ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާސިރު އައްޔަންކޮށްފި
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފިއެވެ.
ޔާސިރު އެ މަގާމަށް އައްޔަންކުރީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ޔާސިރަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް ދާއިރާއިން ފަންސަވީސް އަހަރަށް ވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކާއި ލަގްޒަރީ ހޮސްޕިޓަލިޓީ ބޯޑު ފެންވަރުގެ ތަޖުރިބާގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ.
Ads by BMLއެގޮތުން 2014 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ ސުޕަސަޕްލައި އެންޑް ވޯޓަމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވަމުންނެވެ. މީގެ އިތުރުން އޭނާއަކީ އޮންޓްރަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުވެސް އަދާކުރައްވާ ބޭފުޅެކެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް ޅ. އަތޮޅުގައި ހިންގާ ވަންއެންޑްއޮންލީ ކަނުހުރާ ރިސޯޓުގެ ޑިރެކްޓަރެއްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ޔާސިރު ފަތުރުވެރިކަމުގެ ދާއިރާއިން ހިދުމަތް ކުރައްވަން ފެއްޓެވީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، ފްރަންޓް އޮފީސް މެނޭޖަރު، ޓްރޭނިން ކޯޑިނޭޓަރު އަދި ގެސްޓް ރިލޭޝަންސް އޮފިސަރުގެ މަގާމު ހިމެނޭ ގޮތަށް ރިސޯޓް ހިންގުމާ ގުޅޭ ގިނަ މަގާމުތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.
ތައުލީމީ ގޮތުން ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަ އޮފް އާޓްސް އަދި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަ އޮފް އާޓްސް ހާސިލުކުރައްވާފައެވެ.
ޔާސިރަކީ މި ސަރުކާރުގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ.
Ads by MACL
