ކުޅަދާނަ އިންޖިނިއަރެއްގެ ކާމިޔާބު އެތައް މަޝްރޫއެއް، ހިވާގި ލީޑަރެއް، ދުވަހުގެ ތަހުނިޔާ އިންޖިނިއަރ ރައީސް މުއިއްޒުއަށް!
ގައުމެއްގެ ތަރައްގީއާއި ކުރިއެރުމުގެ ބިންގަލަކީ އެ ގައުމެއް ބިނާކުރުމުގައި އިސްނަގާ ހުނަރުވެރި، އިލްމީ އަދި ތަޖުރިބާކާރު ލީޑަރުންނެވެ.
ދުނިޔޭގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ބޮޑެތި އުމްރާނީ ބަދަލުތަކުގެ ފަހަތުގައި ހުންނެވި އެއް މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ؛
އެއީ އިންޖިނިއަރިންގގެ ދާއިރާއިން އެންމެ މަތީ ފާސް ނަންގަވައިގެން، އަމަލީ މައިދާނުގައި އެކަން ސާބިތުކޮށްދެއްވާފައިވާ ކުޅަދާނަ ސިވިލް އިންޖިނިއަރެކެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސް އިން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވައިގެން ހުންނެވި ޑރ. މުޢިއްޒުގެ ތަޢުލީމީ އަދި ފަންނީ ބިންގަލަކީ ރާއްޖޭގެ ބިމާއި ކަނޑުގެ އޮއިވަރަށް ފެތޭގޮތަށް ޒަމާނީ އޮނިގަނޑުތައް އެކަށައެޅުމުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހަކަތައެވެ.
Ads by BMLފަންނީ ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތްޕުޅު ފައްޓަވައި، އުމްރާނީ ދާއިރާގެ އެކި ޕްރޮޖެކްޓްތައް ހިންގެވުމުގައި ދެއްކެވި ހުނަރުވެރިކަމަކީ ގައުމީ ފެންވަރުގައި އެމަނިކުފާނުގެ ޚިދުމަތް ފާހަގަކުރެވިގެންދިޔަ މައިގަނޑު ސަބަބެވެ.
ދިވެހިރާއްޖޭގެ އުމްރާނީ ތާރީޚު ބަދަލުކޮށްލި "ސިނަމާލެ ބްރިޖް" މަޝްރޫއަކީ އެމަނިކުފާނުގެ އިންޖިނިއަރިންގ ވިސްނުންފުޅާއި ހިންގުންތެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދިން އެއް ބިނާއެވެ. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، ފުން ކަނޑުގެ އޮއިވަރު ގަދަ ސަރަހައްދެއްގައި، އެތައް ފަންނީ ގޮންޖެހުންތަކަކާ އެކު ކުރިއަށްދިޔަ އެ ބިޔަ މަޝްރޫއު ކަނޑައެޅުނު މުއްދަތުގެ ތެރޭގައި ނިންމަވައިދެއްވުމަކީ އެމަނިކުފާނުގެ ސާބިތުކަމާއި އިންޖިނިއަރިންގ ހުނަރު ބައިނަލްއަގުވާމީ ފެންވަރުގައިވެސް ސާބިތުވި ކަމެކެވެ.
މީގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެތައް ސަތޭކަ މަޝްރޫއެއް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކުރެވިފައެވެ. މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް، ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތިމާވެށީގެ މައްސަލަތަކަށް އިންޖިނިއަރިންގގެ އުކުޅުތައް ބޭނުންކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވައިގެންވެސް، އެމަނިކުފާނު ގެންގުޅުއްވަނީ އިންޖިނިއަރެއްގެ ހިކުމަތްތެރި އަދި ދުރުވިސްނޭ އުސޫލުތަކެވެ. ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްގީގެ އައު މަޝްރޫއުތައް ރާއްވަވަމުން ގެންދަވަނީ، ގައުމުގެ މުސްތަގުބަލަށް އަންނާނެ ބަދަލުތައް ދުރާލާ ވަޒަންކުރައްވައިގެންނެވެ.
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަމުންދާ މި މުނާސަބަތުގައި، އަމަލީ ގޮތުން ދައްކަވާފައިވާ ނަތީޖާއިން ގައުމު ސިފަކޮށްދެއްވި ކުޅަދާނަ އިންޖިނިއަރ، އަދި ގައުމު ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް ހީވާގިކަމާއެކު މަސައްކަތްޕުޅު ކުރައްވާ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
Ads by MACL
