ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (29 ވަނަ ބައި)
ފިޒިއޮތެރަޕީ ނިންމާލުމަށްފަހު ގެއަށް ދާން ނުކުތްއިރު ވެސް އަޒާންގެ ތުންފަތްމަތީގައިވީ ކާމިޔާބީގެ ފުޅާ ހިނިތުންވުމެކެވެ. އެތައް ދުވަހަކަށްފަހު ދެފައި މައްޗަށް ކޮޅަށް ހުރެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިނގާލެވުމުން އަޒާން އަށް ކުރުވީ ބަޔާންކުރަން ދަތި އަސަރެކެވެ. އެންމެ އުފާވީ އެ ހުރިހާ ކަމެއްގައި ދެގޮތެއްނުވެ ކޮންމެ ވަގުތަކުވެސް ޒިވްރާ އޭނާއާ އެކުގައި ހުރުމުންނެވެ. ފާއިތުވެދިޔަ ދުވަސްތަކާއެކު، އަޒާންގެ ހާލަތުވެސް އައީ މަޑުމަޑުން ރަނގަޅު ވަމުންނެވެ. ކުރިއަށްވުރެ ގިނައިން އޭނާ އެހެން މީހުނާ ވާހަކަދައްކާ ހިނިތުންވެ ސަމާސަކޮށް ހަދައެވެ. ޒިވްރާގެ އެދުމަށް ސައިކޮލޮޖިސްޓަކަށް ދެއްކުނަތީ އެކަމާ އަޒާން މިއަދު އުފާކުރެއެވެ. ވަގުތާއެކު އޭނާގެ ހިތަށް ލިބިފައިވާ ޒަޚަމްތައްވެސް އައީ މަޑުމަޑުން ފަސޭހަ ވަމުންނެވެ. އެ ހަނދާންތައް އާވި ނަމަވެސް، އެ ހަނދާންތަކާއެކީގައި ދިރިއުޅެން އޭނާ އަށް މިއަދު ދަސްވެއްޖެއެވެ. އޭނާގެ އުޅުމާއި މިޒާޖަށް އައިސްފައިވާ ބޮޑު ކުރިއެރުމާއެކު، އޭނާގެ ސައިކޮލިޖިސްޓް ވަނީ މިހާރު ސެޝަންތައް މަދުކުރަން ވެސް ފަށާފައެވެ. އަމިއްލަ ނަފުސަށް އައި ހެޔޮ ބަދަލާއި ކުރިއެރުމާމެދު އަޒާން އަށް ފަޚުރުވެރި ވެވެއެވެ. އެފަދަ އަނދިރި އަނދަވަޅަކުންވެސް ހިތްވަރާއެކު ސަލާމަތްވެވުނަތީ ހެއްދެވި ފަރާތާއި އާއިލާއަށް އޭނާ ޝުކުރުވެރި ވެއެވެ. މައިންބަފައިންނާއި ޒިވްރާގެ އެހީއާ ނުލައި އޭނާ އަށް އެއިން އެއްވެސް ކަމެއް ނުވީސްކަން ކަށަވަރެވެ. ޚާއްސަކޮށް ޒިވްރާގެ ފަރާތުން ލިބޭ އެހީތެރިކަމާމެދު ބައެއްފަހަރު އަޒާން ހައިރާންވާހައި ވެއެވެ. އެފަދަ ހެޔޮލަފާ އެކުވެރިއަކު ލިބުމަށް އޭނާއަށް ކުރެވުނީ ކޮންކަމެއްބާވައޭ ހިތަށް އަރައެވެ. ވީ ވަޢުދު މަތީގައި ޒިވްރާ ދެމިހުރީތީ އަޒާންގެ ހިތުން ޒިވްރާއަށް ދެވިފައިވީ ޚާއްސަ މަޤާމެކެވެ. އެފަދަ މީހަކު މި ކެހިވެރި ދުނިޔޭގައި މަދުވާނެކަން ކަށަވަރެވެ.
*****
Ads by BML
އެޕާރޓްމަންޓްގެ ދޮރު ހުޅުވައިލުމަށްފަހު ގޭތެރަށް ވަތް އިޝްޔާގެ މޫނުގައިވީ ފޫހިކަމެވެ. ރަނގަޅަށް އެތެރަށް ނުވަދެވެނީސް ބައަކު ވާހަކަދައްކާ އަޑު އިވުމުން ހުރި ފިޔަވަޅު މަތީގައި އިޝްޔާއަށް މަޑުޖެހިލެވުނެވެ. އިވެމުންދިޔައީ އަންހެނަކާއި ފިރިހެނެއްގެ އަޑުކަން ޔަގީންވުމާއެކު އިޝްޔާއަށް ތުންފިއްތާލެވުނެވެ. އެއާއެކު ވަގުތުން އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ދެފަޔަށް ބާރުލާފައި ގޭތެރަށް ވަދެގެން އޭނާ އައެވެ.
ސިޓިންގްރޫމްގައި ހުރި ބޮޑު ސޯފާގައި އަންހެން ކުއްޖަކު އުނގުތެރަށް ލައިގެން އިން އައިމަންގެ ނަޒަރު އެ ދިމާއަށް އައި އިޝްޔާއަށް ހުއްޓުނެވެ. އިޝްޔާގެ މޫނުމަތީގައި ހުރި ކުލަވަރު ފެނިފައި އޭނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އިތުރަށް އެ އަންހެންކުއްޖާ ގަޔާލައި އޭނާ ބޮނޑިކޮށްލިއެވެ. އަދި އެ ކުއްޖާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އެތަންފެނި އިޝްޔާ ހުއްޓުންއަރާ ގޮތްވިއެވެ. އައިމަންގެ އަމަލުތަކުން އޭނާގެ އަތުތެރޭގައި އިން ކުއްޖާގެ ލުއި ހީނލުމުގެ އަޑު ސިޓިންގްރޫމް ތެރަށް ފެތުރިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތު އިޝްޔާ ފެނުމާއެކު އެ ކުއްޖާ ތެޅިގަންނަމުން އައިމަންއާ ދުރަށް ޖެހިލަން އުޅުނެވެ.
"ރިލެކްސް ޑާރލިންގް.. އަހަރެންގެ ވައިފް ވަރަށް ކޫލް ވާނެ. ދޯ އިޝީ" މަލާމާތާއި ޖެއްސުން އެކުލެވިފައިވާ ރާގަކަށް އައިމަން ބުނެލިއެވެ. އައިމަންގެ ވާހަކަތައް އިވިފައި އެ އަންހެންކުއްޖާ ވެސް ހިނިގަނޑެއް ޖަހާލިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު އިޝްޔާއަށް ދަތްކުނޑި ވިކައިލެވުނެވެ. އިޝްޔާގެ ކުރިމަތީގައި އެ އަންހެންކުއްޖާއާ ކުދިކުދި ސަމާސަތައް އައިމަން ކުރަމުންދިޔައިރު، އެތަނުގައި އޭނާ އަނބިމީހާ ހުރިކަންވެސް ހަނދާންނެތް ކަހަލައެވެ. އެ މަންޒަރު ނުބަލަން އިޝްޔާ މޫނު ދުރަށް އަނބުރާލިއެވެ. އެހެނަސް އެއްޗެއް ނުބުނެ ހުރުން އޭނާ އަށް އުނދަގޫވިއެވެ. "ތީ މިއަދު ހަވީރު އަހަންނާއެކީ ބޭރަށް ދާނަމޭ ބުނި މީހާ." އައިމަން ގާތުގައި ހުރި އަންހެންކުއްޖާއަށް ބެލުމެއްނެތި އިޝްޔާ ރުންކުރު ރާގަކަށް ބުނެލިއެވެ. "ސޮރީ، ނުފެނޭތަ އަހަރެން ބިޒީ ކަމެއް. އެހަށް މިތަނުން ދޭބަލަ" އިޝްޔާއަށް ބަލައިލުމެއްނެތި އައިމަން ބުނެލިއެވެ. "ނުދާނަން. ކީއްވެ އަހަރެން ދާންވީ؟ މީ އަހަރެންގެ ވެސް ގެ" އައިމަންގެ ވާހަކަ ހުރިގޮތުން އިޝްޔާ އިތުރަށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ.
"ރޯންގް.. މީ އަހަރެންގެ ތަނެއް. އިޝްޔާގެ އެއް ނޫން. އެހެންވީމަ މިތަނުގަ އުޅެން ބޭނުންވަންޏާ ޖެހޭނީ އަހަރެން ބުނި ގޮތެއް ހެދިގެން އުޅެން" އައިމަންގެ އަޑުގައިވެސް މިފަހަރު ރުޅިވެރިކަން އެކުލެވިގެން ވިއެވެ. އިޝްޔާއަށް ބަލައިލަމުން އޭނާ ދެބުމަ ގޮށްޖަހާލިއެވެ. އޭރު ހިނިއައިސްފައި އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެ އަންހެންކުއްޖާ އިނެވެ. ހީވަނީ އެތަނުގައި ހިނގަމުންދިޔައީ އޭނާއަށް ނިކަން މަޖާކަމެއް ހެނެވެ.
"ކަލޭ ލަދެއް ނުގަނޭތަ މީހެއްގެ ފިރިއަކާއެކީ ތިހެން އުޅޭކަށް؟ އެވެސް އޭނާގެ އަނބިމީހާ ކުރިމަތީ" އެކުއްޖާ ބަލަން ހުރި ގޮތުން އިޝްޔާގެ ލޭ ކެކިގަތެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އޭނާ އެ ކުއްޖާއަށް ލޯ އަޅާލިއެވެ. އެއާއެކު އެ ކުއްޖާ ދުރަށް ޖައްސާލަމުން ކުއްލިއަކަށް އައިމަން އިންތަނުން ތެދުވިއެވެ.
"ބުނަން ވާހަކައެއް. މިހާރު މާ މައްޗަށް ތި ދަނީ އިނގޭ. ކަލޭ ނުޖެހޭނެ އަހަރެން މި ގެއަށް ގެންނަ މީހުނާ ދިމާއަށް ހަޅޭއްލަވާކަށް."
"ލަވާނަން. މިގޭގަ ހުރިހާ ހިނދަކު ހަޅޭއް ލަވާނަން. އެހެންނޫނީ އައިމަން ތި ކުޅިވަރު ހުއްޓާލާ"
"ހެހެ.. އަހަރެންގެ އުމުރު ހުސްވަނީ މިގޮތަށް އުޅެގެން. ހީނުކުރާތި ކަލޭ ބުނެގެންނޭ ކިޔާފަ އަހަރެން މިކަން ހުއްޓާނޭ. އެހެން ނޫނަސް ކޮންމެ މުއްސަނދި މީހެއްގެ ދިރިއުޅުމުގަ ވެސް އިނބިމީހާގެ އިތުރުން އެހެން އަންހެނުން ތިބޭނެ. އިޝްޔާއަށް ހާދަ ނުވިސްނެއޭ ދޯ. އަހަންނާ އިންއިރު އެ ވަރު ވިސްނާލިނަމަ" ކުޑަކޮށް ބޯއަރިކޮށް އިޝްޔާއަށް ބަލައިލަމުން މަލާމާތުން ފުރިފައިވާ ގޮތަކަށް އައިމަން ހިނިތުންވެލިއެވެ.
"ކޮންމެ މީހަކީ އައިމަންހާ ނުބައި މީހެއް ނޫން" މަޑުމޮޅިކަން އިޝްޔާގެ އަޑުގައި އެކުލެވިގެން އައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ.
"ތިބުނަން އުޅެނީ އެ ނުކުޅެދޭ އަޒާންގެ ވާހަކަ ދޯ.. ހެހެ.. ބުނަން ރަނގަޅު ވާހަކައެއް. އަހަންނާ އިޝްޔާ ކައިވެނިކުރީ އަމިއްލަ ރުހުމުގަ. އެހެންވީމަ މިއަދު ކޮންމެހެން ތި ބޭކާރު ވާހަކަތައް ދައްކާނެކަމެއް ނެތް."
"އައިމަން.. އަހަރެންދެކެ.. ކުޑަކޮށްވެސް ލޯބި ނުވަނީތަ؟" ހިތުގައިޖެހިފައި ކަހަލަ ގޮތަކަށް އިޝްޔާ އަހާލިއެވެ. ހަގީގަތުގައި އަޒާންގެ ނަން އަޑުއިވުމުން އޭނާގެ ހިތަށް އުނދަގޫވީއެވެ. ކުއްލިއަކަށް މާޒީ މަތިން މާބޮޑަށް ހަނދާންވާގޮތް ވީއެވެ.
"އަހަރެން އެއްއިރަކުވެސް ބުނިންތަ އަހަރެން އިޝްޔާއާ ކައިވެނިކުރީ ލޯބިންނޭ"
"ދެން.. ދެން އެހެންވީއިރު..؟" އައިމަންގެ ވާހަކަތަކުން އިޝްޔާގެ ހިތް ގެނބެމުންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. "އެ ނޫން ގޮތަކަށް އަހަންނަށް އިޝްޔާ ލިބެން ނެތީމަ. މިއުޅޭ ކުދިންހެން އަހަންނަށް އިޝްޔާއާ ގާތްނުވެވޭނެތީ.. މިހާރު އަހަރެންގެ ބޭނުން ފުދިއްޖެ. އެކަމަކުވެސް ކައިވެނި ކުރެވުނީމަ އަހަރެން ވެސް މިހުރީ އުޅެން. އެވަރުން ޝުކުރުކޮށްބަލަ. ހަމަމިހާރު ދޭ މިތަނުން. އަހަރެން ނުބުނަނީސް ކޮޓަރިން ކަލޭ ނުކުމެގެން ނުވާނެ. އަހަރެންގެ އަމުރާ ޚިލާފުވެއްޖެނަމަ ކަންތައް ވާނެ ގޮތް އެނގެއެއްނު" އިންޒާރެއް ދޭފަދައަކުން ހަރުކަށި ރާގަކަށް އައިމަން ބުނެލިއެވެ. ރައްދުގައި އެއްޗެއް ބުނަން އަނގަ ހުޅުވާލައިފައި ވެސް އިޝްޔާ ހިމޭންވީއެވެ. އޭރު ކޮންމެވެސް ވަރަކަށް އޭނާގެ ދެލޮލުގައި ކަރުނައިގެ ތެތްކަން އެކުލެވިފައި ވިއެވެ. އެއްފަހަރު އައިމަންގެ މޫނަށް، އަނެއް ފަހަރު ސޯފާގައި އިން އަންހެންކުއްޖާގެ މޫނަށް ބަލައިލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އިޝްޔާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދޮރުލައްޕާ ތަޅުލަމުން އިޝްޔާ ދޮރުގައި ލެގިލިއެވެ. އެކަނިވުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް އޮހިގެންފިއެވެ. ދެލޯމަރައި ފިއްތާލަމުން އެގޮތުގައި އޭނާ އިރުކޮޅަކު ހުއްޓެވެ. މިއީ އިޝްޔާ ހުވަފެނުގައިވެސް އުއްމީދުކުރިފަދަ ދިރިއުޅުމެއް ނޫނެވެ. ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏެއް ނަމަވެސް، ފިރިމީހާ ހިލޭ އަންހެނުން ގޮވައިގެން އުޅޭތަން ދެކޭކަށް އެއްވެސް އަންހެނަކަށް ކެތެއް ނުވާނެއެވެ. ދިރިއުޅުމަށްޓަކައި ކުރަމުންއައި ފޮނި އުއްމީދާއި ދެކެމުން އައި ހުވަފެންތައް، ސައިބޯނި ބޮތްކެތް ފަދައިން އޭނާގެ ދެލޯ ކުރިމަތީގައި ފަޅައިގެންދިޔަހެން އިޝްޔާއަށް ހީވިއެވެ. އަޅަމުންއައި ޚިޔާލީ ގަނޑުވަރު މުޅިން ފުނޑުފުނޑުވެ ވެއްޔާ އެކުވެގެން ގޮއްސިއެވެ. ވަޢުދުވިފަދަ ދިރިއުޅުމެއް އައިމަން އޭނާއަށް ހޯދައެއް ނުދިނެވެ. ދޮގާ މަކަރުން އޭނާގެ ދިރިއުޅުމަށް ވިހަލީއެވެ. ފުރިހަމަ ދިރިއުޅުމަކަށް ބޭނުންވިއެއް ކަމަކު، އިޝްޔާގެ ދިރިއުޅުން އެއްވެސް ގޮތަކަށް ފުރިހަމައެއް ނުވިއެވެ. ފިރިމީހާގެ ލޯބި ނުލިބުނުތަނުގައި، އޭނާގެ އަޅާލުމާއި އޯގާތެރިކަމުން ވެސް އިޝްޔާވީ މަޙުރޫމުވެފައެވެ. ކުރެވެމުންދިޔަ ޚިޔާލުތަކާއެކު އިޝްޔާގެ ލަގޮނޑިއަށް ވާންވެލިއެވެ. ސިކުނޑިއަށް ވެރިވާންވެށި ގަދަ ރުޅިގަނޑު ކޮންޓްރޯލް ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ކޮޓަރިތެރަށް ވަށައިގެން ނަޒަރު ހިންގާލުމާއެކު ބާރު ހިނގުމެއްގައި އައިސް ޑްރެސިންގް ޓޭބަލް މަތީގައި ހުރި އޭނާގެ ރީތިވާ ސާމާނުތައް އަތުން ޖެހިޖެހީނުން ބުރުއްސާލިއެވެ. އޭނާގެ ދިރިއުޅުން ފަދައިން ތަށިމުށިތައް މައްޗަށް ކުދިކުދިވެގެން ފޭބި ބިއްލޫރިކޮޅުތައް ފެނުމުން އިޝްޔާއަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާގެ ލޮލުގައި އަޅައިގަތް އެއްޗަކުން ހުރި ފިޔަވަޅުމަތީގައި އިޝްޔާ ގަނޑުވިފަދައެވެ. އޭނާގެ ގަހަނާތައް އެޅުމަށް ބޭނުންކުރާ ލަކުޑި ކުޑަ ފޮށި ވެއްޓިފައި އޮތްއިރު، އޭގެ މަތި ހުޅުވި ދުރަށް ވިއްސައިގެން ގޮސްފައި އޮތް ރިހި ފަށަށް ދެލޯ އަމާޒުކޮށްލައިގެން އިޝްޔާއަށް ހިނދުކޮޅަކު ހުރެވުނެވެ.
ބިއްލޫރިކޮޅެއް މައްޗަށް އެރިދާނެތީ ސަމާލުވެހުރެ، ކުދިކުދި ފިޔަވަޅުތަކެއްގައި އައިސް އޭނާ ގުދުވެލަމުން އެ ފަށް ނެގިއެވެ. އަދި އެނދުގެ އެއް އަރިމަތީގައި އިނށީދެލަމުން، ފުންނަޒަރަކުން އެ ފަށަށް ބަލައިލިއެވެ. ފަށުގެ ފުލުގައި ކުޑަކުޑަ މަލެއް ހުރިއިރު އޭގެ ފަހަތުގައި އިނގިރޭސި އަކުރުގެ "އޭ" އަކުރެއް ޖަހާފައި ހުއްޓެވެ. އެ އަކުރަށް ނަޒަރު ހުއްޓުމާއެކު އިޝްޔާއަށް ހިންދިރުވައިލެވުނެވެ. މާޒީގެ އެކި ހަނދާންތަކުގެ ތެރެއިން އަޒާންގެ ސޫރަ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން އައެވެ. އެ ފަށަކީ އެއްފަހަރަކު ވިޔަފާރި ދަތުރަކަށް ބޭރު ގައުމަކަށް ގޮސްފައި އައި އިރު އަޒާން އޭނާއަށް ގެނައި ހަދިޔާއެކެވެ. އެފަށް އިޝްޔާގެ ކަރުގައި އަޅުވައިދިނީ ވެސް އަޒާންގެ ދެއަތުންނެވެ. އެ ދުވަހަށްފަހު އެ ފަށް އަމިއްލަ ހަށިގަނޑާ އިޝްޔާ އެއްވެސް އިރަކު ވަތްކެތް ނުކުރެއެވެ. އެހެނަސް އަޒާންއާ ދެމެދު އޮތް ގުޅުން އޭނާ ކަނޑާލި ރޭގައި އެ ފަށް ވެސް އޭނާ ވަނީ ކަރުން ނެގުމަށްފަހު އެ ފޮށީތެރަށްލައި ފޮރުވާފައެވެ. އޭގެފަހުން ކުޑަކޮށްވެސް އެ ފަށުގެ މެތިން އިޝްޔާ ހަނދާންނެއް ނެތެވެ.
އަޒާންއާ އެކުގައި ހޭދަވީ މާޒީގެ ފޮނި ދުވަސްތައް އިޝްޔާގެ ކުރިމަތީގައި ތިލަވެގެން އައެވެ. އަޒާންއާ ގުޅުން ފެށުނު ހިސާބުން ފެށިގެން އެމީހުން ވަކިވުމާ ހަމައަށް ކަންތައްވީ ގޮތް ހަނދާންވުމާއެކު އިޝްޔާއަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. މުށުތެރޭގައި ފަށް ފޮރުވައިލުމާއެކު، އިޝްޔާގެ ތުންފަތް ފޫއަޅުވައިލަމުން މަޑު ގިސްލުމެއްގެ އަޑު ބޭރުވެގެން އައެވެ. އަޒާން އޭނާއާ މެދުގައި ކަންތައް ކުރި އޯގާތެރިކަމާއި ލޯބިން ފުރިގެންވީގޮތް ހަނދާންވެ އިޝްޔާގެ ހިތުގައި ޖެހޭގޮތް ވިއެވެ. އެފަދަ އޯގާތެރިކަމަކަށް އޭނާއަށް އެދެވެން ފެށީ އަމިއްލަ އިޚުތިޔާރަކާ ނުލައެވެ. އަޒާންގެ ހަނދާންތަކުން އެ ހިތަށް އިތުރު ވޭނެއް އިހުސާސުކުރެވެން ފެށުމާއެކު، އިޝްޔާއަށް އެ ފަށް ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.
"ޒާން.. އައި.. އައި މިސް ޔޫ.." ބޭއިޚުތިޔާރުގައި އިޝްޔާ އަށް ބުނެވުނެވެ. އަޒާން ވީ ތަނެއް ބަލާލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިގެން އައީ ކެތްނުވާ ވަރަށެވެ.
(ނުނިމޭ)
Ads by MACL
