ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ކޮލަމް: އަތްމަތީ ސުވާލެއް، ރާއްޖޭގެ ބްރިޖް ’ކިންގް‘ އަކީ ކާކު؟

މަތީގައި ސިނަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ރައީސް މުއިއްޒު، ތިރީ ފޮޓޯގައި ތިލަމާލެ ބްރިޖް މަތީގައި ނަގާފައިވާ ފޮޓޯއެއް-
މަތީގައި ސިނަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ރައީސް މުއިއްޒު، ތިރީ ފޮޓޯގައި ތިލަމާލެ ބްރިޖް މަތީގައި ނަގާފައިވާ ފޮޓޯއެއް-

ދިވެހިރާއްޖޭގެ ސިޔާސީ އަދި ތަރައްޤީގެ ތާރީޚަށް ބަލާއިރު، ވަކިވަކި ލީޑަރުންނަށް އެ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކާ ގުޅުވައިގެން ޚާއްޞަ ނަންތަކުން މުޚާތަބުކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ.

އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބަޔަކު "ފްލެޓް ދޮންބެ" ގެ ލަޤަބު ދިން ފަދައިން، މިއަދު ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މައި ތަނބު ކަމުގައިވާ ބްރިޖުތަކުގެ ވާހަކަ ދެކެވޭއިރު އެންމެ ގިނައިން އިވޭ އެއް ނަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅެވެ. ސުވާލެއް އެބައޮތެވެ.

ރާއްޖޭގެ ބްރިޖް ކިންގް އަކީ ކާކުހެއްޔެވެ؟

މިއީ ދެން އާންމު ލިޔުމެއް ލިޔެލާނަމޭ ހިތާ ފަށައިގަތް ގަތުމެކެވެ. އެއްބަޔަކަށް މި ކަމުނުގޮސްފާނެއެވެ. އެހެނަސް މިކަމަށް ރަނގަޅު ދިރާސާއެއްކޮށް އެއްކޮށްލި މައުލޫމާތުން ސުވާލުގެ ޖަވާބު ހޯދުމަށް މާ ދުރަށް ދާކަށް ނުޖެހުނެވެ.

ޒަމާންތަކެއް ވަންދެން ދިވެހިން ދެކެމުން އައި، ނަމަވެސް ބައެއް މީހުންނަށް "ހުވަފެނެއް" ކަމުގައި ފެނުނު ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ޢުމްރާނީ ތާރީޚު ބަދަލުކޮށްލި އެންމެ ބޮޑު މަޝްރޫޢެވެ. އެ މަޝްރޫޢު ފެށި، ކުރިއަށް ގޮސް، ކާމިޔާބުކަމާއެކު ނިމިގެން ދިޔައިރު، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އެ މަސައްކަތުގެ ޢަމަލީ ހުންގާނު ހިއްޕެވި ބޭފުޅަކީ ޑރ. މުޙައްމަދު މުޢިއްޒެވެ.

ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ތަޢުލީމީ އަދި ފަންނީ ބޭފުޅެއްގެ ޙައިޘިއްޔަތުން، އެ ބްރިޖުގެ ޑިޒައިނުން ފެށިގެން އެންމެ ފަހު ތާރު އެޅުމާ ހަމައަށް އެމަނިކުފާނު އަދާކުރެއްވި ދައުރަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ހަމައެކަނި ސިނަމާލެ ބްރިޖެއް ނޫނެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލާ "ތިލަމާލެ ބްރިޖު" މަޝްރޫޢުގެ ބިންގާ އެޅުމުގެ މަރުޙަލާތަކުގައި ވެސް ޑރ. މުޢިއްޒުގެ ފަންނީ ލަފައާއި ތަޖުރިބާގެ ބޭނުން ވަނީ ހިފިފައެވެ.

އަދި މިއަދު ވެރިކަމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައިގެން، އެ މަޝްރޫޢު ހަލުވި ދުވެއްޔެއްގައި ނިންމެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ދެކުނުގައި އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިލުމަށް އެޅުމަށް ނިންމާފައިވާ ބިޔަ ބްރިޖު މަޝްރޫޢަކީ ވެސް ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅާއި ތަޞައްވުރާ އެކު ކުރިއަށްދާ މަސައްކަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅުވާލައި، ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ބްރިޖުގެ ޒަރީޢާއިން އެމަނިކުފާނު ގެންގުޅުއްވާ ޕްލޭންތަކަކީ ޢުމްރާނީ ތަރައްޤީގެ އައު ޞަފްޙާއެކެވެ.
ސިޔާސީ ގޮތުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް، ރާއްޖޭގައި ބްރިޖު އެޅުމުގެ ޢަމަލީ ތަޖުރިބާއާއި، އިންޖިނިއަރިންގ ވިސްނުމާއި، އެކަން ޙަޤީޤަތަކަށް ހެއްދެވުމުގައި ދެއްކެވި ސާބިތުކަމަށް ބަލާއިރު، މި މަޝްރޫޢުތަކުގެ އެންމެ ބޮޑު ކްރެޑިޓެއް ޙައްޤުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށެވެ.

އެހެންކަމުން، ރާއްޖޭގެ "ބްރިޖް ކިންގް" އަކީ ކާކުތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި، ފަސްޖެހުމެއް ނެތި ގިނަ ބަޔަކު މިއަދު އިއްވަނީ ރައީސް ޑރ. މުޢިއްޒުގެ ނަންފުޅެވެ.

އެއީ ހަމައެކަނި ދެއްކެވި ވާހަކަފުޅަކުން ނޫނެވެ؛ ލޮލަށް ފެންނަން ހުރި ބޮޑެތި ބްރިޖުތަކާއި ކޮށްދެއްވި ޢަމަލީ މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ހަމައެއާއެކު، އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ބްރިޖުގެ ވާހަކަ ދެއްކި ނަމަވެސް، މި ތާރީޚީ ކާމިޔާބީގެ އެއްވެސް ކްރެޑިޓެއް އެ ފަރާތްތަކަށް ޙައްޤުނުވާ ސަބަބުތައް ވަރަށް ސާފެވެ. ސިނަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިގެން އައި ދުވަސްވަރު، އެއީ ނުވާނެ ކަމެއް ކަމަށް ބުނެ އެންމެ ބޮޑަށް ފާޑުކިޔައި، އެ މަޝްރޫޢަށް ޖޯކުޖެހީ އިދިކޮޅު ފަރާތްތަކުންނެވެ.

އަދި ބްރިޖަކީ "ހޮޅި ވާހަކައެއް" ކަމަށާއި، ކަނޑުގެ އަޑީގައި ތަނބުތައް ނުޖެހޭނެ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި މާޔޫސްކަން އުފައްދަން އެންމެ ބޮޑަށް މަސައްކަތްކުރީ ވެސް ހަމަ އެ ފަރާތްތަކުންނެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށި ނަމަވެސް، އެ މަޝްރޫޢު ކުރިއަށް ގެންދެވުނީ އެއްވެސް ދުރުވިސްނުމެއް އަދި ފަންނީ ހަލުވިކަމެއް ނެތިއެވެ. ނަތީޖާއެއްގެ ގޮތުން ދައުރު ނިމިގެން ދިޔައިރު ވެސް ބްރިޖުގެ ބޮޑުބައި އޮތީ ނުނިމި، މަސައްކަތް ވަނީ އެތައް އަހަރަކަށް ފަސްވެފައެވެ.

ސިޔާސީ މަންފާއަށްޓަކައި ހަމައެކަނި ޕްރޮޖެކްޓެއް އިޢުލާނުކޮށްލުމަކީ ބްރިޖު އެޅުން ކަމުގައި ނުބެލެވޭނެއެވެ.
ބްރިޖު އެޅުމުގެ ޙަޤީޤީ ކާމިޔާބީއަކީ އެކަމަށް ބޭނުންވާ ފަންނީ ޤާބިލުކަމާއެކު، ސާބިތުކަމާއެކު އެ މަސައްކަތް ނިންމައި ރައްޔިތުންގެ ބޭނުމަށް ޚިދުމަތް ދިނުމެވެ. ވުމާއެކު، ސިނަމާލެ ބްރިޖު ފަދަ ބިޔަ މަޝްރޫޢެއް ޝައްކާއި ވަހުމުގެ ތެރެއިން ނެރެ، ފުރިހަމަކޮށްދެއްވި ލީޑަރަކީ އަދި ތިލަމާލެ ބްރިޖުވެސް ހަލުވި ދުވެލީގައި ނިންމަވަން މަސައްކަތް ކުރައްވަނީ ރައީސް ޑރ. މުޢިއްޒު ކަމަށްވާއިރު، އިދިކޮޅު ފަރާތްތަކަށް މީގެ އެއްވެސް ޝަރަފެއް ނުވަތަ ކްރެޑިޓެއް ދަޢުވާކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ.