ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ (25 ވަނަ ބައި)
އެސްފިޔަ ޖަހައިލަން ވެސް ހަނދާން ނުވެފައި ޒިވްރާއަށް އިނދެވުނީ މިކްދާދްގެ މޫނަށް ބަލާށެވެ. މިކްދާދް އެ ފައުޅުކުރި ހަގީގަތަށް ދޭނެ ރައްދެއް އެވަގުތު ސިކުނޑިއަށް ނައީ ކަހަލައެވެ. ޒިވްރާ ބަހެއް ނުބުނީތީ މިކްދާދްގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. ޒިވްރާ ހިތްހަމަނުޖެހުނީއޭ ހީވެ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަމިއްލަ ހިތަށް ލިބުނެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނާ އިސްއުފުލާ ޒިވްރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އައި އެމް ސޮރީ. އަހަރެން ކުރިން ވެސް އެހާ ވަރަށް ބައްދަލުކުރަން ބޭނުންވީ މި ވާހަކަތައް ޒިވީ ގާތު ބުނަން ބޭނުންވެގެން. އެކަމަކު އަހަންނަށް އެ ހިތްވަރު ނުލިބެނީސް ކޮންމެ ފަހަރަކު އަހަރެމެންގެ ބައްދަލުވުން ކުރުކޮށްލަން ޖެހެނީ. ހީނުކުރާތި އަހަރެން ބަހަނާތަކެއް ދައްކަނީއޭ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން މި ހުރިހާ ވާހަކަތަކެއް ބުނަން ބޭނުންވި. އެކަމަކު.. އެކަމަކު އަހަންނަށް މަޖުބޫރުވީ. އެއްވެސް އިރެއްގަ ޒިވީ ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭގަ ބެހެއްޓުމަކީ އަހަރެންގެ ނިޔަތެއް ނޫން. ހުރިހާ ކަމެއް ތެދުބަހުން ކިޔައިދޭން ބޭނުންވީ އެހެންވެ." ހިމޭންކަމާއެކު ޒިވްރާގެ ދެލޮލަށް ބަލަން އިނދެ މިކްދާދް ބުނެލިއެވެ.
Ads by BML
"މިކްދާދް އަކީ މީހުނަށް އޮޅުވާލާ މަކަރުހަދާ މީހެއް ފާޑެއް ނުޖަހާ. އެހެންވީމަ ތި ދައްކާ ވާހަކަތައް އަހަންނަށް ގަބޫލުކުރެވޭ. ފުރަތަމަ ބައްދަލުވި ދުވަހުވެސް އަހަންނަށް ތީ އެހެންމީހުނާ ތަފާތު ހަރުދަނާ އުސޫލުތަކުގެ ވެރިއެއްކަން އިހުސާސުވި. ހަގީގަތުގަ މި ގުޅުމަށް އާނބަސް ބުނެވުނީވެސް އެހެންވެ. މިކްދާދް، އަހަރެން ވެސް ކައިވެންޏަކަށް ތައްޔާރެއް ނޫން. މަންމަ އެދުނީތީ އެކަމަށް އެއްބަސްވީ. އެކަމަކު އާއިލާގެ ފަރާތުން އަހަންނަށް އެއްވެސް މަޖުބޫރުކަމެއް ނެތް. އެފަދަ މަޖުބޫރީއެއް މިކްދާދްގެ އޮތީތަ؟" ބަހެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ޒިވްރާ ވާހަކަދެއްކިއެވެ. މިކްދާދްގެ މަޖުބޫރީ ހާލަތު އެނގެން އޭނާ ބޭނުންވީ ކަހަލައެވެ. ޒިވްރާގެ ސުވާލުން ދެމެދަށް ހިމޭންކަން ވެރިވިއެވެ. ހިންދިރުވައިލަމުން މިކްދާދް ދުރަށް ނަޒަރު ހުއްޓާލިއެވެ. އަދި ލަސްލަހުން ދެފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ޒިވްރާއަށް ލިބުނީ ހައިރާންކަމެވެ. އާއިލާގެ ފަރާތުން މަޖުބޫރުކަމެއް ނެތްނަމަ މިކްދާދް އަށް ދެން ކުރިމަތިވީ ކޮން މަޖުބޫރީއެއް ހެއްޔެވެ؟
"އަހަރެންގެ މަންމަ އަކީ ވަރަށް އަންޑަރސްޓޭންޑިންގް މީހެއް. އެއްވެސް އިރަކު އަހަންނަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ. އެކަމަކު.."
"އެކަމަކު.. ކިހިނެއްވީ؟ މިކްދާދް، ތަންކޮޅެއް ރަނގަޅަށް އަހަންނަށް ތިވެގެން އުޅޭގޮތެއް ކިޔާދީބަލަ. މިހެން ސުވާލުތަކެއްގަ ބަނދެވިފަ ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ނުރުހުންވެދާނޭ ހީނުކުރޭ. މިކްދާދް ދައްކާ ކޮންމެ ވާހަކައެއްވެސް އަހަރެން އަޑުއަހާނަން" މިކްދާދް ޖެހިލުންވަނީއޭ ހީވެ ޒިވްރާ ބުނެލިއެވެ. ދުރަށް ބަލަހައްޓައިގެން އިން މިކްދާދް ފުންނޭވާއެއް ފަޒާގެ ތެރަށް ދޫކޮށްލިއެވެ. އަދި ޒިވްރާއާ ކުރިމަތިވާނޭހެން އެނބުރިލިއެވެ. ޒިވްރާއަށް ބަލައިލަމުން އޭނާ މަޑުމަޑުން އިސްއޮބާލިއެވެ.
"އަހަންނަށް.. އަހަންނަށް މަޖުބޫރުކުރީ އަހަރެން ލޯބިވާ ކުއްޖާ.."
"އެ ކީއްވެ؟ އޭނަ މިކްދާދްއާ ގުޅެން ބޭނުންނުވަނީތަ؟"
"ނޫން.. ޒިވީ.. އަހަރެން ބުނަން އޮތީ ފަހަރުގަ ޒިވީ އަށް އަޑުއަހަން ފަސޭހަ ވާހަކަތަކަކަށް ނުވެދާނެ.. އެކަމަކު އަހަރެން ވާހަކަދައްކާ ނިމެންދެން އަޑުއަހާލިއްޔާ ވަރަށް އުފާވާނެ" ނުތަނަވަސް ގޮތަކަށް މިކްދާދް ބުންޏެވެ. ހިސާބަކަށް ސުވާލު އުފެދިފައި އިނދެ ޒިވްރާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
"އަހަރެން.. އަހަރެން ލޯބިވާ ކުއްޖަކީ.. ޒަ.. ޒައި.. ޒައިހާ" ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް މިކްދާދް ބުނެލިއެވެ. އެއާއެކު ޒިވްރާ އަށް ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅައިލެވުނީ ލިބުނު ސިހުމަކުންނެވެ. ގުޑިލަންވެސް ނޭނގިފައި އޭނާ އިނީ އިވުނު ވާހަކަތައް ގަބޫލުރަން ދަތިވެފައެވެ. އެވަރުގެ ބޮޑު ކަމެއް ޒައިހާ އޭނާ އަށް ސިއްރުކޮށްފާނެކަމަކަށް ޒިވްރާ ހިއެއް ނުކުރެއެވެ.
"އަހަންނާ ޒައި ގުޅިގެން އުޅޭތާ ފުދޭވަރަކަށް ދުވަސްކޮޅެއް ވެއްޖެ. އުމުރުން ޒައި އަށް ވުރެ ދޮށީވީމަ، އަހަންނަށް މިގުޅުމާމެދު ޔަގީންވަންދެން ޒައި ގާތު އެދުނިން އެކަކު ގާތުވެސް ނުބުނަން. ޒިވީއާ އޭނަ އެ ވާހަކަތައް ހިއްސާނުކުރީ އެހެންވެ. މަންމަ ކައިވެނީގެ ވާހަކަ އަހަރެން ގާތު ދެއްކީ އެކަމަށް އަހަރެން ވެސް ވިސްނަމުންދިޔަ ދުވަސްކޮޅެއްގަ. ޒައި ގާތުގަ ކައިވެންޏަށް އެދޭނެ ގޮތަކާމެދު ޚިޔާލުކުރަމުން ދަނިކޮށް. މަންމަގެ އެދުމަށް ދެކޮޅުހަދަން އުޅެނިކޮށް ތިގޭގެ ނަން މަންމަ ބުނީމަ ހިތަށް އެރީ އެއީ ޒައިގެ ގެއޭ. އަހަރެން ހީކުރީވެސް އެ ހުށަހެޅުން އައީ ޒައިއަށް ކަމަށް. ލިބުނު އުފަލެއްގެ ބޮޑުކަމުން ޒިވީގެ މަތިން އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތް. ފަހަރެއްގަވެސް އަހަރެން ހިއެއް ނުކުރަން ކައިވެނީގެ ހުށަހެޅުން އައީ ޒިވީއަށް ކަމެއް. އަހަރެން ޒައި ގާތު މިއިން އެއްވެސް ވާހަކައެއް އޭރު ނުބުނަން. ބޭނުންވީ ގެއަށް ގޮއްސަ ޒައި އަށް ސަޕްރައިޒްއެއް ދޭން. އެކަމަކު.. ކަންތައްވީ އަހަރެން ހީކުރިގޮތަކަށް ނޫން. އެކަން އެނގުނީ ތިގެއަށް ދިޔައީމަ. އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެކަން އެ ދުވަހު އިހުސާސުވި. އަހަރެންގެ ސަބަބުން ޒައިގެ ދެލޮލުން ކަރުނަފައިބާތަން ފެނުނީމަ އަމިއްލަ ނަފުސު އެތައް ފަހަރަކު ކުށްވެރިކުރެވުނު. އެންމެ ފަހަރަކުވެސް މަންމަ ގެންގުޅުނު ފޮޓޯގަނޑު ބަލާލެވުނުނަމައޭ އެތައް ފަހަރަކު ހިތަށް އެރި. އަހަންނަށް މިކަން އެނގުނީމަ ވަގުތުން ދެކޮޅުހަދަން ބޭނުންވި. އެކަމަކު ޒައި އަހަރެން އެގޮތަށް ކަންތައްކުރިޔަކަ ނުދިން. އަމިއްލަ އުފަލަށްވުރެ ޒިވީގެ އުފާ ޒައި އަށް މުހިންމީ. އެހާ ދުވަސްފަހުން ކައިވެނިކުރަން ޒިވީ އެއްބަސްވި ދަނޑިވަޅު އޭނަގެ ސަބަބުން ޒިވީ މާޔޫސްވާކަށް ޒައި ބޭނުމެއްނުވި. އެހެންވެ އަހަރެންގެ ކިބައިން އެދުނީ ޒިވީ އަށް މިހުރިހާ ކަމެއް ސިއްރުކުރަން. އަދި ޒިވީއާ ކައިވެނިކުރަން. އެކަމަކު.. އަހަރެން ޒައި ހާ ހިތްވަރުގަދަ އެއް ނޫން ޒިވީ.. އޭނަ ހިތްހަލާކުވާ ހާލު ކެތްތެރިވިޔަސް.. އަހަންނަކަށް ޒައިއާ ނުލާ ކެތެއްނުވާނެ. އަހަރެން ހަގީގަތުގަވެސް ޒައި ދެކެ އިންތިހާއަށް ލޯބިވޭ. އަހަންނަށް މަޢާފުކުރޭ.. ޒިވީއަށް ދެރައެއް ދިނުމަކީ ފަހަރެއްގަވެސް އަހަރެންގެ ގަސްދެއް ނޫން. އަހަރެންގެ ސަބަބުން ތިހިތުގަ ޖެހޭކަށް ބޭނުމެއްނޫން. އެކަމަކު އިތުރަށް މިކަން ސިއްރުކޮށްގެން އަހަރެންނަށް ހުރެވޭކަށް ނެތް. ޒިވީއަށް ހަގީގަތް އެނގެންޖެހޭކަމަށް އަހަރެން ގަބޫލުކުރަނީ" ވާހަކަދައްކާ ނިންމާލަމުން މިކްދާދް ޒިވްރާއަށް ބަލާލިއެވެ. ބަހެއްވެސް ނުބުނިތަނުގައި ހަރަކާތެއްވެސް ކޮށްނުލާ ޒިވްރާ އިނީތީ މިކްދާދް ކަންބޮޑުވާގޮތްވިއެވެ. މި ވާހަކަތައް ކިޔާދީގެން ޒިވްރާ އޭނާއާ މެދުގައި ގޯސްގޮތަކަށް ދެކިފާނެތީވެސް މިކްދާދް އިތުރަށް ނުތަނަވަސްވާގޮތް ވިއެވެ. ޒިވްރާގެ ޖަވާބެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޭނާ އިނެވެ. ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަމުން މިކްދާދްއަށް އުނދަގޫވާގޮތްވިއަސް، އޭނާ އިތުރު އެއްޗެކޭ ނުބުންޏެވެ. އެވަގުތު ޒިވްރާގެ ތުންފަތް ހަރަކާތްކޮށްލުމަށްފަހު ލަސްލަހުން ދެފަރާތަށް ދެމިލިއެވެ. އެތަންފެނި އެ ހުރިހައި އިރު މިކްދާދް ހިފަހައްޓައިގެން ހުރި ނޭވާ އޭނާއަށް ދޫކޮށްލެވުނެވެ. ޒިވްރާގެ ދެލޮލުން ތަފާތު ވިދުމެއް ފައުޅުވާން ހުއްޓެވެ. ހިނިތުންވެލައިގެން އޭނާ އިންތަންފެނި މިކްދާދްގެ ތުންފަތަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވާން އުޅުނެވެ.
"އަހަރެންގެ ކޮއްކޮދެކެ ހަމަ ތިބުނާ ވަރަށް ލޯބިވޭތަ؟" ކުޑަކޮށް ބޯއަރިކޮށްލާ ފަރުވާތެރި ނަޒަރަކުން މިކްދާދްގެ މޫނަށް ޒިވްރާ ބަލައިލިއެވެ. ލާނެތްކަން އެ ދެލޮލުން ފައުޅުވާހެންވެސް މިކްދާދް އަށް ހީވިއެވެ. އެންމެ ސުކުންތުކޮޅެއް ވެސް ލަސްކޮށްލުމެއްނެތި ވަގުތުން މިކްދާދް ޖަވާބުދިނެވެ. ހިތާ ފުރާނައިން އޭނާ ޒައިހާދެކެ ވާ މަތިވެރި ލޯބި އެއްވެސް ޖެހިލުންވުމެއްނެތި ހާމަކުރިއެވެ.
"ވަރަށް އުފާވެއްޖެ ޒައި ދެކެ އެހާ ލޯބިވާ މީހަކު ޒައި އަށް ލިބުނީމަ. އެކަމަކު އެހާ ދެރަވެސް ވެއްޖެ އަހަންނަށްޓަކާ ތި ދެމީހުންގެ ލޯބި ޤުރުބާންކުރަން ނިންމީމަ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ގާތު ތި ހުރިހާ ވާހަކައެއް ބުނިނަމަ އަހަރެން އުފަލާއެކު ތި ގުޅުމަށް މަރުޙަބާ ކީމުސް. ޒައިގެ އުފަލަކީ އަހަރެންގެ އުފާ. މިކްދާދްއާ މެދުގަ އަހަރެންގެ ހިތުގަ އެއްވެސް ބުރަކަމެއް ނެތް. އަހަރެންގެ އެ ބޯހަރު ކޮއްކޮގެ ބަސް ގަބޫލުނުކުރީތީ އިންތިހާއަށް އުފާވެއްޖެ. އެހެންނޫންނަމަ، ނޭނގުމެއްގެ ތެރޭގަ އަހަންނަށް ޒައިގެ ހިތް ހަލާކުކޮށްލެވުނީސް. އޭރަށް އަމިއްލަ ނަފުސަށް ވެސް އަހަންނަށް މަޢާފުނުކުރެވުނީސް. އެފަދަ ލަދަކުން އަހަރެން ސަލާމަތްކޮށްދިނީތީ ޝުކުރުވެރިވަން. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ މިކްދާދްގެ ލޯބި މިކްދާދް އަށް ލިބޭނެ. ޒައި އަށްޓަކާ ތީ ހެޔޮލަފާ ބައިވެރިއަކަށް ވާނެކަން އަހަންނަށް ޔަގީން" ހިތްހެޔޮ ރާގަކަށް ޒިވްރާ ބުނެލިއެވެ. އެބަސްތަކުން މިކްދާދްގެ ހިތުން ބޮޑު ބުރައެއް ފިލައިގެންދިޔަ ކަހަލައެވެ. ހަމަޖެހުމުގެ ނޭވާއެއް އޭނާ އަށް ދޫކޮށްލެވުނެވެ. ހިތަށް ލިބުނު އުފަލަކުން އޭނާ އަށް ބޭއިޚުތިޔާރުގައި ހިނިތުންވެވުނެވެ. އަދި ޒިވްރާއަށް ބަލާލަމުން އެތައް ފަހަރަކު އޭނާ ޝުކުރު އަދާކުރިއެވެ.
"އެކަމަކު މި ވާހަކަތައް މައިންބަފައިންނާ ހަމައަށް ގެންދާނެ ގޮތެއް ނޭނގެ. އަނެއްކާ ޒިވީގެ މައިންބަފައިން އަހަރެންދެކެ ހިތްހަމަނުޖެހިދާނެ" ކުއްލިއަކަށް ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން މިކްދާދް އަށް އުނދަގޫވިއެވެ. "އެކަމާ މިކްދާދް ކަންބޮޑުނުވޭ. އަހަރެންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލާ. އަހަރެން އެކަން ހަމަޖައްސާނަން. އަދި ބުނަން. މިއިން އެއްވެސް ވާހަކައެއް ޒައި ގާތުގަ ނުބުނާތި. ޒައި އަށް ސަޕްރައިޒްއެއް ދޭނީ" ލުއި ހުނުމަކާއެކު ޒިވްރާ ބުނެލިއެވެ. އެ ގޮތް މިކްދާދް އަށް ވެސް ކަމުދިޔައެވެ. އެހެންވެ ނިކަން އަވަހަށް އޭނާ ބޯޖައިލަމުން އެކަމަށް އެއްބަސްވިއެވެ. ހިތުގެ ހާލު ޒިވްރާގެ ކުރިމަތީގައި ހާމަކުރެވުމުން މިކްދާދް އަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. އިރުކޮޅަކު އެކި ކަންކަމާ ދެމީހުން މަޝްވަރާކުރަން ތިބުމަށްފަހު އިރުއޮއްސި އަނދިރިވާން ހެދުމުން ގެއަށް ދިއުމަށް ތިބި ތަނުން ތެދުވިއެވެ. އޭރު ދެ ޒުވާނުންގެ މޫނުމަތީގައިވެސްވީ އުފާވެރި ހިނިތުންވުމެއްގެ އަސަރެވެ.
ގޭތެރަށް ވަދެގެން އައި ޒިވްރާ އާއި މިކްދާދް ފެނުމުން ހިނިއައިސްފައި އިންތަނުން ޝާހީނާ ތެދުވިއެވެ. އަދި މިކްދާދަށް ގޮވައިލަމުން އަވަހަށް އިނށީނަން އައުމަށް ބުނެލިއެވެ. ހިނިތުންވެފައި ތިބެ އެކުގައި އައި ޒިވްރާ އާއި މިކްދާދަށް ވަކިވަކިން ޒައިހާ ބަލައިލިއެވެ. ބޭނުންނުވިއަސް އެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. އެތައް ދުވަހަކަށްފަހު މިކްދާދް ފެނުމުން ހިތުގައި ފޮރުވަމުން އައި ޖަޒުބާތުތައް އުތުރިއަރާގޮތް ވިއެވެ. އެހެނަސް އެންމެ ފަހަރަކުވެސް މިކްދާދް އޭނާގެ މޫނަށް ބަލައިނުލީތީ ޒައިހާގެ ހިތަށް އިންތިހާއަށް ތަދުވާގޮތްވިއެވެ. އެހައި ބޮޑަށް މިކްދާދް ހަމަ އޭނާ ދުރުކޮށްލީ ހެއްޔެވެ؟ އެތައް ޝަކުވާތަކެއް ހިތުގައިވީ ނަމަވެސް ދުލުން އުފް ވެސް ބުނެނުލައި އެ ހިމޭންކަންމަތީގައި އޭނާ އިނީއެވެ.
"ދެ ކުދިން އެކީގަ ފެނުނީމަ ވަރަށް އުފާވެއްޖެ" ޝާހީނާގެ އަޑުގައިވެސް އެހެންނާ ނުހުންނަ ޖޯޝެއް ހުރިކަހަލައެވެ. ބަހެއްވެސް ނުބުނެ އެތަނުގައި ދެކެވެމުންދިޔަ ވާހަކަތަކަށް ސަމާލުކަންދީގެން ދުރަށް ނަޒަރު ހުއްޓާލައިގެން ޒައިހާ އިނީއެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ސިއްރު ސިއްރުން މިކްދާދްގެ މޫނަށް އޭނާއަށް ބަލައިލެވެއެވެ. އެއިން ކޮންމެ ވަގުތަކު މިކްދާދްގެ ދެލޯ ޒިވްރާއަށް އަމާޒުވެފައިވީތަންފެނި ޒައިހާ އަށް ބޭއިޚުތިޔާރުގައި ތުންފިއްތައިލެވެއެވެ.
"އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނެލަން ބޭނުންވާތީވެ މި އައީ" ޝާހީނާއަށް ހުރިހާ ސަމާލުކަމެއް ހުއްޓާލަމުން ސީރިއަސް ގޮތަކަށް މިކްދާދް ބުނެލިއެވެ. އެއާއެކު ޝާހީނާ ހީވީ ވަގުތުން އެލާޓަށް އައި ހެންނެވެ. އެއްފަހަރު ޒިވްރާގެ މޫނަށް ބަލައިލުމަށްފަހު އަނެއްފަހަރު ޝާހީނާގެ މޫނަށް މިކްދާދް ބަލާލިއެވެ.
"އަޅުގަނޑާ ޒިވީ ނިންމާފިން ވަރަށް އަވަހަށް ކައިވެނި ކުރަން. އިތުރަށް ލަސްކުރުމުގެ ބޭނުމެއްނެތް. އެހެންވެ ދައްތަމެން ރުހޭނަމަ ރަންކިޔުމުގެ ހަފުލާވެސް އަވަސްކޮށްލަން ބޭނުންވަނީ ދޯ ޒިވީ" މިކްދާދްގެ ވާހަކަތައް އިވިފައި ޝާހީނާގެ ތުންފަތް ދެފަރާތަށް ދެމިލިއިރު، ސިހިފައި ޒައިހާއަށް ދެލޯ ބޮޑުކޮށްލަމުން އޭނާއަށް ބަލައިލެވުނެވެ. އޭރު ލޯބިން ފުރިގެންވީފަދަ ގޮތަކަށް ޒިވްރާއާ ނަޒަރު ސީދާކޮށްލައިގެން މިކްދާދް އިނެވެ.
"އެއީ ތެދެއް މަންމާ.. އަހަރެން ވެސް ބޭނުންވަނީ އެ ގޮތް" ޒައިހާއަށް އަވަސް ނަޒަރެއް ދެމުން ޒިވްރާ ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް އިންތަނުން ޒައިހާ ތެދުވިއެވެ. އޭނާގެ އެ ހަރަކާތުން ޝާހީނާ އަށް ވެސް ލިބުނީ ހައިރާންކަމެވެ. އެހިނދު ހިސާބެއްގެ ނުތަނަވަސްކަމެއް ޒިވްރާގެ މޫނުން ވެސް ފައުޅުވެލިއެވެ.
(ނުނިމޭ)
Ads by MACL
