ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (26 ވަނަ ބައި)
"ކިހިނެއްވީ؟" ޒައިހާއަށް ބަލަން އިނދެ ޝާހީނާ އަހައިލިއެވެ. "ކުޑަކޮށް ބޮލުގަ ރިއްސަނީ. މިދަނީ އަރާމުކޮށްލަން" މީހަކަށް ބަލާލުމެއްނެތި އެހެން ބުނެލުމަށްފަހު ޒައިހާ މިސްރާބުޖެހީ ކޮޓަރިއަށް ދިއުމަށެވެ. ޒައިހާގެ އަމަލުން ސުވާލުއުފެދިފައި ޝާހީނާ އިން ނަމަވެސް، ޒިވްރާގެ ބެލުމުގައިވީ ތަފާތު ކަމެކެވެ. މިފަހަރު ޒައިހާއަށް އައި ކުއްލި ބަދަލާ ގުޅިފައިވީ ކޮންކަމެއްކަން އޭނާއަށް ވިސްނުނީއެވެ. މިކްދާދްއާ އަވަސް ނަޒަރެއް ބަދަލުކޮށްލަމުން ޒިވްރާ ހިނިތުންވެލިއެވެ. އަދި ދެލޯ މަރައިލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަން އަންގައިދިނުމުގެ ގޮތުން އޭނާ މަޑުމަޑުން ބޯޖަހައިލިއެވެ.
ރަންކިޔުމުގެ ހަފުލާ ދެކުދިން ބާއްވަން ބޭނުންވާ ގޮތާއި ތާރީޚާ ބެހޭ ގޮތުން ޝާހީނާ އެކިއެކި ސުވާލުތައް ކުރިއެވެ. އަދި އެކުދިންގެ ޚިޔާލު ހުރިގޮތް ޚުދު އޭނާއަށް ވެސް ވަރަށް ކަމުދާކަމުގައި އެއްބަސްވިއެވެ. ވީހައިވެސް އަވަހަށް ޖޫލީއަށް އެ ޚަބަރު ދިނުމަށް މިކްދާދްގެ ކައިރިން ޝާހީނާ އެދުނެވެ. އެކަމަށް މިކްދާދް އާނބަސްބުނީތީ ޝާހީނާއަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ.
Ads by BML
*****
ލަންޑަނަށް އައުމަކުންވެސް އަޒާންގެ މިޒާޖަށް އައިސްފައިވާ ހަމަހިމޭންކަމަކަށް ކުޑަވެސް ބަދަލެއް ނައެވެ. ޒިވްރާ އައިސް އުޅޭ ވަގުތުތަކު ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް އަޒާންގެ މޫނުމަތިން ފެނުނު ނަމަވެސް، އެއީ ހަގީގީ ހިނިތުންވުމެއް ނޫންކަން ބަލައިފި ކޮންމެ މީހަކަށް ވެސް އެނގޭހާވެއެވެ. ގިނަވަގުތުތައް އަޒާން ހޭދަކުރަނީ އެކަނި އިނދެ ވިސްނާ ފިކުރު ކުރުމުގައެވެ. އެހެން އިނދެ އޭނާ ހިތާމަކުރާ ވަގުތުތައް ވެސް ވަކި މަދެއް ނޫނެވެ. އެންމެ ގާތުން އެ މަންޒަރުތައް ފެންނަމުންދިޔަ ލިޔާރާގެ ހިތަށް ދަރިފުޅުގެ އުދާސްވެފައި ހުންނަ މޫނު ފެނުމުން ލިބެނީ އިންތިހާ ވޭނެވެއެވެ. އެ ހިތާމަތަކުން އަޒާން ސަލާމަތްކުރަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ ގޮތްހުސްވެފައިވާ ކަހަލައެވެ. އެންމެފަހުން ކެތްނުވެގެން ޒިވްރާ ގާތުގައި އެ ވާހަކަތައް ލިޔާރާ ދެއްކުމުން ޒިވްރާ ޚިޔާލު ފާޅުކުރީ ސައިކޮލޮޖިސްޓަކަށް އަޒާން ދައްކާލުމަށެވެ. އެކަމަށް އަޒާން އެއްބަސްނުވާނެހެން ލިޔާރާއަށް ހީވުމުން އެ ވާހަކަތައް އަޒާން ކައިރީގައި ދެއްކީ ޒިވްރާ އެވެ. ފުރަތަމަ ދެކޮޅު ހެދިނަމަވެސް ޒިވްރާ ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން އެކަމަށް އަޒާން އެއްބަސްވީއެވެ. އޭރު އޭނާގެ ފިޒިއޮތެރަޕީގެ ޓްރީޓްމަންޓްތައް ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަޒާން ސައިކޮލޮޖިސްޓަކަށް ދެއްކުމުގެ ހުރިހާ ކަމަކާ ހަވާލުވީ ޒިވްރާ އަމިއްލައަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ދާންވީ ދުވަހާ ވަގުތު އަޒާން ކައިރީގައި ބުނަމުން އެ ދުވަހު ޒިވްރާ އަޒާން ބަލައިއަންނާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ހިތަށް އުނދަގޫ އިހުސާސުތަކެއް ކުރެވިފައި ހުއްޓެއްކަމަކު އެއިން އެއްވެސް އަސަރެއް އޭނާ މޫނުމައްޗަކުން ފައުޅެއްނުކުރެއެވެ. އެހެނަސް އެ ދެލޮލުގައި ފޮރުވިފައިވާ ވޭން ޒިވްރާއަށް ސިއްރެއް ނުވެއެވެ. އެކުވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދެން އޭނާ ބޭނުންވީ އެހެންވެއެވެ. ބައެއް ފަހަރު ދިރިއުޅުމުގައި ދިމާވާ ކަންތަކުން އަރައިގަންނަން އަހަރެމެންނަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އެފަދަ ދަނޑިވަޅެއްގައި މީހެއްގެ ފަރާތުން އެހީތެރިކަމަށް އެދުމަކީވެސް އަދި އެހީތެރިކަން ހޯދުމަކީވެސް މީހާ ފިނޑިވުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ދިރިއުޅުމުގެ އިމްތިޙާންތަކާ އަދި ހަނގުރާމަތަކާ ކުރިމަތިލައި ކުރިއަށްދާން ބޭނުންވާކަމުގެ ހިތްވަރުގަދަ ރަމްޒެކެވެ.
ޚަރީފު މޫސުމުގެ ދުވަސްތަކުން ދުވަހެކެވެ. ހެނދުގެ އެ ވަގުތު މަގުތަކަށް ވެރިވެފައިވީ އާދަޔާޚިލާފު ހިމޭންކަމެކެވެ. ލަންޑަނުގެ އުޑުމަތި ފުސްކޮށް އޮތްއިރު، މަގުމައްޗަށް ފައިބައިފައިވާ ހިކި ފަތްތަކުން ހީވަނީ މަގުމަތީގައި ރަން ދޫލައެއް ފަތުރާލައިފައި އޮތްހެނެވެ. ހުއްޓުމެއްނެތި އިރުއިރުކޮޅުން ގަސްތަކުން ފަތްތައް ފައިބަމުންދިޔައިރު، ރަނާއި މުށިކުލައިގެ ފަތްތައް ފިނި ރޯޅިތަކާއެކު މަޑުމަޑުން ނަށަމުންދިޔައެވެ.
ޒިވްރާ އައިސް އަޒާންގެ ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލަމުން ކާރުން ފޭބުމަށްފަހު، ލައިގެން ހުރި މަޑު ކެހެރި ކޯޓުގެ ދެޖީބަށް އަތްޖަހާލިއެވެ. އޭރު ގޭޓު ކައިރީގައި އަޒާންއާ އެކުގައި ލިޔާރާ ވެސް ބޭރަށް ނުކުމެ ހުއްޓެވެ. ދެމީހުންނަށް ބަލައިލަމުން ޒިވްރާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ގޭގައި އަޒާންގެ ކަންތައް ބެލެހެއްޓުމަށް ގެނެސްފައިހުރި ބޭރުކުއްޖާ ވެސް އެވަގުތު ގޭޓާ އަރާ ހަމަކުރަމުން ޒިވްރާ އަށް ގޮވާލިއެވެ. ހިމޭންވެފައި އިން އަޒާންއަށް ޒިވްރާ ބަލައިލީ ފުންނަޒަރަކުންނެވެ. އަދި އޭނާއަށް ގޮވާލަމުން ތައްޔާރުތޯ ޒިވްރާ އެއްސެވެ. ވަކި އެއްޗެއް ބުނުމެއްނެތި އަޒާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. އޭނާގެ އެ ހަރަކާތް ޒިވްރާއަށް ވިސްނުނީ ކަހަލައެވެ. އިތުރު ވާހަކަތަކެއް ދައްކަން ނުހަދާ އަޒާން ކައިރީގައި ހުރި ތިއޯއަށް ޒިވްރާ އިޝާރާތްކޮށްލުމާއެކު އޭނާ ކުރިއަށް ޖެހިލައި އަޒާން ކާރަށް އެރުމަށް އެހީތެރިވެދިނެވެ. ކާރަށް އަރައި ހަމަޖެހިލަމުން ޒިވްރާ އަޒާން އަށް އަވަސް ނަޒަރެއް ދިނެވެ. އޭރު ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ ވިސްނުމަކަށް ގެއްލިފައި އިން ފަދައަކުންނެވެ. ބަހެއްނުބުނެ ޒިވްރާ ކާރު ދުއްވާލީއެވެ.
ކުޑައިރުކޮޅެއް ކުރިން ވާރޭވެހިފައި އޮތުމުން މަގުތައް އޮތީ ތެމިފައެވެ. ރަނާއި މުށިކުލައިގެ ފަތްތައް މަގުމަތީގައި ތައްލާފައިހުރިއިރު، ބައެއް ފަތްތައް ކާރު ދުއްވާފައިދިޔައިރު، ވަޔާއެކު މައްޗަށް އަރަމުންދިޔައެވެ. މުޅި ފަޒާއަށް ފެތުރިފައިވީ އާދަޔާޚިލާފު ފިނި ކަމެކެވެ. ޚަރީފު މޫސުމަކީ ބަލައިލަން ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ އެތައް ހިތްގައިމު މަންޒަރުތަކުން ފުރިފައިވާ މޫސުމެކެވެ.
ކުޑަދޮރުން ފެންނަމުންދިޔަ ތަފާތު މަންޒަރުތަކަށް ހިތް ދޫކޮށްލައިގެން އަޒާން އިނެވެ. އިޝްޔާއާ އެކުގައި ކުރަންއުޅުނު ކައިވެނި ރޫޅުނުފަހުން އޭނާވަނީ ވަރަށް ބޮޑަށް ބަސްމަދުވެފައެވެ. ބައެއް ދުވަސް ދުވަހު އޭނާ އެކަކާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނެއްބައި ދުވަސްތަކުގައި މުޅި ދުނިޔެ ދެކެވެސް އޭނާ ރުޅިއައިސް ފޫހިވެފައި ހުންނަ ކަހަލައެވެ. އެހެނަސް އެ ހިމޭންކަމާއި ރުޅިވެރިކަމުގެ ފަހަތުގައިވަނީ ފުން ހިތާމައެވެ. އޭނާ ތަޞައްވަރުކުރި ފޮނިފޮނި މުސްތަޤްބަލު ވަނީ އޭނާއަށް ގެއްލިފައެވެ. ހިތާއި ފުރާނައިން ލޯބިވީ ހަމައެކަނި އަންހެންކުއްޖާ ވަނީ ބީވެފައެވެ. އެހެނަސް އެ ހުރިހާކަމަށްވުރެ ބޮޑު ހިތްދަތިކަމެއް ލިބިފައިވީ އެ ހާދިސާއަށްފަހު، އޭނާގެ އަމިއްލަ ނަފުސަށް އަންނަމުންދިޔަ ބަދަލުތައް ދެނެގަތުމަށް އޭނާ ނުކުޅެދިފައިވީކަމެވެ. ބޭނުންނުވިއަސް އެ ބަދަލުތަކުން މިންޖުވާނެގޮތެއް އޭނާ އަކަށް ނުވިސްނުނެވެ. އޭނާގެ ސަބަބުން މައިންބަފައިން ހިތާމަކުރާކަށް އަޒާން ބޭނުމެއް ނުވެއެވެ. ނަމަވެސް ނަފުސަށް ވެރިވެފައިވީ ހަމަހިމޭންކަން ނައްތާލާނެ ގޮތެއް ނުވިސްނުނެވެ.
"އަހަރެން ނުކުޅެދޭ މީހަކަށް ނުވިނަމައޭ ހިތަށް އަރާ، އޭރަށް އިޝީ އަހަރެން ދޫކޮށްލާފަ ނުދިއީސް ދޯ" ދެމެދަށް ވެރިވެފައިވީ ހިމޭންކަން ނެތިގެންދިޔައީ އަޒާންގެ ބަސްތަކުންނެވެ. ޒިވްރާއަށް އޭނާ ބަލަހައްޓައިގެން އިންއިރު، އެ ދެލޮލުގައިވި މާޔޫސްކަމާއި އަމިއްލަ ނަފުސުދެކެ ފޫހިވެފައިވާ މިންވަރު އެއްވެސް ފޮރުވުމެއްނެތި ފައުޅުވާން ހުއްޓެވެ. އަޒާންގެ ބަސްތައްއިވި ޒިވްރާއަށް ދެއަތަށް ބާރުކޮށްލެވުނެވެ. އެ ބަސްތަކުން އޭނާގެ ހިތަށް ވެސް ތަދުވީފަދައެވެ. "ނުކުޅެދޭ މީހަކާ ކައިވެނިކުރާކަށް އެކަކުވެސް ބޭނުމެއްނުވާނެ. އަހަންނަށް އެވަރު ވިސްނުނުނަމަ." ޒިވްރާ ބަލައިލުމާއެކު އަޒާން މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޒިވްރާ ލަސްލަހުން ދެފަރާތަށް ބޯހޫރާލިއެވެ. "ތިހެން ނުބުނޭ ޒާން. ތަޤުދީރުގަ ވާން އޮތް ކަމެއް އެކަކަށްވެސް ނުހުއްޓުވޭނެ. ބުނެއެއްނު ކޮންމެ ކަމެއްވެސް މިންވަރުކުރައްވަނީ އެންމެ ރަނގަޅަށޭ. މި ކަން މިގޮތަށް ނުވީނަމަ ހަގީގަތުގަ އިޝީގެ ހިތުގަ ޒާންއަށް އޮތް އިހުސާސުތަކުގެ ތެދުވެރިކަން ނޭނގުނީސް. ހަގީގީ ލޯތްބަކީ ތި ހުރިހާ ފަރަގުތަކެއް ދަންނަ އެއްޗެއް ނޫން. ތެދުވެރި ލޯތްބެއްވާނަމަ ކޮންމެފަދަ ހާލެއްގަވެސް އަނެކާ ބަލައިގަތީސް. އެކަމަކު އިޝީ.. އިޝީ ނިންމީ ޒާން ދޫކޮށްލަން. އެއީ ޒާންގެ ކުށުންވީކަމެއް ނޫން. އެހެންވީމަ އަމިއްލަ ނަފުސު ކުށްވެރިކުރުން ދޫކޮށްލާ. މިއީ އިމްތިހާނެއްކަމާ ބަލާ މިކަމުން އަރައިގަންނަށް ހިތްވަރުކުރަންވީ. ދުނިޔެ އެކި މީހުނަށް ކުރިމަތިކުރުވާނީ އެކި ހާލަތްތައް. އެކަމަކު ކެތްތެރިވެއްޖެ އަޅާއަށް އިރާދަކުރެއްވިއްޔާ އެމީހަކަށް ހައްޤުވާ އުފާވެރިކަން ލިބޭނެ. އަހަންނަށް ޔަގީން، ޒާން އަށްވެސް އެފަދަ އުފާވެރި ހަޔާތެއް ލިބޭނެކަން." ޒިވްރާގެ ވާހަކަތަކަށް އަޒާން އެއްވެސް އެއްޗެއް ނުބުންޏެވެ. ހިމޭންކަމާއެކު އުނގުމަތީގައި ޖޯޑުކޮށްލެވިފައިއޮތް ދެއަތްތިލައަށް ބަލަހައްޓައިގެން އޭނާ އިނީއެވެ. އެއަތުގައި ހިފާލަން ޒިވްރާގެ ހިތް އިންތިހާއަށް އެދުނެވެ. ނުކުޅެދޭ މީހަކަށްވުމަކުން އޭނާ ލޯބި ލިބުން އެކަށީގެންނުވާފަދަ މީހަކަށް ނުވާކަމަށް ބުނަން ޒިވްރާ ބޭނުންވިއެވެ. އަޒާން އަށް ވެސް އޭނާ އެގޮތުގައި ބަލައިގަނެ ލޯބިވާނެ މީހަކުން ލިބުން ހައްގުކަމަށް ބުނަން ބޭނުންވިއެވެ. އަދި ނުކުޅެދޭ މީހަކަށް ވުމަކީ އޭނާއާ ކައިވެނިކޮށް ހަޔާތެއް ފަށަން އެކަކުވެސް ބޭނުންނުވާންވީ ސަބަބެއް ނޫންކަމަށް ވިސްނައިދޭން ބޭނުންވިއެވެ. އެހެނަސް ހިލާ ޒިވްރާގެ ދުލުން އެއިން އެންމެ ލަފުޒެއްވެސް ނުނިކުތެވެ. އަޒާން ވިސްނާނެ ގޮތެއް ނޭނގި އޭނާ ޖެހިލުންވީއެވެ. އެހެންވެ ޒިވްރާ ވެސް ހިމޭންކަން ޚިޔާރުކުރީއެވެ.
ޓްރެފިކް ލައިޓްއަށް ކާރު މަޑުކޮށްލަމުން ޒިވްރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އަޒާންއާ ކުރިމަތިވާނެހެން ކުޑަކޮށް އެނބުރެލިއެވެ. "ޒާން.. މިއަދުން މިއަދަށް ހުރިހާ ކަމެއް ރަނގަޅުވާން ޖެހޭނޭ ހީނުކުރޭ. ކަންކަމުން އަރައިގަންނަން ވަގުތު ބޭނުންވޭ. އެނގޭ ޒާން އެހާ ގަޔާވެގެން ނޫންކަން އަހަންނާއެކީ ކްލިނިކަށް ތި ދަނީ. އެކަމަކުވެސް އަހަރެން ބުނީތީ އެ ސައިކޮލޮޖިސްޓްއާ މިއަދު ބައްދަލުކޮށްލާ. އެވަރު އަހަންނަށް ފުދޭނެ" އިސްޖެހިފައި އިން އަޒާންގެ މޫނަށް ފަރުވާތެރިނަޒަރަކުން ޒިވްރާ ބަލާލިއެވެ.
"ޒިވީ، ކީއްވެ މި ހުރިހާ ކަމެއް ތި ކުރަނީ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަޒާން އަހާލިއެވެ. ކުއްލިއަކަށް އަޒާންކުރި ސުވާލަށް ދޭނެ ޖަވާބެއް ޒިވްރާގެ ސިކުނޑިއަކަށް ނައެވެ. އެހެންކަމުން ހިނދުކޮޅަކަށް އޭނާ ބަސްހުއްޓޭގޮތް ވިއެވެ. "ކޮން ހުރިހާ ކަމެއް؟" ނޭނގޭކަމަށް ހެދެމުން ޒިވްރާ އެއްސެވެ. "އަހަންނަށް ތިވަރަށް އަޅާލާ އޯގާތެރިވުން" އަޒާންގެ ދުލުން ބޭރުވި ބަސްތަކާއެކު ބޭއިޚުތިޔާރުގައި އޭނާއާ ޒިވްރާއަށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. އަޒާންގެ ތޫނު ދެލޮލަށް ބަލަހައްޓައިގެން އިންއިރު، ޒިވްރާގެ ހިތުގެ ހިނގުން އައީ އިންތިހާއަށް އަވަސްވަމުންނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް އެސްފިޔަޖަހައިލަމުން މަގުމައްޗަށް ލޯ އަމާޒުކޮށްލިއެވެ. އަދި ލުއި ގޮތަކަށް ހިނިތުންވެލިއެވެ. "އެއީ.. ޒާން އަކީ އަހަރެން ވަރަށް ލޯބިވާ އެކުވެރިޔަކަށް ވީމަ" ކުޑަކޮށް ހިންދިރުވައިލަމުން ޒިވްރާ ބުނެލިއެވެ. ދުލުން ކޮންމެ އެއްޗެއް ބޭރުވިނަމަވެސް، ޒިވްރާގެ ހިތުގައިވީ މުޅިން އެހެން ލަފުޒުތަކެކެވެ. އެތައް ފަހަރަކު އެހިތް އަޒާންދެކެ ލޯބިވާ ވާހަކަ ބުނުމަށް ގޮވަމުންދިޔައެވެ. އެހެނަސް ހިތުގެ ގޮވުމަށް ބީރުކަންފަތެއް ދިނުމަށް ޒިވްރާއަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއަށް ބުނެވޭ އެންމެ ކުޑަކުޑަ އެއްޗަކުން ވެސް އަޒާންއާ ދެމެދުގައި އޮތް އެކުވެރިކަން ގެއްލިދާނެތީ ޒިވްރާ ކަންބޮޑުވެއެވެ.
ޒިވްރާ އެ ޖުމުލަ ބުނެލިގޮތުން އަޒާންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ޒިވްރާގެ ޖުމުލަތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ނޭނގުނެއްކަމަކު، އެފަދަ ހެޔޮލަފާ އެކުވެރިއަކު ލިބުމަކީ ކިހައި ނަސީބުގަދަ މީހަކަށް ލިބޭނެ ނިޢުމަތެއްކަން އަޒާންއަށް އިހުސާސުވީއެވެ. ކޮންމެފަދަ ހާލެއްގައިވެސް އޭނާއާ އެކުގައި ހުންނާނެ ގާތް މީހަކަށް ޒިވްރާ ވާނެކަން މިހާރު އަޒާން އަށް ޔަގީންވެއެވެ. ހިތަށް ވެރިވި އެތައް ހާސް ޖަޒުބާތުތަކާއެކު އޭނާއަށް ހިނިތުންވެލެވުނެވެ. ޝުކުރުގެ ނަޒަރަކުން ޒިވްރާއަށް ބަލަން އިންއިރު، އަޒާންގެ ހިތުގައި ނޭނގޭ ވިންދެއް ޖަހަމުންދިޔަކަމެއް ޚުދު އޭނާއަށް ވެސް އިހުސާސުނުވެއެވެ. އެހެނަސް ޒިވްރާ އަށްޓަކައި ޚާއްސަ މަޤާމެއް އެ ހިތުގައި އުފެދިއްޖެކަން ޔަގީނެވެ. އެހެން އެއްވެސް މީހަކަށް ނުދެވޭފަދަ ޚާއްސަ ޤަދަރެއް އެހިތުން ޒިވްރާއަށް ދެވިއްޖެއެވެ.
ލަސްލަހުން މަގުމައްޗަށް އަޒާން ބަލައިލިއެވެ. ލަގޮނޑިއަށް ވާންވެލުމާއެކު އަޒާން އަށް ހިންދިރުވައިލެވުނެވެ. "މިކްދާދް ވަރަށް ނަސީބުގަދަ. ޒިވީ ކަހަލަ ކުއްޖަކު ލިބޭނީ ވަރަށް ނަސީބުގަދަ މީހަކަށް." ވިސްނުމަކަށް ގެއްލިފައި އިންފަދަ ގޮތަކަށް އަޒާން ބުނެލީ މަޑުމަޑުންނެވެ. އެހެނަސް އެ ޖުމުލަތައް ސާފުކޮށް ޒިވްރާއަށް އަޑުއިވުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލުމަށްފަހު ވެސް ޓްރެފިކް ލައިޓަށް ބަލައިލަމުން އޭނާ ކުރިއަށް ކާރުދުއްވާލިއެވެ.
"ޒިވް.. ކޮންއިރަކުން ރަން ކިޔުމުގެ ކަންތައް އޮތީ؟ އަހަންނަށް ދަޢުވަތު ނުދޭނަންތަ؟" ޒިވްރާ ބަހެއް ނުބުނީތީ އަޒާން ސުވާލުކޮށްލިއެވެ. "ނޫނޭ، އަދި ހުރިހާ އިންވިޓޭޝަންތައް ފޮނުވާ ނުނިމޭ. ދެދުވަސް ފަހުން ހަފުލާ އޮތީ. ޒާންއާ ލިޔާރާއްތަ ވާނެ ކޮންމެހެންވެސް އަންނަން" ކުޑަކޮށް ހިނިތުންވެލަމުން ޒިވްރާ ބުނެލިއެވެ. ޒިވްރާގެ ވާހަކަތަކުން ނޭނގޭ ރިހުމެއް އަޒާންގެ ހިތުގައި އުފެދުނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ޒިވްރާގެ ކައިވެނީގެ ވާހަކަ އޭނާ އެހީ އަލަކަށްވެސް ނޫނެނެވެ. އެނބުރި ލަންޑަނަށް އައުމަށްފަހު ޒިވްރާގެ ކައިވެނި ކުރެވޭނެކަމީ މާކުރިންވެސް އަޒާންއަށް އެނގިފައިވާ ކަމެކެވެ. އެހެނަސް ޒިވްރާ އެ ކައިވެނި ނުކުރާނެނަމައޭ އޭނާގެ ހިތަށް އަރާންވީ ސަބަބެއް އަޒާންއަކަށް ނޭނގުނެވެ. ހިތާއި ސިކުނޑިއަށް ވެރިވަމުންދިޔަ އައު ޚިޔާލުތަކުން އޭނާއަށް އުނދަގޫވާންފެށިއެވެ. ދަތްޕިލަޖައްސާ ބާރުކޮށްލަމުން އަޒާން ދުރަށް ނަޒަރު ހުއްޓާލިއެވެ. އިތުރަށް އެއްޗެއް ބުނާނެ ހިތްވަރު އޭނާގެ ނެތީކަހަލައެވެ. ނޫނީ ވިސްނާނުލާ ބުނެދިވާނެ އެއްޗަކާމެދުގައި އަޒާން ޖެހިލުންވީއެވެ. މިކްދާދްއަކީ ރަނގަޅު ޒުވާނެއްކަން ޒިވްރާގެ ވާހަކަތަކުން އަޒާން އަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، މިކްދާދްއާ ޒިވްރާ ކައިވެނިކުރާ ޚިޔާލުން އޭނާގެ ހިތް އިންތިހާއަށް ނުތަނަވަސްވާންވީ ކީއްވެހެއްޔެވެ؟ އެޚިޔާލުތަކުން ހިތަށް އުނދަގޫވާންވީ ކީއްވެހެއްޔެވެ؟ އެހެންމީހެއްގެ ހައްޤަކަށް ޒިވްރާ ވުމަށް އެހިތް ނުރުހެންވީ ކީއްވެހެއްޔެވެ؟
(ނުނިމޭ)
Ads by MACL
