ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ބޮޑެތި މަޝްރޫއުތަކާއިއެކު އެމްޓީސީސީއަށް ސާފު ފައިދާ ގޮތުގައި 63 މިލިއަން ރުފިޔާ!

ބޮޑެތި މަޝްރޫއުތަކާއިއެކު އެމްޓީސީސީއަށް ސާފު ފައިދާ ގޮތުގައި 63 މިލިއަން ރުފިޔާ!

ނިމިދިޔަ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބޮޑު މާލީ ކުރިއެރުމެއް ހޯދައި، ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ (62.82 މިލިއަން ރުފިޔާ) ހޯދައިފިއެވެ. އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 13 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފަހު ކުއާޓަރުގެ މި ނަތީޖާއަކީ ކުރީ ކުއާޓަރާ އަޅާބަލާއިރު 370 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި އެ ކުއާޓަރުގައި 69 މިލިއަން ރުފިޔާ އަރާފައިވެއެވެ.

ހަތަރުވަނަ ކުއާޓަރުގެ އާމްދަނީއަށް ބަލާއިރު، ޖުމްލަ 724.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 45 އިންސައްތައިގެ އިތުރުވުމެކެވެ. މި ކާމިޔާބީއާއެކު 2025 ވަނަ އަހަރު މުޅި އަހަރު ދުވަހު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މުޅި އަހަރުގެ ސާފު ފައިދާ ވަނީ 84.83 މިލިއަން ރުފިޔާއަށް އަރާފައެވެ.

ކުންފުންޏަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުގެ (ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ) ދާއިރާއިންނެވެ. މި ދާއިރާއިން އެކަނިވެސް 589.46 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. އިންޖީނާއި މެރިން ސާމާނު ވިއްކުން ފަދަ ވިޔަފާރި (ޓްރޭޑިންގ) ދާއިރާއިން 92.08 މިލިއަން ރުފިޔާ ލިބިފައިވާއިރު، އާރްޓީއެލް ފެރީ އާއި ބަހުގެ ޚިދުމަތް ހިމެނޭ ދަތުރުފަތުރުގެ ދާއިރާއިން ވަނީ 38.23 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ.

މާލީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް އެމްޓީސީސީން ހޯދިއިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 479 މަޝްރޫއެއްގެ އަމަލީ މަސައްކަތް ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެކި ސަބަބުތަކާހުރެ މެދުކެނޑިފައި ހުރި 63 މަޝްރޫއެއްގެ މަސައްކަތް އަލުން ފެށުން ހިމެނޭއިރު، 301.69 މިލިއަން ރުފިޔާގެ އަގުހުރި 7 މަޝްރޫއެއްގެ މަސައްކަތް އެ މުއްދަތުގައި މުޅިން ނިންމާލާފައިވެއެވެ. އަދި މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށްޓަކައި 1.51 ބިލިއަން ރުފިޔާގެ އަގުހުރި އާ 111 މަޝްރޫއެއްގައި އެ ކުއާޓަރުގައި ވަނީ އަލަށް ސޮއިކޮށްފައެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތަކުގައި ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަނެވުނީ ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށާއި ހިންގުން ހަރުދަނާކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް ޕްރޮޖެކްޓްތައް ހިންގުމުގައި ދިމާވި ލޮޖިސްޓިކްސް ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދައި، ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރަން ފެށުމަކީ ފަހު ކުއާޓަރުގައި އާމްދަނީ އާއި ފައިދާ އެތައް ގުނައަކަށް އިތުރުވެގެން ދިޔުމުގެ މައިގަނޑު އެއް ސަބަބެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކުރުމަށް ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތަކީ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ބޮޑު ލުޔެއް ގެނެސްދެމުން އަންނަ ޚިދުމަތަކަށްވާއިރު، އެ ދާއިރާގެ ދައުރު ވެސް ކުންފުނީގެ ދެމެހެއްޓެނިވި ހިންގުމުގައި ބޮޑެވެ. އާރްޓީއެލްގެ ޚިދުމަތް އެކި ޒޯންތަކަށް ފުޅާކުރުމާއެކު، އާންމު ދަތުރުފަތުރުގެ ދާއިރާއިން ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓި، ކުންފުނީގެ ވިޔަފާރީގެ އެހެން ދާއިރާތަކަށް އިތުރު ބާރަކަށް މި ޚިދުމަތް ވަނީ ވެގެން ގޮސްފައެވެ.

ކުރިއަށް އޮތް ތަނަށް ބަލާއިރު، އެމްޓީސީސީގެ އަމާޒަކީ އަލަށް ސޮއިކުރެވުނު ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި، ކަސްޓަމަރުންގެ އިތުބާރު އިތުރަށް ހޯދުމެވެ. ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ޤައުމީ ތަރައްޤީގެ މުހިންމު މަސައްކަތްތަކާއެކު، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުނީގެ ގޮތުގައި އެމްޓީސީސީން ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.

އަހަރުގެ ކުރީކޮޅު މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަހަރު ނިންމާލިއިރު އެމްޓީސީސީން މިވަނީ ވަރުގަދަ ކުރިއެރުމެއް ހޯދައި، ކުންފުނީގެ ހިންގުން ހަރުދަނާކޮށްފައެވެ. ސަރުކާރުގެ އެންމެ މުހިންމު އުމްރާނީ ތަރައްގީގެ ބައިވެރިޔާގެ ގޮތުގައި އެމްޓީސީސީން ހޯދި މި ރެކޯޑް ކުރިއެރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް އިތުރު ދިރުމަކާއި ހަލުވިކަމެއް ގެނެސްދޭނެ ކަމެކެވެ.