ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (27 ވަނަ ބައި)
އަޒާންގެ ސެޝަން ނިމުމުން އޭނާ ގޮވައިގެން އެނބުރި ގެއަށް ވެސް ދިޔައީ ޒިވްރާއެވެ. ޒިވްރާގެ ބަހަށް ސެޝަން އަށް އާދެވުނަތީ އަޒާން ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ފުރަތަމަ ފަހަރަށް ހިތަށް ލިބިފައިވާ ނުތަނަވަސްކަމުން ކުޑަ ނަމަވެސް މިންވަރެއް ލުއިވެއްޖެކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ. ދެން އޮތް ސެޝަންއަށް އޭނާއަށް އުއްމީދުކުރެވެން ފަށައިފިއެވެ. އަޒާންގެ މޫނުމަތީގައިވި ހަމަޖެހުމުގެ އަސަރުތަކުން ޒިވްރާއަށް ވެސް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. އެއީ ހެޔޮ ފާލެއްކަމުގައި އޭނާ ދެކުނެވެ. ގެއަށް އައި މަގުމަތީގައި ދެމީހުންގެ ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އެހެނަސް އެ ހިމޭންކަމުން ދެމީހުންކުރެ އެކަކަށްވެސް އުނދަގޫކަމެއް އިހުސާސެއްނުވިއެވެ.
*****
Ads by BML
ކޮޓަރިތެރޭގައި އަވަސް އަރުވާލައިފައި އުޅުނު ކުދިންތަކަށް ބަލަން ޒައިހާ އިނީ ތުންފިއްތާލައިގެންނެވެ. މިރޭމީ ޒިވްރާގެ ރަންކިޔުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި އޮތް ރޭ ނަމަވެސް އެ ހަފުލާގައި ބައިވެރިވާން އޭނާގެ ހިތް ދެކޮޅުހަދަމުންދިޔައީ ކެތްނުވާވަރަށެވެ. އެހެނަސް ޝާހީނާ އާއި ޒިވްރާގެ ކުރިމަތީގައި އެ އަސަރުތައް ފައުޅުކުރާކަށް އޭނާ އަކަށް ނުކެރުނެވެ. ޒިވްރާގެ އެދުމަށް އެރެއަށް ޒައިހާ ލާންވެސް ޖެހުނީ ނުހަނު ރީތިކޮށް ފަރުމާކޮށްފައިވާ ހެދުމެވެ. ޒިވްރާ އާއި ޝާހީނާ ވަނީ އޭނާ މޭކަޕްކޮށް ރެޑީކުރުމަށް ވެސް ސެލޫން އަކުން ކުދިންތަކެއް ގެނެސްފައެވެ. ޒައިހާއަށް ހައިރާންކަން ލިބުނު ކަމަކަށް އެކަން ވިއެވެ. ރަން ކިޔަން އުޅެނީ ޒިވްރާއެވެ. ނަމަވެސް އޭނާގެ ހެދުމަށްވުރެ ޒައިހާގެ ހެދުން ވެސް އެތައް ގޮތަކުން ފުރިހަމަހެން އޭނާއަށް ހީވެއެވެ. އެކަމަކު އެއިން ކަމެއް ޝާހީނާ އާއި ޒިވްރާއަށް ފާހަގަނުވާކަހަލައެވެ. ހިތްހަމަނުޖެހުނަސް ދުލުން އުފް ވެސް ބުނާކަށް ޒައިހާއަކަށް ނުކެރުނެވެ. ޝާހީނާ ވެސް އުޅެމުންދިޔަ ގޮތުން ޒައިހާ އިނީ ބޮލަށް އުނދަގޫވެފައެވެ. ހީވަނީ ދޮންތަގެ ބަދަލުގައި މިރޭ ރަންކިޔަން މިއުޅެނީ އޭނާ ހެންނެވެ. މިއީ ދުވަހަކުވެސް ޝާހީނާގެ ފަރާތުން އޭނާ ދުށް ސިފަތަކެއް ނޫނެވެ. އެންމެ ފުރިހަމައަށް ޒައިހާ ތައްޔާރުކޮށްދިނުމަށް އޭނާ ގާތުގައި އުޅުނު ކުދިންނަށް އިރުޝާދުދެމުން ޝާހީނާ ދިޔައެވެ. އަދި ދޭތެރެ ދޭދެރެއިން ލޯބިން ފުރިގެންވީފަދަ ގޮތަކަށް އޭނާގެ ބޮލާއި ބުރަކަށީގައި ޝާހީނާ ފިރުމާލައެވެ. އޭނާގެ އަމަލުތަކުން ސުވާލުއުފެދުނެއްކަމަކު ޒައިހާ ޚިޔާރުކުރީ ހިމޭންކަމެވެ.
ތައްޔާރުވެ ނިމުނުއިރު، ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޒައިހާއަށް އިނދެވުނީ އަމިއްލަ ފުރިހަމަކަން ގަބޫލުކުރަން ދަތިވެފައެވެ. ކޮށްފައިވާ ލުއި މޭކަޕާއި އިސްތަށިގަނޑު ސްޓައިލްކޮށްލައިފައިވާ ގޮތް އޭނާއާ ކިތަންމެހައި ވެސް ގުޅެއެވެ. އެހެނަސް އެހިތުގެ ލޯބިވެރިޔާ އެހެން މީހެއްގެ ހައްޤަކަށްވާތަން ދެކެން އޭނާ ދާންވީ މިފަދަ ފުރިހަމަކަމަކާއެކު ހެއްޔެވެ؟ ހިތަށް ވެރިވާންފެށި ޚިޔާލުތަކުން ނުތަނަވަސްވެފައި ޒައިހާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. މިއީ އޭނާގެ ދޮންތަގެ ދިރިއުޅުމުގައި އަންނަ އެންމެ އުފާވެރި އެއް ހިނދުކޮޅެވެ. އޭނާގެ އަމިއްލަ އެދުމުގެ ސަބަބުން ޒިވްރާއަށް ލިބެން އުޅޭ އުފާވެރިކަން ގެއްލިގެންދާކަށް އޭނާ ނޭދެއެވެ. ޒައިހާ ކެތްތެރިވާނެއެވެ. ހިތްވަރުކުރާނެއެވެ. މިއީ ޚުދު އޭނާ އަމިއްލައަށް ބޭނުންވިގޮތެވެ. ވީއިރު، އެކަމާ ކުރިމަތިލުމުގެ ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެއެވެ. އަމިއްލަ ނަފުސަށް ވިސްނައިދޭ މީހަކުފަދައިން ޒައިހާ މަޑުމަޑުން ބޯޖަހައިލިއެވެ. އަދި ޝާހީނާގެ އިޝާރާތާއެކު އިންތަނުން ތެދުވަމުން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. އެހެންމީހުންގެ ކުރިމަތީގައި އަމިއްލަ އިހުސާސުތައް ފޮރުވާލުމުގައި ޒައިހާ ކުރިހޯދިއެވެ.
ޚިޔާލަކަށް ގެއްލިފައި އިން ޒިވްރާ ސިހުނީ ކޮޓަރީގެ ދޮރުހުޅުވާލަމުން ޒައިހާ އާއި ޝާހީނާ އެތެރަށް ވަނީމައެވެ. ވަގުތުން އިންތަނުން ތެދުވަމުން ޒައިހާއަށް ފަރުވާތެރިނަޒަރަކުން ޒިވްރާ ބަލާލިއެވެ. އަދި ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. "މާޝާ ﷲ، ޒައި ވަރަށް ވަރަށް ލޯބި މިރޭ" ކުރިއަށް ޖެހިލައި ޒައިހާގެ ދެއަތުގައި ހިފާލަމުން ޒިވްރާ ބުނެލިއެވެ. އެއާއެކު ޒައިހާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. "ދޮންތިއަށްވުރެ އަހަރެން ހީވަނީ މިރެއަށް މާ ތައްޔާރުވެފަ ހުރިހެން. ބަލާބަލަ ލައްވާފަ ހުރި ހެދުންވެސް. މީހުން ކީކޭ ހިތަށް އަރާނީ. ދޮންތިއެއްނު މިރޭ އެންމެ ފުރިހަމަވާން ޖެހޭނީ. މަންމަ އުޅޭގޮތުން ހީވަނީ އަހަރެން ހެން މިރޭ ރަންކިޔަން މިއުޅެނީ. ބަލާބަލަ އެކުދިން ގާތު ބުނެގެން އިސްތަށިގަނޑަށްވެސް ހަދާފަ ހުރި ގޮތް" ތުންކޮޅު އޫކޮށްލަމުން ޒައިހާ ޝަކުވާކޮށްލިއެވެ. ޒިވްރާގެ ކުރިމަތީގައި އެހައި ބޮޑަށް ތައްޔާރުވެގެން ހުންނަންވުމުން އޭނާ ލަދުގަތީއެވެ. ހިތުގައިވި ޝަކުވާތައް އަމިއްލަ އިޚުތިޔާރުން ބޭރުގައި ބަންޑުންކޮށްލެވުނީ އެހެންވެއެވެ. ޒައިހާގެ ވާހަކަތަކުން ޒިވްރާ އާއި ޝާހީނާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. "ސާބަސް ޒައި އަށް. ތީ ދޮންތިގެ ހުރި ހަމައެކަނި ކޮއްކޮ. އެހެންވީމަ މިހާ ޚާއްސަ ރެއެއްގަ ޒައި ވެސް ޖެހޭނީ ނިކަން ރީތިކޮށްނު ހުންނަން. ދޮންތި ބުނެގެންނޭ މަންމަ އެ ހުރިހާ ކަމެއް ކުރީ" ޒައިހާގެ ކޮލުގައި މަޑުމަޑުން ޒިވްރާ ޖަހާލިއެވެ. އެއާއެކު ޒައިހާ އިތުރަށް ތުންކޮޅު އޫކޮށްލީއެވެ. އެހެނަސް ހިތްހަމަނުޖެހިފައި ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. ޒިވްރާއަށް ބަލާލަމުން އޭނާ ވެސް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު ދާމިރް ވެސް ކޮޓަރިއަށް ބޯދިއްކޮށްލަމުން އޭނާގެ ދެ އަންހެން ދަރިންގެ ފުރިހަމަކަމަށް ތަޢުރީފުކޮށްލިއެވެ. އަދި ދާންވީ ވަގުތު ޖެހިއްޖެކަމަށް ބުނެލިއެވެ. ލައިގެންހުރި ދިގު ހެދުން ދެއަތުން ހިއްލާލަމުން ޒައިހާ އެމީހުންގެ ފަހަތުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު ނޭނގޭ ބާރުމިނެއްގައި އޭނާގެ ހިތް ތެޅެމުންދިޔައީ ކެތްނުވާވަރަށެވެ.
ހަފުލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިކްދާދްގެ ގޭގެ ބޮޑު ގޯތިތެރޭގައެވެ. މުޅިތަން ވަނީ ރެޔަށް ޚާއްސަކޮށްފައިވާ އަޅިކުލަ އާއި ޑަސްޓީ ބްލޫކުލައިން ޒީނަތްތެރިކޮށްފައެވެ. ގޯތިތެރޭގެ މެދެއްހައި ހިސާބު ތަންކޮޅެއް ހިޔާކޮށް އިނށީދެވޭނޭހެން ސޯފާސެޓްތައް ބަހައްޓާފައި ހުއްޓެވެ. އަދި އޭގެ ކުރިމަތީގައި މޭޒެއް ބަހައްޓާފައި ހުއްޓެވެ. މުޅިއެތަން ވެސް ވަނީ އަޅިކުލަ އާއި ޑަސްޓީ ބްލޫކުލައިގެ މައުތަކުން ރީތި ޑިޒައިނަކަށް ޒީނަތްތެރިކޮށްފައެވެ.
އެ ބޮޑު ގޭގެ ގޭޓުން ވަދެވުނީއްސުރެ ވަށައިގެން އެކި ދިމަދިމާއަށް ޒައިހާއަށް ބެލެމުންދިޔައެވެ. އެތަނުގެ ފުރިހަމަކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. އެހެނަސް ހައިރާންވީ މުޅި އެތަންވެސް އޭނާއަށް އެންމެ ރީތި ކުލަތަކުން ތައްޔާރުކޮށްފައި ހުރުމުންނެވެ. މިއީ މިކްދާދް ގަސްދުގައި އޭނާގެ ހިތަށް އިތުރު ވޭނެއް ދިނުމަށް ކޮށްފައިވާކަމެކޭ އެވަގުތު ޒައިހާގެ ހިތަށް އެރިއެވެ. ލަގޮނޑިއަށް ވާންވެލުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ނިކަން އަވަހަށް އެ އަސަރުތައް މޫނުމަތިން ފިލުވާލައިފިއެވެ. އަދި ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. ގޭޓާ ކުރިމަތިވާނޭހެން ހުރި ސޯފާގައި އޭނާއަށް ބަލަހައްޓައިގެން މިކްދާދް އިނެވެ. ހަތަރުކަޅި ހަމަވުމާއެކު ޒައިހާގެ ހިތް ތެޅިލިއެވެ. މިކްދާދްގެ ބެލުމުގައިވީ ތޫނުކަމުން އޭނާގެ ހަށީގައި މަޑު ތުރުތުރެއް އުފެދިގެން އައެވެ. އަވަސް އަވަހަށް ގާތުގައި ހުރި ޒިވްރާއަށް ބަލައިލަމުން އޭނާގެ އަތުގައި ހިފާލިއެވެ. އަދި ފުޅާ ހިނިތުންވުމެއް ޒިވްރާއަށް ދެމުން އޭނާގެ އަތުގައި ހިފައިގެން ހުރެ މިކްދާދްއާ ދިމާއަށް މިސްރާބުޖެހިއެވެ. ހިނިއައިސްފައި އެ ދެ އަންހެންކުދިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން މިކްދާދްގެ ބެލުމުގައި ލާނެތްކަމެއް ހުރިހެން ޒައިހާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް އެކަން ފާހަގަވާކަމަށް ނުހަދައި އޭނާ ކުރިއަށް ހިނގައިފައި އައެވެ. އޭރު އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ޝާހީނާ އާއި ދާމިރްގެ އިތުރުން އަޒާން އާއި ލިޔާރާވެސް ހިނިތުންވެލައިގެންތިބެ އެކި ވާހަކަތައް ދައްކަމުން އައެވެ. އަޒާންގެ ދެލޯ އަމާޒުވެފައިވީ ފަރިހިނގުމެއްގައި އޭނާގެ ކުރިމަތީގައި ހުރެ ކުރިއަށްދިޔަ ޒިވްރާއަށެވެ. މިރޭ ޒިވްރާ ވަކިން ރީތިހެން އޭނާއަށް ހީވިއެވެ. ލައިގެންހުރި ޑަސްޓީ ބްލޫކުލައިގެ ހެދުން އޭނާއާ ނުހަނު ގުޅެއެވެ. ރީތިގޮތަކަށް ޝޯލްއަޅައިފައިވާއިރު، ކޮށްފައިހުރި މޭކަޕުން އެ މޫނުގެ އޮމާންކަން އެތައްތަނެއް އިތުރުވެފައިވާފަދައެވެ. އަޒާންއަށް ހިންދިރުވައިލެވުނެވެ. އަދި ލަސްލަހުން އެމީހުނަށް ބަލަހައްޓައިގެން އިން މިކްދާދްއަށް ބަލައިލެވުނެވެ. ހިތަށް އެހައި އުނދަގޫވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެނަސް ޒިވްރާއަށްޓަކައި އޭނާ ހުރީ އުފަލުންނެވެ.
މިކްދާދް އާއި އޭނާގެ އާއިލާ ފުޅާހިނިތުންވުމަކާއެކު އެމީހުނަށް ބަލަހައްޓައިގެންތިބީ މަރުޙަބާކިޔާ ފަދައިންނެވެ. އެމީހުނާ ދާދި ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ޒިވްރާ ހިނގުން މަޑުޖައްސާލިއެވެ. އަދި ޒައިހާއަށް ބަލައިލަމުން ފަހަތަށް އެނބުރި ޝާހީނާ އާއި ދާމިރްއަށް ބަލައިލިއެވެ. އެ ބަލައިލުމުގައި ތަފާތުކަމެއް ހުރިހެން ޒައިހާއަށް ހީވިއެވެ. މައިންބަފައިންނަށް ބޯޖަހައިލަމުން ޒިވްރާ އަނެއްކާވެސް ސުވާލުއުފެދިފައި އޭނާއަށް ބަހައްޓައިގެން ހުރި ޒައިހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ހިނިތުންވެލަމުން އޭނާގެ އަތުން ދޫކޮށްލިއެވެ. އެއަށްފަހު ޒައިހާގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލަމުން މިކްދާދް އަށް ބަލައިލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި ހުރި ޒައިހާއަށް ޒިވްރާގެ އެ އަމަލުން ލިބުނީ ހާސްކަމެވެ. ޖެހިލުންވެފައި އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައީ މިވަނީ ކިހިނެއްކަން އޮޅުންފިލާތޯއެވެ. ނުދާންވެގެން ދެފަހަރަކު އޭނާ ގަދަވެސް ހަދާލިއެވެ. އެހެނަސް ޒިވްރާ ހިފަހައްޓައިގެން ހުރި ގޮތުން އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޒިވްރާގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ މިވާނުވާ ބުނެދޭށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ޒިވްރާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އޭނާއަށް އަމާޒުވާގޮތެއް ނުވިއެވެ. ފަހަތުގައި އަޒާން ވެސް ސުވާލުއުފެދިފައި އޭނާއަށް ބަލަހައްޓައިގެން އިނީއެވެ.
ގަދަކަމުންކަހަލަ ގޮތަކަށް ޒައިހާ ގެނެސް މިކްދާދްއާ ޖެހިގެންކަހަލަ ގޮތަކަށް ޒިވްރާ ބޭނދިއެވެ. އެއާއެކު އޭނާއަށް ދެލޯބޮޑުކޮށްލެވުނީ މި ވަނީކިހިނެއްކަން ކޮންމެވެސް ވަރަކަށް ރެއަކާލުމުންނެވެ. ހާސްވެފައި އޭނާއަށް ޒިވްރާގެ އަތަށް ބާރުކޮށްލަމުން ދެފަރާތަށް ބޯހޫރައިލެވުނެވެ. އޭރު ކަންބޮޑުވެގެންގޮސް އޭނާގެ ރީތި ދެލޮލުގައި ކަރުނަތައް ބަބުޅަމުންދިޔައެވެ.
"ކާމް ޑައުން ޒައި.." ނުހަނު ލޯބިން ޒައިހާގެ އަތަށް ފިތައިލަމުން ޒިވްރާ ބުނެލިއެވެ. އެހެނަސް ޒައިހާއަށް ހަމަޖެހުން ފަސޭހަކަމަކަށް ނުވިއެވެ. ކުށްވެރިއަކު ފަދައިން ފަހަރަކު މީހެއްގެ މޫނަށް ބެލެމުންދިޔައިރު އަޒާން އާއި ލިޔާރާ ފިޔަވަފައި ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހަމަޖެހުމާއި އުފާވެރިކަމުގެ އަސަރުތަކެވެ.
"ދޮންތި.. މި.. މީ ކޮން.. ކޮން.. ކަމެއް؟" ހާސްވެފައި އިންވަރުން ވާހަކަދައްކަންވެސް ޒައިހާއަށް އުނދަގޫވީއެވެ. "ސަޕްރައިޒް.. ލައްކަ ދުވަހު ދޮންތިއަށް ސިއްރުކޮށްގެން އުޅެފީމެއްނު. ދޮންތި ޒައިގެ ލޯތްބަށް އެޅޭ ހުރަކަށް ވާނޭ ހީކުރީތަ. ދޮންތިއަށް ހުރިހާ ކަމެއްވެސް އެނގޭ. އެކަމަކު މިވަގުތު ނާހާތި ކިހިނެއްތޯ. ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަން. މީ ތި ދެލޯބިވެރިންނަށް އަންނަ ވަރަށް ޚާއްސަ ވަރަށް އުފާވެރި ވަގުތުކޮޅެއް. އެހެންވީމަ ތި ކަރުނަތައް ހިންދާލާފަ ހިނިތުންވެބަލަ. ޒައި އުފަލުގަ ހުންނަތަން ދެކެން ދޮންތި ބޭނުމީ." ޒައިހާގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ޓިޝޫކޮޅަކުން ފުހެލައިދެމުން އޯގާތެރި ރާގަކަށް ޒިވްރާ ބުނެލިއެވެ. "އެކަމަކު.. އެކަމަކު.." ޒައިހާ އަށް ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ މައިންބަފައިންނަށް ޒައިހާއަށް އަވަސް ނަޒަރެއް ދެވުނެވެ. ޒައިހާ ބުނަން އުޅުނު އެއްޗެއް ޒިވްރާއަށް ވިސްނުނީފަދައެވެ. "ޑޯންޓް ވޮރީ. މިއީ ދެ އާއިލާގެ ވެސް ރުހުމާއެކު ކުރެވޭ ކަމެއް. ދޮންތި ހުރިހާ އެންމެނާ ވާހަކަދެއްކީ. އެންމެނަށް ވެސް ތި ޖޯޑު ނުހަނު ކަމުދޭ. ދެންވެސް ހަމަޖެހިލާފަ ހިނިތުންވެލާބަލަ. ހުރިހާ އެންމެން އެ ތިބެނީ އެވަގުތެއްގެ އިންތިޒާރުގަ. ބަލާބަލަ، މިކްދާދް އެ އިންނަނީ ޒައި ފެނުނީއްސުރެ އެހެން ދިމާލެއް ބަލާލަން ހަނދާންނެތިފަ. އެހަށް އޭނައެއްނު ހަމަބިމަށް ތިރިކުރަންވީ" ހިނގަނޑެއް ޖަހާލަމުން ޒިވްރާ ދިމާކޮށްލިއެވެ. އެއާއެކު މިކްދާދްއަށް ދެލޯބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރައިލެވުނެވެ. ޒިވްރާގެ ސަމާސާއިން ޒައިހާ ވެސް ހެއްވާލިއެވެ. ނޯށްދަމައިލަނުން ޒައިހާ އިސްޖަހައިލުމަށްފަހު މަޑުމަޑުން ބޯޖަހައިލީ ޒިވްރާގެ ވާހަކަތަކަށް އެއްބަސްވަމުންނެވެ. އަދި ކަތި ނަޒަރަކުން ސިއްރު ސިއްރުން ގާތުގައި އިން މިކްދާދަށް ބަލާލިއެވެ. އެތަންފެނި އެ ހުރިހައި އިރު ޒައިހާއަށް ބަލަން އިން މިކްދާދް އެއްލޯ މަރައިލަމުން ވަރަށް ލޯބިވާ ވާހަކަ ބުނެލިއެވެ. އެއަޑު އިވިފައި މާޙައުލުގައި އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. ހުރިހާ އެންމެންގެ ހަރަކާތްތަކަށް ވަކިވަކިން ބަލަހައްޓައިގެން އިން އަޒާންގެ ނަޒަރު އެންމެފަހުން ޒިވްރާއަށް ހުއްޓުނެވެ. އެ އަންހެންކުއްޖާގެ އޯގާތެރިކަމާއި ހިތްހެޔޮކަމާމެދުގައި އޭނާއަށް ވިސްނާލެވުނެވެ. އެ ހެޔޮކަމަށް އަޒާންގެ ހިތް ތަޢުރީފުން ފުރުނެވެ. ޒިވްރާފަދަ ކުއްޖަކު އޭނާގެ ޙަޔާތުގައި ހުރީތީ އެކަމަށް ޝުކުރުވެރި ވެވުނެވެ. އެ ދެލޮލުން ކުލުންވެރިކަން ފައުޅުވާން ހުއްޓެވެ. ޒިވްރާއާ މެދުގައި އޭނާ ފަޚުރުވެރިވާ ކަހަލައެވެ.
ރަންކިއުމުގެ ކަންކަން ނިމި ކެއުމަށް އިންސާފުކުރެވެން ފެށުމާއެކު ގޯތިތެރޭގެ އެކި ހިސާބުގައި ޖަހަފައިފައި ހުރި ވަށް މޭޒުތައް ފުރެމުންދިޔައެވެ. ދަޢުވަތު ދެވިފައިވީ ހަމައެކަނި އާއިލާއަށް ނަމަވެސް އެތަނުގައި މީހުން ފުދޭވަރަށް ގިނައެވެ. އެތަނުން ތަންކޮޅެއް އެކަހެރިކޮށް ހުރި މޭޒެއްގެ ދޮށުގައި ޒިވްރާ އައިސް އިނށީނެވެ. އެފަދަ ވަގުތަކަށް ބަލަބަލާ ހުރި އަޒާން މަޑުމަޑުން ގޮނޑިދުއްވާލަމުން އައިސް ޒިވްރާ އިން މޭޒުދޮށުގައި މަޑުކޮށްލިއެވެ. "އަހަންނަށް ވެސް އަންގާނުލާ ކުރި ކަންތައް ބަލާބަލަ ހެހެ. ހިތުން ޒިވީގެ އެންގޭޖްމަންޓްގަ ބައިވެރިވާން މިއައީ ވެސް" އަޒާންގެ ވާހަކަތައް އިވިފައި ޒިވްރާ ހީނލިއެވެ. އެހެނަސް ވަކި އެއްޗެއް ބުނާކަށް އޭނާ ނުހެދިއެވެ. އެވަގުތު އެމީހުނާ ކުރިމަތިވާހެން ހަދާފައިވާ ކުޑަ ސްޓޭޖް މައްޗަށް މައިކެއް ހިފައިގެން ޒުވާނަކު އެރިއެވެ. މިއުޒިކް ނެތެއްކަމަކު ރީތި ލަވައެއް އަޑުއިއްވާލަން ކަމަށް އޭނާ ބުނެލިއެވެ. އަދި ޒައިހާ އާއި މިކްދާދް އަށް ބަލައިލަމުން އެދެމީހުނަށް މަރުޙަބާ ކިޔެވެ. އެއީވެސް އާއިލާގެ ކުއްޖެއްކަން އެނގުނީ އެންމެންގެ އަތްތިލަބަޑިއާއި ފޯރީގެ އަޑުންނެވެ. އެތަނުގައި ހުރި ގޮނޑީގައި އެ ޒުވާނާ އިނށީދެލަމުން ހަމަޖެހިލިއެވެ. އަދި ދެ ލޯމަރައިލަމުން ލަވައެއްގެ ބައިތުތައް ކިޔަން ފެށިއެވެ. އިވެންފެށި ހިތްގައިމު އަޑާއެކު އަޒާންއަށް ޒިވްރާއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެ ތޫނު ނަޒަރު އިހުސާސުވެ ޒިވްރާއަށް ވެސް އަޒާންއާ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ކައިރީގައި އޮތް އަޒާންގެ އަތްތިލައިގެ ބީހުން ޒިވްރާއަށް އިހުސާސުކުރެވިގެން ދިޔައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު ވަށައިގެންވީ މާޙައުލު ހިމޭންވެލިހެން ޒިވްރާއަށް ހީވިއެވެ. އިވެމުންދިޔަ ލަވައިގެ ބައިތުތައް ފިޔަވައި އިތުރު އަޑެއް އެ މާޙައުލުން ނީވޭ ފަދައެވެ.
"ލޯބި ވެވިއްޖޭ.. ބުނެލި ތި ލަފުޒުން..
ލޯބިން މިހިތް ހިބަކޮށްފާ މަދޭނަން..
ތިޔަ ރީތި ހިނގުމާ.. ފަރިފަރި ބެލުމުން..
އާޝޯޚުވެއްޖޭ މުޅި ހިތް އެކީ..
ވީ ލޯބި މަގޭ.. ފެނިލާފަ ނުދޭ..
އަތުގާ ހިފުމުން ފިނިވެއްޖޭ ހިތަށް..
އަދު ތީ ލޯބި ރާނީ އިނގޭ..
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ..
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ..
ސިއްރުން ބުނީމޭ އެކުގާ އުޅޭނަން ހުވާ..
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ..
ވާލޯބިން.. ވާލޯބިން.. ވާލޯބިން..
ވާލޯބިން.. ޖާނުދޭނަން..
ވާލޯބިން.. ވާލޯބިން.. ވާލޯބިން..
ދުރުގާވާން މިހިތް އަދު ނޭދޭނޭ..
ބަދަލެއްނުވާނެ ލޯބިން.. ލާމެހޭށެވީ ލޯބިން..
ދުނިޔޭގަ ތިޔަ ނޫން އަރާމެއް..
މަ ނޭދޭނަން ހުވާ.."
ލަވައިގެ ބައިތުތައް ނިމުނުއިރުވެސް އަޒާން އާއި ޒިވްރާ އެ ތިބިގޮތަށް ތިބީއެވެ. ދެމީހުންކުރެ އެކަކުވެސް ގުޑިލަންވެސް ހަނދާންނުވެފައި ތިބިކަހަލައެވެ. އެވަގުތު އެންމެންގެ އަތްތިލަބަޑީގެ އަޑު މުޅި މާޙައުލަށް ފެތުރިގެންދިޔައެވެ. އެއަޑަށް ސިހިފައި އަޒާން އާއި ޒިވްރާއަށް ނަޒަރު ވަކިކޮށްލެވުނެވެ. ހިތްއަވަސްވެފައިވީ ވަރުން ޒިވްރާއަށް ނޭވާލުންވެސްވީ ދަތި ކަމަކަށެވެ. އަވަސް އަވަހަށް އަޒާންގެ އަތާ އޭނާގެ އަތްތިލަ ދުރުކޮށްލަމުން ޒިވްރާ ދުރަށް ނަޒަރު ހުއްޓާލިއެވެ. ހިންދިރުވާލަމުން އަޒާން ވެސް އެހެން ދިމާއަކަށް ބަލައިލީ މޫނުމަތީގައިވީ އަސަރުތައް ފަރުދާކޮށްލަށް މަސައްކަތްކުރާ ހާލުއެވެ.
(ނުނިމޭ)
Ads by MACL
