ކަޅުބާޒާރުގެ ނެޓްވޯކް: ރާއްޖެ އެތެރެވާ ޑޮލަރު ވަންނަނީ މަދު ބައެއްގެ މުށުތެރެއަށް
ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ޓޫރިޒަމް ދާއިރާއިން މިލިއަނުން ޑޮލަރުގެ އާމްދަނީ ވަންނަމުން ދިޔަ ނަމަވެސް، ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވެ، ކަޅުބާޒާރުގެ ބާރު ގަދަވެފައިވަނީ ވަރަށް ރޭވުންތެރި ނެޓްވޯކެއްގެ ތެރެއިންނެވެ. ބޭރު ފައިސާގެ ތަދުމަޑުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ ރަސްމީ ނިޒާމަށް ނުވަދެ ބޮޑެތި ވިޔަފާރިތަކަކުން ކަޅުބާޒާރަށް ދޫކުރަމުންދާކަމުގެ ހެކިތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ.
ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދިޔަ ހާއްސަ ތަހުގީގުތަކުން ހާމަވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 76.5 މިލިއަން ޑޮލަރު ވަނީ ކަޅުބާޒާރުގައި ދައުރުކޮށްފައެވެ. މި މުއްދަތުގައި ކަޅުބާޒާރަށް ނެރުނު ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް، އެއީ 38 މިލިއަނަށް ވުރެ ގިނަ ޑޮލަރު ގަނެފައިވަނީ މަރުކަޒީ ބޭންކުން ލައިސަންސް ދީފައިވާ އެންމެ މަނީ އެކްސްޗޭންޖަކުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޑޮލަރު ގަތް އެކްސްޗޭންޖުން 18 މިލިއަން ޑޮލަރު ގަނެފައިވާއިރު، މި ދެ ތަނުން އެކަނިވެސް ކަޅުބާޒާރުގެ 74 ޕަސެންޓް ޑޮލަރު ވަނީ މުއާމަލާތްކޮށްފައެވެ.
މި ނެޓްވޯކަށް ބޮޑެތި އަދަދުތަކުން ޑޮލަރު ސަޕްލައިކޮށްދީފައިވަނީ ރާއްޖޭގެ ނުފޫޒުގަދަ ވިޔަފާރިތަކުންނެވެ. އޭގެ ތެރޭގައި ރިސޯޓް ހިންގާ ބޮޑެތި ކުންފުނިތަކާއި، ތެޔޮ އެތެރެކުރާ ފަރާތްތަކާއި، ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުގެ އިތުރުން ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނެއެވެ. ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، ކަޅުބާޒާރަށް ދޫކުރި ޖުމްލަ ޑޮލަރުގެ 21 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ސީދާ ރިސޯޓް ވިޔަފާރިތަކުންނެވެ. އެ ދާއިރާއިން އެކަނިވެސް 16 މިލިއަން ޑޮލަރު މަނީ އެކްސްޗޭންޖުތަކަށް ވިއްކާފައިވާއިރު، ބައެއް ރިސޯޓު ކުންފުނިތަކުން އެކަނިވެސް 3.5 މިލިއަން ޑޮލަރަށް ވުރެ މަތިން މާރުކޮށްފައިވެއެވެ.
Ads by BMLރިސޯޓުތަކުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއާއި ބޭރުގެ އިންޖިނިއަރިން ކުންފުނިތަކަށް ބޭނުންވާ ދިވެހި ފައިސާ ހޯދުމަށްޓަކައި ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ބަދަލުގައި މިލިއަނުން ޑޮލަރު ކަޅުބާޒާރަށް ނެރެފައިވެއެވެ. އަދި ވަކިވަކި ފަރުދުންގެ އެކައުންޓުތަކުންނާއި ނަގުދު ފައިސާގެ ގޮތުގައިވެސް 7.1 މިލިއަން ޑޮލަރު މި މުއްދަތުގައި ކަޅުބާޒާރުގެ ނެޓްވޯކަށް ވަދެފައިވާކަން ވަނީ ހޯދިފައެވެ. މިއިން ދައްކުވައިދެނީ ރާއްޖޭގައި ބޭރު ފައިސާގެ އަގު އުފުލިފައި އޮންނަނީ އެއް އެކްސްޗޭންޖުން އަނެއް އެކްސްޗޭންޖަށް ޑޮލަރު ފޯރުކޮށްދީގެން ހިންގާ ނިޒާމީ މަސައްކަތެއްގެ ސަބަބުން ކަމެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ އޭ ކެޓަގަރީގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހަމަޖެއްސެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުމެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ މައި ޖަމިއްޔާ މަޓީން ބުނަމުންދަނީ އެ ދާއިރާގެ ގިނަ ހަރަދުތަކަކީ ޑޮލަރުން ކުރަންޖެހޭ ކަންކަން ކަމަށްވާތީ 40 ޕަސެންޓް މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، ޓޫރިޒަމް ވިޔަފާރިތަކުން މިހާރުވެސް ގިނަ އަދަދެއްގެ ޑޮލަރު ކަޅުބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކަމުންދާކަން ސާފުވާން އޮތުމުން، ރަސްމީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ދެކޮޅުހަދަނީ ކޮން ސަބަބަކާ ހުރެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކަޅުބާޒާރުގެ މި ބޮޑު ނެޓްވޯކް ހުއްޓުވައި، ގާނޫނު ތަންފީޒުކުރުމަކީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށް މިވަގުތު ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.
Ads by MACL
