ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އޭއައި ކުރިއަރަމުން އައުމާއެކު އާންމު ޓެކްނޮލޮޖީގެ އަގުތައް އިންތިހާއަށް!

އޭއައި ކުރިއަރަމުން އައުމާއެކު އާންމު ޓެކްނޮލޮޖީގެ އަގުތައް އިންތިހާއަށް!

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުންތައް އިތުރުވެ، މެމޮރީ ޗިޕްތަކަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ވީޑިއޯ ގޭމް ކޮންސޯލްތަކާއި ސްމާޓްފޯނު އަދި ކޮމްޕިއުޓަރު ފަދަ އާންމު އިލެކްޓްރޯނިކްސް ސާމާނުގެ އަގުތައް އިންތިހާއަށް މިދަނީ އުފުލެމުންނެވެ. "ޗިޕްފްލޭޝަން"ގެ ގޮތުގައި މަޝްހޫރުވެފައިވާ މި މައްސަލައިގެ ސަބަބުން، އިލެކްޓްރޯނިކްސްގެ އަގުތައް މީގެ ކުރިން ދުވަހަކުވެސް ނުދެކޭ މިންވަރަށް މައްޗަށް ދާން ފަށާފައިވާއިރު، މި ތަދުމަޑުކަން 2027 ވަނަ އަހަރާ ހަމައަށް ދެމިގެން ހިނގައިދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި މައްސަލައިގެ އެންމެ ބޮޑު އަސަރެއް ފެންނަމުންދަނީ ގޭމިންގ ކޮންސޯލްތަކުގެ ބާޒާރުންނެވެ. އާންމުކޮށް ކޮންސޯލްތައް ބާޒާރަށް ނެރޭތާ ދުވަސްވުމުން އަގު ހެޔޮވި ނަމަވެސް، މިހާރު ފެންނަނީ އެއާ ޚިލާފު މަންޒަރެކެވެ. އެގޮތުން 2020 ވަނަ އަހަރު 499.99 ޑޮލަރަށް ނެރުނު ސޮނީގެ ޕްލޭސްޓޭޝަން 5 (ޕީއެސް5) ގެ އަގު، އެންމެ އަށް މަސްދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބޮޑުވެ، މިހާރު ވިއްކަނީ 649.99 ޑޮލަރަށެވެ. މީގެ އިތުރުން ޕީއެސް5 ޑިޖިޓަލް އެޑިޝަންގެ އަގު 599.99 ޑޮލަރަށް އަދި ޕީއެސް5 ޕްރޯގެ އަގު 899.99 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. މައިކްރޮސޮފްޓްގެ އެކްސްބޮކްސް ސީރީޒް އެކްސްގެ އަގު 799.99 ޑޮލަރަށް އުފުލިފައިވާއިރު، ނިންޓެންޑޯ އިންވެސް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ސްވިޗް 2 ގެ އަގު 499.99 ޑޮލަރަށް ބޮޑުކުރާނެކަން ވަނީ އިޢުލާންކޮށްފައެވެ.

މޯގަން ސްޓެންލީ އިން ތަޢާރަފުކުރި "ޗިޕްފްލޭޝަން" މި ލަފުޒަކީ، ފާއިތުވި 50 އަހަރު ދުވަހު ކޮންމެ ފަސް އަހަރަކުން މެމޮރީގެ އަގު ދެބައިކުޅަ އެއްބަޔަށް ކުޑަވަމުން އައި އައުން ނިމުމަކަށް އައުމުން ބޭނުންކުރަން ފެށި ބަހެކެވެ. މާހިރުން ފާހަގަކުރާ ގޮތުގައި މިއީ އާންމު އިންފްލޭޝަނެއް ނުވަތަ ޓެރިފްތަކެއްގެ ސަބަބުން ވާ ކަމެއް ނޫނެވެ. މުޅި ދުނިޔޭގެ ޑީރޭމް އުފެއްދުމުގެ 90 އާއި 95 އިންސައްތަ ކޮންޓްރޯލް ކުރާ ސެމްސަންގް، އެސްކޭ ހައިނިކްސް އަދި މައިކްރޯން ކުންފުނިން، އޭއައި ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ހައި-ބޭންޑްވިޑްތް މެމޮރީ (އެޗްބީއެމް) އުފެއްދުމަށް އިސްކަންދީ، އުފެއްދުންތެރިކަން އެ ދިމާއަށް ބަދަލުކުރުމަކީ މި ކަމުގެ މައިގަނޑު ސަބަބެވެ. އެޗްބީއެމްގެ ކޮންމެ ގިގަބައިޓަކަށް އާދައިގެ ޑީރޭމްއަށްވުރެ 3 އިން 4 ގުނަ އިތުރަށް ވޭފަރ ބޭނުންވާތީ، އޭއައި ސެންޓަރަކަށް ފޮނުވާ ކޮންމެ ޔުނިޓަކާ އެކު އާންމު ބޭނުންތަކަށް ލިބޭ ސަޕްލައިން ގާތްގަނޑަކަށް ތިން ޔުނިޓް މަދުވެއެވެ.

މީގެ ސަބަބުން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޑީރޭމް ކޮންޓްރެކްޓް އަގުތައް 58 އިން 63 އިންސައްތައަށް އަދި ނޭންޑް ފްލޭޝް ގެ އަގު 70 އިން 75 އިންސައްތައަށް ވަނީ އުފުލިފައެވެ. މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި މެމޮރީގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ޕީސީ އުފައްދާ އެޗްޕީ ކުންފުނިން ބުނި ގޮތުގައި، ކޮމްޕިއުޓަރު އުފެއްދުމުގެ ޚަރަދުގެ 35 އިންސައްތައަކީ މިހާރު ހަމައެކަނި މެމޮރީގެ ޚަރަދެވެ. މި ބަދަލުތަކާއެކު ލެނޯވޯ، ޑެލް، އޭސަރ، އަދި އަސޫސް ފަދަ ކުންފުނިތަކުން ކަސްޓަމަރުންގެ އަގުތައް 15 އިން 20 އިންސައްތައަށް ބޮޑުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ޝައޯމީ އާއި ރެޑްމީން ވެސް ވަނީ 20 އިން 30 އިންސައްތައިގެ ބޮޑުވުމެއް އަންނާނެ ކަމަށް ބުނެފައެވެ. އަދި ރާސްޕްބެރީ ޕައިގެ އަގުތައްވެސް ވަނީ ބޮޑުކޮށްފައެވެ.

އަގު ބޮޑުކުރުމުގެ އިތުރުން، ބައެއް ކުންފުނިތަކުން ދަނީ "ޝްރިންކްފްލޭޝަން" ނުވަތަ އަގު އެއްވަރެއްގައި ބަހައްޓައިގެން ފީޗާތައް މަދުކޮށް، ދަށް ފެންވަރުގެ ސްކްރީންތައް ބޭނުންކުރުން ފަދަ އުކުޅުތައް ބޭނުންކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކުން އަގުހެޔޮ މޮޑެލްތައް ބާޒާރަށް ނެރުން މަދުކޮށް، ކުރީގެ ސްޓޮކްތަކުން ޑިސްކައުންޓް ދިނުން ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން، އެފްރިކާގެ ބާޒާރުތަކަށް ބޭނުންވާ 30 އާއި 40 ޑޮލަރާ ދެމެދުގެ އަގުހެޔޮ 4ޖީ ފޯނުތައް އުފެއްދުމަށް ދަތިވެފައިވާ ކަމަށް ޖީއެސްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

މި ތަދުމަޑުކަމުގެ ސަބަބުން ކުރިއަށް އޮތް 12 އާއި 18 މަސްދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ ސްމާޓްފޯން ވިކޭ މިންވަރު 13.9 އިންސައްތަ އަދި ޕީސީ ވިކޭ މިންވަރު 11.3 އިންސައްތަ ދަށަށް ދާނެ ކަމަށް އައިޑީސީން ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން މީހުން ގެންގުޅޭ ތަކެތި ބަދަލުކުރުން ލަސްވެ، ބޭނުންކޮށްފައިވާ ސާމާނު މަރާމާތުކޮށްގެން އަލުން ވިއްކާ މާކެޓް އިތުރަށް ފުޅާވަމުން އަންނައިރު، ޖޭޕީ މޯގަންގެ އަންދާޒާއިން ދައްކަނީ ހާޑްވެއާ އަގުތަކުގެ ސަބަބުން އިންފްލޭޝަނަށްވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

މި މައްސަލައަށް އަވަސް ހައްލެއް ލިބުން ދަތި ކަމަށް މާހިރުން ބުނެއެވެ. ސަބަބަކީ އާ ޗިޕް ފެކްޓްރީތައް އެޅުމަށް 18 އާއި 24 މަސްދުވަސް ނަގާއިރު، ސެމްސަންގްގެ އާ ފެބް ފަދަ ތަންތަނުން ބޮޑު މިންވަރަކަށް އުފެއްދުންތައް ބާޒާރަށް ނެރެވޭނީ 2028 ހިސާބުގައެވެ. ބައެއް ކުންފުނިތަކުން މި މައްސަލަ 2030 ވަނަ އަހަރާ ހަމައަށް ދެމިގެން ހިނގައިދާނެ ކަމަށް ބުނަމުންދާއިރު، ކޮންސިއުމަރުންނަށް 2027 ވަނަ އަހަރާ ހަމައަށްވެސް މަތީ އަގުތަކުގައި މަދު މެމޮރީއާއެކު ތަކެތި ގަންނަން ޖެހުމުގެ ފުރުސަތު ބޮޑެވެ.