނު ވަނީ ހަރުދަނާ އިގުތިސޯދީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ފައިސާ ޗާޕުކުރުން ހުއްޓާލުމާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާއި، ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަކީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.


 


ރައީސް ޑރ. މުހައްމަދު މުއިއްޒު އިގުތިސޯދު ސިންދަފާތު ކުރުމަށްޓަކައި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ފަދަ މަޝްރޫޢއުތައް އިއުލާނުކުރައްވައި، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދެއްވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ބިޔަ މަޝްރޫއު ނިންމަވައި، އެއާ އެއާޕޯޓުގެ ހިދުމަތް ވަނީ ފެށިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެގުނައަށް ފުޅާކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.


 


ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން


ގައުމެއްގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ކަމަކީ ކާނާގެ ރައްކާތެރިކަން ނުވަތަ ފުޑު ސެކިއުރިޓީ އެވެ. ވުމާއެކު، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއާތް އާ ހިސާބަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްވަވާފައެވެ. ބޭރު ގައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް ވަނީ ތަދުބީރު ކުރައްވާފައެވެ. މީގެ އިތުރުން، އަމިއްލަ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޒަމާނީ ވަސީލަތްތަކާއި، ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ދަނީ ހުއްޓުމެއްނެތި ތަންފީޒުކުރެވެމުންނެވެ.


 


މަސްވެރިކަމުގެ ސިނާއަތު މަސްވެރިން އެދޭ ގޮތައް


މަސްވެރިކަމުގެ ސިނާއަތަކީ ދިވެހި އިގުތިސޯދުގެ މައިނާރުގެ ގޮތުގައި އަލުން އިއާދަކުރެއްވުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވަމުންނެވެ. މި ސިޔާސަތުގެ ދަށުން، މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވާފައެވެ. އަދި މީގެ ކުރިން މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެންދިޔަ ދިޔުމަށް ނިމުމެއް ގެނެސް، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ ހަރުދަނާ ނިޒާމެއް ވަނީ ގާއިމުކޮށްދެއްވާފައެވެ. އަދި މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ޒަމާނީކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑުމަސް ރައްކާކުރެވޭ ކެޕޭސިޓީއާއި މަސް ބޭނުންކޮށްގެން އުފައްދާ ތަކެތީގެ ސިނާއަތް ތިންގުނައަށް އިތުރުކުރުމުގެ މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. އަދިއަތޮޅުތަކުގައި އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ދަނީ ކުރިއަށެވެ. އަދި މަސްވެރިންނަށް ސަބްސިޑައިޒްޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.


 


ފަތުރުވެރިކަމާއި ހަލާލު ޓޫރިޒަމް


ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް އައު އުސްމިންތަކަކަށް ގެންދިޔުމަށްޓަކައި އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދަނީ ދެމެހެއްޓެނިވި އަދި ދުރާލާ ރޭވިފައިވާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުންނެވެ. މިގޮތުން، ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ލޭންޑުމާކު ސިޔާސަތެއް ވަނީ އެކުލަވައިލާފައެވެ. އަދި މީގެ ކުރިން ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ފުޅާވެފައިނުވާ އަތޮޅުތަކަށް އަމާޒުކޮށްގެން ރިސޯޓުތައް ތަރައްގީކުރުމަށް ހާއްސަ އިނާޔަތްތަކާއެކު އިންވެސްޓްމަންޓް ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގާ ހަލާލު ޓޫރިޒަމް (HalaalTourism) ފުޅާކުރުމަށް ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައި، އިސްލާމީ ގައުމުތަކުންނާއި މުސްލިމް ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ އަހަރުތަކަކަށް ހެއްދެވުމަށް، ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމާއި ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ޒަމާނީ ބަދަލުތައް ގެނައުން ހިމެނެއެވެ.


 


ތިމާވެއްޓާއި ހަކަތައިގެ ސިޔާސަތު


ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަކީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަށް އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އަޒުމް ކަނޑައަޅުއްވާފައެވެ. ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކުނި މެނޭޖުކުރުމުގެ ޒަމާނީ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށެވެ. އަދި މިއާއެކު 'ރަސްމާލެ' ފަދަ އާ ސިޓީތަކަކީ ތިމާވެއްޓާ ރައްޓެހި، ގްރީން ސިޓީތަކެއްގެ ގޮތުގައި ހެއްދެވުމަށް ވަނީ ފަރުމާކުރެވިފައެވެ.


 


އިގުތިސޯދީ ހާއްސަ ސަރަހައްދު


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނ. އަތޮޅުގައި ކުރިއަށްގެންދާ 'ޕްރޮޖެކްޓް އައިލާ' (Project AYLA) އަކީ ރާއްޖޭގެ އިގުތިސޯދީ ހާއްސަ ސަރަހައްދު (SEZ) ގެ ގާނޫނީ އޮނިގަނޑުގެ ދަށުން ހިންގާ އަދި ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފެށުނު އެންމެ ބިޔަ އަދި އެންމެ އުންމީދީ އެއް ތަރައްގީގެ މަޝްރޫއެވެ. ޖުމްލަ 790 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 12 ބިލިއަން ދިވެހި ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓަކާއެކު ނ.އަތޮޅުގެ ފަޅެއް ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއަކީ، ތިމާވެއްޓާ ރައްޓެހި އަދި އަމިއްލައަށް ބޭނުންވާ ހަކަތައާއި ވަސީލަތްތައް އުފެއްދޭނެ 'ސަސްޓެއިނަބަލް ޓައުންޝިޕް' (Sustainable Township) އެއް ތައުމީރު ކުރުމުގެ އަމަލީތަސައްވުރެކެވެ. މި މަޝްރޫއުގެ ތެރޭގައި ދުނިޔޭގެ މަތީ ފަންތީގެ ލަގްޒަރީ ހޮސްޕިޓާލިޓީއާއި، ބޭރުގެ މުއްސަނދި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ވިއްކާ ބާޒާރުގައި އަގުބޮޑު ރެސިޑެންޝަލް ވިލާތައް ހިމެނެއެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. މި ބިޔަ މަޝްރޫއުގެ ސަބަބުން ނ. އަތޮޅުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އައިސް، އަތޮޅުގެ ރައްޔިތުންނަށް މަތީ ފަންތީގެ އެތައް ސަތޭކަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތް މުޅިން އައު މިސްރާބަކަށް ބަދަލުވެގެންދާނެއެވެ.


 


ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ހިދުމަތުގެ ސަފުހާތަކަށް ބަލާއިރު، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެމަނިކުފާނަކީ ގައުމުގެ ތަރައްގީގެ ބިންގާ އެޅުއްވި ފަންނީ މާހިރެކެވެ. ހައުސިން މިނިސްޓަރުކަމުގައި ދެއްކެވި އާދަޔާހިލާފު އުމްރާނީ ކާމިޔާބީތަކާއި، މޭޔަރުކަމުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީ މިއަދު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގައުމު ހިންގަވަން ލިބުނުބޮޑު ތަޖުރިބާއެކެވެ.


 


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާރުލާމ ހިކުމަތްތެރި، ސިޔާސަތުގެ ދަށުން ގައުމީ މިނިވަންކަން ދަމަހައްޓައި، ބޯހިޔާވަހިކަން ކަށަވަރުކޮށް، އިގުތިސޯދު ހަމަޔަކަށް އެޅުވުމަށާއި، ދީނީ، ސިއްހީ، ޑިޖިޓަލް ޓެކްނޮލޮޖީ، ޒުވާނުން ބާރުވެރިކުރުން، އެކިއެކި ސިނާޔަތްތަކާއި އަދި ތިމާވެށީގެ ދާއިރާއިން ގައުމު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ ދިވެހި ތާރީހުގައި ރަންއަކުރުން ފަވާލެވޭނެ ހިދުމަތްތަކެއްކަން ކަށަވަރެވެ.