2027 ގެ ކުރިން އޭއައި ބަބްލް ފަޅައިގެން ހިނގައިދާނެ: އިންވެސްޓަރުންނާއި އިގުތިސާދަށް ބޮޑު ގޮންޖެހުމެއް
އެމެރިކާގެ މާކެޓުގައި އުފެދެމުންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބަބްލް ކުރިއަށް އޮތް 16 މަސްދުވަހުގެ ތެރޭގައި ފަޅައިގެން ގޮސް، 2027 ވަނަ އަހަރު ނިމުމުގެ ކުރިން މާކެޓަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމަށް ފެޑެރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކުގެ ކުރީގެ ރައީސް ބިލް ޑަޑްލީ ވަނީ އިންޒާރު ދެއްވާފައެވެ.
2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު އިގުތިސާދީ ކަންކަން ހަމައަކަށް އެޅުވުމުގައި އިސްކޮށް އުޅުއްވި ޑަޑްލީ ފާހަގަކުރައްވާ ގޮތުގައި، މި ދާއިރާއަށް މިހާރު އަންނަމުންދާ އިންވެސްޓްމަންޓްތަކުގެ ކުރިއެރުން 2026 ގެ ތެރޭގައި އެންމެ އުހަށް ގޮސް، އޭގެ ފަހުން ކަރަންޓާއި ޗިޕްސް އަދި މަސައްކަތްތެރިންގެ ދަތިކަމާ ހުރެ އިންވެސްޓްމަންޓްތައް ވަރަށް ބޮޑަށް ދަށަށް ދާނެއެވެ.
މިގޮތަށް އޭއައި އިންވެސްޓްމަންޓްތައް މަޑުޖެހެން ފެށުމުން، ބޮޑެތި ޓެކް ކުންފުނިތަކަށް ސާމާނު ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ލިބޭ އާމްދަނީ ދަށްވެ، އެ ކުންފުނިތަކުގެ އަގުތައް ވެއްޓިގެންދާނެއެވެ. ސަޕްލައި ކުރާ ކުންފުނިތަކަށް ޑިމާންޑް ދަށްވުމާއި ފައިދާގެ މިންވަރު ކުޑަވުމުގެ ދެބެދޭތެރޭގެ ގެއްލުން ކުރިމަތިވެ، މާކެޓުގައި އެ ކުންފުނިތަކާމެދު އޮތް އުންމީދުތައް ކުޑަވެ ހިއްސާގެ އަގުތައް ހަލުވިކަމާއެކު ވެއްޓުމުގެ ފުރުސަތު ބޮޑެވެ.
Ads by BMLހަމައެއާއެކު، އޭއައި އަށް ހޭދަކުރެވޭ ގާތްގަނޑަކަށް 5 ޓްރިލިއަން ޑޮލަރުގެ ކެޕިޓަލް ބޭސްއަށް އެކަށީގެންވާ ވަރުގެ ބޮޑު އާމްދަނީއެއް ޓެކް ކުންފުނިތަކަށް ހޯދިދާނެތޯ އިންވެސްޓަރުން ސުވާލު އުފައްދަން ފަށާނެއެވެ. ޑޭޓާ ސެންޓަރުތަކާއި އިންފްރާސްޓްރަކްޗާއަށް ނަގާފައިވާ ދަރަނިތަކަކީ އެކަތި އަނެކައްޗާ ގުޅިފައިވާ އަދި ހާމަކަން ކުޑަ ދަރަނިތަކަކަށް ވާތީ، މުޅި ސިނާއަތަށް ކުރިމަތިވާ ގެއްލުމުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެއެވެ.
މީގެ އިތުރުން ގިނަ ކުންފުނިތަކެއް އާންމުކޮށް ހިއްސާ ވިއްކަން ފެށުމާއި (އައިޕީއޯ)، ކުރީގެ ހިއްސާދާރުންގެ ހިއްސާ ވިއްކުމުގެ މުއްދަތު ހަމަވުމުން މާކެޓަށް ގިނަ އަދަދެއްގެ ހިއްސާ ނެރުމަކީ ވެސް ސްޓޮކް އަގުތައް ދަށަށް ވެއްޓިގެންދާނެ ސަބަބެކެވެ. އެމެރިކާގެ އިގުތިސާދީ މާހައުލު ގޯސްވަމުން ދިއުމާއި، ދިގު މުއްދަތުގެ އިންޓްރެސްޓް ރޭޓްތައް މައްޗަށް ދިއުމުގެ ސަބަބުން ކުންފުނިތަކުގެ އަގުތަކަށް އިތުރު ޕްރެޝަރެއް ކުރިމަތިވެގެންދާނެއެވެ.
މި ނުރައްކާތަކަށް ވިސްނައި، ބައިނަލްއަގުވާމީ ބޮޑެތި އިންޑަސްޓްރިއަލް ކުންފުނިތަކުން ދަނީ ހަމައެކަނި ޑޭޓާ ސެންޓަރުތަކަށް ބަރޯސާނުވެ، ވިޔަފާރި އެކި ދާއިރާތަކަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ސީމެންސް ފަދަ ކުންފުނިތަކުން ވެސް މިފަދަ ބަބްލްއެއް ފަޅައިގެން ގޮސްދާނެ ކަމަށް ބަލައި ދުރާލާ ތައްޔާރުވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
އަނެއްކޮޅުން، ސިލިކަން ވެލީގެ އެންމެ ބޮޑު ނުވަ ކުންފުންޏަކުން އޭއައި އަށް ހޭދަކުރުމަށް 3 ޓްރިލިއަން ޑޮލަރުގެ ޒިންމާތައް އުފުލަން އެއްބަސްވެފައިވާއިރު، މިއީ އެ ކުންފުނިތަކުގެ ބެލެންސް ޝީޓްތަކުގައި ރަސްމީކޮށް ނުހިމަނާ ހުރި ބޮޑެތި ޒިންމާތަކެކެވެ. މިއީ ކުރިމަތިވެދާނެ ބޮޑު މާލީ ބުރައެއްގެ ގޮތުގައި މާލީ މާހިރުން ސިފަކުރެއެވެ.
އަދި ބައިނަލްއަގުވާމީ ވާދަވެރިކަން، ހާއްސަކޮށް ޗައިނާއިން ކުޑަ އަގުގައި އޭއައި ޓެކްނޮލޮޖީ އާއި ޗިޕްސް އުފައްދަމުން ދިއުމަކީ އެމެރިކާގެ ޓެކް ކުންފުނިތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
އެމެރިކާގެ އެތެރޭގެ މާކެޓު ހިމާޔަތް ކުރެވުނު ނަމަވެސް، ދުނިޔޭގެ މާކެޓުގައި އެމެރިކާގެ އަގުބޮޑު އޭއައި ޓެކްނޮލޮޖީގެ ވާދަވެރިކަން ކުޑަވެ، ލަފާކުރި ވަރުގެ ބޮޑު އާމްދަނީއެއް ނުލިބިއްޖެނަމަ ބޮޑެތި އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
Ads by MACL
