ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (28 ވަނަ ބައި)
ރަންކިޔުމުގެ ހަފުލާ ނިންމާލުމަށްފަހު ގެއަށް އައި އިރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފައުޅުވަމުންދިޔައީ ވަރުބަލިކަމެވެ. ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ކޮންމެ މީހަކުވެސް ބެލީ އަވަހަށް އަމިއްލަ ކޮޓަރިއަށް ދެވޭތޯއެވެ. ޒިވްރާގެ ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން ޒައިހާ ގޮވާލުމުންނެވެ. އެނބުރި ބަލައިލުމުން އޭނާއާ އެކުގައި ކޮޓަރިއަށް އައުމަށް ޒައިހާ އެދުނެވެ. ވަރުބަލިވެފައި ހުއްޓެއްކަމަކު ޒިވްރާގެ ލޮލުގައިވެސް ނިދީގެ އަސަރެއް ނެތެވެ. އަޒާންއާ ދެމެދު ކަންތައްވީގޮތް ހަނދާންވެފައި އޭނާގެ ސިކުނޑީގައި ވަކިހިއްޕާލައިފައިވީ އެ ޚިޔާލުތަކެވެ. އެކަނިވެލަން ބޭނުންވި ނަމަވެސް ޒައިހާ އެދުނަތީ އޭނާއާ އެކުގައި އެ ކޮޓަރިއަށް ޒިވްރާ ދިޔައެވެ. އެނދުގައި އިނށީދެ ހަމަޖެހިލަމުން ޒައިހާ އޭނާއަށް ބަލަން ހުރީތީ ޒިވްރާ ނިތްއަރުވާލިއެވެ.
"ދޮންތީ އައި އެމް ސޮރީ" އިސްޖަހައިލަމުން ޒައިހާ ބުނެލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރުވާލަމުން ޒިވްރާ ހިނިތުންވެލިއެވެ. އަދި އޭނާގެ ގާތުގައި އިނށީދެލަން އައުމަށް ބުންޏެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒައިހާ އައިސް ޒިވްރާއާ ޖެހިގެންކަހަލަ ގޮތަކަށް އިނށީނެވެ. "ވަގުތު ފާއިތުނުވަނީސް ދޮންތިއަށް ހުރިހާ ކަމެއް އެނގުނުކަން ނަސީބެއް. އެހެންނޫންނަމަ އަމިއްލަ ނަފުސަށް މަޢާފުވެސް ނުކުރެވޭވަރު ބޮޑު ގޯހެއް ދޮންތި އަށް އޮންނާނީ ހެދިފަ. ޒައި އެންމެ ފުރަތަމަ ދުވަހުވެސް ބުނިނަމައޭ ހިތަށް އަރާ. އެނގޭތަ، ދޮންތިއަށް ހުރިހާ ވާހަކައެއް ކިޔާދިނީ މިކްދާދް. އޭނަ ޒައި ދެކެ އިންތިހާއަށް ލޯބިވޭ. ވަރަށް އުފާވޭ ޒައިއަށް އެފަދަ ބައިވެރިއަކު ލިބުނީމަ. މަންމައާ ބައްޕައާ ވާހަކަދެއްކީ ދޮންތި. މަންމަ މެންވެސް ތިބީ ގަބޫލުނުކުރެވިފަ. އެކަމަކު ނަސީބަކުން ދެކޮޅެއް ނުހެދި. މިކްދާދްގެ އާއިލާ ވެސް އެހާ އަންޑަރސްޓޭންޑިންގް. އެހެންވެ ވަރަށް ހިތްހަމަޖެހުނު. ސޮރީ ޒައިއަށް ނޭނގި މި ހުރިހާ ކަމެއް ކުރެވުނީމަ. އެކަމަކު ދޮންތި ބޭނުންވީ ޒައިއަށް ސަޕްރައިޒްއެއް ދޭން." ނުހަނު ލޯބިން ޒައިހާގެ އަތުގައި ހިފާލަމުން ޒިވްރާ ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ޒައިހާއަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ޒިވްރާފަދަ ލޯބިވާ ދައްތައަކު ލިބުމުން ޒައިހާއަށް އެކަމާ ތަކުރާރުކޮށް ޙަމްދުކުރެވުނެވެ. ޒިވްރާގެ ގައިގައި ބައްދާލަމުން ޒައިހާ ޝުކުރުއަދާ ކުރިއެވެ. އަދި ޒިވްރާއަށް ވެސް ކޮންމެވެސް ދުވަހަކުން ޒިވްރާގެ ލޯބި ލިބޭނެކަމަށް ޒައިހާ ބުނެލިއެވެ. އެ ވާހަކަތަކަށް ޒިވްރާ ވަކި އެއްޗެއް ނުބުންޏެވެ. އަރާމުކޮށްލުމަށް ޒައިހާ ގާތުގައި ބުނަމުން އޭނާ ކޮޓަރިން ނުކުތީއެވެ.
Ads by BML
*****
އެނދުމަތީގައި އޮށޯވެލައިގެން އޮތް އަޒާންގެ ޚިޔާލުތަކުގައިވީ ޒިވްރާއެވެ. ތަފާތު ނަޒަރަކުން ޒިވްރާއާ މެދުގައި ދެކެވޭހެން އޭނާއަށް ހީވަނީއެވެ. އެހެނަސް އެފަދައިން ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެފަދަ ގުޅުމަކަށް އަދި އޭނާގެ ނަފުސު ތައްޔާރެއް ނޫނެވެ. އިޝްޔާގެ މަތިން ހަނދާންނައްތާލައިފައި ދިރިއުޅުމާއިގެން ކުރިއަށް ދާން ޚުދު އޭނާ ވެސް ބޭނުންވެއެވެ. އެހެނަސް އެއީ ކުރަން އެހައި ފަސޭހަކަމެއް ނޫނޭ ހީވަނީއެވެ. ޒިވްރާގެ ދެލޮލުން އޭނާއަށްޓަކައި ތަފާތު އިހުސާސުތަކެއް ފައުޅުވެލިހެން އޭނާއަށް ހީވެއެވެ. ނަމަވެސް ޔަގީންކުރާކަށް އަޒާންއަކަށް ނުކެރުނެވެ. އެންމެ ރަނގަޅުވާނީ އެއީ ހީވި ހީވުމެއްކަމަށް ބަލައި އެކަން މަތިން ހަނދާންނައްތާލުމެވެ. ނަމަވެސް އެ އަންހެންކުއްޖާގެ ޚިޔާލުތައް ސިކުނޑިން ނެރެލުން ފަސޭހަކަމަކަށް ނުވިއެވެ. އަޒާންއަށް ނިދުނީވެސް އެފަދަ ތަފާތު ޚިޔާލުތަކެއްގައި ފީނަމުންދަނިކޮށެވެ.
*****
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. މަދުމަދުން މީހުނާ ހިނިތުންވެލާ ވާހަކަދައްކައި ހެދި ނަމަވެސް އަޒާންގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. އަމިއްލަ އިހުސާސުތައް އެހެން މީހުން ކުރިމަތީގައި ފޮރުވުމަށް އޭނާ އާދަވެއްޖެއެވެ. ޑިއުޓީ ގަޑީ ނޫނިއްޔާ ޒިވްރާ އޭނާ ގާތަށް އައިސް އެ ގޭގައި ވަގުތު ހޭދަކޮށް ހަދައެވެ. އެފަދަ ވަގުތުތަކު އަޒާން އަށް ވެސް އަމިއްލަ ޚިޔާލުތަކުން ދުރުވެލަން ފަސޭހަވެއެވެ. ޒިވްރާގެ ގާތްކަމުން އަޒާންއަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ޒިވްރާ އަންނާނެ އިރަކަށް އޭނާއަށް އިންތިޒާރު ކުރެވެއެވެ.
ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރު ކައިރީގައި ބޭރަށް ނަޒަރު ހުއްޓާލައިގެން އަޒާން އިނެވެ. އެހެން އިނދެ ފޫހިވާން ފެށުމުން ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އިންސްޓަގްރާމަށް ވަނެވެ. އަދި އޭގެން އަމިއްލަ އެކައުންޓް ހުޅުވައި ބަލާލިއެވެ. އޭގައި ކުރިން ހުރި އޭނާ އާއި އިޝްޔާގެ ފޮޓޯތަކެއް މިހާރު ނެތެވެ. އެ ރެއަށްފަހު އަޒާން އެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލީއެވެ. އެ ހަނދާންތައް އާވުމުން އަޒާންގެ ހިތުގައި ރިއްސާލިއެވެ. އިޝްޔާ މަތިން ހަނދާންވުމުން އަޒާންގެ ލަގޮނޑިއަށް ވާންވެލިއެވެ. އެހައި ދުވަސްވީއިރު އިޝްޔާގެ އެއްވެސް ޚަބަރެއް އޭނާއަކަށް ނުވެއެވެ. ކުޑަމިނުން އޭނާގެ ހާލު ބަލާލަންވެސް އިޝްޔާ މަސައްކަތްކޮށްފައި ނުވީތީ އަޒާންގެ ހިތުގައި އެތައް ހާސް ޝަކުވާއެއް އުފެދުނެވެ. އިޝްޔާ ކޮބައިބާވައޭ ހިތަށް އަރަން ފެށުމުން އަޒާންއަށް ދެފަރާތަކަށް ބޯހޫރައިލެވުނެވެ. ނަމަވެސް އެ ޚިޔާލުތަކުން ދުރެއްނުވެވުނެވެ. އިރުކޮޅަކު އެއްޗެއް ވިސްނާލާފަދައަކުން އިނުމަށްފަހު އޭނާ ލަސްލަހުން ފޯނުގެ ސްކްރީންގައި އަތްހިންގާލިއެވެ. އަދި ދެޚިޔާލެއްގައި ހުރި މީހަކުފަދައިން އިންސްޓަގްރާމްއިން އިޝްޔާގެ ބަޔަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ލޮލު އަޅައިގަތް ފޮޓޯއަކުން އަޒާންއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތްހެނެވެ. ގަބޫލުކުރަން ދަތިވެފައި އެ ފޮޓޯއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ. އެއްވެސް އިޚުތިޔާރަކާނުލައި އޭނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ހިފެހެއްޓުމެއްނެތި އެ ކަރުނަތައް ކޯތާފަތްމަތިން ފައިބަމުންދިޔައިރު، އަޒާން އަށް އޭނާ ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް އިހުސާސުނުވާ ކަހަލައެވެ. ޒިވްރާ އެ ކޮޓަރީތެރަށް ވަދެގެން އައިކަން ވެސް އޭނާ އަށް ނޭނގުނީ އެހެންވެއެވެ. އަޒާންއަށް ގޮވާލުމުން ވެސް އޭނާގެ ޚަބަރެއް ނުވީތީ ޒިވްރާއަށް ލިބުނީ ހައިރާންކަމެވެ. އޭނާއާ ކުރިމަތިވާނޭހެން ހުއްޓިލަމުން އަޒާންއަށް ބަލާލުމާއެކު ޒިވްރާ އަށް ތެޅިގަނެވުނެވެ. ހުއްޓުންއަރައިފައި އިނދެ އަޒާން މަޑުމަޑުން ރޮނީއެވެ. އޭނާއާ ކުރިމަތިވާގޮތަށް ހުރި ސްޕަންޖް ގޮނޑީގައި އިނށީދެލަމުން ޒިވްރާ ދެތިން ފަހަރު އަޒާންއަށް ގޮވާލިއެވެ. އޭނާގެ ސަމާލުކަން ލިބުމާއެކު ވަގުތުން ވީ ގޮތެއް އޮޅުންފިލުވަން ޒިވްރާ އުޅުނެވެ. ބަހެއްވެސް ނުބުނެ ޒިވްރާގެ މޫނަށް ބަލަން އިނދެ އަތުގައި އޮތް ފޯނު އަޒާން ޒިވްރާއަށް ދިއްކޮށްލިއެވެ. ސުވާލުއުފެދިފައި އިނދެ ޒިވްރާ ފޯނުގައި ހިފަމުން އެއަށް ބަލައިލިއެވެ. ފެނުނު މަންޒަރުން އޭނާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އެއީ ހަގީގަތެއްކަން ގަބޫލުރަން ދަތިވެފައި އޭނާ އަޒާން އަށް އަވަސް ނަޒަރެއް ދިނެވެ.
އައިމަންގެ އަތުގައި ހިފާލައިގެން އިޝްޔާ ނަގާފައި ހުރި ފޮޓޯގައި އޭނާގެ ވައަތު ކަށި އިނގިލީގައި އިން އަނގޮއްޓި ކިތަންމެ ރީތިކޮށްވެސް ފެންނަން ހުއްޓެވެ. ދެމީހުން ހިނިތުންވެފައި އެކަކު އަނެކަކަށް ބަލަން ތިބިގޮތުން އެދެމެދުގައި އޮތް ގުޅުން ހާމަވެއެވެ. ފޮޓޯގެ ތިރީގައި ރީތި އިބާރާތަކުން އައިމަން އޭނާއަށް ކައިވެނި ހުށަހެޅި ވާހަކަ ޖަހައިލުމަށްފަހު އޭނާ އާނބަސް ދިނީކަން ހާމަކޮށްފައި އޮތެވެ. އައިމަން އޭގެއަށް ވަރަށް ލޯބިވާކަމަށްބުނެ ކޮމެންޓްކޮށްފައި އޮތެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒިވްރާއަށް އިނދެވުނީއެވެ. އަޒާން އާއި އިޝްޔާ ވަކިވިތާ އަދި ދެމަސް ދުވަސްވެސް ނުވެއެވެ. މިހާ އަވަހަށް އިޝްޔާ އެހެން މީހަކާ ގުޅުނީ ހެއްޔެވެ؟ އެ ހުރިހައި ދުވަހު އަޒާންއަށްޓަކައި އިޝްޔާގެ ހިތުގައި އޮތް ލޯބީގައި ކުޑަވެސް ތެދުވެރިކަމެއް ހަމަ ނުވަނީ ހެއްޔެވެ؟
"އަހަރެން ހީކުރީ އިޝީ.. އިޝީ ވިސްނިގެން އަދި އަންނާނެކަމަށް.. އެކަމަކު.. މިހާރު އެނގިއްޖެ ދުވަހަކުވެސް އެހެން ނުވާނެކަން" ދުރަށް ނަޒަރު ހުއްޓާލައިގެން އިންއިރު އަޒާންގެ އަޑުގައިވީ ހިތްދަތިކަމެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވާކަށް ވެސް އޭނާ ނޫޅެއެވެ. "އައިމަން އަކީ.. އަހަންނާ ދެކޮޅަށް އަބަދުވެސް އެންމެ ވާދަވެރިކޮށް އުޅޭ އެކަކު.. އަހަންނަށް ދެރައެއް ދެވޭނެ ގޮތެއް ނުފެނިފަ ހުންނަ މީހެއް.. އިޝީ.. އިޝީއަށް އެކަން އެނގޭނެ.. މި ހުރިހާކަމެއް ވެސް.. އެނގި ހުރެ.. ހައު ކުޑް ޝީ.." ފަނޑު ގިސްލުމެއްގެ އަޑު އަޒާންގެ ތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތެވެ. އިޝްޔާ ކަންތައްކުރި ގޮތާމެދުގައި އޭނާގެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ.
"ޒާން.."
"ދެން ބޭނުމެއްނޫން.. އެންމެ ހިނދުކޮޅެއް ވެސް އެ ހަނދާންތަކުގަ ވޭތުކުރާކަށް ބޭނުމެއްނޫން. އިޝީގެ ނިންމުން ވަރަށް ސާފު.. ދުވަހަކުވެސް.. އެނބުރިއެއް ނާންނާނެކަން މިހާރު އެނގިއްޖެ.. މިއޮއް ހުރިހާ ދުވަހު އަހަރެން ހީކުރިން އިޝީއަށް ވިސްނިގެން އެނބުރި އަންނާނެކަމަށް.. ވަރަށް އުއްމީދުވެސް ކުރެވުނު.. އެކަމަކު.. ޝީ މޫޑް އޮން.. ޒިވީ.. އަހަރެން ބޭނުމީ އިޝީ މަތިން ހަނދާންނައްތާލަން.. އެކަމަކު.. އިޓްސް ޓޫ ހާރޑް.. ޒިވީ އަހަންނަށް އެހީވާނަންތަ..؟ އަހަރެން ވެސް ބޭނުންވަނީ ދިރިއުޅުމާއިގެން ކުރިއަށް ދާން. އަބަދު މިހެން ޚިޔާލުތަކުގަ ބަނދެވިފަ، ހުއްޓިފަ ހުންނާކަށް ބޭނުމެއްނޫން.. އިޓްސް ނޮޓް ވޯރތް އިޓް.. ޝީޒް ނޮޓް ވޯރތް އިޓް.." ނޯށްދަމައިލަމުން އަޒާން ބުނެލީ އަސަރުންފުރިގެންވާފަދަ ގޮތަކަށެވެ. އޭނާ އާދޭހުގެ ބެލުމަކުން ޒިވްރާއަށް ބަލާލިއެވެ. ހިނދުކޮޅަކު އަޒާން އަށް ބަލަން އިނުމަށްފަހު ޒިވްރާ އަވަސް އަވަހަށް ބޯޖަހައިލިއެވެ. އެއާއެކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލޮގްއައުޓް ވުމަށް އަޒާން ޒިވްރާގެ ކިބައިން އެދުނެވެ. އެކަން ވެސް އޭނާ ފުރިހަމަކޮށްދިނެވެ. އަޒާން ބޭނުންވަނީ އެ ހުރިހާ ކަމަކުން ދުރުވުމަށްފަހު އަމިއްލަ ނަފުސުގެ ހަމަޖެހުމަށްޓަކައި އައު ފެށުމަކުން ފަށާށެވެ. އިޝްޔާއާ ގުޅުން ހުރި އެއްވެސް ހަނދާނެއް ކުރާކަށް އޭނާ ނޭދެއެވެ. އިޝްޔާގެ ހަނދާންތަކާ ދުރުވުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ނުވާނެކަމެއްކަމަށް ގަބޫލުކުރާކަށް އަޒާން ބޭނުމެއްނުވިއެވެ. އަމިއްލަ ނަފުސަށް ހިތްވަރު ދެމުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަޒާން ފުހެލިއެވެ. އަދި އުއްމީދުން ފުރިގެންވާފަދަ ގޮތަކަށް ޒިވްރާއަށް ބަލާލިއެވެ. އެއާއެކު ފަނޑު ހިނިތުންވުމެއް ޒިވްރާ ހަދިޔާކޮށްލިއެވެ. އަޒާން ވެސް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
*****
8 މަސް ފަސް
*****
ކުޑަ ކޮފީޝޮޕެއްގެ ކަނެއްގައި އެކަހެރިކޮށް ހުރި މޭޒެއްގައި އެކަނިމައި އެކަނި އިނށީދެލައިގެން އިޝްޔާ އިނެވެ. ކުރިމަތީގައި ހުރި ކޮފީ ޖޯޑުން އޭރުވެސް ހުއްޓުމެއްނެތި އާވި އަރައަރާ ހުއްޓެވެ. ކޮފީގެ މީރު ވަސްގަނޑު މުޅި ތަނަށް ފެތުރިފައިވިއެވެ. ޚިޔާލަކަށް ގެއްލިފައި އިން ފަދައަކުން ބިއްލޫރި ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިޝްޔާ އިންއިރު، ކުރިމަތީގައި ހުރި ކޮފީ ޖޯޑުގައި އަތްލުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތް ފަދައެވެ. އަމިއްލަ ދުނިޔެއެއްގައި ބަނދެވިފައި އޭނާ އިން ކަހަލައެވެ. ތަފާތު ޚިޔާލުތައް ސިކުނޑީގައި ބުރުޖަހަމުން ދިޔައެއްކަމަކު، އެ އޮމާން މޫނުމަތިން އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ މަޑުމަޑުން ނިތުގައި އަތްހިންގައިލިއެވެ. އަދި މޭޒުމަތީގައި އޮތް ފޯނުގެ ސްކްރީނުން ގަޑިން ވީ އިރެއް ބަލާލިއެވެ. އިރުއޮއްސެން ކައިރިވަމުންދިޔައިރު، އަދިވެސް އައިމަންގެ އެއްވެސް ޚަބަރެއް ނުވެއެވެ. މުޅި ދުވަސް ހޭދަވެގެން މިދިޔައީ އެފަދައިންނެވެ. ތުންފިއްތާލަމުން އިޝްޔާއަށް ފޯނު ދުރަށް ޖައްސާލެވުނެވެ.
އަޒާންއާ ދެމެދު އޮތް ގުޅުން ކަނޑާލި ދުވަހުން ފެށިގެން ސުފްޔާން ވެސް ވަނީ މުޅީން އިޝްޔާއާ ވާހަކަދެއްކުން ހުއްޓާލާފައެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ވެސް ބުނަނީ ޔުމްނާ ލައްވައެވެ. ކުރިމަތިން އިޝްޔާ ފެނުނަސް އިސްއުފުލާ އޭނާއާ ދިމާލަށް ބަލާލަންވެސް ސުފްޔާން ބޭނުންނުވާ ކަހަލައެވެ. "އަހަރެން ހިއެއް ނުކުރަން އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅަކީ އަހަރެންގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވައްޓާލާ ލަދުގަންނަވާލާނެ ކުއްޖަކަށް ވެދާނެކަމަކަށް." ސުފްޔާން އެރޭ އޭނާއާ ދިމާއަށް ބުނި ބަސްތައް އަދިވެސް އިޝްޔާގެ ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ. ބައްޕަގެ އެ ހަރުކަށިކަމުން ހިތަށް އަސަރުކުރި ނަމަވެސް، އޭނާގެ ނިންމުން ބަދަލުކުރާކަށް އިޝްޔާ ގަސްދެއް ނުކުރިއެވެ. އައިމަންއާ ކައިވެނިކުރަން އެއްބަސްވިކަން އެނގުމާއެކު ސުފްޔާންގެ އިތުރުން ޔުމްނާވެސް އިތުރަށް ހިތްހަމަނުޖެހުނީއެވެ. ނަމަވެސް އެއިން ކަމަކަށް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. މައިންބަފައިންގެ ނުރުހުމާއެކުވެސް އޭނާ އައިމަންއާ ކައިވެނިކުރީއެވެ. ހަގީގަތުގައި ގެއިން ނުކުމެ މާހައުލު ބަދަލުކޮށްލަން އޭނާ ވެސް ހުރީ ބޭނުންވެފައެވެ. ސުފްޔާންގެ ހިތްހަމަނުޖެހުމާ ރުޅިވެރިކަމާ އޭރުން ކޮންމެ ދުވަހަކު ކުރިމަތިލާކަށް ނުޖެހޭނެތާއެވެ. އިޝްޔާ ބޭނުންވިފަދައިން އެ މިނިވަންކަމާ ހަމަޖެހުން އޭނާ އަށް އައިމަންއާ ކުރި ކައިވެނިން ލިބުނެވެ. އެހެނަސް އެ އުފާވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ. އައިމަންގެ އަނދިރި ފަރާތެއް ވެދާނެކަމާމެދު އޭނާ އަށް ވިސްނާނުލެވުނީއެވެ.
ކައިވެންޏަށް ބަރާބަރު ތިން މަސް ނުވަނީސް އައިމަންގެ ހަގީގީ ސިފަ އިޝްޔާގެ ކުރިމަތީގައި ފައުޅުވާން ފެށީއެވެ. ވިޔަފާރީގެ ބަހަނާ ދައްކައި އޮފީހުގައި ހޭދަކުރާ ވަގުތުތައް ގިނަވާންފެށިއެވެ. އެކަނިމައި އެކަނި އިޝްޔާ ގޭގައި ހޭދަކުރާ ދުވަސްތަކާއި ރޭތަށް ގިނަވާން ފެށިއެވެ. އެކަމާ ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވިއްޖެނަމަ އައިމަން އަންނަނީ ރުޅިއެވެ. ކައިވެނި ދަމަހައްޓަން ބޭނުންވާތީ މަޑުމަޑުން އެފަދަ ޝަކުވާތައް ކުރުންވެސް އިޝްޔާ ހުއްޓާލީއެވެ. އެހެނަސް އައިމަންގެ އުޅުމަށް ކުޑަވެސް ބަދަލެއް ނައެވެ. ހިލޭ އަންހެނުންނާއެކު އައިމަން އުޅެމުންދިޔަ ގައިގޯޅި އުޅުމުގެ ވާހަކަތައް އިޝްޔާއާ ހަމައަށް އަންނަންފެށީ އައިމަންގެ އޮފީހުގައި އުޅޭ ބައެއް ކުދިންގެ ފަރާތުންނެވެ. އިޝްޔާއަށް އެކަން އެނގޭކަން ހާމަކުރުމަކުން އައިމަންގެ އެ ހުތުރު އަމަލުތައް ހުއްޓޭގޮތެއް ނުވިއެވެ. އެންމެފަހުން އެކަން ބޮއްސުންލައިގެން ގޮސް އިޝްޔާ އާއި އައިމަން ދިރިއުޅޭ އެޕާރޓްމަންޓަށް ވެސް ރޭގަނޑު އަންހެންކުދިން ގެންނަން އޭނާ ފެށީއެވެ. ހިތަށްވީ އުނދަގުލާއެކު އެކަން ހައްލުކުރުމަށް އައިމަންއާ ވާހަކަދެއްކުމުން ކަންތައްވީ އިތުރަށް ގޯހެވެ. މައިންބަފައިންގެ ނުރުހުމާއެކު ކުރެވުނު ކައިވެންޏަކަށް ވީތީ، ކޮންމެ ގޮތެއް ހަދައިގެންވިއަސް އެ ގުޅުން ދަމަހައްޓަން އިޝްޔާ ބޭނުންވެއެވެ. އެހެންމީހުންގެ ކުރިމަތީގައި އަމިއްލަ އަގު ވެއްޓޭކަށް އޭނާ ނޭދެއެވެ. އެހެންވެ ދުވަސްކޮޅަކު އައިމަންއަށް ބަދަލެއް އާދޭތޯ ކެތްކޮށްލައިގެން ހުންނަން އިޝްޔާ ބޭނުންވީއެވެ. އެހެނަސް ދުވަހެއް ދުވަހަކަށް އޭނާގެ އެ އުއްމީދުގެ ހުޅުކޮޅު އަންނަނީ ފަނޑުވަމުންނެވެ.
*****
"ޔެސް ކަމްއޯން ޒާން.. ޔޫ ކެން ޑޫ ދިސް" އަޒާންއަށް ހިތްވަރުދޭ ފަދައަކުން ދެއަތް މުށްކަވައިލައިގެން ހުރެ ކުޑަކޮށް ތަޅުވާލަމުން ޒިވްރާ ބުނެލީ އަޑަށް ބާރުލާފައެވެ. އޭރު ފިޒިއޮތެރަޕީ ރޫމްގައި ހުރި "ޕެރެލަލް ވާކިން ބާރސް" ގެ މެދުގައި ހުރެގެން ދެފަރާތުގައި ހޮޅިއެއްހެން ދިގުކޮށްހުރި ބައިގައި ހިފަހައްޓާލައިގެން އަޒާން ހުއްޓެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުންދިޔަކަން އެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. އޭނާއާ ކުރިމަތިވާނޭހެން ޒިވްރާ ހުރިއިރު، އަޒާންގެ ދާދި ގާތުގައި ހުއްޓިލައިގެން އޭނާގެ ފިޒިއޮތެރަޕިސްޓް ހުއްޓެވެ. އޭނާ ވެސް އަޒާންއަށް ހިތްވަރުގެ އެކި ބަސްތައް ބުނަމުންދިޔައެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން އަޒާންގެ ހުރިހާ ސަމާލުކަމެއް އެކަމަށް ހުއްޓާލިއެވެ. އަދި ހިތްވަރުކޮށްފައި ލަސްލަހުން ފައި ތަޅުވާލަމުން އުނދަގޫ ގޮތަކަށް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ޒިވްރާއަށް އަނގަމަތީގައި އަތްއަޅާލެވުނީ އެ މަންޒަރު ފެނިފައި ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އޭރު ގަބޫލުނުކުރެވިފައި ހުރި ފަދައަކުން ހިނިތުންވެލައިގެން ޒިވްރާއަށް ބަލަހައްޓައިގެން އަޒާން ހުއްޓެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތާއި ހިތްވަރަށްފަހު، އެއީ ރަނގަޅު ކުރިއެރުމެއް ކަމުގައި އަޒާން ދެކުނެވެ. އޭނާއަށް ﷲ އަށް ޙަމްދުކޮށްލެވުނީ ހިތަށް ލިބުނު ބަޔާންކުރަންދަތި ހަމަޖެހުމެއްގެ ސަބަބުންނެވެ.
(ނުނިމޭ)
Ads by MACL
